ކ. މާލެ
|
17 ޑިސެންބަރ 2022 | ހޮނިހިރު 13:33
ރޮނާލްޑޯއަށް ފާޑުކީ، ކުޑަ އަންހެން ކުއްޖާ
ރޮނާލްޑޯއަށް ފާޑުކީ، ކުޑަ އަންހެން ކުއްޖާ
ގޫގުލް
ސައިބަރ ބުލީ
ރޮނާލްޑޯއަށް ފާޑު ކިޔުމުން ކުޑަ އަންހެން ކުއްޖަކު ސައިބަރ ބުލީގެ ޝިކާރަ އަކަށް!
މަރުގެ އިންޒާރާއި ރޭޕްގެ އިންޒާރު ދަނީ ދެމުން
އިންޒާރުތަކުގެ ސަބަބުން އެ ކުއްޖާއަށް ވަނީ ނަފްސާނީ ގޮތުން އަސަރު ކޮށްފައި

ސޯޝަލް މީޑިއާގައި މި ދުވަސްވަރު އެންމެ ބޮޑަށް ދެކެވެމުން އަންނަނީ ޤަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕްއާ ގުޅުންހުރި ވާހަކަތެކެވެ. ސަޕޯޓު ކުރާ ޓީމުތަކަށް ހިތްވަރުދީ ހުރިހާ އެންމެންވެސް ދަނީ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅު ކުރަމުންނެވެ. މިގޮތަށް ޚިޔާލު ފާޅު ކުރުމުގެ ތެރޭގައި ބައެއް ފަހަރު ސަޕޯޓް ނުކުރާ ޓީމުތަކުގެ ކުޅުންތެރިންނަށް މަލާމާތުގެ ބަސްތައް ބޭނުންކުރުމަކީ ވެސް އާއްމުކޮށް ފެންނަމުންދާ ކަންކަމެވެ. ނަމަވެސް ކުޑަ އަންހެން ކުއްޖަކު އޭނާގެ ޓީމު މޮޅުވުމުން އެ ޓީމާ ދެކޮޅަށް ކުޅުނު ކުޅުންތެރިއަކަށް ފާޑު ކިޔުމުން މުޅި ސޯޝަލް މީޑިއާގައި އެ ކުއްޖާ "ކާލައިފި" އެވެ.

ކުއާޓަރ ފައިނަލުގައި މޮރޮކޯއާއި ޕޯޗުގަލް ބައްދަލު ކުރި މެޗުން މޮރޮކޯ މޮޅުވުމުން ގިނަ ބަޔަކު ދިޔައީ އުފާ ފާޅުކުރަމުންނެވެ. އެ ޤައުމަކީ ވޯލްޑްކަޕްގައި ސެމީ ފައިނަލަށް ދިޔަ އެފްރިކާގެ ހަމައެކަނި ޤައުމަށްވުމުގެ ރެކޯޑުވެސް ހެދުމުން ކަމަށްވެދާނެއެވެ. މީގެ ތެރެއިން އެކަކީ މޮރޮކޯއަށް ނިސްބަތްވާ އެންމެ ނުވަ އަހަރުގެ ކުޑަ އަންހެންކުއްޖެކެވެ. ސްޓޭޑިއަމްގައި މެޗު ނިމުމަށްފަހު ޓީވީ ރިޕޯޓަރަކު އެ ކުޑަކުއްޖާ ކައިރިން ޕޯޗުގަލްގެ ކުޅުންތެރިޔާ ރޮނާލްޑޯ ކޮބައިހޭ އެހުމުން އެ ކުއްޖާގެ ޖަވާބަކަށްވީ، އެއަރޕޯޓު ވީ އެކޮޅުގައި ކަމަށާއި ރޮނާލްޑޯ ވީ އޭނާގެ ކާރުގައި ރޯން ކަމަށެވެ. ފާޑު ކިޔާ ޒާތަކަށް އެވާހަކަތައް ދެއްކި ނަމަވެސް އެ ކުއްޖާ އެ ވާހަކަތައް ދެއްކީ އަމިއްލަ ޤައުމު މޮޅުވުމުގެ އުފަލުގައެވެ.

މިގޮތަށް ރޮނާލްޑޯއަށް ފާޑު ކިޔައި ޓީވީތަކުގައި ކޮމެންޓުދިނީ ހަމައެކަނި އެކުއްޖާއެއް ނޫނެވެ. އެ މެޗަށްފަހު މޮރޮކޯގެ އެހެން ސަޕޯޓަރުން ވެސް ވަނީ ރޮނާލްޑޯއަށް ފާޑުކިޔައި ޖޯކު ޖަހައިފައެވެ. ނަމަވެސް ގިނަ ބައެއްގެ ޝިކާރައަކަށްވީ އެ ކުޑަ އަންހެން ކުއްޖާއެވެ. މުޅި ސޯޝަލް މީޑިއާގައި އެ ކުއްޖާއަށް ފާޑުކިޔުންތައް އަމާޒުކުރަން ފެށިއެވެ. މީގެ ތެރޭގައި ގިނައީ ރޮނާލްޑޯގެ "ފޭނުން" ކަމަށް ދައުވާ ކުރާ މީހުންނެވެ. އެ ކުޑަކުއްޖާއަށް މަލާމާތް ކޮށް އެތައް ވީޑިއޯތަކެއް ވެސް ޓްވިޓަރ އާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމުތަކުގައި ވަނީ އާއްމުކޮށްފައެވެ.

މި ފާޑުކިޔުންތައް މިހާރު ވަނީ ނުރައްކާ ހިސާބަކަށް ގޮސްފައެވެ. އެއީ ބައެއް މީހުން އެ ކުއްޖާ މަރާލަން ޖެހޭ ކަމަށް ބުނަމުން ދިއުމެވެ. ޓްވިޓަރ ގައި ޚިޔާލު ފާޅު ކުރި މީޙަކު ބުނެފައިވަނީ ކުޑަކުއްޖަކަސް އޭނާ މަރާލަން ޖެހޭ ކަމަށެވެ. ރޮނާލްޑޯ ފަދަ ތަރިއަކަށް އެގޮތަށް ފާޑު ނުކިޔޭނެ ކަމަށާއި އެ ކުޑަކުއްޖާ ފެނިއްޖެނަމަ އޭނާއަށް "ރޯން ޖެހޭނީ ކާކުކަން ދައްކައިދޭނެ" ކަމަށް ވެސް އެކަކު ވަނީ ބުނެފައެވެ.

މީގެ އިތުރުން ބައެއް މީހުން ވަނީ އެ ކުޑަކުއްޖާ ރޭޕް ކޮށްލާނެ ކަމުގެ އިންޒާރު ވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ދީފައެވެ.

ހަފުތާއެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި ބުލީގެ ޝިކާއަރަކަށްވެ އެ ކުޑަކުއްޖާއަށް ވެސް މިހާރު ވަނީ އޭގެ އަސަރު ކޮށްފައެވެ. މީހުންގެ ހަޑިހުތުރު ކޮމެންޓުތަކުގެ ސަބަބުންނާއި މަރުގެ އިންޒާރުތަކުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން އޭގެ އަސަރުކޮށްފައިވާ ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

މޮރޮކޯގެ އެ ކުޑަ އަންހެން ކުއްޖާގެ ވީޑިއޯ އާއްމުވިތާ ދެތިން ދުވަހުގެ ތެރޭގައި އެ ކުއްޖާގެ ހާލަތު ގޯސްވެ، އޭނާގެ މައިންބަފައިން ވަނީ އޭނާގެ ފަރާތުން ރޮނާލްޑޯއާއި ރޮނާލްޑޯގެ ހުރިހާ ފޭނުންގެ ކިބައިން މާފަށް އެދިފައެވެ. އަދި ދަރިއަށް ދެމުންދާ އިންޒާރުތަކާއި ކުރަމުން އަންނަ ގަނާތައް ހުއްޓާލަން ވެސް ވަނީ އެދިފައެވެ. އޭނާގެ މަންމަ ބުނި ގޮތުގައި ސައިބަރ ބުލީންގެ ސަބަބުން އެ ކުއްޖާ ވަނީ ކެއުމާ ވެސް ދުރުވެފައެވެ. އަދި އެ ކުއްޖާ ޖޯޝުގައި ރޮނާލްޑޯއަށް އެގޮތަށް ފާޑުކީ އެވަގުތު އެހެން މީހުން ވެސް އެގޮތަށް ފާޑުކިޔަމުންދިއުމާ ގުޅިގެން ކަމަށް އޭނާ ބުންޏެވެ.

މި މައްސަލަ ބޮޑުވެ ގިނަ ބަޔަކު ވަނީ އެ ކުއްޖާގެ ދިފާއުގައި ވެސް ނުކުމެފައެވެ. އެގޮތުން، ބޮޑެތި މީހުން ފޭނުންގެ ނަމުގައި ކުޑަކުއްޖަކަށް އިންޒާރުދީ، މަލާމާތް ކޮށް ހެދުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އެމީހުން ދަނީ ބުނަމުންނެވެ. އަދި އެ ކުއްޖާ ދެއްކި ވާހަކަތަކަކީ އަމިއްލަ ޤައުމު މޮޅުވުމުގެ އުފަލުގައި ޖޯޝުގައި ދެއްކި ވާހަކަތަކެއް ކަމަށާއި އޭގައި އެއްވެސް ގޯހެއް ނެތް ކަމަށް ވެސް ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ރޮނާލްޑޯ ބަލިވުމުން ބޮޑެތި މީހުން ވެސް ފާޑުކިޔާފައިވާއިރު ކުޑަކުއްޖަކަށް ޓާގެޓުކޮށް އެ ކުއްޖާއަށް ބުލީ ކުރުމަކީ ރޮނާލްޑޯގެ ފޭނުންނަށް ވެސް ހުރި ހުތުރެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

- ކޮމެންޓް
19 ޑިސެންބަރ 2022 | ހޯމަ 05:24
މެސީ
ރޮނާލްޑޯގެ ނަނަް ހަޑިކުރުމުުގެ ކެންޕޭނުގެ ބައެއް. ތީގަ އިނގިރޭސި މީޑިޔާ އައި މެންޗެސްޓަރ ގެ އަތެއް ނޯވެ ނުދާނެ