ކ. މާލެ
|
2 ފެބްރުއަރީ 2023 | ބުރާސްފަތި 11:32
ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު
ރާއްޖެއެމްވީ
މުއިއްޒު ދޮގު ބަޔާން ދިނުން
މުއިއްޒުގެ ފަރާތުން ހެކި ހުށައަޅާފައިވަނީ ނިޒާމު ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން: ދައުލަތް
 
އޭނާއާ އެއްކޮޅަށް ހުރި ހެކިތައް ހާމަ ކުރުމަކީ އޭނާގެ މައްޗަށް އޮތް ޒިންމާއެއް
 
ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހު
 
ހަނު ހުންނެވުމުގެ ސަބަބުން އޭނާއަށް ވިޓްނަސް ސްޓޭޓްމަންޓު ފުލުހުން ދައްކާފައި ނުވޭ

ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދެއްވާފައިވާތީ, ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ޑރ މުއިއްޒުގެ މައްޗަށް، ގާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 520 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެމާއްދާގެ (ބ)ގެ ދަށުން، ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. 

ބުރާސްފަތި ދުވަހުގެ އަޑުއެހުމަކީ މި މައްސަލައާ ގުޅިގެން ބޭއްވޭ 6 ވަނަ އަޑުއެހުމެވެ. އެގޮތުން މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 2022 ސެޕްޓެމްބަރު 15 އެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމަކީ މި މައްސަލައާ ގުޅިގެން ދައުލަތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކެއް ހުށައަޅާފައިވާތީ، އެ ހުށައެޅުންތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ތަހުގީގުގައި މުއިއްޒު ހަނު ހުރުމުގެ ޙައްޤު ބޭނުން ކުރައްވާފައިވާ ކަމަށާއި، ނަމަވެސް އޭނާއާ އެއްކޮޅަށް ހުރި ހެކިތައް ހާމަ ކުރުމަކީ އޭނާގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

ހަނު ހުރުމަކީ އަސާސީ ޙައްޤެއް ނަމަވެސް، ތަހުގީގު މަރުޙަލާގައި ހާމަނުކޮށް، ޝަރީއަތުގައި ހާމަކުރާ ދިފާއީ ހެއްކާ ގުޅިގެން ބަލަންޖެހޭ ކަންތައްތަކެއް ހުންނަކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން މައުސޫމުކަން ސާބިތުވާ ހެކި ހުރެމެ، އެ ހެކި ހާމަނުކޮށް، ޝަރީއަތުގެ މަރުޙަލާގައި އެ ހެކި ހާމަ ކުރުމުން، އޭގެން ޝައްކުތައް އުފެދެން މެދުވެެރިވާކަމަށްވެސް ދައުލަތުން ބުނެއެވެ.

ވުމާއެކު، ދައުލަތުން ވަނީ ދިފާއީ ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް އެދިފައެވެ. އެގޮތުން ވަކިވަކި ދިފާއީ ހެކިންނާ ގުޅިގެން ދައުލަތުން ވަނީ އެ ހެކިތައް ބަލައިނުގަތުމަށް އެދޭ ސަަބަބުތައްވެސް ޝަރީއަތަށް ލިއުމުން ހިއްސާކޮށްފައެވެ.

އޭގެ ތެރެއިން ބައެއް ހެކިންނަކީ މުއިއްޒު އާބިޓްރޭޝަނަށް ދީފައިވާ ވިޓްނަސް ސްޓޭޓްމަންޓުގައި ހިމެނެނީ އޭނާގެ ސޮއި ނޫންކަމަށް ބަޔާންކޮށްދިނުމަށް ހުށައެޅި ހެކިތަކެކެވެ. ނަމަވެސް ދައުލަތުން ބުނާ ގޮތުގައި މުއިއްޒު އެ ވިޓްނަސް ސްޓޭޓްމަންޓަށް މީގެ ކުރިންވެސް އިންކާރު ކޮށްފައެއް ނުވެއެވެ. އެއީ އޭނާ ހުށައެޅި ބަޔާނެއް ނޫންނަމަ، އެކަން ޝަރީއަތުގެ ކުރީގެ ހުށައެޅުމެއްގެ ގޮތުގައިވެސް ހުށައެޅެން އޮތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެ ބަޔާނާއި ގުޅޭގޮތުން ތަހުގީގުގައި އޭނާއާ ސުވާލު ކުރުމުންވެސް ވަނީ ހަނު ހުރެފައެވެ. ވީއިރު، އެއީ އޭނާ ސޮއިކުރި ވިޓްނަސް ސްޓޭޓްމަންޓެއް ނޫންނަމަ، އެކަން ތަހުގީގުގައިވެސް އަދި ޝަރީއަތުގެ ކުރީގެ ހުށައެޅުމެއްގެ ގޮތުގައިވެސް ހުށައެޅެން އޮތްކަމަށް ދައުލަތުން ދެކެއެވެ.

އޭގެ އިތުރުންވެސް އިތުރު ހެކިތައްް ބަލައި ނުގަތުމަށް ބަޔާންކޮށް ދައުލަތުން ވަނީ ސަބަބުވެސް ބަޔާންކޮށްދީފައެވެ.

ދައުލަތުން ބުނީ، ދިފާއުން ހެކި ހުށައަޅާފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު "ކުޅޭކުޅޭ އެއްޗަކަށް" ހަދައިގެން ކަމަށް ދައުލަތަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އެއަށްފަހު ދެން ކުރިއަށް ދިޔައީ އެ ހުށައެޅުންތަކަށް ދިފާއުން ރައްދު ދިނުމެވެ.

ދިފާއީ ވަކީލު ވިދާޅުވީ، މުއިއްޒު ތަހުގީގުގައި ހަނު ހުންނެވުމުގެ ސަބަބުން އޭނާއަށް ވިޓްނަސް ސްޓޭޓްމަންޓު ފުލުހުން ދައްކާފައި ނުވާ ކަމަށެވެ. އެގޮތުން ފުލުހުން އޭރު ބުނެފައިވަނީ ތަހުގީގުގައި މައްސަލައާ ގުޅޭ ހެކި ޤަރީނާ ތުހުމަތުވާ ފަރާތަށް ދިނުމެއް ނޯންނަ ކަމަށާއި، ވުމާއެކު ވިޓްނަސް ސްޓޭޓްމަންޓުވެސް ދޫކުރެވެން ނެތް ކަމަށެވެ. އަދި މުއިއްޒު ތަހުގީގުގައި ހަނު ހުރުމަށް ނިންމާފައިވާތީ، އިތުރަށް އޭނާއަށް ބަޔާން ދައްކާފައެއް ނުވެއެވެ. އޭރު ދިފާއީ ހެކި ހުށަނޭޅުނީ އެ ސަބަބުތަކާހުރެކަމަށް ދިފާއުން ބުނެއެވެ.

އޭގެ އިތުރުން، ވަކި ހެއްކަކުން ޝަރީއަތަށް ސާބިތުވާ ކަންކަމާއި، އެ ހެއްކަށް ދޭނެ ބުރަދަން ފަދަ ކަންކަމަކީ ޝަރީއަތުގެ ކުރީގެ ހުށައެޅުން ގޮތުގައި ހުށައަޅާ ކަންކަމެއް ނޫންކަމަށްވެސް، ދިފާއުން ބުނެއެވެ.

ދައުލަތުން ދައުވާގައި ބުނެފައިވަނީ ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން، ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ގައި ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި، 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ވިދާޅުވެ، އެކަމުގައި ދޮގު ބާޔަނެއް ދެއްވާފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް އެފަދަ އެއްވެސް ބަޔާނެއް ދެއްވާފައިނުވާނެކަމަށް ވިދާޅުވެ މުއިއްޒު ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ.

މި މައްސަަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ.

ގާޒީ ވަނީ މި މައްސަލައިގައި ބަޔާން ނެގިތާ އެއް ދުވަސް ފަހުން ދައުވާ ހުށައަޅާފައިވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ދައުލަތުން ބުނާ ގޮތުގައި އޭރު މި މައްސަލައިގެ ތަހުގީގު ނިންމައި ދެން އޮތީ ބަޔާން ނެގުމެވެ. އަދި ބަޔާން ނެގީ ކޮވިޑް-19 ގެ ޙާލަތުގައި ލޮކްޑައުންގައި އޮއްވައިކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، ދައުވާ ކޮށްފައިވާނީ މާ އަވަސް ކޮށްލައިގެން ނޫން ކަމަށާއި، މި މައްސަލަ މީގެ ކުރިންވެސް ވަކީލުން ބަލައި ދިރާސާ ކޮށްފައިވާނެކަމަށެވެ.

އޭގެ އިތުރުން، ބައްދަލުވުންތަކުގެ ޔައުމިއްޔާގައި ސޮއި ކުރުމަކީ ލާޒިމު ކަމެއް ނޫންތޯވެސް ގާޒީ ވަނީ ސުވާލު ކުރައްވާފައެވެ. އެގޮތުން މި މައްސަލައާ ގުޅޭ ބައެއް ޔައުމިއްޔާގައި ސޮއި ކޮށްފައި ނުވަނީ ކީއްވެތޯ ގާޒީ ސުވާލު ކުރެއްވިއެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، ބައެއް ޔައުމިއްޔާތަކުގައި ސޮއި ނުކޮށް ހުންނަކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ދެން އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތެއް ކަނޑައެޅުއްވުމެވެ. އެގޮތުން ދެން އަޑުއެހުމެއް އޮންނާނީ އަންނަ ހަފްތާގައިކަމަށް ގާޒީ ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް