ކ. މާލެ
|
12 ސެޕްޓެންބަރ 2022 | ހޯމަ 16:23
އިނގިރޭސީވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ
އިނގިރޭސީވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ
ގޫގުލް
ރާނީ އެލިޒަބަތުގެ ހަޔާތްޕުޅު
ރާނީ އެލިޒަބަތުގެ ހަޔާތްޕުޅުގެ މުހިންމު ތާރީހުތައް
 
ރާނީ އެލިޒަބަތު ކައިވެނި ބައްލަވައިގަތީ 1947 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު
 
ރާނީ ތަހުތަށް އަރާވަޑައިގެންނެވީ 1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން
 
އަވަހާރަވީ އުމުރުފުޅުން 96 އަހަރު ފުޅުގައި

އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ބޭފުޅަކީ ރާނީ އެލިޒަބަތު ދެވަނައެވެ. އިނގިރޭސީންގެ ރަސްކަމުގެ ޢިއްޒަތްތެރި ތަޚުތަށް ވެޑުވުނު ޖަލާލަތުލްމަލިކާ ކްއީން އެލިޒަބަތު ދެވަނަ, ރަނިކަމާ ހާލުވެވަޑައިގެންފައިވަނީ އުމުރުފުޅުން 25 އަހަރުފުޅުގައެވެ. އަދި އެކަމަނާ 70 އަހަރު ތަހުތުގައި އިންނެވިއެވެ. އަވަހާރަވީ އުމުރުފުޅުން 96 އަހަރުފުޅުގައެވެ. ރާނީ ތަހުތަށް ވަޑައިގެންނެވީ 1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެންނެވެ.

ރާނީ އެލިޒަބަތް 2 ވަނަ، އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅާއެކު ތުއްޕުޅު އިރު - ގެޓީ އިމޭޖަސް

ރާނީ އެލިޒަބަތު އުފަންވެވަޑައިގެންނެވީ 1926 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންޑަންގައެވެ. އެއީ ދަންވަރު 2:40 ހާއިރުއެވެ. އެކަމަނާއަށް ރަސްކަމުގެ ތަހުތު ވާރުތަވީ އުމުރުފުޅުން 10 އަހަރުގައި 1936 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ އޭރު ރަސްކަމުގައި ހުންނެވި އެކަމަނާގެ ބޮޑުބޭބޭފުޅު އެޑްވާޑް އަށްވަނަ ތަހުތު ދޫކޮށްލެއްވުމުންނެވެ. ބޮޑުބޭބޭފުޅު ތަހުތު ދޫކޮށްލެއްވުމުން ރަސްކަމަށް ވަޑައިގެންނެވީ އެކަމަނާގެ ބައްޕާފުޅު ޖޯރޖް ހަވަނަ އެވެ.

ރާނީ އެލިޒަބަތް 2 ވަނައިގެ ކައިވެނިފުޅުގެ ހަފްލާގެ ތެރެއިން - ގެޓީ އިމޭޖަސް

ރާނީ އެލިޒަބަތު ކައިވެނި ބައްލަވައިގަތީ 1947 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ ގްރީސްގެ އަމީރެއް ކަމުގައިވާ ފިލިޕް މައުންޓްބެޓަންއާއިއެވެ. ފުރަތަމަ ދަރިކަލުން ލިބިވަޑައިގެންނެވީ  ނޮވެމްބަރ 14، 1948 ވަނަ އަހަރުއެވެ. އެއީ  ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއެވެ. އަދި އޮގަސްޓް 15، 1950 ވަނަ އަހަރު ޕްރިންސެސް އޭން ލިބިވަޑައިގެންނެވިއެވެ.

1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ރާނީ އަދި ފިރިކަލުން ފިލިޕް، ބައްޕާފުޅުގެ ބަދަލުގައި އެފްރިކާއަށް ކުރައްވަމުން ގެންދެވި ޝާހީ ދަތުރުފުޅުގެ ތެރެއިން ބައްޕާފުޅު ރަސްގެފާނު ޖޯޖް ހަވަނަ ކުއްލި ގޮތަކަށް އަވަހާރި ހަބަރު އެކަމަނާއަށް ލިބިވަޑައިގަތެވެ.

ރާނީ އެލިޒަބަތް 2 ވަނައިގެ ބައްޕާފުޅު ކިންގް ޖޯޖް އަވަހާރަވި ދުވަހު ކަޅުހެދުމުގައި ކާރުކޮޅު ތެރޭގައި - އޭޕީ

އެފްރިކާއަށް ކުރައްވަމުން ގެންދެވި ޝާހީ ދަތުރުފުޅުގައި އުޅުއްވަނިކޮން ބައްޕާފުޅު އަވަހާރަ ވުމުން ރާނީ އެލިޒަބަތު ވެގެން ގޮސްފައިވަނީ 200 އަހަރުގެ ތެރޭގައިވެސް ގައުމުން ބޭރަށް ވަޑައިގެންހުންނަވަނިކޮށް ތަޚުތު ލިބިވަޑައިގެންނެވި ފުރަތަމަ ބޭފުޅާއަށެވެ.

ރާނީ އެލިޒަބަތް 2 ވަނަ ރަނިކަމަށް އިސްކުރެއްވުނު ދުވަހު - އޭޕީ

ޓީވީން ފުރަތަމަ ފަހަރަށް ދުރަށް ދެއްކި ހަފްލާގައި އެކަމަނާއަށް ރަސްމީކޮށް ރަނިކަން ހަވާލުކުރެއްވީ ޝާހީ ފައްޅިއެއްކަމަށްވާ ވެސްޓްމިނިސްޓަރ އަބޭގައެވެ. އެއީ ޖޫން 2، 1953 ގައެވެ. ކޮމަންވެލްތު ގައުމު ތަކަށް ފެއްޓެވި ދަތުރުފުޅެއް އެ އަހަރުގެ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު ފައްޓަވާ 43،618 މޭލުގެ ދަތުރުފުޅެއް ކުރެއްވިއެވެ.

ރާނީ އެލިޒަބަތް 2 ވަނައިގެ އާއިލާ - އޭޕީ

ފެބްރުއަރީ 19، 1960 ގައި ރާނީ އަށް ދެވަނަ ފިރިހެން ދަރިކަލުން ޕްރިންސް އެންޑްރޫ ލިބިވަޑައިގެންނެވިއެވެ. އަދި 1964 ވަނަ އަހަރުގެ މާޗް 10 ވަނަ ދުވަހު އެންމެ ހަނގު ދަރިކަލުން ޕްރިންސް އެޑްވަރޑް ލިބިވަޑައިގެންނެވިއެވެ.

ރާނީ އެލިޒަބަތް 2 ވަނަ ތަހުތުގައި 25 އަހަރުވުން ކުލަގަދަކޮށް ފާހަގަކުރައްވާފައިވޭ - އޭޕީ

1977 ވަނަ އަހަރު ރަނިކަމުގައި 25 އަހަރު ހޭދަކުރައްވާ ސިލްވަރ ޖުބްލީ ފާހަގަކުރެއްވިއެވެ. މި އަހަރުގެ ތެރޭގައިވެސް ކޮމަންވެލްތްގެ ގައުމުތަކަށް އެކަމަނާ ދަތުރުފުޅެއް ކުރެއްވިއެވެ.

ޖުލައި 29، 1981 ގައި ޕްރިންސް ޗާލްސް، ލޭޑީ ޑަޔާނާއާއި ކުލަގަދަ ހަފްލާއެއްގައި ކައިވެނި ބައްލަވައިގަތް - އޭޕީ

ޖުލައި 29، 1981 ގައި ޕްރިންސް ޗާލްސް، ލޭޑީ ޑަޔާނާއާއި ކުލަގަދަ ހަފްލާއެއްގައި ކައިވެނި ބައްލަވައިގަތެވެ. ޖޫން 21، 1982 ގައި ޕްރިންސް ޗާލްސް އަދި ޕްރިންސެސް ޑަޔާނާގެ ފުރަތަމަ ދަރިކަލުން، ޕްރިންސް ވިލިއަން އުފަންވެވަޑައިގެންނެވިއެވެ. އަދި ސެޕްޓެމްބަރ 15، 1984 ވަނަ އަހަރު ޕްރިންސް ޗާލްސް އަދި ޑަޔާނާގެ ހަގު ދަރިކަލުން ޕްރިންސް ހެރީ އުފަންވެވަޑައިގެންނެވިއެވެ.

ޕްރިންސް އެންޑްރޫ، ސާރާ ފުޖިސަންގެ ކައިވެނިފުޅު - ފޭސްބުކް

ޖުލައި 23، 1986 ވަނަ އަހަރު ޕްރިންސް އެންޑްރޫ، ސާރާ ފަރގަސަން އާއި ކައިވެނި ބައްލަވައިގަތެވެ.

ރާނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރުކުރައްވަނީ - ފޮކްސް

1991ގެ މެއި 14ން 26ށް ރާނީ އެމެރިކާއަށް ވަޑައިގެން، އެގައުމުގެ ކޮންގްރެސްގައި ފުރަތަމަ ފަހަރަށް ތަގްރީރުކުރެއްވި އިގިރޭސި ވެރިއަކަށް ވެވަޑައިގެންނެވިއެވެ. ތަހުތުގައި 40 އަހަރުވިތަނުން ރަނިކަމުގައި ދިމާވި އެންމެ އުނދަގޫ ދުވަސްތަކާއި ކުރިމަތިލެއްވިއެވެ. އެއީ ޝާހީ ކައިވެއްޏެއް ރޫޅިގެން ދިއުމާއި، އާންމުންގެ ފަރާތުން ލިބިވަޑައިގެންނެވި ނުރުހުމުގެ ބަސްތަކުންނެވެ.

މާޗް 19 1992 ގައި އެންޑްރޫ އަދި ސާރާ ވަކިވެވަޑައިގެންނެވިކަން އިއުލާން ކުރެއްވި - ފޮކްސް

މާޗް 19 1992 ގައި އެންޑްރޫ އަދި ސާރާ ވަކިވެވަޑައިގެންނެވިކަން އިއުލާން ކުރެއްވިއެވެ. އެޕްރީލް 13 1992 ގައި ޕްރިންސެސް އޭން އަދި މާކް ފިލިޕްގެ ކައިވެނިފުޅު ރޫޅިގެން ދިޔައެވެ. ނޮވެމްބަރ 10 1992 ގައި ވިންޑްސަރ ގަނޑުވަރުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ގަނޑުވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެ އަހަރުގެ ނޮވެމްބަރ 26 ގައި އިންކަމް ޓެކްސް ދައްކަން ރާނީ އެއްބަސްވެވަޑައިގެންނެވިއެވެ. އަދި ޖެހިގެން އައި ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހު ޗާލްސް އަދި ޑަޔާނާ ވަކިވެވަޑައިގެންފިކަން އިއުލާން ކުރެއްވިއެވެ.

ޑިސެމްބަރ 20 1995 ގައި ޗާލްސް އަދި ޑައާނާ ކައިވެނި ރޫޅުމަށް ރާނީ ސިޓީފުޅެއް ލިޔުއްވިކަމަށް ބަކިންހަމް ޕެލެސްއިން އާންމުކުރި - ލަންޑަން ޕޯސްޓް

މާޗް 20 1995 ގައި އިގިރޭސި ވެރިއެއްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރުކުރެއްވިއެވެ. މިއީ 1947 ގެ ފަހުން ދެކުނު އެފްރިކާގެ މަޖިލީހުގައި ތަގްރީރުކުރެއްވި ފުރަތަމަ ވެރިޔާއެވެ.

ޑިސެމްބަރ 20 1995 ގައި ޗާލްސް އަދި ޑައާނާ ކައިވެނި ރޫޅުމަށް ރާނީ ސިޓީފުޅެއް ލިޔުއްވިކަމަށް ބަކިންހަމް ޕެލެސްއިން އާންމުކުރިއެވެ. އަދި އޮގަސްޓް 28 1996 ގައި ދެބޭފުޅުންގެ ކައިވެނި ނިމުމަކަށް ގެންނެވިއެވެ.

އޮގަސްޓް 31 1997 ގައި ޑައާނާ އަދި އެކަމަނާގެ ބައިވެރިޔާ، މިލިއަނަރު ޑޯޑީ އަލް-ފާއިދު ކާރު އެކްސިޑެންޓެއްގައި އަވަހާރަވިއެވެ. ކާރު އެކްސިޑެންޓްވީ ޕެރިސްގެ ފޮޓޯގްރާފަރުން ކާރު ފަހަތުން ސައިކަލުގައި ފޮޓޯ ނަގަން ދުއްވާކަން އެގިވަޑައިގެން އެމީހުނަށް އަތުނުވުމަށް މާބާާރަށް ކާރު ދުއްވުމުގެ ސަބަބުންނެވެ. އަދި މިކަމާއި ގުޅިގެން ރާނީ އަދި ޝާހީ އާއިލާއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވިއެވެ.

ޑަޔާނާ އިންނެވި ކާރުކޮޅު އެކްސިޑެންޓްވެފައި - ދި ޓަައިމްސް

ނޮވެމްބަރ 20 1997 ގައި ޕިލިޕް އަދި ރާނީގެ ކައިވެނިފުޅަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެތައްހާސް ބަޔަކު ދެބޭފުޅުންނަށް މަރުހަބާ ދެންނެވިއެވެ.

ފެބްރުއަރީ 9 2002 ގައި ރާނީގެ ކޮއްކޯފުޅު ޕްރިންސެންސް މާގްރެޓް އުމުރުފުޅުން 71 އަހަރު ފުޅުގައި އަވަހާރަވިއެވެ. އެ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ރާނީގެ މަންމާފުޅު އެލިޒަބަތު 101 އަހަރު ފުޅުގައި އަވަހާރަވިއެވެ. އަވަހާރަވީ ވިންޑްސަރ ގަނޑުވަރުގައެވެ.

2002 ވަނަ އަހަރު ޖެހިޖެހިގެން އައި 2 މަހުގެ ތެރޭގައި ރާނީގެ މަންމާފުޅު އަދި ކޮއްކޯފުޅު އަވަހާރަވި - އިންސައިޑަރ

އެ އަހަރުގެ ޖޫން 1ން 4ށް ރާނީގެ ގޯލްޑަން ޖުބިލީގެ ހަރަކާތްތައް މުޅި ގައުމުގައި ފާހަގަކުރިއެވެ. 2005 އެޕްރީލް 9 ގައި ދަރިކަލުން އަދި ތަހުތަށް އިސްވެވަޑައިގަންނަވާނެ ޕްރިންސް ޗާލްސް ކެމިލާ ޕާކަރ އާއި ކައިވެނި ބައްލަވައިގަތެވެ. 2011 އެޕްރީލް 29 ގައި މާމަ ދަރިކަލުން ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓޮންގެ ކައިވެނީގެ ހަފްލާފައި ބައިވެރިވެވަޑައިގެންނެވިއެވެ.

2011 މެއި 17ން 20ށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާނީ އަޔަރލަންޑަށް ވަޑައިގެންނެވިއެވެ. މިއީ އަޔަރލަންޑް ބްރިޓިޝްގެ އަތްދަށުން މިނިވަންކަން 1921 ވަނަ އަހަރު އިއުލާންކުރި ފަހުން، ބްރިޓިޝް ވެރިއެއް އެގަމުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

2012 ޖޫން 2ން 5ށް ރާނީގެ، ރަނިކަމުގެ 60 ވަނަ އަހަރު ކުލަގަދަކޮށް ފާހަގަކުރެއްވި - އިންސައިޑަރ

2012 ޖޫން 2ން 5ށް ރާނީގެ، ރަނިކަމުގެ 60 ވަނަ އަހަރު ކުލަގަދަކޮށް ފާހަގަކުރެއްވިއެވެ. ޖެހިގެން އަދި 2013 ވަނަ އހަރުގެ ޖުލައި 22 ވަނަ ދުވަހު ޕްރިންސް ވިލިއަމް އަދި އަނބިކަނބަލުން ކޭޓްއަށް ޕްރިންސް ޖޯޖް ލިބިވަޑައިގެންނެވިއެވެ.

2014 ޖޫން 23ން 26ށް ބޭރުގައުމަކަށް ކުރައްވާ އެންމެ ފަހު ދަތުރުފުޅު ޖަރުމަނަށް ކުރެއްވިއެވެ. އެ އަހަރުގެ ސެޕްޓެމްބަރ 9 ވަނަ ދުވަސް ފާހަގަކުރެވިގެން ދިޔައީ ތަހުތުގައި އެންމެ ގިނަ ދުވަސްވީ ވެރިޔަކީ ރާނީކަމުގައި އިއުލާން ކުރެވިގެންނެވެ. އެއީ އެކަމަނާގެ މުނި މުނި މާމަ ރާނީ ވިކްޓޯރިއާއަށްފަހު އެންމެ ގިނަ ދުވަސް ވަންދެން ރަނިކަން ކުރެއްވި ބޭފުޅާގެ ގޮތުގައެވެ.

ވިލިއަމް އަދި ކޭޓްގެ އާއިލާ - ޔޫއެސްއޭ ޓުޑޭ

މެއި 2، 2015 ގައި ވިލިއަމް އަދި ކޭޓްގެ އަންހެން ދަރިކަނބަލުން ޕްރިންސަސް ޗާލޮޓް އުވަންވެވަޑައިގަތެވެ. ޖެހިގެން އައި 2016 ވަނަ އަހަރުގެ އެޕްރީލް 21 ގައި ރާނީ އެކަމަނާގެ 90 ވަނަ އުފަންދުވަސް ފާހަގަކުރެއްވިއެވެ. އަދި 2017 ވަނަ އަހަރު ރާނީ އަދި ފިރިކަލުން ފިލިޕް ދެބޭފުޅުންގެ ކައިވެންޏަށް 70 އަހަރު ފުރުން ފާހަގަކުރެއްވިއެވެ.

އެޕްރީލް 23، 2018 ގައި ވިލިއަމް އަދި ކޭޓްގެ އެންމެ ހަގު ދަރިފުޅު ޕްރިންސް ލުއީ އުފަންވެވަޑައިގަތެވެ. އެއަހަރުގެ މެއި 19 ވަނަ ދުވަހު ރާނީގެ މާމަ ދަރިކަލުން ޕްރިންސް ހެރީ، މޭގަން މާކަލް އާއި ކައިވެނިބައްލަވައިގަތެވެ.

ޕްރިންސް ވިލިއަމަ އަދި ޕްރިންސް ހެރީ - ޔޫއެސްއޭ ޓުޑޭ

ޖެހިގެން އަދި 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު ޕްރިންސް ވިލިއަމް އަދި ޕްރިންސް ހެރީއާއި ދެމެދު އޮތް ނުތަނަވަސްކަން އާންމުންނާ ހަމައަށް ތިލަވަގެންދިޔައެވެ. މިއާއެކު އާއިލާ ތެރޭގައި ރެދުލާފައިވާކަމަށް ދެކެވެމުން އައި ވާހަކަތަކުގެ ހަގީގަތް ހާމަވެގެން ދިޔައެވެ.

ޖޫން 8 2020 ގައި ހެރީ އަދި މޭގަން ޝާހީ ކަންކަމުން އެކަހެރިވެވަޑައިގެން ލޮސްއެންޖެލެސްއަށް ބަދަލުވެވަޑައިގެންނެވިއެވެ. ޖެހިގެން އައި 2021 ވަނަ އަހަރުގެ އެޕްރީލް 9 ވަނަ ދުވަހު ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އުމުރުފުޅުން 99 އަހަރުގައި އަވަހަރާވިއެވެ. އެ އަހަރުގެ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު ބައެއް ޓެސްޓްތައް ހައްދަވަން ރާނީ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނެވެ. ރޭ ހޭދަކުރެއްވި ހޮސްޕިޓަލުގައެވެ.

ރާނީއަށް ފަރުވާ ދެވުނު ލަންޑަން ހޮސްޕިޓަލުން ނުކުމެވަޑައިގަންނަވަނީ - އިންސައިޑަރ

ބަރބަޑޯސް ޖުމްހޫރިއްޔަތެއްގެ ގޮތުގައި އިއުލާން ކުރެވިގެން ދިޔައީ ނޮވެމްބަރ 30، 2021 ގައެވެ. މިއާއެކު ރާނީގެ ވެރިކަން ހިނގާނީ 15 ގައުމުގެ ގޮތުގައި ވެގެންދިޔައެވެ.

ފެބްރުއަރީ 6، 2022 ގައި ރަނިކަމުގައި 70 އަހަރު ފާހަގަކުރެއްވިއެވެ. އަދި ޗާލްސް ރަސްކަމަށް ވަޑައިގެންފިނަމަ، އަނބިކަނބަލުން ކެމިލާ އަށް ކްއީން ކޮންސޯޓްގެ ލަގަބު ދެއްވިއެވެ.

ފެބްރުއަރީ 20، 2022 ގައި ރާނީ ކޮވިޑް-91ށް ޕޮޒިޓިވްވެވަޑައިގެންނެވިއެވެ. ފަހުން ބަލިން ފަސޭހަވެ ރަސްމީ މަސައްކަތަށް ނުކުމެވަޑައިގެންނެވިއެވެ. ޖޫން 2ން 5ށް 4 ދުވަސް ވަންދެން އެކަމަނާގެ ޕްލެޓިނަމް ޖުބްލީ ފާހަގަކުރެވުނެވެ. ނަމަވެސް ބަލިހާލުކޮޅު ހުރި ގޮތުން ބައެއް އިވެންޓްތަކަށް ރާނީ ވަޑައިނުގަންނަވައެވެ.

ޔޫކޭގެ ބޮޑުވަޒީރު ލިޒް ޓްރަސް ރާނީއާއި ބައްދަލުކުރައްވަނީ - އަލްޖަޒީރާ

ސެޕްޓެމްބަރ 6، 2022 ގައި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިސްތިއުފާ ގަބޫލުކުރައްވާ އެ މަގާމަށް ލިޒް ޓްރަސް އައްޔަން ކުރެއްވިއެވެ. މިއީ އެކަމަނާގެ ދައުރުގައި ޔޫކޭއަށް އައްޔަން ކުރެއްވުނު 15 ވަނަ ބޮޑުވަޒީރެވެ. އަދި މިއީ ރަސްމީ މަސައްކަތުގެ ތެރެއިން ކުރައްވާ އެންމެ ފަހު މަސައްކަތް ގޮތުގައި ވެގެންދިޔައެވެ.

ސެޕްޓެމްބަރ 8، 2022 ބަލްމޯރަލް ޕެލެސްގައި އުމުރުފުޅުން 96 އަހަރުގައި އެކަމަނާ އަވަހާރަވިއެވެ.

ރާޏީ ގެ ޖަނާޒާ ސެޕްތްމްބަރުމަހުގެ 19 ވަނަ ދުވަހު ބާއްވާގޮތަށް މިހާރު ވަނީ އިއުލާނު ކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
11%
0%
11%
11%
0%
67%
ކޮމެންޓް