ކ. މާލެ
|
19 ޖުލައި 2022 | އަންގާރަ 11:41
އެސްޖޭބީގެ ލީޑަރު ސަޖީތު ޕްރޭމަދާސަ
އެސްޖޭބީގެ ލީޑަރު ސަޖީތު ޕްރޭމަދާސަ
ރޮއިޓާރސް
ސްރީލަންކާގެ އިޤްތިސާދީ ކާރިސާ
ޚުލާސާ ނަޒަރަކުން ސަޖީތު ޕްރޭމަދާސަ!
ސަޖީތު ޕްރޭމަދާސަ ގާނޫނު ހަދާ މަޖިލީހުން ޖާގަ ކަށަވަރު ކުރެއްވީ 2000 ވަނަ އަހަރު
އޭނާ ވަނީ ސްރީލަންކާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރުކަން ކުރައްވާފައި
ސްރީލަންކާގެ މިނިސްޓަރ އޮފް ހައުސިން ކޮންސްޓްރަކްޝަން އެންޑް ކަލްޗަރަލް އެފެއާޒްކަމުގެ މަޤާމުވެސް އޭނާއާ އަދާކުރެއްވި

ތާރީހު ނުދެކޭ ވަރުގެ ފުން އަނދަވަޅެއްގެ ތެރެއަށް ގައުމު ވައްޓާލިކަމުގެ އިލްޒާމާއެކު ގައުމު ދޫކުރައްވާ ފިއްލެއްވުމަށްފަހު ސްރީލަންކާގެ ރައީސް ކަމުގެ މަގާމުން، އިންތިހާބީ ރައީސް ގޮތަބާޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއެކު، އެ ގައުމުގައި މިހާރު އެންމެ ބާރަށް ކުރިއަށް ދަނީ އާ ރައީސަކު އައްޔަންކުރުމުގެ މަސައްކަތެވެ.

އާ ރައީސަކު އައްޔަން ކުރުމުގެ މަސައްކަތް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ހަލުވި ދުވެލީގައި ކުރިއަށްދާއިރު، އެ މަގާމަށް އެންމެ ގާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި، 6 ފަހަރަށް ބޮޑުވަޒީރު ކަން ކުރެއްވި ބޭފުޅަކާއި، މައި އިދިކޮޅު ސިޔާސީ ލީޑަރުގެ އިތުރުން، ނޫސްވެރިކަމުގެ ރޮނގުން ސިޔާސީ މައިދާނަށް، ވެރިކަން ކުރާ ޕާޓީއިން ނުކުމެ ހުންނެވި ޝަހްސެއް ހިމެނިވަޑައިގަންނަވައެވެ.

ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އާ ރައީސަކު އައްޔަން ކުރުމަށް، 225 މެންބަރުންގެ މައްޗަށް އެކުލެވޭ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވޯޓުލުން ކުރިއަށް ގެންދާނީ ޖުލައި 20، 2022 ވާ ބުދަ ދުވަހުއެވެ. އެ ވޯޓުގައި ކުރި ހޯއްދަވާ ކެންޑިޑޭޓަކީ މަޖިލީސް މެންބަރުންގެ އަޣުލަބިއްޔަތުގެ އިތުރުން، މަގުތަކަށް ނުކުތް އެތައް ހާސް ރައްޔިތުންނެއްގެ ތަޢީދު އޮތް ކެންޑިޑޭޓަކަށްވުންވެސް މުހިންމެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަގެ އޮފީސް ސަރަހައްދުގައި މުޒާހަރާކޮށް އޮފީހަށް ވަދެގަތުން - ރޮއިޓާސް

މައި އިދިކޮޅު ސިޔާސީ ޕާޓީ ނުވަތަ ސަމާގީ ޖަނާ ބާލަވެގާޔާ (އެސްޖޭބީ)ގެ ލީޑަރު ސަޖީތު ޕްރޭމަދާސަ، 55، އަކީވެސް ރައީސް ކަމުގެ ރޭހުގައި ހިނގާ ނަމެކެވެ. ނަމަވެސް މަޖިލީހުގައި މިވަގުތު ތިއްބެވީ އޭނާގެ 50 އަކަށް މެންބަރުން ކަމުން، ތާއީދު ކަށަވަރު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަން ޕްރޭމަދާސައަށް ޖެހިވަޑައިގަންނަވާނެއެވެ.

ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން މަތީ ތައުލީމު ހާސިލު ކުރެއްވި ޕްރޭމަދާސަ، ސިޔާސީ މައިދާނަށް ނުކުންނެވީ، އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް ރަނަސިންހަ ޕްރޭމަދާސަ، 1993 ވަނަ އަހަރު އަވަހާރަކޮށްލި ހިސާބުންނެވެ.

ސަޖީތު ޕްރޭމަދާސަ ގާނޫނު ހަދާ މަޖިލީހުން ޖާގަ ކަށަވަރު ކުރެއްވީ 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ސްރީލަންކާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރުކަން ކުރައްވާފައެވެ. އަދި 2018 ވަނަ އަހަރު، ސްރީލަންކާގެ މިނިސްޓަރ އޮފް ހައުސިން ކޮންސްޓްރަކްޝަން އެންޑް ކަލްޗަރަލް އެފެއާޒް ކަމުގެ މަގާމުވެސް އޭނާއާ ހަވާލު ކުރެވުނެވެ.

ސަޖީތު ޕްރޭމަދާސައަކީ ސްރީލަންކާގެ ރަށްފުށުގެ ފަގީރުންގެ މެދުގައި މަގުބޫލު ނަމެކެވެ. އެއީ 2015 އިން 2019 އަށް ހައުސިންގް މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު، "2025 ވަނަ އަހަރު އަންނައިރު އެންމެނަށް ހިޔާވަހިކަން" މި ޝިއާރުގެ ދަށުން، އިންތިހާ ފަގީރުކަން ނައްތާލުމާއި އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެއްވި ވަރުގަދަ ކެމްޕޭނާއެކުގައެވެ.

2019 ވަނަ އަހަރު ސްރީލަންކާގައި ކުރިއަށް ގެންދިޔަ ރިޔާސީ ރޭހުގައިވެސް ސަޖީތު ޕްރޭމަދާސަ ވާދަކުރެއްވިއެވެ. އެ އިންތިހާބު ގެންދިޔައީ ރާޖަޕަކްސަ ހާންދާނުންނެވެ.

ސްރީލަންކާގެ އެންމެ ޒަމާންވީ ސިޔާސީ ޕާޓީ ނުވަތަ ޔުނައިޓަޑް ނޭޝަނަލް ޕާޓީއިން ސަޖީތު ޕްރޭމަދާސަ ވަކިވެވަޑައިގަތީ މާޗް 2020 ގައެވެ. އެ ޕާޓީގެ ގިނަ މެންބަރުންނާވެސް އެކުގައެވެ. އެއީ ލީޑާޝިޕްގައި ހުންނެވި ސިޔާސީ ޝަހްސު، ރަނީލް ވިކްރަމަސިންހަ، އެންމެ ތަންފުކެއްވެސް ދޫދެއްވަން އިންކާރު ކުރެއްވި ހިސާބުންނެވެ.

ސަޖީތު ޕްރޭމަދާސަ މިވަގުތު ހުންނެވީ ސަމާގީ ޖަނާ ބާލަވެގާޔާ (އެސްޖޭބީ)ގެ ލީޑަރުގެ ގޮތުގައެވެ. ޕާޓީތަކުން ވަކިވެވަޑައިގަންނަވާ މަޖިލީސް މެންބަރުންނާއި މައިނޯރިޓީން ތަމްސީލުކޮށްދޭ، ސިޔާސީ އިއްތިހާދީ ޕާޓީގެ ހުންގާނުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް