ކ. މާލެ
|
26 އޮކްޓޯބަރ 2022 | ބުދަ 12:12
ޑްރަގް ޓްރެފިކްކޮށްގެން މަނީ ލޯންޑަރގެ ދައުވާ ކުރާ ފުރަތަމަ މައްސަލަ
ޑްރަގް ޓްރެފިކްކޮށްގެން މަނީ ލޯންޑަރގެ ދައުވާ ކުރާ ފުރަތަމަ މައްސަލަ
ރާއްޖެއެމްވީ
ޑްރަގް ޓްރެފިކްކުރުމުގެ މައްސަލަ
ޑްރަގް ޓްރެފިކުކޮށްގެން މަނީ ލޯންޑަރގެ ދައުވާ ކުރާ ފުރަތަމަ މައްސަލަ - ގިނަ ދުވަސްވުމުން 3 ހެކިން ވެސް ގިނަ ކަންކަން ހަނދާނެއް ނެތް
މާލޭގެ 04 ގެއެއް ބަލައިފާސްކޮށް ހިންގި އޮޕަރޭޝަންގައި އެއްމިލިއަން ފަސްލައްކައަށް ވުރެ ގިނަ ފައިސާ ފުލުހުން ހޯދާފައި ވަނީ 12 ޖަނަވަރީ 2021 ވަނަ ދުވަހު
ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާ 3 ހެކިންގެ ހެކިބަސް ނަގާފައިވޭ
މިއީ މަސްތުވާތަކެތީގެ މައްސަލައެއްގައި މަނީ ލޯންޑަރ ކުރުމުގެ ދައުވާ ކުރާ ފުރަތަމަ ފަހަރު

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާކުރާ ފުރަތަމަ މައްސަލައިގައި އިތުރު 3 ހެކިންގެ ހެކިބަސް ނަގައިފިއެވެ.

މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވުނު މައްސަލަ އާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މާލޭގެ 04 ގެއެއް ބަލައިފާސްކޮށް ހިންގި އޮޕަރޭޝަންގައި އެއް މިލިއަން ފަސް ލައްކައަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދާފައިވަނީ 12 ޖަނަވަރީ 2021 ވަނަ ދުވަހުއެވެ. މި ފައިސާތަކަކީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތުއާއި، ހުޅުމާލެ ފްލެޓު ނަންބަރު 01-ޖީ-45، ހަސަން ރަޝީދުގެ އަދި ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފްއާއި، މއ. ހަސްލަތު، ޝަނިޔާ އިބްރާހީމްގެ އަތުން ހޯދާފައިވާ ފައިސާތަކެކެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާތައް ކުރުމަށް 18 މާރޗު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، މި މައްސަލައިގައި ފުލުހުން ބަލައިފާސްކުރި ތަންތަނުން ޖުމްލަ 1،542،675ރ (އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ފެނިފައިވާ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ކުށްކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ، މި މައްސަލާގައި ދައުވާލިބޭ މީހުންގެ އެކައުންޓުތަކާއި، އެމީހުންނާއި ގުޅުންހުރި އެކައުންޓުތަކުގައި ދައުރުކޮށްފައިވާކަން ހޯދިފައިވާ ކަަމަށް ޕީޖީން ބުނެއެވެ.

މި މައްސަލައިގައި ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމާއި ކެނެބިސް ޓްރެފިކް ކުރުމުގެ އިތުރުށް މަނީ ލޯންޑަރިން އަދި ޑައިމޯފިން ބޭނުންކުރުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ. އަދި ކ. މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހީމްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމާއި މަނީ ލޯންޑްރިން އަދި ޑައިމޯފިން ބޭނުންކުރުމުގެ ދައުވާއެވެ. މި މައްސަލައިގައި ދައުވާކޮށްފައިވާ، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހުޅުމާލެ، ހަސަން ރަޝީދުގެ މައްޗަށް ޕީޖީން ދައުވާ އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމާއި ކެނެބިސް ޓްރެފިކް ކުރުމާއި މަނީ ލޯންޑަރިން އާއި މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ދައުވާއެވެ. ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޑައިމޯފިން ޓްރެފިކްކުރުމާއި ކެނެބިސް ޓްރެފިކް ކުރުން، މަނީ ލޯންޑަރިންގ އަދި ޑައިމޯފިން ބޭނުންކުރުން ހިމެނޭ އިރު ޅ. ހިންނަވަރު، ސުވާސާގެ، މުހައްމަދު އަފްލާހް އަބްދުﷲގެ މައްޗަށް ޕީޖީން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާ 4 ހެކިން ހާޒިކުރުމަށް ވަނީ ތާވަލްކޮށްފައެވެ. ނަަމަވެސް އޭގެ ތެރެއިން ހާޒިރުވެފައި ވަނީ 3 ހެކިންނެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ ނަގާފައި ވަނީ މުހައްމަދު ފަސީހުގެ ހެކިބަހެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެއްވެސް މީހަކު ދަންނަންތޯ އޭނާ އާއި ދައުލަތުން ސުވާލު ކުރުމުން ފަސީހު ވަނީ އޭނާ އައިނު އަޅަން ޖެހޭ ކަމަށާއި އައިނު ނާޅާތީ ސާފު ނުވާ ކަަމށް ބުނެފައެވެ. ފަސީހު ވަނީ ދައުލަތުގެ ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ހަސަން ރަޝީދު (ޗިކާ) ދަންނަ ކަމަށާއި ޗިކާގެ އެދުމުގެ މަތިން މާލެއިން ކުއްޔަށް ގެސްޓްހައުސް އެއް ހޯދާދިނުމަށް އޭނާ މަސައްކަތްކޮށްފައިވާނެ ކަމަށް ބުނެފައެވެ. އެ ތަން ހިފަނީ ދެމަފިރިއަކު ތިބެން ކަމަށް ހަސަން ރަޝީދު ބުނެފައިވާ ކަމަށް ވެސް ފަސީހު ވަނީ ބުނެފައެވެ. އެ ގެސްޓް ހައުސް އަކީ އޭނާގެ ރައްޓެހި ފަޔާ ނުވަތަ "ބާޑި" ކިޔާ މިހެއްގެ ގެސްޓްހައުސް އެއް ކަަމަށާއި އެ ތަން ބަލާލަން ދިޔައީ ހަސަން ރަޝީދު ފޮނުވި އިތުރު މީހަކާއި އެކުގައި ކަމަށް ފަސީހު ވަނީ ބުނެފައެވެ. ދައުލަތުން ވަނީ އެ ތަނުގެ އަގު ދެއްކުމުގައި އޭނާގެ ހިއްސާއެއް އޮންނާނެތޯ ފަސީހު އާއި ސުވާލުކޮށްފައެވެ. ޖަވާބުގައި އޭނާ ބުނީ ގެސްޓްހައުސް އަށް ދައްކަން ޖެހޭ މިންވަރު ބުނުން ފިޔަވައި އިތުރު ދައުރެއް އޭނާގެ ނޯންނާނެ ކަމަށެވެ. އެ ގެސްޓް ހައުސް އަށް ކިޔަނީ "ރޭއަލިވާ" ގެސްޓް ހައުސް ކަމަށް އޭނާ ވަނީ ބުނެފައެވެ. ފަސީހުގެ ވާހަކައިގައި ދައުލަތުން ކުރި ބައެއް ސުވާލުތަކަށް ޖަވާބުދޭން އުނދަނގޫ ވަނީ އެ މައްސަލަ ހިނގިތާ ގިނަ ދުވަސްތަކެއް ވުމުން ރަނގަޅަށް ހަނދާން ނެތުމުން ކަމަށް އެނާ ވަނީ ބުނެފައެވެ.

މި ހެކިވެރިޔާ އާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހަސަން ރަޝީދުގެ ވަކީލް، އަލީ ޝާހު ވަނީ ގެސްޓް ހައުސް އިން މީހުންނަށް ޖާގަ ހޯދާ ދިނުމަކީ ފަސީހު އާއްމުކޮށް ގޮސް އުޅޭ ކަމެއްތޯ އާއި އެކަމުން ކޮމިޝަނެއް ލިބޭތޯ ސުވާލުކޮށްފައެވެ. އަދި އެ ގެސްޓް ހައުސް ހިންގުމުގައި އޭނާގެ ދައުރެއް އޮންނާނެތޯ ވެސް ޝާހު ވަނީ ސުވާލުކޮށްފައެވެ. ޖަވާބުގައި ފަސީހު ބުނީ އޭނާ އެ ގެސްޓްހައުސްއިން ތަނެއް ހޯދާދޭން މަސައްކަތް ކުރީ ރަހުމަތްތެރިޔަކު ބުނި ކަމެއް ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އޭނާ އާއި ގެސްޓް ހައުސް ހިންގުމާއި ގުޅުމެއް ނެތްކަމަށާއި ކޮމިޝަނެއް ވެސް ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބުދަ ދުވަހުގެ ޝަރީއަތަށް ހާޒިރު ކުރި ދެވަނަ ހެކިވެރިޔާ އާއި ސުވާލުކޮށްފައި ވަނީ އޭނާ ގެންގުޅުނު ލޯންޗަކާއި ގުޅޭ ގޮތުންނެވެ. އެ ލޯންޗަކީ ލޫތުގެ ލޯންޗެއް ކަަމަށާއި އެ ލޯންޗެއްގެ މަސައްކަތް ކޮށްފައިވާ ކަމަށް ހެކިވެރިޔާ ވަނީ ދައުލަތުގެ ސުވާލުތަކަށް ޖަވާބުދެމުން ބުނެފައެވެ. އަދި އެ ލޯންޗު ގެންގުޅުނީ ދިގު މުއްދަތަށް ފައިސާ ދައްކައިގެން އަމިއްލަ ވާގޮތަށް އެ ލޯންޗް ލިބުނީމައި ކަމަށާއި އެ ކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ލޫތު އާއި އޭނާ އާ ސީދާ ބައްދަލުވެ މުއާމަލާތުކޮށްފައި ނުވާ ކަމަށް ނާޒިމް ވަނީ ބުނެފައެވެ. ދައުލަތުން ވަނީ އޭނާ ކައިރިން މިހާރު އެ ލޯންޗު ކޮބާތޯ ސުވާލުކޮށްފައެވެ. އެކަމާއި ގުޅިގެން ދިފާއީ ވަކީލް އަބްދުﷲ ޝާއިރު ވަނީ މިހާރު ލޯންޗު ކޮބައިތޯ ސުވާލު ނުކުރެވޭނެ ކަމަށް ބުނެ އިއުތިރާޒް ކުރައްވާފައެވެ. އެ އިއުތިރާޒް ބަލައިގަންނަން މައްސަލަ ބައްލަވާ ގާޒީ ނިންމެވުމުން ދައުލަތުން ވަނީ މި މައްސަލައިގައި ފުލުހުންނަށް ބަޔާން ދިން އިރު ލޯންޗް ކޮބާތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ނާޒިމް ބުނީ އޭރުވެސް ލޯންޗް އޭނާގެ އަތުގައި ނެތް ކަމަށެވެ. މި ހެކިވެރިޔާ ވެސް ވަނީ ގިނަ ދުވަސްވުމުން މައްސަލައިގައި ހިނގައި ދިޔަ ސީދާ ގޮތް ބައެއް ކަންކަމުގައި ސާފުކޮށް ހަނދާން ނެތް ކަަމަށް ބުނެފައެވެ.

ބުދަ ދުވަހު މި މައްސަލައިގެ ތިން ވަނަ ހެކި ވެރިޔަކަށް ހާޒިރުކޮށްފައި ވަނީ މުހައްމަދު ނާޒިމްއެވެ. އޭނާ އާއި ސުވަލު ކުރީ އޭނާ ޖަމާކޮށްފައިވާ ފައިސާތަކަކާއި ގުޅިގެންނެވެ. ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނީ އޭނާ ފައިސާ ޖަމާކޮށްދިނީ އޭނާގެ ނިޝާމް ކިޔާ ރަހުމަތްތެރިޔަކު އޭނާގެ ކާޑު ނެތިގެން ފައިސާ ޖަމާކޮށްދިނުމަށް އެދުމުން، ރަހުމަތްތެރިއަކަށް ކޮށްދިން ކަމެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް ނަފްސާނީ މައްސަލަތައް ހުންނާތީ ބައެއް ކަންކަން ހަނދާން ނެތް ކަމަށް ނާޒިމް ވަނީ ބުނެފައެވެ. އެގޮތުން ފައިސާ ފޮނުވީ އޭނާގެ ކާޑުން ކަން ހަނދާން ހުރި ނަމަވެސް ފޮނުވި ފައިސާގެ އަދަދާއި ފައިސާ ފޮނުވީ ކާކަށްކަން ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ފައިސާ ޖަމާކުރަން ދިޔައީ ނިޝާމް އާއި އެކުގައި ކަމަށާއި ފައިސާ ޖަމާ ކުރީ އޭނާ އަމިއްލަ އަށް ކަން ނުވަތަ ނިޝާމް ކަން ސާފުކޮށް ހަނދާނެ ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭނާ ފައިސާ ފޮނުވީ އޭނާ ދަންނަ ބަޔަކަށް ނޫން ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މި ހެކިވެރިޔާ ވަނީ އޭނާ ފުލުހުންނަށް ދިން ބަޔާނުގައި ސޮއިކުރީ ރަނގަޅަށް ނުކިޔާ ކަމަށް ބުނެފައެވެ. އަދި ބަޔާނުގައި ހުރި ކަންކަން ހަނދާން ނެތް ކަމަށް ބުނުމުން ދައުލަތުން ވަނީ ޝަރީއަތުން އޭނާ އަށް ބަޔާން ބެލުމުގެ ފުރުސަތެއް ދިނުމަށް އެދިފައެވެ. އެހެންނަމަވެސް ދިފާއީ ވަކީލް ޝާއިިރު ވަނީ އެކަމަށް އިންކާރުކުރައްވާފައެވެ. ބަޔާން ބެލުމުގެ ފުރުސަތު ނުދެއްވަން ނިންމަވާ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ބަޔާން ޝަރީއަތުގެ ކުރިން ބަލާ މައްސަލަ އަށް ތައްޔާރުވުމުގެ ފުރުސަތު ދައުލަތާއި ހެކިވެރިޔާ އަށް އޮންނާނެ ކަމަށާއި ޝަރީއަތުގެ މަރުހަލާގައި ބަޔާން ބެލުމަށް ފަހު ހެކިބަސް ދިނުމަކީ އިންސާފުވެރި ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މި ހެކިވެރިޔާ އާއި ދިފާއުން އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ހާޒިރުކުރަން ނިންމި 4 ވަނަ ހެކިވެރިޔަކީ އިބްރާހިމް ވަހީދުއެވެ. އޭނާ ކޯޓަށް ހާޒިވެފައި ނުވާ އިރު އޭނާ އާއި ގުޅުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާ ކަަމަށް ދައުލަތާއި ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. މި މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅެވެ.

- ކޮމެންޓް