ކ. މާލެ
|
8 ޖުލައި 2022 | ހުކުރު 19:54
ޝިންޒޯ އަބޭ - ޖަޕާންގެ ކުރީގެ ބޮޑުވަޒީރު
ޝިންޒޯ އަބޭ - ޖަޕާންގެ ކުރީގެ ބޮޑުވަޒީރު
ސީ.އެން.އެން
ޝިންޒޯ އަބޭ
އަވަހާރަކޮށްލެވުނު ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީ ކޮންބޭފުޅެއް؟
ޝިންޒޯ އަބޭއަކީ ޖަޕާންގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާ

ކެމްޕެއިން އެއްވުމަކާއި މުޚާތަބު ކުރައްވަން ހުންނަވަނިކޮން ދިން ބަޑީގެ ހަމަލާއެއްގައި ހުކުރު ދުވަހު އަވާހާރަކޮށްލެވުނު ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީ ދެފަހަރުމަތިން ޖަޕާންގެ ބޮޑުވަޒީރުކަން ކުރެއްވި އަދި އެންމެ ގިނަ ދުވަހު އެމަގާމު ފުރުއްވި ބޭފުޅާއެވެ. އަބޭ ވެރިކަން ކުރައްވާފައިވަނީ 2006ން 2007އަށް އަދި އޭގެ ފަހުން 2012 އިން 2020 އަށެވެ.

ޝިންޒޯ އަބޭގެ ސިޔާސީ މަސައްކަތްޕުޅުގެ ތެރެއިން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ ޑިފެންސް ވަރުގަދަ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށެވެ. މިގޮތުން ފާއިތުވި 70 އަހަރުތެރޭވެސް ޖަޕާންގެ މިލިޓަރީ ޕޮލިސީއަށް ގެނެވިފައިނުވާ ބަދަލުތައް ޝިންޒޯ އަބޭ ވަނީ ގެންނަވާފައެވެ. އަދި އޭނާގެ ވެރިކަމުގައި ގާނޫނު އަސާސީއަށް އިސްލާހުތައް ގެންނަވާ ކަނޑުމަތީގެ މިލިޓަރީ ހަރަކާތްތަކަށް މަގުފަހި ކުރައްވާފައިވެއެވެ. އަބޭ ވިދާޅުވި ގޮތުގައި ޗައިނާގެ ބާރު އެހިސާބަށް ގަދަ ކުރަމުން ދިއުމާއި އަދި އުތުރު ކޮރެޔާއިން އަވަސް އަވަހަށް މިސައިލް ޓެސްޓުތައް ކުރަމުން ގެންދާއިރު އެކަންކަމާ ކުރިމަތިލެވޭ ވަރުގެ ގާބިލު ކަމެއް ޖަޕާނަށްވެސް ލިބިފައި އޮންނަން ޖެހޭނެއެވެ.  

ޑިފެންސް ކަންކަމުގައި ޝިންޒޯ އަބޭ ގެންގުޅުއްވި ހިކުމަތު އަމަލީގެ ތެރެއިން ޗައިނާގެ ރައީސް ޝީޖިން ޕިންއާ އެކު އޮތް ގުޅުންތައް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރެއްވުމާއި އެކުއެކީ ޕެސިފިކް ކަނޑުގައި ޗައިނާއިން ބާރުގަދަ ކުރަމުން ދާދިއުމާ ދެކޮޅަށް ޕެސިފިކް ގައުމުތައް އެއްބައިވަންތަ ކުރުވުމަށް މަސައްކަތް ކުރެއްވިއެވެ.

2020 ވަނަ އަހަރު މަގާމުން ވަކިވެވަޑައިގެންނެވުމަށް ފަހުވެސް އެލްޑީޕީގެ އެންމެ ބޮޑު ފެކްޝަންގެ ނުފޫޒުގަދަ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދެވިއެވެ. އަދި އޭނާގެ އިސްލާހީ ސެކިއުރިޓީ ޕޮލިސީ ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. މިގޮތުން ޓައިވާންގެ ޑިމޮކްރަސީ ދެމެހެއްޓުމަށް ޕެސިފިކް އެލަޔަންސް ތެދުވުމަށް ގޮވާލެއްވިއެވެ. މިއާއެކު ޗައިނާއިން ރުޅިގަދަވެ އަބޭ ޗައިނާގެ މިނިވަންކަމާ ފާޅުގައި ބެހިވަޑައިގަންނަވަނީ ކަމަށް ތުހުމަތު ކުރިއެވެ.

ޝިންޒޯ އަބޭ - ޕާޓީގެ އިސް މެމްބަރުންނާއެކު

ޝިންޒޯ އަބޭ އުފަންވެ ވަޑައިގެންފައިވަނީ 21 ސެޕްޓެމްބަރ 1954 ގައި ޓޯކިޔޯގެ މުއްސަނދި، ސިޔާސީ ގޮތުން ފާހަގަކޮށްލެފޭ އާއިލާއަކަށެވެ. ކާފާފުޅާއި ބޮޑުބޭބޭފުޅެއް ބޮޑުވަޒީރުކަން ކުރައްވާފައިވާއިރު ބައްޕާފުޅު އެލްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައިވެއެވެ.

ޝިންޒޯ އަބޭ ޕޮލިޓިކްސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވަނީ ޖަޕާންގެ ސެއީކޯ ޔުނިވަރސިޓީ އިންނާއި ޔުނިވަރސިތީ އޮފް ސަދަންކެލިފޯނިއާ އިންނެވެ. ޕޮލިޓިކްސްގެ ދާއިރާއިން ކިޔަވާ ވިދަޅުވި ނަމަވެސް ފުރަތަމަ ވަންނަވާފައިވަނީ ވިޔަފާރީގެ ދާއިރާއަށެވެ. މިގޮތުން 1979 ވަނަ އަހަރު ކޯބޭ ސްޓީލްގެ އިސް މަގާމެއްގައި ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. ތިން އަހަރު ފަހުން މިނިސްޓަރ ފޯ ފޮރިން އެފެއަރސްގެ އެސިސްޓަންޓަކަށް ވެވަޑައިގެންނެވިއެވެ.

އުމުރުފުޅުން 38 އަހަރުގައި އަބޭ ހައުސް އޮފް ރެޕްރެޒެންޓަޓިވްސްއަށް ހޮވިޑައިގެންފައިވަނީ 1993 ގައެވެ. ދެހާހުގެ އަހަރުތަކުގެ ތެރޭ ކެބިނެޓްގެ ބައެއް މަގާމުތައް ފުރުއްވުމަށްފަހު 2003 ވަނަ އަހަރު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް، އަދި ހަތަރު އަހަރު ފަހުން ޕާޓީގެ ރައީސް ކަމަށް އަދި 2006ވަނަ އަހަރު ގައުމުގެ ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވިއެވެ.

އަބޭގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމުމަށްފަހު ފާއިތުވި ފަސް އަހަރުގެތެރޭ ފަސް ބޭފުޅުން ޖަޕާންގެ ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. އެއަށް ފަހު 2012 ވަނަ އަހަރު އަނެއްކާވެސް ވެރިކަމަށް ވަޑައިގެންނެވިއެވެ.

ޝިންޒޯ އަބޭ 2020 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވީ މަގާމުގައި ހުންނެވުމަށް ސިއްހީ ހާލުކޮޅު ތަންނުދޭ ކަމަށް ވިދާޅުވެއެވެ.    

- ކޮމެންޓް