Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންސާފް

ރާއްޖެ އިން ވެސް ސަދޫމުގެ ސިފަތައް!

16 ޖޫން 2017 | ހުކުރު 09:36

ފަނޑިޔާރުންނަށް ރިޝްވަތު ހިފުމުގެ ތުހުމަތު އެތައް ބަޔަކު ދަނީ ކުރަމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 16 ޖޫން 2017 | ހުކުރު 09:36
ބްލޮގާ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުންގެ ފޮޓޯ: މީހުން މެރުމާއި އެނޫން ވެސް އަނިޔާވެރި އަމަލުތައް ވަނީ ގިނަވެފައި

ބްލޮގާ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުންގެ ފޮޓޯ: މީހުން މެރުމާއި އެނޫން ވެސް އަނިޔާވެރި އަމަލުތައް ވަނީ ގިނަވެފައި

ސަދޫމު ނެތި ފަނާވެގެންދިޔަ ގޮތަކީ މިއުންމަތަށް އޮތް އިބުރަތެކެވެ. ސަދޫމަށް ވެގެންދިޔަ ގޮތުގެމަތިން އަޅުގަނޑުމެން ހަނދާން އާކޮށްލަން އެބަޖެހެއެވެ.

ސަދޫމުގެ ރައްޔިތުންނަށް އިސްލާމްދީނުގެ މަތިވެރި ރިސާލަތު ދެއްކެވުމަށްޓަކައި މާތްﷲ ލޫތު ޢަލައިހިއްސަލާމް ރަސޫލުކަމައިގެން ފޮނުއްވިއެވެ. ސަދޫމުގައި އިސްލާމްދީނަށް ގޮވާލެއްވުމުގެ ކަންތައް ކުރިއަށް ގެންދެވިއިރު ލޫތުގެ ފާނަށް އެރަށުން އާދަޔާ ޚިލާފު ކަންތައްތަކެއް ފެނިގެންދިޔައެވެ.

މީހުން މެރުމާއި އެއްޖިންސުން ޖިންސީގުޅުން ހިންގުމާއި އަންހެނުން ރޭޕްކުރުމާއި ދޮގު ހެކި ދިނުމާއި ރިޝްވަތު ހިފުން ފަދަ ހަޑިމުޑުދާރު އަނިޔާވެރި އަމަލުތައް ފެނިގެންދިޔައެވެ. އެފަދަ ނުބައި އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާ މެދު ޝަރީއަތް ކުރެވޭނެ ގޮތެއް ނޯވެއެވެ. ކުށްވެރިވަނީ އަނިޔާ ލިބޭ މީހާއެވެ. ކުށްކުރާ މީހާ ވަނީ މުޖާހިދަކަށެވެ.

ސަދޫމުގެ ފަނޑިޔާރުގެއަށް ހުށަހަޅާ މައްސަލަތައް ނިންމަނީ ފަނޑިޔާރުން ރިޝްވަތު ނަގައިގެންނެވެ. މީހުންނަށް ހުކުމް އިއްވަނީ ދޮގު ހެކި ދީގެންނެވެ. އެ ގައުމުގެ ފަނޑިޔާރުންވެފައި ވަނީ މީހުންނަށް އަނިޔާވެރިވާ ބައެއްގެ ގޮތުގައެވެ.

އަނިޔާވެރިކަން ހައްދުން ނައްޓާ މިންވަރަށް ސަދޫމުގެ ކަންތައް ދިޔުމުން އަނިޔާވެރީން އުޅޭ ފާސިދު ގައުމުގެ މައްޗަށް ނަސްރުދެއްކުވުމަށް އެދި މާތްﷲ ގެ ހަޟުރަތުގައި ދުއާދެންނެވިއެވެ. ލަސްތަކެއްނުވެ އެ ދުއާ އިޖާބަ ކުރެއްވުމުގެ އަލާމާތްތައް ފާޅުވާން ފެށިއެވެ.

އިންސާނުންގެ ސިފައިގައި ތިއްބެވި މަލާއިކަތުން ސަދޫމަށް ފޮނުއްވިއެވެ. ބުރުސޫރައިގެ ގޮތުންނާއި ފޭރާމުގެ ގޮތުން އެންމެ ރީތި ފިރިހެނުންގެ ސިފައިގައި ތިއްބެވި އެބޭކަލުން ވަޑައިގަތުމުން އެރަށު މީހުން ހައިރާންވެ އަންތަރީސްވިއެވެ.

މަލާއިކަތުން ލޫތުގެ ފާނަށް ދެންނެވިއެވެ. ތިމަންނަމެން މިވަޑައިގަތީ އެ ގައުމު ފަނާކޮށްލުމަށެވެ. ހަމަކަށަވަރުން އެގައުމުގެ އަހުލުވެރިންވީ އަނިޔާވެރިން ކަމުގައި ކަމަށް މަލާއިކަތްބޭކަލުން ވިދާޅުވިއެވެ. ލޫތުގެ ފާނާއި ލޫތުގެ ފާނަށް ތަބާވި މީހުން ފިޔަވައި ލޫތުގެފާނުގެ އަނބިކަނބަލުން ހިމެނޭގޮތަށް އެގައުމުގައި ދެންތިބި އެންމެން ނެތި ކުރައްވާނެކަން އެންގެވިއެވެ.

ދެން ފެނިގެން ދިޔައީ އަނިޔާވެރިން ހަލާކުކޮށްލުމަށް ބޮޑެތި ހިލަކޮޅުތައް މަތިން ބާވައިލެއްވި މަންޒަރެވެ. އަނިޔާވެރިންގެ މައްޗަށް ބިންގަނޑު އަނެއްފުށަށް ޖައްސަވައި އެ ގައުމުގެ މަތިފުއް ދަށް ފުށަށް ޖައްސަވައި އަނިޔާވެރިން އަބަދުގެ އަބަދަށް ނެތި ފަނާވެގެންދިޔައެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި މިއަދު ކަންތައް ހިނގަމުން މިދަނީ ސަދޫމުގައި ކަންތައްތައް ހިނގައިދިޔަ ގޮތަށެވެ. ރިޝްވަތު މި ދިވެހި މުޖުތަމައުގައި މިވަނީ ހައްދުފަހަނައަޅާ މިންވަރަށް އާންމުވެފައެވެ. ފަނޑިޔާރުންވެސް ރިޝްވަތު ނަންގަވާ ކަމަށް އެތައް ބަޔަކު ތުހުމަތުކުރެއެވެ. ނަމަވެސް އެފަދަ މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް މިގައުމަކު ނެތެވެ. ދޮގު ހެކި ދިނުން މިއަދު މިވަނީ އިންތިހާ ދަރަޖައަށް އާންމުވެފައެވެ.

އިންސާނުން ވަގަށް ނެގުމާއި މީހުން މެރުމާއި ބަދުއަހުލާގީ އަމަލުތައް ހިންގުމާއި އިސްލާމްދީން ދޫކޮށްލުމާއި މި ނޫންވެސް އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ އެތައް ކަމެއް މި ރާއްޖެއިން މިއަދު ދަނީ ފެންނަމުންނެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނަގާފައި ވަނިކޮށް ދެން ފެނިގެން ދިޔައީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔާމީން ރަޝީދު މަރާލި މަންޒަރެވެ. ކުށްވެރިން އިންސާފްގެ ކުރިމަށްޗަށް ގެނެވިފައެއް ނުވެއެވެ. ތުއްތު ކުދިން މަރާލި މީހުން އެބަތިއްބެވެ. އެ މީހުންގެ މައްޗަށް ހައްގު އަދަބް ދެވިގެންދާ މަންޒަރެއް ނުފެނެއެވެ.

ހަމައެކަނި ފެންނަނީ ވެރިކަމުގައި ތިއްބެވި މީހުންނަށް ދެކޮޅަށް ވާއްކަ ދައްކާ މީހުންގެ މައްޗަށް ޝަރީޢަތްތައް ހަލުވިކަމާ އެކު ހިންގައި ދިގުމުއްދަތަކަށް ޖަލަށް ލަމުންދާ މަންޒަރެވެ. ސަރުކާރާ އިދިކޮޅު ފަރާތްތައް ޖަލަށް ލުމަށް ހިންގާ ޝަރީޢަތްތަކުގައި ދިފާއަށް އެކށީގެންވާ ފުރުސަތު ނުދޭކަން އެއީ މިއަދު ދެބަސް ވެވެން ނެތް ހަގީގަތެކެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ފިސްތޯލައާއި ވަޒަނުގެ ކަންތައްވީ ގޮތް ބަލާށެވެ. އެއީ ނާޒިމްގެ އެޕާޓްމަންޓުން ފެނުނު އެއްޗެއް ކަމަށް ބުނެ ފުލުހުން ދޮގު ހެކި ދީގެން އޭނާ އަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއިން އެއްވެސް އެއްޗަކުން ނާޒިމް އަދި އެޕާޓްމަންޓްގައި ދިރިއުޅޭ އެހެން ފަރާތެއްގެ ވެސް އިނގިލީގެ ނިޝާނެއް ނުފެނެއެވެ. އޭގެ ބަދަލުގައި އެ ފިންގަޕްރިންޓް މެޗުވީ މުޅިން އެހެން މީހަކާއެވެ.ފުލުހުން އެކަން ޔަގީންކޮށްދިނުމުން ވެސް ސުޕްރީމް ކޯޓުން އެކަމަށް ރިއާޔަތްކުރުމެއް ނެތި ނާޒިމްގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ސިއްކަ ޖެހިއެވެ.

ސަދޫމްގެ މީހުން އުޅެމުންދިޔައީ ހަރާމެއް ހަލާލެއް ބެލުމެއް ނެތި އެމީހަކު ހިތުހުރި ގޮތަކަށެވެ. އެކި ގޮތްގޮތަށް ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދާއިރު ހަރާމެއް ހަލާލެއް ބަލަނީކީ ނޫނެވެ. ސަދޫމްގައި ހުރި މިދެންނެވި ސިފަ ވެސް ރާއްޖެއިން މިއަދު މިދަނީ ފެންނަމުންނެވެ. ގައުމުގެ އެންމެ މަތީވެރިޔާ ވިދާޅުވީ ފައިސާ ލިބިއްޖެއްޔާ އޭގައި ނުހިފާނެ އެކަކުވެސް ނުހުންނާނެ ކަމަށެވެ. އެފައިސާ އަކީ ހަރާމް ގޮތުގައި ނޫނީ ހަލާލުގޮތުގައި ހޯދިއެއްޗެއްތޯ އެއްވެސް މީހަކު ނުބަލާނެ ކަމަށެވެ. ޚުދު އަނބިމީހާ ވެސް ފިރިމީހާ ހޯދާ ފައިސާއަކީ ހަލާލު ފައިސާތޯ ނުވަތަ ނަހަލާލު ފައިސާތޯ ނުބަލާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުގައި އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު ޖިނާއީ ބޮޑު މައްސަލައެއް ނަމަ ޝަރީއަތް ނިމެންދެން އެމީހަކު ބަހައްޓަނީ ބަންދުގައެވެ. ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބައެއް މީހުން ފަނޑިޔާރުން ދޫކޮށްލާފައި އެބަވެއެވެ. އޭގެ ތެރޭގައި ބޮޑެތި ސިންގާ ކުށްވެރިންނާއި މާރާމާރީ ހިންގައި މީހުން މަރާފައި ތިބި މީހުން ހިމެނެއެވެ.

ނަމަވެސް ސިޔާސީ ބޭފުޅެއްގެ މައްސަލަ ކޯޓަށް ހުށަހެޅިއްޖެ ނަމަ މުޖުތަމައުގެ ސަލާމަތާ ރައްކާތެރި ކަމަށާއި ހެކީންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބުނެ ބަންދުން ދޫކޮށްލެވެން ނެތް ކަމަށް ފަނޑިޔާރުން ނިންމައެވެ. މިދެންނެވި މަރުގެ މައްސަލާގައި ހެކިބަސް ނަގައި ނުނިމެނީސް ދޫކޮށްލުމުން، އެމީހުން ހެކީންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނެތީތޯއެވެ. މުޖުތަމައުއަށް ނުރައްކާ ވަނީ އެމީހުންގެ ފަރާތުންތޯއެވެ. ނުވަތަ ރައީސް މުހައްމަދު ނަޝީދާއި ޝައިޚް އިމްރާނާއި ކާނަލް ނާޒިމްގެ ފަރާތުންތޯއެވެ.

މިހާރު ރާއްޖޭގައި ފެންނަ ހުރިހާ ޖަރީމާއަކަށް ބަލާއިރު ފެނިގެން މިދަނީ ސަދޫމުގައި ހުރި އަނިޔާވެރިކަމުގެ ސިފަތަކަވެ. ވެރިކަން ހިންގާ ނިޒާމުން ވެސް ފެންނަނީ އެ އަނިޔާވެރި ކަމުގެ ސިފައެވެ. ފަނޑިޔާރުގެއާ މެދު ވެސް ގިނަ ބަޔަކު ދެކެނީ އެގޮތަށެވެ.

އިތުރަށް ކިޔާލަން

02 ޖޫން 2017

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

02 ޖޫން 2017
ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
19 މާރިޗު 2017

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
25 ފެބުރުއަރީ 2017

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
07 ޖެނުއަރީ 2017

ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!

07 ޖެނުއަރީ 2017
ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް