ހިލްމުވެރި އަދި ހިކުމަތްތެރި ޖީލެއް ބިނާކޮށްދިނުމަށް އެންމެހައި މުދައްރިސުންނަށާއި ބެލެނިވެރިންނަށް ރައީސް އިލްތިމާސްކުރެއްވި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަނީ
މިއަދު ދަރިވަރުން ވިސްނަންވީ އެންމެ މުހިންމު އެއްކަމަކީ، އެ ކުއްޖެއްގެ އަމިއްލަ ރަށުގައި މައިންބަފައިންނާއި އާއިލާއާ އެކުގައި ތިބެގެން ގައުމަށް ޚިދުމަތްކުރެވެން އޮތީ ކޮން ގޮތަކަށްތޯ ބެލުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ބުދަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ އެތައް މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ހިނގަމުންދާކަމަށެވެ. ޒަރޫރީ ޚިދުމަތްތައް ނެތް ކިތަންމެ ރަށެއްގައި އެ ޚިދުމަތްތައް ގާއިމުކުރެވިގެންދާކަމަށާއި އެއިން ކޮންމެ ޚިދުމަތަކީ ވަޒީފާގެ އެތައް ފުރުސަތެއްކަމަށް ރައީސް ވިދާޅުވިއެވެ. ބޭނުންވަނީ، އެ ވަޒީފާތައް އަދާކުރާނެ ހުނަރުވެރި، ފަންނުވެރި އަދި ތައުލީމީ ދިވެހި ޒުވާނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ތައުލީމީ ޒުވާން ޖީލެއް ފައްކާވެ ގައުމީ ޚިދުމަތަށް ނުކުންނައިރު، ނަތީޖާ ނެރެވޭނެ މަގުތައް ކޮށައިދިނުމަކީވެސް ސަރުކާރުން ކުރަންޖެހޭކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ޒަމާން ބަދަލުވެ ވަސީލަތްތައް ތަފާތުވެއްޖެކަމަށެވެ. ކަންކަންކުރަމުން އައި އާދަކާދަ ބަދަލުވެ ސިޔާސަތުތައް ކަނޑައެޅުމާއި ތަރައްގީގެ ރޭވުންތަކުގައި ރައްޔިތުންގެ ދައުރުފުޅާވެ އަންހެނުންގެ ބައިވެރިވުން އިތުރުވެފައިވާކަމަށެވެ. ރައްޔިތުން ތަރައްގީއަށް ކުރާ އުންމީދުތަކާ އެއް މިސްރާބަކަށް ސަރުކާރުގެ ތައުލީމީ ސިޔާސަތުވެސް މިވަނީ ދީލާލެވިފައިކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސަތުތައް ތަންފީޒުކުރުމަށް ސްކޫލްތަކުގެ އިސްވެރިންނާ މުދައްރިސުންނާއި މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކުރާކަން ގަބޫލުފުޅުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. ކުރީ އަހަރުތަކާ އަޅައިބަލާއިރު ސާނަވީ އިމްތިހާނުގެ މިއަހަރުގެ ނަތީޖާ ރަނގަޅުވެފައިވުމަކީ އެކަމުގެ ހެތްކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މުހިންމު ކާމިޔާބީ ފާހަގަކުރާއިރު، އިލްމު ލިބިފައިވާ ހިލްމުވެރި އަދި ހިކުމަތްތެރި ޖީލެއް ބިނާކޮށްދިނުމަށް، އެންމެހައި މުދައްރިސުންނަށާއި ބެލެނިވެރިންނަށް ރައީސް އިލްތިމާސްކުރެއްވިއެވެ. ހަމައެފަދައިން، މަތީ ތައުލީމް ހާސިލުކުރުމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ދަރިވަރުންނަށް ހިފޭނެ ގޮތަކަށް ހަމަޖައްސައިދިނުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ދަރިވަރުންގެ ވިސްނުން މިއަދު އަމާޒުކުރަންވީ ގައުމު ބިނާކުރުމަށް ކަމަށާއި ގައުމު ބިނާކުރުމުގެ ފެށުމަކީ އަމިއްލަ ނަފްސު ބިނާކުރުންކަމަށެވެ. ގައުމަށްޓަކައި ތިމާގެ ކިބައިގައި އުފައްދަންވީ ކޮންކަހަލަ ޝަޚްސިއްޔަތެއްކަން ކަނޑައެޅުންކަމަށާއި އެފަދަ ޝަޚްސިއްޔަތެއްގައި ހުންނަންޖެހޭނެ އިލްމީ ގާބިލްކަމާއި ފަންނީ ހުނަރުވެރިކަން ލިބިގަތުމަށް މަސައްކަތްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ތައުލީމުގެ ވާހަކައާއި ކިޔަވައިގެން ރަނގަޅު ނަތީޖާ ހާސިލްކުރާ ކުދިންގެ އަގު ވަޒަންކުރަނީ ވަރަށް މުހިންމު މަގުސަދެއް އެކަމުގައި އޮތީމައިކަމަށެވެ. އަދި ކިޔަވައިގެން މޮޅުވުމަށް އިތުރު ފުރުސަތުތައް ހޯދައިދެނީ ވަރަށް މުހިންމު އަމާޒެއްވެސް އޮތީމައިކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ތައުލީމީ، ހުނަރުވެރި، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
މި ނިމުނު ދިރާސީ އަހަރަކީ، ރާއްޖޭގައި މަތީ ސާނަވީ އިމްތިހާނުތަކާއި ސާނަވީ އިމްތިހާނުތަކުގެ އެންމެ ނަތީޖާ ރަނގަޅު އަހަރެވެ. ސާނަވީ ތައުލީމު ނިންމައި މިއަހަރު ދިވެހިރާއްޖެއިން 5955 ދަރިވަރުން އެސް.އެސް.ސީ އަދި އޯލެވެލް އިމްތިހާނުތަކުގައި ބައިވެރިވިއިރު، މަތީ ސާނަވީ ތައުލީމު ނިންމައި ރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފައެވެ. ސާނަވީ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 757 ދަރިވަރުން ވަނީ ގައުމީ ގަދަ 10ގައި ހިމެނިފައެވެ. އަދި، 13 ދަރިވަރުން ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10ގައި ހިމެނިފައިވާއިރު، 6 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ހާސިލުކޮށްފައެވެ. މީގެއިތުރުން، މަތީ ސާނަވީ އިމްތިހާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރުން ގައުމީ ގަދަ 10ގައި ހިމެނިފައިވާއިރު، 41 ދަރިވަރުން ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން ތެރެއިން 52 ވަނައެއް ހާސިލުކޮށްފައެވެ.