ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 11:14
ޒުވާން ޓީމުން އިންޑިޔާއާ ދެކޮޅަށް ކުޅެނީ: ފޮޓޯ-ސާފް
ޒުވާން ޓީމުން އިންޑިޔާއާ ދެކޮޅަށް ކުޅެނީ: ފޮޓޯ-ސާފް
ޔޫތު ޓީމްތަކުގެ ނަތީޖާތައް
ޕްލޭން އެބައޮތް، ހައްލު އެނގޭ އެކަމަކު ނަތީޖާ ރަނގަޅެއް ނުކުރެވޭ!
 
އަތޮޅުތަކަށް ފުޅާކޮށްގެން ނޫނީ ނަތީޖާއެއް ނުނެރެވޭނެ
 
ވަޞީލަތެއް ނެތް، ތައްޔާރެއް ނުވެވޭ

އޭޝިޔާގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ރާއްޖެ ކޮޅަށް 28 ލަނޑު ވަނެވެ. އެއީ އުޒްބެކިސްތާނުން ޖެހި 9 ލަނޑާއެކުއެވެ. ސައުދީ އަރަބިޔާއިން އެކަނިވެސް 11 ލަނޑު ޖެހިއެވެ. ޗައިނާއިން 5 ލަނޑު ޖެހިއެވެ. އެންމެ ފަރަގު ކުޑަކޮށް ބަލިވި މިޔަންމާ އަތުން ވެސް ބަލިވީ 3-0 ނެވެ. ރާއްޖެއަށް ހަމަ އެންމެ ލަނޑެއް ވެސް ނުޖެހެއެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ސްރީލަންކާ އަތުން ލިބުނު ޕޮއިންޓުން ޖެހުނީ ހިތްހަމަ ޖައްސާލާށެވެ. އެމެޗުގައި ޖެހި ގޯލާއި, ބަންގްލަދޭޝް އަތުން 4-1 ން ބަލިވި މެޗުގައި ޖެހި ގޯލާއެކު މުބާރާތުގައި ދެ ގޯލު ޖެހިއެވެ. ޗެމްޕިއަންކަން ހޯދި އިންޑިޔާއާ ރަނގަޅު ވާދައެއްކޮށް 1-0 ން ބަލިވުން އެއީ ހަމައެކަނި ރަނގަޅެވެ.

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ސްރީލަންކާ އަތުން 1-0 ން އަދި ޕާކިސްތާނު އަތުން 5-0 ން ބަލިވީއެވެ. އަނެއް މުބާރާތުގައި ވާދަކުރަން އެޓީމު މިހާރު ވީ ރާއްޖެއިން ބޭރުގައެވެ. އެކަމަކު ނަތީޖާއަށް ކުރެވޭ އުއްމީދެއް ނެތެވެ. ޔޫތު ޓީމްތަކާމެދު އުއްމީދީ ނަޒަރަކުން ބެލޭކަށް ނެތެވެ. ބަލާނެ ޖާގައެއް ވެސް ނެތެވެ. މިއީ ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގު ފެންނަން އޮތް ގޮތެވެ. މިހިސާބަށް ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ދިޔައީ ކީއްވެތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރެއެވެ. މައްސަލަތަކެއްގެ ވާހަކަ ވެސް ދައްކައެވެ. ހައްލު ވެސް އެނގެއެވެ. އެކަމަކު އެ ހައްލެއް ނާދެއެވެ.

ރާއްޖޭގައި ފެސިލިޓީއެއް ނެތެވެ. ޕްރެކްޓިސް ކުރަނީ ދަނޑެއްގެ އެއް ހާފުގައެވެ. ޕްރެކްޓިސް މެޗުތަކެއް ނުލިބެއެވެ. އެކުގައި ޕްރެކްޓިސްކޮށްލާނެ ވަގުތެއް ވެސް ނުލިބެއެވެ. ހިޔުމަން ރިސޯސް ނުވަތަ އިންސާނީ ވަސީލަތެއް ވެސް ނެތެވެ. މިއީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު އަހުމަދު ޝަރީފު (ޑުންގާ) ފާހަގަކުރާ މައްސަލަތަކެވެ. މާނައަކީ މައްސަލަ އެފްއޭއެމްއަށް ވެސް ވަރަށް ބޮޑަށް ސާފުވުމެވެ.

ޔޫތު ޑިވެލޮޕްމަންޓަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ވާހަކައަކީ އެފްއޭއެމްއިން އެންމެ ގިނައިން ދައްކާ ވާހަކައެވެ. "ޓުވާރޑްސް ފިއުޗަރ" ގެ ވާހަކަ އެއިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަރަށް ގިނައިން ވިދާޅުވެއެވެ. އެޕްރޮޖެކްޓު ފަށައިގެން މަސައްކަތްތަކެއް ވެސް ކޮށްފިއެވެ. އެކަމަކު ނަތީޖާއާ ހަމައަށް ދެވޭތަނެއް ނުފެނެއެވެ.

ޕްލޭންތަކެއް އެބަހުރި, ޑިވެލޮޕްމަންޓަށް ކަންތައްތަކެއް ރާވާފަ އެބަހުރި. ރާއްޖޭގެ ސަރަހައްދުތަކުގައި ވެސް ޕްރޮގްރާމް ހިންގާގޮތަށް ޕްލޭން އޮތީ. ޓްވަރޑްސް ފިއުޗަރ ޕްރޮޖެކްޓަށް ވެސް އޮތް ބޮޑު ހުރަހަކީ މާލީ ދަތިކަން. ހުޅުމާލެ ފުޓުބޯލް ސްކޫލު ވެސް ނުނިމި ދިގުލައިގެންދަނީ, އިންފްރާސްޓްރަކްޗަރު ނެތި އަދި ކުރިއަށްދާކަށް ނެތް. މިތަނަށް އިންފްރާސްޓްރަކްޗަރު ކުރިއެރުން އައިސްގެން ނޫނީ މިކަން ކުރެވޭނެކަމެއް ނުފެނޭ.
އަހުމަދު ޝަރީފް (ޑުންގާ) އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު

ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު އަދި ޔޫތު ޑިވެލޮޕްމަންޓްގައި ވެސް މަސައްކަތްކުރަމުން އަންނަ ކޯޗު ސޮބާހު މުޙައްމަދު ސުވާލު އުފައްދަނީ ޕްލޭނެއް އެބައޮތްތޯއެވެ. އޭނާ ބުނީ ފެންނަނީ މިސްރާބެއް ނެތި, ޕްލޭނެއް ނެތި މުބާރާތްތަކެއްގައި ވާދަކުރާތަންކަމަށެވެ. ތައްޔާރުނުވެ ނަތީޖާއެއް ނުނެރެވޭނެ ކަމަށާއި, ތައްޔާރުވާން ކުރާ މަސައްކަތެއް ނުފެންނަކަން ސޮބާ ފާހަގަކުރިއެވެ. އެކަމަކު ސޮބާއަށް ވެސް ޔަޤީން ވަރަށް މުހިއްމު އެއްކަމެއް އެބައޮތެވެ. ރާއްޖޭގެ ކުޅުންތެރިންގެ ހުނަރާމެދު ސުވާލެއް ނެތްކަމެވެ. ޒުވާން ކުޅުންތެރިންގެ ހުނަރު އެބަހުރި ކަމަށާއި, ކޯޗުންގެ ފެންވަރު ވެސް ރަނގަޅުކަމަށް ސޮބާ ޤަބޫލުކުރެއެވެ. އެކަމަކު އެކޯޗުންނަށް ނުލިބެނީ ޓީމު ތައްޔާރުކުރާނެ ވަގުތާއި, މެޗުތައްކަމަށް ޔޫތު ޓީމުތަކުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކަށް އެކަޑެމީގައި އިރުޝާދުދިން ކޯޗު ބުންޏެވެ.

ކަމަކަށް ރަނގަޅަށް ތައްޔާރުނުވެ ގޮސްފިނަމަ އެހިސާބުން އެބައެއްގެ ދުވަސްދާނެ ކަންނޭންގެ. ކުދިންގެ ހުނަރު އެބަހުރި. ރަނގަޅަށް ޕްލޭނެއް ނެތީ, ދިގުރާސްތާ, އަޅުގަނޑުމެންގެ ޓާގެޓެއް ނެތި މަންޒިލެއް ނެތި މަސައްކަތްކުރާތަން މިފެންނަނީ. 17 އަހަރުން ދަށުގައި އެއޮތީ މުސްތަޤްބަލުގައި ގޯލްޑަން ޖެނެރޭޝަން. އެކަމަކު އެކަން ކާމިޔާބުވާނީ ރަނގަޅު ހަރުދަނާ މަސައްކަތްތަކެއް ކުރެވިގެން.
ސޮބާހު މުޙައްމަދު/ ކޯޗެއް

ސޮބާ ފާހަގަކުރި އެންމެ މުހިއްމު އެއްކަމަކީ ޔޫތު ޑިވެލޮޕްމަންޓަކީ ދުރު މުސްތަޤުބަލަށް އަމާޒުކޮށް ކުރެވޭ މުހިއްމު މަސައްކަތެއްކަމެވެ. އެކަމަކު އެވިސްނުމުގައި މަސައްކަތް ނުކުރެވޭކަމެވެ. މިހާރު އޮތް 17 އަހަރުން ދަށުގެ ޓީމަށް އިޝާރާތްކޮށް އޭނާ ބުނީ އެޓީމުގައި ސާދަ, ފަނަރަ އަހަރުގެ ކުޅުންތެރިން އެބަތިބިކަމަށާއި, އެކުދިން 19 އަހަރުން ދަށުގެ ޓީމަށް ދާއިރު ރަނގަޅު ޕްލޭނަކާއެކު މަސައްކަތްކުރެވިއްޖެނަމަ ނަތީޖާ ނެރެވޭނެކަމަށެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާއި, ފުޓްބޯޅައިގެ ހާލަތު އޮތް ހިސާބު ސިފަކޮށްދޭން އޭނާ ބުނީ ލަންކާއާ ވާދަކޮށް އެއްވަރުވީމަ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރާކަމަށް ބުނެވެން ނެތްކަމަށެވެ.

ސާފްގައި ޒުވާން ޓީމު ބަންގްލަދޭޝްއާ ވާދަކުރި މެޗުގެ ތެރެއިން

ރާއްޖޭގެ ޔޫތު ޑިވެލޮޕްމަންޓުގައި ކާމިޔާބު މަސައްކަތްތަކެއް ކުރި އަދި ޓުވަރޑްސް ފިއުޗަރ ޕްރޮޖެކްޓު އުފަންކުރުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރު ކޯޗު އިހުސާން އަބުދުލްޣަނީ (ސާންތި) ބުނީ އެންމެ ބޮޑު މައްސަލައަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ނުކުރެވުންކަމަށެވެ. ފަށާ މަސައްކަތެއް ކުރިއަށް ނުގެންދެވޭކަމަށާއި, ކުރިއަށް ނުގެންގޮސް ކާމިޔާބުނުވާނެކަމަށެވެ. ސާންތި ވެސް ބުނީ ނަތީޖާ ގޯސްވެގެން އުޅެނީ ބައިވަރު ސަބަބުތަކާ ހެދި ކަމަށެވެ. ތައްޔާރުވުމުގައި ބައިވަރު ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރިއެވެ.

17 އަހަރުން ދަށުގެ ޓީމަކީ 2019 ގައި އަޅުގަނޑުމެން އުފެއްދި ޓީމެއް. އޭރު އެކުދިންނަށް ވާނީ ތޭރަ, ސާދަ އަހަރު. އަޅުގަނޑަށް މިފެނުނީ އޭތި ހުއްޓުންތައް. ކޮންމެވެސް ސަބަބުތަކަކާ ހެދި. އަޅުގަނޑު އެފްއޭއެމްގެ ބޭރުގައި ހުންނަ މީހަކަށް އެސަބަބުތަކެއް ނޭންގޭނެ. 2019 ގައި އެޓީމު ކޮންޓިނިއު ކުރިނަމަ ކޮންމެވެސް ކަހަލަ ނަތީޖާތަކަކަށް ދިޔައީސް.
އިހުސާން އަބްދުލްޣަނީ (ސާންތި)/ ކޯޗެއް

ސާންތި މިސާލު ދެއްކީ ހަމައެކަނި 17 އަހަރުން ދަށުގެ ޓީމާއި ހަމަޔަކުން ނޫނެވެ. 2018 އަދި 2019 ވަނަ އަހަރު އޮތް 16 އަހަރުން ދަށުގެ ޓީމުގެ ވާހަކަ ފާހަގަކުރަމުން ސާންތި ބުނީ އެއީ އޭރު ވަރަށްބޮޑު އިންވެސްޓެއް ކުރި ޓީމެއްކަމަށެވެ. އެޓީމަށް ބައިނަލްޤްވާމީ ތަޖުރިބާ ހޯދައިދޭން ވަރަށް ބޮޑު ސަމާލުކަމެއް ދީ އެކަން ކާމިޔާބުކުރިކަން ފާހަގަކުރިއެވެ.

އެއް އަހަރުގެ ތެރޭގައި 17 އިންޓަނޭޝަނަލް މެޗު ކުޅުނިން. އެއީ އަޅުގަނޑުމެން ޔޫތަށް ދިން ވަރަށް ބޮޑު ސަމާލުކަމެއް. އައްޑޫގައި އަޅުގަނޑުމެން ބޭއްވިން ޔުއެފާ އެސިސްޓު މުބާރާތެއް. އަޅުގަނޑުމެން ގެނައިން ޔޫރަޕުން ޓީމެއް, ސައޫދީ އައި, ބޫޓާން އައި, މިޓީމު ކޮންޓިނިއުކުރިނަމަ މިއަދު ޝާކިއްޓޭ ކޯޗަށް މިޓީމު އޮތީސް.
އިހުސާން އަބުދުލްޣަނީ (ސާންތި)/ ކޯޗެއް

ސާންތި ބުނީ 2017 ވަނަ އަހަރު ގެންގުޅުނު 19 އަހަރުން ދަށުގެ ޓީމު ވެސް 21 އަހަރުން ދަށާ ހަމައަށް ދަންދެން ކޮންޓިނިއު ނުކުރެވުނު ކަމަށެވެ. އެކަމަކު އޭރު ދިމާވި އެންމެ ބޮޑު މައްސަލައަކީ ކުލަބްތަކުން ކުޅުންތެރިން ދޫކުރަން އެއްބަސްނުވުންކަމަށް ސާންތި ބުންޏެވެ. ދެމެހެއްޓެނިވި ގޮތެއްގައި ޓީމުތައް ކުރިއަށްގެންދަން އޮތް ހުރަސްތަކުގެ ވާހަކަ ފާހަގަކުރަމުން ސާންތި ބުނީ ފައިސާއާއި ހިޔުމަން ރިސޯސް އެއީ ސަބަބަކަށް ވެދާނެކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ ކޮންޓިނިއު ނުކުރެވުން ކަމަށާއި, ސީނިއަރ ޓީމަށް ދޭ ސަމާލުކަން ޔޫތު ޓީމުތަކަށް ވެސް ދީގެން ނޫނީ ކުރިމަގެއް ނެތްކަމަށް ސާންތި ބުންޏެވެ.

ސާފްގައި ޒުވާން ޓީމު ލަންކާއާ ދެކޮޅަށް ވާދަކުރި މެޗުގެ ތެރެއިން

ޔޫތު ކުޅުންތެރިންނަށް މެޗުތައް ކުޅެން ލިބޭ ފުރުޞަތު މަދުވުމަކީ ވެސް ނަތީޖާއެއް ހޯދަން އޮތް ބޮޑު ހުރަހެއްގެ ގޮތުގައި ސާންތި ފާހަގަކުރިއެވެ. 2018 އަދި 2019 ވަނަ އަހަރު ޔޫތު ލީގުތަކުގައި 129 މެޗު އެކި އުމުރުފުރާތަކުން ކުޅުނުކަން ސާންތި ފާހަގަކުރިއެވެ. އެކަމާ ގުޅިގެން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) ވިދާޅުވީ ޔޫތު ލީގުތައް މިއަހަރު ވެސް ކުޅޭނެކަމަށެވެ. އޮކްޓޯބަރު 15 ގެ ފަހުން އެކި އުމުރުފުރާގެ ޔޫތު ލީގުގެ މެޗުތައް ކުޅޭއިރު ކުރިއަށްވުރެ ގިނަ މެޗުތައް ކުޅެވޭނެކަމަށެވެ.

މިވަގުތު ޔޫތު ޓީމްތަކާއި, ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަޤްބަލުގެ ވާހަކަ އެންމެ ބޮޑަށް ދެކެވެނީ މިދިޔަ ދެމަހެއްހާ ދުވަހު ޔޫތު ޓީމްތަކުގެ ދަށް ނަތީޖާތަކާ ގުޅިގެންނެވެ. 20 އަހަރުން ދަށުގެ ޓީމު ގޮވައިގެން ދެ މުބާރާތެއްގައި ވާދަކުރި ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނީ އޭނާއަށް ދިމާވި މައްސަލައަކީ ތައްޔާރުނުވެވުން ކަމަށެވެ. ތައްޔާރުވާން ވަގުތު ނުލިބުން ކަމަށާއި, އެކަމަށް ކުރިމަތިވި ހުރަހަކީ ރާއްޖޭގެ ލީގު ކުރިއަށް ދިއުމާއި, ޒުވާން ޓީމުގެ އެންމެ ކުޅުންތެރިއެއް ފިޔަވައި އެހެން ކުޅުންތެރިން ލީގުގައި ވާދަކުރާ ޓީމްތަކަށް ނިސްބަތްވުންކަމަށެވެ.

23 ކުޅުންތެރިންގެ ތެރެއިން 22 ކުޅުންތެރިންނަކީ ފަސްޓު ޑިވިޝަން ކުލަބްތަކުގައި ބަރާބަރަށް ޕްރެކްޓިސްކުރާ ކުޅުންތެރިން. ކުލަބްތަކުގެ ހާލަތު ހުރިގޮތުން, ލީގު މިދިޔަ ގޮތުން ކުޅުންތެރިން އަންޑަރ 20 ޓީމްގެ ޕްރެކްޓިސްއަށް ރިލީޒްކުރަން ވަރަށް ބައިވަރު އުނދަގޫތަކެއް ކުރިމަތިވި. އެހެންވީމަ ހަޤީޤަތުގައި މިކުޅުންތެރިން ގޮވައިގެން ޕްރެކްޓިސް ކުރުމަށް ވަރަށް ބޮޑަތި ގޮންޖެހުންތަކާއި ދިމާވި. ދިމާވެގެން މާކަށް ރަނގަޅު ޕްރެކްޓިސްތަކެއް ކުރެވޭގޮތެއްނުވި.
އަހުމަދު ޝާކިރު/ އަންޑަރ 20 ޓީމްގެ ކޯޗު

މިކަމަށް އޮތް ހަލެއްގެއް ވާހަކަ ސާންތި ފާހަގަކުރެއެވެ. އެއީ އެފްއޭއެމްގެ ޕްލޭނުގެ ތެރޭގައި ވެސް އޮތް ހައްލެކެވެ. އެކަމަކު އަމަލީ ސިފައެއް ނައިސް ޕްލޭނުގައި ނުވަތަ ކަރުދާހުގައި އޮތްކަމެކެވެ. އެއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެފްއޭއެމްގެ ގޮފިތައް ހެދުމެވެ. ކޯޗުން ބައިތިއްބުމެވެ. ހުނަރު މޮނީޓަރު ކުރުމެވެ. އެކުޅުންތެރިން ހާލަތު ބަލަމުން ދިއުމެވެ. ދާއިމީ ގޮތެއްގައި މާލެ އާދެވެން ނެތް ކުޅުންތެރިން ވެސް މުބާރާތްތަކަށް ގެނައުމެވެ. އޭރުން ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށް ބަރޯސާވާން ޖެހޭ ޖެހުން ކުޑަވާނެކަމަށް ސާންތި ޤަބޫލުކުރެއެވެ. ޑުންގާ ވެސް ޤަބޫލުކުރަނީ އެއީ ހައްލެއްކަމަށެވެ. އަތޮޅުތަކުން އަންނަ ކުޅުންތެރިންގެ ފެންވަރު މާރަނގަޅުކަން ވެސް ޑުންގާ ޤަބޫލުކުރެއެވެ.

މެޗުތައް އިތުރުވާން ޖެހޭ. އަތޮޅުތަކުގައި ވެސް މުބާރާތްތައް އިތުރުވާންޖެހޭ. މެޗު ކުޅެވޭނެ ޕްލެޓްފޯމްތައް އިތުރުވާން ޖެހޭ. އެހެންނޫނީ ރައްޖޭގެ ފުޓްބޯޅަ ކުރިއަކަށް ނުދާނެ.
އަހުމަދު ޝަރީފް (ޑުންގާ)/ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު

ހައްލު ސާފެވެ. ކުރިމަގު އޮތީ އަތޮޅުތެރެއަށް ސަމާލުކަން ދެވިގެންކަން ވެސް އެނގެއެވެ. ވަސީލަތްތައް ޤާއިމްކުރުމާއެކު ހިޔުމަން ރިސޯސްއަށް ވެސް ސަމާލުކަން ދޭން ޖެހެއެވެ. މިވާހަކަ ދައްކަނީ މިކަންކަން ރަނގަޅުކުރަން ތިބި މީހުންނެވެ. އެކަމަކު ރަނގަޅު ކުރެވޭކަށް ވެސް ނެތެވެ. ދެރައީ މިހާރު އޮތް މެނޭޖުމަންޓުގެ ތެރެއިން ފެށި ރަނގަޅު ކަންކަން ވެސް ހުއްޓުމެވެ. ދެން ދައްކަން އޮތީ މާލީ ހާލަތުގެ ވާހަކައެވެ. އެވާހަކައާ ހިސާބުން ނިންމާލާ ވަރަށްވުރެ ބޮޑު ސަމާލުކަމެއް ޔޫތު ޑިވެލޮޕްމަންޓަށް ދޭން ޖެހެއެވެ.

ކޮމެންޓް