Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޕީއެލް ހިޔާ ފްލެޓް

އެމްޕީއެލް ހިޔާ ފްލެޓް: މާލީ ދަތިކަމުގެ ސަބަބުން ޑައުންޕޭމަންޓް ނުނަގާ ވާކަށް ނެތް، އިތުރު ލުއި ގޮތެއް ހޯދަނީ

މިހާރު މިމަޝްރޫއަށް ދާނެކަމަށް އަންދާޒާކުރެވޭ އަދަދަކީ 688،226،717.14 ރުފިޔާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2022 | އަންގާރަ 03:52
އެމްޕީއެލް ފްލެޓުތައް މީޑިއާތަކަށް ދައްކާލުން

އެމްޕީއެލް ފްލެޓުތައް މީޑިއާތަކަށް ދައްކާލުން

މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) ން ހިންގާ ހައުސިންގ ސްކީމްގެ ދަށުން ފްލެޓް ލިބުނު 534 މީހުންގެ ތެރެއިން 484 މީހަކު ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން ދިރާސާކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އަންނަނީ ކުރަމުންނެވެ. މީގެކުރިން ވަނީ ޕެޓިޝަން ހުށަހެޅި މުވައްޒަފުން ކޮމިޓީއަށް ހާޒިރުކޮށް ބައްދަލުވުން ބާއްވާފައެވެ. އޭގެފަހުން ހޯމަ ދުވަހު ވަނީ އެމްޕީއެލްގެ ޗީފް ފައިނޭންސް އޮފިސަރު ހިމެނޭގޮތަށް ސީއީއޯ އާއި ޑެޕިޔުޓީ ސީއީއޯ އާއި ޕެންޝަން އޮފީހުގެ ބޭފުޅުންނާއި ކޮމިޓީން ބައްދަލުކުރައްވާފައެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އެމްޕީއެލުން ފާހަގަކުރީ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން މުވައްޒަފުން ބޭނުންވާ ގޮތަށް ޑައުންޕޭމަންޓް ނުނަގާ ވާން ނެތްކަމަށެވެ. ނަމަވެސް މުވައްޒަފުންނަށް ލުއިގޮތެއް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. މިޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެމްޕީއެލްގެ މުވައްޒަފުން ވަނީ ރައީސް އޮފީހާ ހަމައަށްވެސް މިމައްސަލައިގައި ގޮސްފައެވެ.

މި ޕްރޮޖެކްޓްގައި ހިމެނެނީ އެއް ކޮޓަރީގެ 204 ސްޓޯޑިއޯ އެޕާޓްމަންޓާއި ޓޫ ޕްލަސް ވަން އެއީ ދެކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ ގޮތަށް 330 އެޕާޓްމަންޓެވެ. މިއީ ތިން ޓަވަރަށް އިމާރާތްކޮށްފައިވާ އެޕާޓްމަންޓްތަކެކެވެ.

ފްލެޓްތައް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ފްލެޓް މަޝްރޫޢު ކުރިޔަށްދިޔަ ގޮތާއި ގުޅޭގޮތުން ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޝާހިދު އަލީ ވިދާޅުވީ މަޝްރޫޢު އެންމެ ފުރަތަމަ ފެށުނުއިރު އޭރު ލަފާކުރި ވަރަށް ވުރެ އިތުރު ދެ ކަމަކަށް މިހާރު ޚަރަދުތައް ހިނގާކަމަށެވެ. ކޮންސްޓްރަކްޝަން އަގުގެ ގޮތުގައި އޭރު ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައިވަނީ 566 މިލިއަން ރުފިޔާއަށެވެ. މީގެއިތުރުން ލޭންޑް އެކިޔުޒޭޝަން ފީގެ ގޮތުގައި އެޗްޑީސީއަށް ދައްކަންޖެހެނީ 52 މިލިއަން ރުފިޔާއެވެ. މަޝްރޫޢު ކުރިޔަށްދާ ގޮތް ބަލާ ކޮލިޓީ ކޮންޓްރޯލް އާއި މަޝްރޫޢޫގެ ބީއޯކިޔުއާއި ކުރެހުންތަކާ އެއްގޮތަށް މަސައްކަތް ކުރިޔަށްދޭތޯ ބެލުމަށް ކޮންޓްރެކްޓް ކޮށްފައިވަނީ 1.295 މިލިއަން ރުފިޔާއަށެވެ.

ޝާހިދު ވިދާޅުވީ މިހާތަނަށް ހިޔާ ފްލެޓަށް ބޭނުންކުރެވުނު ލޯނުތަކަށް އަރާފައި ހުރި އިންޓަރެސްޓްގެ އަދަދަކީ 10.780 މިލިއަން ރުފިޔާ ކަމަށެވެ. މިމަޝްރޫޢަކީ ޑިޒައިން ބިލްޑް އުސޫލުން ކުރިޔަށްގެންދާ މަޝްރޫއެކެވެ. އެހެންކަމުން މަޝްރޫޢު ޑިޒައިންކުރާ ފަރާތުން އެޕްރޫވްކުރުމުން އެޑިޒައިނާ އެއްގޮތަށް މަސައްކަތް ކުރިޔަށްދާއިރު އާންމުކޮށް މިގޮތަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގައި ދިމާވާ ވޭރިއޭޝަން މައްސަލަ މިމަޝްރޫޢުގައިވެސް ދިމާވިކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިހުރިހާ ކަންކަމާއެކު ވޭރިއޭޝަންގެ އަގު މިހާތަނަށް 56 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި މިހާރު މިމަޝްރޫއަށް ދާނެކަމަށް އަންދާޒާކުރެވެ އަދަދަކީ 688،226،717.14 (ހަސަތޭކަ އަށްޑިހަ އަށް މިލިއަން ދެ ލައްކަ ސައްބީސް ހާސް ހަތް ސަތޭކަ ސަތާރަ ރުފިޔާ ސާދަ ލާރި) ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިހާތަނަށް މިމަޝްރޫޢޫގެ 81 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ޝާހިދު ވިދާޅުވީ މިހާތަނަށް އެމްޕީއެލުން ކޮންޓްރެކްޓަރަށް 488.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

ޝާހިދު ވިދާޅުވީ މިމަޝްރޫޢަށް މައިގަނޑު ގޮތެއްގައި ޚަރަދުކުރަނީ ކުންފުނީގެ ކޭޝް ފްލޯއިންކަމަށެވެ. އޭގެ ސަބަބުން އެމްޕީއެލުން ސަރުކާރަށް ދައްކަންޖެހޭ ޑިވިޑެންޑް ދެއްކުމުގައި ވަނީ ލަސްތަކެއް އައިސްފައެވެ. ޑިވިޑެންޑް ޑިފަރކުރުމަށް ޕްރޮޖެކްޓަށް ޚަރަދުކޮށްގެން ލޯނުގެ ގޮތުގައި މިހާތަނަށް 110 މިލިއަން ރުފިޔާ ނަގާފައިވެއެވެ. ޝާހިދު ވިދާޅުވީ މިމަޝްރޫޢު ހިންގުމަށް އެމްޕީއެލުން މިހާތަނަށް ޚަރަދުކުރި ފައިސާއަކީ މިމަޝްރޫޢު ނުހިންގިނަމަ ދައުލަތަށް އެކުންފުނިން ދައްކާނެ ފައިސާކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާރުގެ މެނޭޖްމަންޓާ ހަމައަށް ފްލެޓްތައް އައީ 2019 ވަނަ އަހަރުގެ ކުރީކޮޅުކަމަށެވެ. އޭރު އެމްޕީއެލްގެ ކުރީ މެނޭޖްމަންޓުން ވަނީ ފްލެޓާ ބެހޭ ގޮތުން މައުލޫމާތު ހިމެނޭ ލީފްލެޓްތަކެއް ހުރިހާ މުވައްޒަފުންނަށް ބަހާ އެމައުލޫމާތު ދީފައިކަމަށެވެ. ލީފްލެޓްތަކުގައި ހިމެނެނީ ފްލެޓްގެ އަގާއި ފްލެޓަށް ފައިސާ ދައްކާނެ ގޮތާއި ފްލެޓަށް ކުރިމަތިލާނެ ގޮތްކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭގައި ފައިސާ ދެއްކުމަށް އޮތީ ދެ ގޮތެއް ކަނޑައަޅާފައެވެ. އެއް ގޮތަކީ ފްލެޓް ލިބޭ މުވައްޒަފުން އެއް ފަހަރާ ފައިސާ ދެއްކުމެވެ. އަނެއް ގޮތަކީ ބޭންކު ނުވަތަ ފައިނޭންސް އިންސްޓިޓިއުޓެއް މެދުވެރިވެގެން އެމްޕީއެލްއަށް އެއްފަހަރާ ފައިސާ ދައްކާ އެލޯނު އެމުވައްޒަފަކު އެފައިނޭންޝަލް އިންސްޓިޓިއުޓަކަށް ނުވަތަ ބޭންކަކަށް ދައްކާ ހަލާސްކުރަމުން ގެންދިޔުމެވެ.

އޭގެފަހުން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ފްލެޓަށް އެދޭއިރު ހުންނަންޖެހޭ ކްރައިޓީރިއާ އާ ގުޅޭގޮތުން ލަފައެއް ލިބުނުކަމަށް ޝާހިދު ވިދާޅުވިއެވެ. އެއީ ނޭޝަނަލް ހައުސިންގ ޕޮލިސީއާ އެއްގޮތަށް ކްރައިޓީރިއާ ޕްރޮސެސް ގެންދިޔުމެވެ. އެހެންކަމުން ކުރިން އަމަލުކުރަމުން އައި އުސޫލު އުވާލުމަށްފަހު އަލުން އައު ކްރައިޓީރިއާއެއް ހަދާ އެ ކްރައިޓީރިއާގެ ދަށުން ކަންކަން ކުރިޔަށްގެންދިޔަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ފްލެޓްތަކަށް މީހުން ނެގުމުގައި އައު ކްރައިޓީރިއާ ހެދި ފްލެޓް ލިބުނު ފައިނަލް ލިސްޓް އާންމުކުރެވުނުއިރު އެމްޕީއެލްގެ މެނޭޖްމަންޓާއި ބޯޑަށްވެސް އެނގޭ އެއް ހަގީގަތަކީ ކަނޑައެޅިފައިވާ ގޮތަށް ގިނަ މުވައްޒަފުންނަށް އެއް ފަހަރާ ފައިސާ ނުދެއްކޭނެ ކަންކަމެވެ. އެއީ ޑައުންޕޭމަންޓު ނެތި އެއްފަހަރާ ފައިސާ ދައްކާނަމަ އެއީ ޓައިޕް ވަން ސްޓޫޑިއޯ އެޕްޓާމަންޓަށް 8 ލައްކަ ރުފިޔާ ކަމަށާއި ޓޫޕްލަސް ވަން އެޕާޓްމަންޓްތަކަށް 1.5 މިލިއަން ރުފިޔާކަމަށެވެ.

ޝާހިދު ވިދާޅުވީ ފައިނޭންޝަލް އިންސްޓިޓިއުޓް މެދުވެރިވެގެން އެކަން ކުރެވޭނެ މުވައްޒަފުން މަދުކަމަށެވެ. އެއީ ކްރެޑިޓަށް ދެނީ މަހަކު ވަކިވަރަކަށްވުރެ މަތިން ފައިސާ ލިބޭކަމަށް ވާނަމައެވެ.

އެހެންކަމުން މުވައްޒަފުންނަށް ލުއި ގޮތެއް ހޯދުމަށްޓަކައި އެމްޕީއެލްގެ ބޯޑާއި މެނޭޖްމަންޓް މަޝްވަރާކުރުމަށްފަހު ނިންމީ ޑައުންޕޭމަންޓަށް 20 އިންސައްތަ ނެގުމަށްފަހު ބާކީ ބައި އެމްޕީއެލްއަށް މުވައްޒަފުންގެ މުސާރައިން ކަނޑާގޮތަށް ނުވަތަ އެމުވައްޒަފަކު މަހުން މަހަށް ފައިސާ ދައްކާ ގޮތަށް 20 އަހަރު ދުވަހަށް ބަހާލުންކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން އެމްޕީއެލްގެ ޚާއްސަ ފައިނޭންޝަލް ސްކީމެއް ތަޢާރަފްކުރިކަމަށް ޝާހިދު ވިދާޅުވިއެވެ.

ނަމަވެސް އޭގެފަހުން 20 އިންސައްތަ ޑައުންޕޭމަންޓް ދެއްކުމަށްފަހު ބާކީއިން ބައި 20 އަހަރުން ދެއްކުމުގައި ދަތިކަމަށް މުވައްޒަފުންގެ ފަރާތުން ސިޓީއެއް ލިބުނުކަމަށް ޝާހިދު ވިދާޅުވިއެވެ. އޭގެފަހުން މުވައްޒަފުން ރައީސް އޮފީހަށް ގޮސް ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރުމުން ފަހުން ރައީސް އޮފީހުން މަޝްވަރާކުރެވި ދެ ގޮތެއް ދެވުނުކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ފްލެޓަށް ފައިސާ ދެއްކުމުގައި ހުރި ގޮތްތަކާއި އެމްޕީއެލްގެ ޚާއްސަ ސްކީމުގެ މައުލޫމާތުތައް މުވައްޒަފުންނަށް އަރުވާފައިވާނެކަމަށެވެ. އަދި މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލެޓަށް ވަންނައިރު ކުރަންޖެހޭ ޚަރަދު ބޮޑުވެ ޑައުންޕޭމަންޓް ބޮޑުވުންކަމަށެވެ. ނަމަވެސް އެމްޕީއެލުން މަސައްކަތްކުރަން ޖެހެނީ ފައިނޭންސް ބެލެންސްކުރަމުން ކުރަން ހުރި އެހެން ޚަރަދުތައް ކޮށްގެން މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށްކަމަށެވެ.

ޝާހިދު ވިދާޅުވީ ޑައުންޕޭމަންޓް ނުދައްކާނަމަ އެފައިސާ މަހުން މަހަށް ދައްކަންޖެހޭ ބައިގެ ތެރެއަށް ވަންނާނެކަމަށެވެ.

މިމައްސަލައިގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯ އަދި ކުންފުނީގައި އުފައްދާފައި އޮންނަ ފްލެޓް ކޮމިޓީ ޗެއަރ ކުރައްވަމުން ގެންދަވާ އިބްރާހީމް އަބްދުﷲ ވިދާޅުވީ އެންމެ ފުރަތަމަ މެއިންޓަނަންސް ފީ އާ ނުލާ ސްޓޫޑިއޯ އެޕާޓްމަންޓަށް ކުލީގެ ގޮތުގައި ދައްކަން ކަނޑައަޅާފައިވަނީ 6000 ރުފިޔާކަމަށެވެ. ނަމަވެސް މިހާރު އެކުލި ވަނީ 4585 ރުފިޔާއަށް ކުޑަކޮށްފައި ކަމަށާއި ޓޫ ޕްލަސް ވަންގެ އެޕާޓްމަންޓްތަކަށް އެންމެ ފުރަތަމަ ކަނޑައަޅާފައިވަނީ 11500 ރުފިޔާކަމަށެވެ. ނަމަވެސް މިހާރު އެކުލި ވަނީ 8597 ރުފިޔާއަށް ކުޑަކޮށްފައިކަމަށެވެ. މިމައުލޫމާތުތައް ބަރާބަރަށް މުވައްޒަފުންނަށް ދެމުންދިޔަކަމަށް އަބްދުﷲ ވިދާޅުވިއެވެ.

މީގެއިތުރުން މެއިންޓަނަންސް ފީ އަގުބޮޑުކަމުގެ ޝަކުވާ އައުމާއެކު އެފީ ދިރާސާކުރުމަށްފަހު މިހާރު ޓޫޕްލަސް ވަންގެ އެޕާޓްމަންޓްތަކަށް މެއިންޓަނަންސް ފީ 1500 ރުފިޔާއިން 1200 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށާއި ސްޓޫޑިއޯ އެޕާޓްމަންޓްތަކުގެ މެއިންޓަނަންސް ފީ 900 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށެވެ.

މީގެއިތުރުން ބުކިންގ ފީގެ ގޮތުގައި ނެގުމަށް ހަމަޖެއްސި 25،000 ރުފިޔާ ބޮޑުކަމުގެ ކަންބޮޑުވުން މުވައްޒަފުން ރައީސް އާ ބައްދަލުކުރިއިރު ފާޅުކޮށްފައިވާތީ އެފީގެ 5000 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށެވެ. އެފައިސާ އެއްވެސް ތާކުން ނުކެނޑޭކަމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކުރުމުން މިހާރު ނިންމާފައިވަނީ އެންމެފަހު ޕޭމަންޓުން އެބައި ކަނޑާލުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލުން ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ ބަނދަރުތައް ރަނގަޅަށް ހިންގުމެވެ. ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއް ކްލިއަރ ކުރަނީ އެމްޕީއެލުންނެވެ. ވީއެންމެ އަވަހަށް މުދާ ކްލިއަރކޮށް މުދަލުގެ ވެރިފަރާތާ މުދާ ހަވާލުކުރުމަކީ އެމްޕީއެލްގެ ޒިންމާއެވެ. އެކަން ކުރުމަށް އިކުއިޕްމަންޓް ބޭނުންވެއެވެ. ޝާހިދު ވިދާޅުވީ މިހާރު ކުންފުނީގައި ބޭނުންކުރަމުން އަންނަ ގިނަ އިކުއިޕްމަންޓްތަކަކީ ވަރަށް ދުވަސްވެފައިވާ ތަކެތިކަމަށެވެ. އެހެންކަމުން މިތަކެތި އައު ކުރުމަކީ ކުންފުނިން ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމަށެވެ. 2019 ވަނަ އަހަރުން ފެށިގެން އެމަސައްކަތް ކޮންމެސް ވަރަކަށް ކުރެވެމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

ކުންފުނީގެ މާލީ ހާލަތާއި ގުޅޭގޮތުން އެމްޕީއެލްގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މުއިއްޒު ވިދާޅުވީ މަޝްރޫޢުގެ ފައިސާ ދެއްކުމާއި ގުޅޭ ކަންބޮޑުވުންތައް މުވައްޒަފުންގެ އެބަހުރިކަމަށާއި ނަމަވެސް މެނޭޖްމަންޓުން އެންމެ އިސްކަމެއްދީގެން ކުރަން އޮތް އެއްކަމަކީ ކުންފުނި ހިންގަން ބޭނުންވާ ފައިސާ ތާށި ނުވާނެ ގޮތަކަށް އަދި ބޮރޯކުރެވޭނެ ގޮތަކަށް ހުރުންކަމަށެވެ. ވޭތުވެދިޔަ ދެތިން އަހަރު ސަރުކާރަށް ދައްކަންޖެހޭ ޑިވިޑަންޑް ނުދައްކާ އޮތީ ހައުސިންގ މަޝްރޫޢުގެ ސަބަބުންކަމަށެވެ.

މީގެއިތުުރުން ކޮވިޑަށް ފަހު ގިނަ އަދަދެއްގެ މުދާ މިހާރު އަންނަން ފަށާފައިވާކަމަށާއި ބަނދަރަށް ބޭނުންވާ ބައެއް ސާމާނު ގެނައުމުގައި ލަސްތަކެއްވެފައިވާކަމަށެވެ. މިހާރު އެކަން ނުކޮށްފިނަމަ ކުރިޔަށް އޮތް ދެ އަހަރު ބަނދަރުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުވައްޒަފުންގެ ކަންބޮޑުވުމަކީ ޑައުންޕޭމަންޓް ބޮޑުވުމުގެ މައްސަލައެވެ. އެކަމާއި ގުޅޭގޮތުން ކުންފުނިން ބުނަމުން އަންނަނީ ޑައުންޕޭމަންޓް ނުނަގާ ކުންފުނި ހިންގޭވަރަށްވުރެ މާލީ ހާލަތު ދަށްކަމަށެވެ.

ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ކުންފުންޏަށް ބޮރޯކުރާއިރު ބޭންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުގެ ރިކުއަރމަންޓް ހުންނަ ގޮތުން އަތުގައި ހުންނަ ކޯލެޓްރަލް ސެކިޔުރިޓީއަށް ބިނާކޮށް ބޮރޯވިންގ ކެޕޭސިޓީ ކަނޑައަޅާފައި ހުންނަކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިހުރިހާ ކަންކަމާއެކުވެސް އިތުރު ގޮތެއް ހޯދޭތޯ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މުވައްޒަފުންގެ ފަރާތުން ލިބުނު ޚިޔާލުތަކާއި ރައީސް އޮފީހާއި މަޝްވަރާކޮށްގެން ލިބުނު ޚިޔާލުތަކަށް ބަލާ އިތުރު ގޮތްތަކެއް ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ވަނީ މިކަމުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތްތައް ސާފުކޮށްފައެވެ. އެއީ ހުށަހަޅާފައިވާ ޕެޓިޝަންގައި މިހާރު އޮތް އުސޫލުން މުވައްޒަފުންގެ ޕެންޝަން ފަންޑުގައި ހިމެނޭ ފައިސާއަކީ އެމްޕީއެލްގެ ޚާއްސަ ފައިނޭންސިންގެ ދަށުން އެޕާޓްމަންޓުގެ ޑައުންޕޭމަންޓަށް ދެއްކޭނެ ފައިސާ ނޫންކަމަށް ކުންފުނިން ކަނޑައަޅާފައިވާކަމަށް ބަޔާންކޮށްފައިވާތީއެވެ.

އެކަމާއި ގުޅޭގޮތުން ޕެންޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ސުޖާތާ ހަލީމު ކޮމިޓީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޕެންޝަން ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ގެދޮރު ގަތުމަށް ލޯނު ނަގާއިރު ކޮލެޓްރަލައިޒް ކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވޭކަމަށެވެ. މިހާރު އޮންނަ އުސޫލުން ލޯނު ނަގާނަމަ އެފައިސާ ރަހުނު ކުރެވޭނެކަމަށް ސުޖާތާ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން އިތުރަށް ތަފުސީލުދެއްވަމުން ޕެންޝަން އޮފީހުގެ ލީގަލް އެފެއާޒް އަބްދުﷲ ފިކުރީ ވިދާޅުވީ ޕެންޝަނާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނެވުނު ތިން ވަނަ އިސްލާހުގެ 26 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވަނީ މާލީ އިދާރާއަކުން ނުވަތަ ބޭންކަކުން ނަގާ ލޯނެއްގެ ޑައުންޕޭމަންޓްގެ ގޮތުގައި ޕެންޝަންގައި ހުރި ފައިސާ ރަހުނުގެ ގޮތުގައި ބޭނުންކުރެވޭނެކަމަށެވެ.

އެކަމާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ ޕެޓިޝަންގައި މުވައްޒަފުން ބުނަނީ އެފައިސާ އެމްޕީއެލްް އިން ނުނަގާ މައްސަލަކަމަށާއި އެގޮތަށް ފައިސާ ނުނެގޭ ކަމަށެވެ.

އެމްޕީއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު