ރަސްދޫ ފުޓުބޯޅަ އަދި ހޭންޑްބޯޅަ އެކެޑަމީ: ކުރިމަގުގައި މޮޅު ކުޅުންތެރިން އުފެދޭނެ ކަމުގެ އުންމީދު ބޮޑު
ދާއިމީ ގޮތެއްގައި އެކަން ކުރުމަކީ އެކަމުގެ ހެއްކެއް ކަމަށާއި، ފެސްޓިވަލް ބާއްވައި އެކަންކަން ރާވަމުން ގެންދިޔުމަކީ ފަސޭހެ ކަމެއް ނޫން


ރަސްދޫ އެކެޑަމީގައި އުޅޭ ކުދިން
އއ.ރަސްދޫ ފުޓުބޯޅަ އެކެޑަމީ އާއި ހޭންޑްބޯޅަ އެކެޑަމީ އަކީ މީގެ ފަސް އަހަރު ކުރިން އުފެއްދި އެކެޑަމީއެކެވެ. އޭރު މާ ބޮޑު ތަރުހީބެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ނަމަވެސް، މިއަދު އެއީ ފާހަގަކޮށްލެވޭ އެކެޑަމީ އެކެވެ. ރަށުގައި ފުޓުބޯޅަ އަދި ހޭންޑްބޯޅައަށް މޮޅު، ހުނަރުވެރި ކުޅުންތެރިން ތަކެއް އުފެއްދުމުގެ އަޒުމުގައި ފެށި އެ އެކެޑަމީ މިއަދު އޮތީ އުހުގައެވެ.
އެކެޑަމީއެއް ފެށުމުގެ ޚިޔާލު ރަސްދޫ އަޙުމަދު ރަޝީދަށް ދިނީ އޭރު އަމީރު އަޙުމަދު ސްކޫލުން އަޙުމަދާ ދިމާވި، މިހާރު ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ސަލީމް (ބޮޑު ހީނާ) އެވެ. ހީނާ ވިދާޅުވީ އޭރުން ފެށިގެން އެކެޑަމީ ހިންގުމުގެ ޝައުޤުވެރިކަން އަޙުމަދުގެ ހުންނަ ކަމަށާއި، އަޙުމަދު އެކަން ކުރަމުން އަންނަނީ ލަފަޔާ މަޝްވަރާ ހޯދައިގެން ކަމަށެވެ. ހީނާ ވިދާޅުވީ އެކަމުގައި އަޙުމަދަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވަމުން ގެންދަވާ ކަމަށާއި، ދޭތެރެއަކުން އެރަށަށް ވަޑައިގެން އެކެޑަމީގެ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. ހީނާ ވިދާޅުވީ ކަމެއް ކުރާކަމުގައި ވަނީނަމަ، އެއިން ނުކުންނަ ނަތީޖާ ވެސް ރަނގަޅު ވާނެ ކަމަށެވެ. އަދި އެ މަސައްކަތެއްގައި ދެމި ހުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކެޑަމީއެއް ހެދުމަށް ފަހު ޕްރެކްޓިކަލީ ވެސް އެކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރަން ޖެހޭނެ ކަމަށެވެ.
ހީނާ ވެސް ވަނީ އެކެޑަމީ ފެށިގެން އައި ގޮތުގެ ވާހަކަ ހިއްސާކުރައްވާފައެވެ. އޭރު އެކެޑަމީ ފެށިގެން އައި އިރު، ކުދިން ބޭނުންކުރާނެ ޖާޒީއެއް ވެސް ނުހުންނާނެ ކަމަށާއި، ފަރިތަކުރުންތައް ކުރިއަށް ގެންދަނީ މަދު ބޯޅަ ކޮޅަކާއެކު ކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު އެ އެކެޑަމީ ކުރިއަރާފައިވާކަން ހީނާ ފާހަގަކުރެއްވި އެވެ. ހީނާ ޤަބޫލު ކުރައްވާ ގޮތުގައި އޭނާގެ އެކެޑަމީއަކީ ރާއްޖޭގެ ނިސްބަތުން ބަލާނަމަ، އެންމެ ކުރިއަރާފައިވާ އެއް އެކެޑަމީއެވެ. އަދި ދާއިމީ ގޮތެއްގައި އެކަން ކުރުމަކީ އެކަމުގެ ހެތްކެއް ކަމަށާއި، ފެސްޓިވަލް ބާއްވައި އެކަންކަން ރާވަމުން ގެންދިޔުމަކީވެސް ފަސޭހެ ކަމެއް ނޫން ކަމަށެވެ.
އއ. އަތޮޅަކީ ފުޓުބޯޅައިގައި ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބި އަތޮޅެއްކަން ހީނާ ފާހަގަކުރައްވައެވެ. ހީނާ ވިދާޅުވީ އެ އަތޮޅުގައި ފުޓުބޯޅައިގެ ހުނަރު ވަރަށް ބޮޑަށް އޮތް ކަމަށާއި، ޚާއްސަ ގޮތެއްގައި ރަސްދޫގައި ވެސް ހުނަރުވެރި ކުޅުންތެރިން ތިބި ކަމަށެވެ. އެކަން ފެސްޓިވަލުން ވެސް ފެނިގެން ދިޔަ ކަމަށާއި، ފެސްޓިވަލްތައް ބާއްވާނަމަ މުސްތަޤުބަލުގައި އެކުދިން ވަރަށް މޮޅުވާނެ ކަމަށެވެ.
ހީނާގެ މަޝްވަރާއާއެކު މިއަދު ރަސްދޫ އެކެޑަމީ އޮތީ ޒުވާން އައު ޖީލެއް ބިނާކުރުމުގެ އުއްމީދުގަ އެވެ. އުންމީދަކީ ރަސްދޫން ފުޓުބޯޅަ އާއި، ހޭންޑްބޯޅައިގައި ހުނަރުން ފުރިގެންވާ ކުޅުންތެރިން އުފެއްދުމެވެ އެކެޑަމީގެ އެއް ފައުންޑަރު އަޙުމަދު ބުނީ އެކެޑަމީ ފެށިއިރާ މިއަދު އެކެޑަމީ އޮތް ހިސާބުގެ ތަފާތު ދެނެގަނެވޭ ކަމަށެވެ. އަދި މިއަދު އެކެޑަމީ އައިސްފައި އޮތީ ވަރަށް އުފާވާ ހިސާބަކަށް ކަމަށެވެ. ޚާއްސަ ގޮތެއްގައި އެކެޑަމީ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ދެމުން އަންނަ އެއްބާރުލުން އަޙުމަދު ވަނީ ފާހަގަކޮށްފަ އެވެ. އަޙުމަދު ބުނީ ފުރަތަމަ މަދު ކުދިން ކޮޅަކާއެކު ފެށި ނަމަވެސް، މިހާރު ވެސް އެކެޑަމީ އަށް ކުދިން އިތުރު ވަމުން އަންނަ ކަމަށެވެ. އަޙުމަދުގެ ވިސްނުމަކީ ފުޅާ ކުރެވެން އޮތް އެންމެ ބޮޑަކަށް އެކެޑަމީ ފުޅާކޮށް، ވީހާ ވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމެވެ.
މީގެ އިތުރުން އެކެޑަމީގެ އެކި އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ރާއްޖޭގެ މަޝްހޫރު ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ގެ ނަން އަހުމަދު ފާހަގަ ކުރެ އެވެ. އަޙުމަދު ބުނީ ކުޑަ ހީނާ އަކީ އަމަލީ ގޮތުން އެކެޑަމީ ކުރިއަށް ގެންދިޔުމުގައި ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެމުން އަންނަ ފަރާތެއް ކަމަށާއި، އެކަމަށްޓަކައި ކުޑަ ހީނާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށެވެ.
އަޙުމަދުގެ އުންމީދަކީ ކުޅިވަރުގެ ހުނަރުވެރި މޮޅު ކުޅުންތެރިން ރަސްދޫގައި އުފެދުމެވެ. އެކުދިން ޤައުމީ ޓީމުތަކުގައި ކުޅެ، ރީތި ނަން ހޯދުމަކީ އަޙުމަދުގެ އިތުރުން ރަސްދޫ އެކެޑަމީ އަށް ވެސް ލިބިގެންދާނެ ރީތި ނަމެކެވެ. އަޙުމަދުގެ އިތުރުން އެކެޑަމީގައި އުޅޭ ކުދިންގެ އުންމީދު ވެސް ބޮޑެވެ. އެ ކުދިން ދެކޭ ގޮތުގައި އެ އެކެޑަމީ އަކީ ވަރަށް ފައިދާ ހުރި، ކުރިއަށް ދިޔުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. އަދި އެކެޑަމީން އެތައް ކަމެއް ދަސްވެ، މިއަދު އެ ކުދިންނަށް ކުރިއަށް ދެވޭނެ ކަން އިޙުސާސްކުރެވެ އެވެ. ކޮންމެ ކުއްޖެއްގެ ވެސް އުންމީދަކީ އެކެޑަމީގެ ދަށުން ނުކުމެ، ދެވެން އޮތް އެންމެ ދުރަށް ދިޔުމެވެ. މުސްތަޤުބަލުގައި މި އެކެޑަމީގެ ދަށުން ހުނަރުވެރި، މޮޅެތި ކުޅުންތެރިން ނުކުންނާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.






