ކ. މާލެ
|
4 އޮކްޓޯބަރ 2022 | އަންގާރަ 15:24
އަދުރޭ ހަޑިހުތުރު ބަސް ބޭނުން ކުރެއްވި މައްސަލަ ފުލުހުންނަށް ހުށައެޅީ ޑީޖޭއޭ އިން
އަދުރޭ ހަޑިހުތުރު ބަސް ބޭނުން ކުރެއްވި މައްސަލަ ފުލުހުންނަށް ހުށައެޅީ ޑީޖޭއޭ އިން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އަނެއްކާވެސް ޔާމީންގެ 500 ޕަސެންޓް.އަދުރޭއަށް ވާނީ ކިހިނެއް؟
ރައީސް ޔާމީން 500 ޕަސެންޓޭ ވިދާޅުވަނީ ކީއްވެ

އެކިފަހަރު ކަންކަމުގައި ވަނީ އެކިގޮތަށެވެ. އެކަމަކު މީހުން ވާހަކަ ދައްކައިއުޅެނީ ކުރިންކަންވެފައި އޮތް ގޮތްތަކުގެ މައްޗަށް ރިއާޔަތް ކޮށްގެންނެވެ. ވެދާނެ ގޮތެއް ކަނޑައަޅަނީ ކުރިން ކަންހިނގާފައިވާ ގޮތަށް ބަލައިގެން އޭގެމައްޗަށް ބުރަވެ ކުރާ ހީއެއްގެ ގޮތުގައެވެ.

ރައީސް ޔާމީންގެ އިތުބާރަކީވެސް އެފަދަ އެއްޗެކެވެ. ރައީސް ޔާމީން މީހަކަށް އިތުބާރު ކުރައްވާކަމަށް ވިދާޅުވެއްޖެނަމަ ދިރާސާކުރާ މީހުން އޭގެ މައްޗަށް ބިނާކޮށް ބުނެ އުޅޭ އެއްޗެއް އޮވެއެވެ. ކަންވާނެ ގޮތެއްގެ ވާހަކަ ދައްކާ އުޅެއެވެ. ސަބަބުތައް ނެތިއެއް ނޫނެވެ. ރައީސް ޔާމީން މީހަކާމެދު އިތުބާރޭ ވިދާޅުވެއްޖެ ނަމަ ވެފައިހުރި ގޮތުންނެވެ. ޚާއްޞަކޮށް ޕަސެންޓޭޖް ހިމެނިއްޖެނަމައެވެ.

ރައީސް ޔާމީން 100 ޕަސެންޓް އިތުބާރު އޮތްކަމަށް ވިދާޅުވި އެއްބޭފުޅަކީ އެމަނިކުފާނުގެ އެންމެގާތް އެއް އެކުވެރިޔާއެވެ. އެންމެ ގިނަ ދުވަހު އެގޮތުގައި ހުންނެވިކަމަށް ގިނަ ބަޔަކު ހީކުރާ މީހާއެވެ. ރައީސް ޔާމީން ހުންނެވި ގިނަ މަޤާމްތަކާއި ވަޒީރުކަމުގެ ދުވަސްވަރު އެންމެ ގާތުގައި ގެންގުޅުއްވި މީހާއެވެ.  ރައީސް ޔާމީން ވިދާޅުވާ ބައެއް ކަންކަން ވިދާޅުވާގޮތަށް ހަމަޖައްސައިދީ ހަދާ މީހާކަމަށް ގިނަބަޔަކު ކިޔާއުޅުނު މީހާއެވެ. ކުރުގޮތަކަށް ބުނަންޏާ ރައީސް ޔާމީންގެ "އޭރުގެ ބްރޯ" އެވެ. ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމެވެ. ރައީސް ޔާމީންގެ ފަހުގެ ބްރޯއެއްގެ ގޮތުގައިވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެހިސާބަށްއައި ދުވަސްވަރު، ނާޒިމްއާ އޮންނަ ގުޅުމާމެދު މީހުން ބައެއް ވާހަކަތައް ދައްކާ އުޅުނެވެ. ރައީސް ޔާމީންއާއި ނާޒިމްއާ ދެމެދު މައްސަލަ އުޅޭކަމުގެ ވާހަކައެވެ. އެކަންތައްގަނޑު ބޮޑުވެ އެކަން ދޮގުކުރައްވާ ރައީސް ޔާމީން ވިދާޅުވީ ނާޒިމްއަށް 100 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށެވެ. އެހާހިސާބުން ވީގޮތް ވަރަށް ސާފެވެ. ސީދާ 100 ޕަސެންޓް ގިނަބަޔަކަށް ފެނުނީ އެމަނިކުފާނުގެ ވެރިކަމުގައި މާފުށީ ޖަލުންނެވެ. އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ނާޒިމް އެމަނިކުފާނުގެ ވެރިކަމުގައި ޖަލުގެ ތޭރިތަކުގެ ފަހަތަށް ދާން ޖެހުނީއެވެ. ކުރެއްވި 100 ޕަސެންޓް އިތުބާރު އޮތްގޮތަށް އޮއްވައެވެ.

ނާޒިމަށްފަހު 100 ޕަސެންޓް އިތުބާރެއް ދެއްވީ ރައީސް ޔާމީންގެ ވަޒީރެއްގެ ގޮތުގައި ހުންނެވި މަލީހަށެވެ. މަލީހަށްވެސް 100 ޕަސެންޓް އިތުބާރު ދެއްވިތާ މާގިނަ ދުވަހެއްނުވެ ހުންނަވާން ޖެހުނީ ވަޒީރުކަން ގެއްލި ގޭގައެވެ.

މިއަދު އަނެއްކާވެސް މާ ބޮޑު އިތުބާރަކާއެކު ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ ޖަމީލަކީވެސް ރައީސް ޔާމީންގެ 100 ޕަސެންޓް އިތުބާރު ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އެކަމަކު ޖަމީލަށްވި ގޮތް މިއަދު ޖަމީލުގެ ހަނދުމަފުޅުން ކައްސާލިނަމަވެސް އެންމެންނަށް އެނގެއެވެ. އެއްވެސް ކުށެއްނެތި ޖަމީލާމެދު ކަންކުރި ގޮތުން އަނިޔާއަށް ގަންނާ ކުރެއްވި ބިރުން ފިއްލަވައިގެން އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވިކަން އިއްޔެމެންދުރު ކަމެއްހެން އެންމެނަށް އެނގެއެވެ.

މީގެ އިތުރުންވެސް ރައީސް ޔާމީން އިތުބާރު ކުރައްވާކަން ހާމަކުރެއްވި ގިނަ މީހުންނަށް ވެގެންދިޔައީ އެފަދަ ގޮތެކެވެ. ޕީޕީއެމްގެ ކުރީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އަހުމަދު ނިހާން މެންފަދަ ބޭބޭފުޅުންނަކީ އެފަދަ ބޭފުޅުންނެވެ. ރައީސް ޔާމީންގެ 100 ޕަސެންޓް އިތުބާރުގެ ވާހަކަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުންނެވެ. ވެގެންދިޔަ ގޮތާ ހާމަކުރެއްވި ގިނަ ކަންކަން އެންމެނަށް އެނގެއެވެ.

ދެން އައީ މަޝްހޫރު 500 ޕަސެންޓެވެ. ގަދަކޮށްލާފައި އެ 500 ޕަސެންޓް ދެއްވީ ރައީސް ޔާމީން އެންމެ ގާތުގައި ގެންގުޅުއްވި އޭރުގެ ބުރޯ އަށެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. އަދީބަށް ދެއްވި 500 ޕަސެންޓް އިތުބާރާއެކު ވެގެން ދިޔަގޮތް ރަނގަޅުވާނީ ނުދެއްކިއްޔާއެވެ.

އެހެންކަމުން ރައީސް ޔާމީން 100 ޕަސެންޓް އިތުބާރު ކުރައްވާކަމަށް ވިދާޅުވެއްޖެނަމަ އަދި ޚާއްޞަކޮށް 500 ޕަސެންޓް އިތުބާރޭ ވިދާޅުވެއްޖެނަމަ ވާނެގޮތުގެ މާޒީ ވަރަށް ސާފެވެ. އެހެން އޮއްވާ އިހަށް ދުވަހު އެއަޑުއިވުނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމަށް ރައީސް ޔާމީން 500 ޕަސެންޓް އިތުބާރު ކުރައްވާކަމުގެ ވާހަކައެވެ. އެހެން ވިދާޅުވީވެސް ހަމަ ހުރެފައެއް ނޫނެވެ. ޕީޕީއެމްތެރޭގައި އޮތް ފެކްޝަން ކޯޅުންގަނޑުގެ ތެރެއިން އާއްމުން ދައްކާން ފެށި ވާހަކަތަކާ ގުޅިގެންނެވެ. ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު ބައެއް ޖަލްސާތައް މާގިނައިން ބޭއްވި ކަމާއި ބައެއްކަހަލަ ބޮޑެތި މަޝްވަރާތައް ހިންގެވިކަމުގެ ވާހަކަތަކުގެ އަޑު ފެތުރިފައިވަނިކޮށެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންއަށް ވާދަ ނުކުރެއްވިއްޖެނަމަ ޓިކެޓް ދޭނެ މީހަކާމެދު ފެކްޝަންތަކުގެ ތެރޭގައި ޚިޔާލުތަފާތުވެ ކަރުމަރު ހިފާ ހިސާބުގައި ވަނިކޮށެވެ. އެފަދަ ހާލަތެއްގައި މާވަށު ދާއިރާގެ މެމްބަރު ސައީދަށް ޓިކެޓް ދެއްވަން ރައީސް ޔާމީންގެ ފެކްޝަނުން ބޭނުންފުޅުވިއަސް އެޓިކެޓަށް ފައިނަންގަވައިގެން ހުންނެވި މާލެ ސިޓީގެ މޭޔަރ ޑރ މުއިއްޒު އަށް އަދުރޭ ތާއީދު ކުރައްވާ ކަމުގެ އަޑުގަދަވެފައިވާ ދުވަސްވަރެއްގައެވެ. ރައީސް ޔާމީންގެ އެންމެ ގާތް އަދި މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ އަދުރޭއާ މުޚާތަބުކޮށް އެވިދާޅުވި އެއްޗެއްގެ އަސަރު ރަނގަޅަށް ޕީޕީއެމް ޕީއެންސީ ތެރޭގައި ހިނގަހިނގާ އޮއްވައެވެ. އުފެދޭ ސުވާލަކީ ދެން އަދުރޭއަށް ވާނީ ކިހިނެއް ހެއްޔެވެ. އެއްކަލަ 500 ޕަސެންޓްގެ އިތުބާރު އަދުރޭއަށް ލިބުނީތީއެވެ.

އަޑެއް ކިއްޔާ ރެނދެއްލާނެއޭ ބުނާ ބީދައިން ބައެއް މީހުން ބުނާ ގޮތުން ޕީޕީއެމް އެތެރޭގެ ކޯޅުން އިންތިހާއަށް ބޮޑެވެ. އަދުރޭއާއޮންނަ ކުރީގެ ގާތްކަމެއް ރައީސް ޔާމީން މިހާރަކު ނުގެންގުޅުއްވައެވެ. އެހެންކަމުން އަދީބަށް ޖެހުނު ހާލު އަދުރޭއަށް ޖެހުމަކީ ވަރަށް ގާތްކަމެކެވެ. ނުވެ ނުދާނެ ކަމެކެވެ. އެކަމަކު އެހެން ވާހަކައެއްވެސް އެވެރިން ބުނެއުޅެއެވެ. އެއީ ރައީސް ޔާމީންގެ 500 ޕަސެންޓް ގެ ވާހަކައެވެ. އެނަމްބަރެވެ. މިހާތަނަށް މީހަކާމެދު އިތުބާރު ކުރައްވާނަމަވެސް ބުނެ އުޅެނީ "ފުރިހަމަ އިތުބާރު" އޮތްކަމަށެވެ. ނޫންނަމަ 100 ޕަސެންޓް އިތުބާރު އޮތްކަމަށެވެ. ރާއްޖޭގެ އެއްވެސް ރައީސަކުވެސް އަދި ޕާޓީއެއްގެ ލިޑަރަކުވެސް 500 ޕަސެންޓެއްގެ ވާހަކައެއް ވިދާޅެއް ނުވެއެވެ. އެހެންކަމަށްވާނަމަ ރައީސް ޔާމީންއާ 500 ޕަސެންޓާ ހުރި ގުޅުމަކީ ކޮބައި ހެއްޔެވެ. މިކަމުގައިވެސް މީހުން ކުރަނީ ހީއެކެވެ. އެގޮތުން ބޮޑަށް ގުޅުވާލަނީ ފައިސާއާއެވެ. ރައީސް ޔާމީނާ ފައިސާއާ މާބޮޑެތި ގުޅުންތައް ހުރިކަމަށް ބުނެއެއެވެ. ރާއްޖޭގައި އެންމެ ގިނަދުވަހު އެންމެ މަތީ ނޫޓެއްގެ ގޮތުގައި 500 ރުފިޔާ ބޭނުން ކުރީތީއެވެ. މިހާރުވެސް އެންމެ ގިނައިން އެންމެ މަތީ ނޫޓެއްގެ ގޮތުގައި ދައުރު ކުރަނީ 500 ރުފިޔާ ކަމަށް ވީތީއެވެ.

ކޮންމެއަކަސް އަދުރޭއަށް ވާނެގޮތް އެނގޭނީ އަދި ތަންކޮޅެއް ފަހުންނެވެ. ހިސާބަކަށް އަދި ވަގުތު ނަގާފާނެއެވެ. ފަހަރުގައި އެއީ މިހާރު ކުރިއަށްދާ ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން ކަމަށްވެސް ވެދާނެއެވެ. ނޫންނަމަ އެއަށްވުރެވެސް ކުރިންނެވެ. ހަމަ ގައިމުވެސް ޕީޕީއެމް މީހުން ބުނާގޮތުންނަމަ ކަންތައްގަނޑެއް އެބައުޅެއެވެ. އޮއިވަރެއް އެބަހިނގައެވެ. ފެކްޝަންތަކުގެ ބައްދަލުވުންތަކުން އެއީ މުޖައްރިބު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް