އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދިޔަނުދިނުމަށް، 2015 ވަނަ އަހަރު އެ ގައުމާއެކު އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެކުލަވާލާފައިވާ މުއާހަދާއަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭގޮތުން ދައްކަމުންދިޔަ ވާހަކަތައް އަލުން އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މަޝްވަރާތައް އަލުން ފެށުމަށް ހަމަޖެހިފައިވާއިރު މިމަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އެވެ. ވާހަކަތައް ފެށުމަށް އެމެރިކާ އާއި އިރާނުގެ އޮފިޝަލުން ވަނީ ވިއެނާއަށް ވަޑައިގަންނަވާފައެވެ. މީގެއިތުރުން ވާހަކަތައް ކުރިޔަށްގެންދިޔުމުގެ ކަންކަން ކޯޑިނޭޓްކުރައްވާ އެންރިކޭ މޯރާވެސް ވަނީ ވިއެނާއަށް ބުދަ ދުވަހު ވަޑައިގަންނަވާފައެވެ. ވާހަކަތައް ބުރާސްފަތި ދުވަހު ފަށާނެކަމަށް ވަނީ ބެލެވިފައެވެ.
މިފަހަރުގެ ވާހަކަތަކުގައިވެސް މީގެކުރިން ވާހަކަތަކުގައި ބައިވެރިވި ޗައިނާ، ރަޝިޔާ، ފްރާންސް، ޖަރމަނީ އަދި އިނގިރޭސިވިލާތުން ބައިވެރިވެއެވެ.
ވާހަކަތައް އަލުން ފެށުމާއި ގުޅޭގޮތުން ވާހަކަތަކުގައި ރަޝިޔާގެ ފަރާތުން ބައިވެރިވާ މިކާއީލް އުލްޔަނޯވް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވާހަކަތައް ވަރަށް އަވަހަށް އަލުން ފެށޭނެކަމަށެވެ. އަދި ފަސް މަސް ދުވަހަށްފަހު ވާހަކަތަކުގެ ބައިވެރިން އަލުން ވިއެނާއަށް އައިސްފައިވާކަމަށެވެ. މީގެއިތުރުން ނިޔުކުލިއަރ އެއްބަސްވުމާއި ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން ނިންމުމަށް ހަރުދަނާ ވާހަކަތަކެއް ދެއްކުމަށް ރަޝިޔާއިން އޮތީ ތައްޔާރަށްކަމަށް މިކާއީލް ވިދާޅުވިއެވެ.
ވާހަކަތައް އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު ވާހަކަތާއި ގުޅޭގޮތުން ކޯޑިނޭޓްކުރައްވާ މޯރާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވާހަކަތައް ބިނާވެގެންދާނީ އީޔޫގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް މީގެ ދެ ހަފްތާކުރިން ހުށަހެޅުއްވި ހުށަހެޅުއްވުމުގައިވާ ކަންތައްތަކަށް ކަމަށެވެ.
ވާހަކަތަކުގައި އިރާނުގެ ފަރާތުން ބައިވެރިވާ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާނީ އަލީ ބިގޭރީ ކާނީއެވެ. ވާހަކަތަކުގައި އިރާނުން ބޭނުންވާ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ނިޔުކުލިއަރ ޕްރޮގްރާމް ކުރިޔަށްގެންދިޔުމުގައި އަޅާ ސަލާމަތީ ފިޔަވަޅުތަކާއި ގުޅޭގޮތުން ކަންކަން ހުށަހަޅުއްވާނީ އަލީ ބިގޭރޭ ކާނީއެވެ. މިވާހަކަތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ރޮބާޓް މަލޭއެވެ.
ވާހަކަތައް އަލުން ފަށާއިރު މިވާހަކަތަކާއި ގުޅޭގޮތުން އިރާނުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްމަން ނާސިރު ކަނާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވާހަކަތަކުން ދެމެހެއްޓެނެވި ނަތީޖާއެއް ނެރުމަށް އިރާނު ބޭނުންވާކަމަށާއި އެކަމާމެދު އިރާނު ވަރަށް ސީރިއަސްކަމަށެވެ. އަދި ވާހަކަތަކުގައި ބައިވެރިވާ އެހެން ފަރާތްތަކުންވެސް ނިންމަންޖެހޭ މުހިންމު ނިންމުންތަކާއި ގުޅޭގޮތުން ވާހަކަދައްކާ އެނިންމުންތައް ނިންމުމާގުޅޭގޮތުން ސީރިއަސްވާނެކަމަށް އުންމީދުކުރާކަމަށް ވިދާޅުވިއެވެ.
އިރާނާއި އެމެރިކާއިން ވަނީ ޖޫން މަހު ގަތަރުގައި މޯރާ އިސްވެހުންނަވާ ވާހަކަތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެހެންނަމަވެސް ދެދުވަހުގެ މިވާހަކަތައް ނިމިފައިވަނީ ކޮޅެއްގައި ނުޖެހިއެވެ. މިއަހަރުގެ ކުރީކޮޅު ވިއެނާގައި ފެށި ވާހަކަތައް މަރޗް މަހު މެދުކެނޑިފައިވާއިރު ވާހަކަތައް މެދުކަނޑާލާފައިވަނީ ދެފަރާތުންކުރެ އެއްވެސް ފަރާތަކުން ސީރިއަސްނުވާކަމަށް ބުނެއެވެ. އެމެރިކާ އަދި އިރާނުންވެސް ތުހުމަތުކުރާ ގޮތުގައި ވާހަކަތާމެދު އަނެއް ގައުމުން ސީރިއަސްއެއް ނޫނެވެ.
ވާހަކަތައް އަލުން މިފަށަނީ އިރާނުގެ ނިޔުކުލިއަރ އެއްބަސްވުމާއި ގުޅޭގޮތުން ނުތަނަވަސްކަން ވެރިވެފައިވަނިކޮށެވެ. އަނެއްކޮޅުން މިހަފްތާގެ ހޯމަ ދުވަހު އެމެރިކާއިން ވަނީ އިރާނުން އެކްސްޕޯޓްކުރާ ޕެޓްރޯކެމިކަލްއަށް އައު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ޖަވާބެއްގެ ގޮތުން އިރާނުން ވަނީ އިރާނުގެ ނިޔުކުލިއަރ ޕްރޮގްރާމް ހަލުވިކުރުމުގެ މަސައްކަތް ފަށާފައެވެ.
އިރާނުން ވަނީ ޖޫން މަސް ތެރޭގައި އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ)ން އިރާނުގެ ނިޔުކުލިއަރ ޕްލާންޓްގައި ހަރުކޮށްފައިވާ ކެމެރާތައް ނަގާފައެވެ.
އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން 2015 ވަނަ އަހަރު އީރާނާ އެކުގައި ގާއިމުކުރި ނިޔުކްލިއަރ އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ އެ ގައުމުގެ ނިޔުކްލިއަރ ކާރުހާނާތަކުގައި ޔޫރޭނިއަމް ފައްކާކުރާ މިންވަރު ދަށްކޮށްފައެވެ. އެއީ، އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތައް ދިނުމުގެ ބަދަލެއްގެ ގޮތުންނެވެ.
ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެމެރިކާ ވަނީ މި ނިޔުކްލިއަރ މުއާހަދާއިން ވަކިވެ، އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ބަދަލުގައި އީރާނުން ވަނީ އެ ގައުމުގައި ޔޫރޭނިއަމް ފައްކާކުރާ މިންވަރު އިތުރުކޮށްފައެވެ.