Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގޯގޯ ލަތީފް އަވަހާރަވުން

"ޖެހޭނީ ކަރު ބުރި ކޮށްލަން، މި ޙަރަކާތެއް ނުހުއްޓާނަން!"

އިސްލާޙީ ޙަރަކާތްތަކުގެ ބާނީއަކީ މަރުޙޫމް ލަތީފު - އެމްޕީ ޙަސަން ޢަފީފް

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 4 ޖުލައި 2022 | ހޯމަ 12:55
މުހައްމަދު ލަތީފް (މ)

މުހައްމަދު ލަތީފް (މ)

އަޅުގަނޑުމެންނާއި ވަކިވެގެން ދިއަ، އެމްޑީޕީގެ ކޯފައުންޑަރ އަލްމަރުޙޫމް މުޙައްމަދު ލަޠީފއަކީ، "ފީނިކްސް" އެއް ފަދައިން، އުފެދިގެންއައި، ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކަށް ހިނިތުންވެލި ރޫޙެއްފަދަ ބޭފުޅެކެވެ." ގޯގޯ ލަތީފު" ގެ ނަންފުޅުން މަޝްހޫރުވި، އަލްމަރުޙޫމް މުހައްމަދު ލަޠީފްއަކީ، ތިނަދޫގައި ދެވަނަ ފަހަރަށް ހިނގައިދިއަ، ހަމަނުޖެހުން ތަކުގެ ތެރެއިން، އޭނާގެ ޢާއިލާއަށް ލިބުނު އަނިއާ ތަކާއި، ހިތާމަތަކާއި، ބޭއިންސާފުގެ ކެކުޅުން، އޭގެ ނިހާޔަތަށް ތަޙައްމަލް ކުރައްވާފައިވި ބޭފުޅެކެވެ. އޭރު ލަޠީފްއަކީ، ބޭބެ ޢަބްދުއްޞަމަދު ޢަބްދުﷲ އާއިއެކު، ސްރީލަންކާގައި ކިއަވަން ހުންނެވި ކުޑަ ކުއްޖެކެވެ. އެއަށްފަހު ބޭރޫތުން ތަޢުލީމު ހާސިލް ކުރައްވައިގެން، ރާއްޖެއަށް ވަޑައިގެން، ޚުދު އޭނާ ސިޔާސީ ޙަރަކާތަށް ނިކުންނެވި ހިނދު، ޖަލަށް ވަންނަވަން ޖެހިވަޑައިގަތެވެ. ރައްޔިތުން އިންތިޚާބުކުރި ރައްޔިތުންގެ މަޖިލީހުގެ ގދ.އަތޮޅުގެ ގޮނޑިއާއި ގުޅިގެން އައި ޙުކުމަކާއި ގުޅިގެން ގެއްލުނެވެ.

އެހެން ނަމަވެސް، ވަރުގަދަ ޢަޒްމާއެކު، ލަޠީފު ފެށްޓެވި އިސްލާޙީ މަސައްކަތްޕުޅުގައި، އޭނާ ސާބިތުވެ ހުންނެވިއެވެ. މި ދުނިޔެއާއި ލަޠީފު ވަކިވެގެން އެ ވަޑައިގެންނެވީ، އޭނާ ނުކުންނެވި އިންސާނީ ޙައްގުތަކުގެ މަސައްކަތުގައި ސާބިތުވެ ހުންނަވައިގެންނެވެ. ސުވާލަކީ، އެ، ނުގުޑާފަދަ ޢަޒުމާއި، ޑިމޮކްރަސީގެ ރޫޙު، އޭނާގެ ޟަމީރާއި ގުޅުނީ ކިހިނެއް ހެއްޔެވެ؟ އެއީ، މަޖީދިއްޔާގެ ގްރޭޑު 10ގައި ކިއެވި ދުވަސްވަރު، ކިއެވި " ބްރިޓިޝް ކޮންސްޓިޓިއުޝަން" މި މާއްދާއިން ސިކުނޑިއަށް ކުރުވި ހުޅުދާނުން، އިންސްޕަޔަރވި، އިންސާނީ ޙައްޤުތަކާއި ޑިމޮކްރެޓިކް ނިޒާމުގެ ޢިލްމް ހެއްޔެވެ؟ ނޫނީ އޭނާގެ އަމިއްލަ ޢާއިލާ ތަޙައްމަލުކުރި ބޭއިންސާފާއި އަނިޔާގެ އިންތިހާއީ ހިތްދަތިކަން ހެއްޔެވެ؟

ކިއުންތެރިއާއަށް އެންމެ ފުރަތަމަ ކުރަހާލަ ދެވޭތޯ މި ބަލަނީ، ލަޠީފުގެ ޅަފަތުގެ ފޮޓޯއެކެވެ.  މިފޮޓޯއިން އޭނާ، ކިތަންމެ ދުރުން ކުޑަ ކުއްޖަކު ފަދައިން ފެންނަން ހުއްޓެއްކަމަކު، އެ މައުޞޫމް ހިތް ފުރިފައި ވަނީ، ކާފައާއި ބައްޕައާއި ބޮޑުބޭބެއަށް، އެހިނދު ޖަލުގައި ލިބެމުން އެދާ، އަނިޔާތަކުގެ ހިތާމައެވެ. މި ދެންނެވި ހިތާމަވެރި ދަނޑިވަޅުގައި، އޭނާގެ މާމަވެސް އެވަނީ ފޮނުވާލަން އޮޑިއަށް ލާފައެވެ. ދެން ތިބި އޮޑިފަހަރުގައި އެތިބީ ތިނަދޫން ލަޠީފު، ފައި އުފުރާލުމާއި ހަމައަށް، އެކުގައި، އެހާމެ އުފަލުގައި، ކުޅެން އުޅުނު ކޮއްކޮ މެންނެވެ. ގިނައީ ދެބެންގެ ދެދަރި ކުދިންނެވެ. އެއީ އޭރު ވަރަށް ޅަފަތުގައިވި މައުސޫމް ފުރާނަ ތަކެކެވެ.

އިބްރާހީމް ނާސިރުގެ ވެރިކަމުގައި ހިނގައިދިއަ، "މަޝްހޫރު ތިނަދޫގެ ހަމަނުޖެހުން" ތަކުގެ ތެރޭގައި، ޖަލަށް ލާފައި ތިއްބައި، ފުރަތަމަ ޖަލުގައި ނިޔައުވީ، މަރުޙޫމް ލަޠީފްގެ ބޮޑުބޭބެ ސަޢީދު ކަތީބެވެ. އެއަށްފަހު، ކާފަ މޫސާ މަނިކުފާނު، ނުވަތަ އާންމު ނަމުންނަމަ، ހިރިހަމައިދި ކަލޭފާނެވެ. ދެން، ލަޠީފުގެ ބައްޕަ ޢަބްދުﷲ ކަތީބެވެ. އޭރު، ލަޠީފުގެ މާމަ ޢާމިނަތު ޢަބްދުއްރަޙުމާން ( ރެކިދިއެ) އާއި، ލަޠީފްއާއި ދެބެންގެ ދެދަރި ކޮއްކޮމެން ތިބީ، ފޮނުވާލަން އޮޑިއަށް ލާފައެވެ.

ލަތީފުގެ މާމައާއި ކޮއްކޮމެންގެ ތެރެއިން، އެއްބައަކު ފޮނުވާލީ ށ. ފީވަކަށެވެ. އަނެއް ބައަކު، ށ. ނަރުދުއަށެވެ. ލަތީފް އަށްވުރެ 1 އަހަރު ހަގު ދެބެންގެ ދެދަރި ކޮއްކޮ، ރަޝީދާ އިބްރާހީމްއާއި އެކުގައި ދެންތިބި ކުދިން، ފޮނުވާލީ ހދ. ނޮޅިވަރަންފަރަށެވެ. ދިހަ ވަރަކަށް މަސް ފަހުން، އަނެއްކާވެސް، އެ ތިން ރަށުގައި ތިބި އާއިލާގެ އެންމެން ގެންދިއައީ ބ. ގޮއިދުއަށެވެ. އޭރު އެއީ ބޮޑެތި ކުށްވެރިން ފޮނުވާލާ ރަށެވެ. އެރަށުގައި ދަނޑިފަނުން ގެއެއް އަޅައިގެން، އެ އާއިލާ ދިރިއުޅުނީ، މަސްވެރިން މަސްކަނޑާފައި ހުންނަ ކަށިފަތި ހޮވައި، މަސްކުނޑި ހަދައި، އެ ވިއްކައިގެން ލިބުނު އެއްޗަކުންނެވެ.

ހުވަދު އަތޮޅުގައި ހުންނެވި އެންމެ ބޮޑު ވިޔަފާރިވެރިއާ، ހިރިހަމައިދި ކަލޭފާނުންގެ އަނބިކަނބަލުން ރެކެދިއެ، އޭނާގެ މާމަދަރިން ނާއިއެކު، މި ޙާލުގައި 2 އަހަރު ގޮއިދޫގައި ވޭތު ކުރެއްވިއެވެ. ހެދުންތައް ބައުވެ، ހަސް ނެތިފައިވާ ޙާލުގައެވެ. އެންމެ ފަހުން، އެ މައުސޫމް ކުދިންނާއި ލަޠީފުގެ މާމަ، މާލެއަށް ގެނެސް، ސަރުކާރުން މިނިވަން ކުރިއެވެ.

ލަތީފު ލަންކާއިން އޯލެވަލް ނިންމުމަށްފަހު، ބޭރޫތަށް ކިޔަވަން ވަޑައިގަތުމަށް ހަމަ ޖެހިފައި އޮއްވައި، ލަންކާގައި ކިޔަވަން ތިބި ކުދިން ސަރުކާރުން މާލެއަށް ގެންނެވިއެވެ. އެބުރުގައި ލަތީފުވެސް މާލެއަށް ގެނެސް މަޖީދިއްޔާ ގްރޭޑު 10އަކަށް ވެއްދީއެވެ. މިއީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިލުފުށީ ދާއިރާ ތަމްސީލު ކުރައްވާ އެމްޕީ ޙަސަން ޢަފީފުއާއި ލަޠީފު، އެއް ކުލާހަކުން ބައްދަލުވެ، ރައްޓެހި ރަޙުމަތްތެރިންނަށްވާ ހިސާބެވެ.

މަޖީދިއްޔާއަށްފަހު، ލަތީފަށް ބޭރޫތަށް ކިއަވަން ވަދައިގަތުމުގެ ފުރުސަތު ލިބުނެވެ. "އެމެރިކަން ޔުނިވަރސިޓީ އޮފް ބޭރޫތު" ގައި، ކިއަވަން ހުންނެވުމަށްފަހު، މާލެއަށް ވަޑައިގެން، އޭރުގެ އީޕީއެސް ސްކޫލްއަށް އޭނާ ކިޔަވައި ދެއްވަން  ފެށްޓެވިއެވެ. މިއީ ފަހުން، އޭނާގެ ގާތް އަޚަކަށްވި ޑރ، މުޙައްމަދު މުނައްވަރާއި ބައްދަލުވާ މަރުޙަލާއެވެ. އޭރު މުނައްވަރަކީ އީޕީއެސްގައި ލަޠީފުގެ ދަރިވަރެކެވެ.

ޑޮކްޓަރ މުނައްވަރު، "ރާއްޖެ ޑޮޓް އެމްވީ"އަށް، ލަޠީފުގެ ހަޔާތްޕުޅު ސިފަ ކޮށްދެއްވަމުން، ވިދާޅުވެ ދެއްވި ގޮތުގައި، ލަޠީފްއަކީ، އޭނާގެ މުޅި ޙަޔާތްޕުޅުހެން، އިންސާނީ ޙައްޤުތަކާއި، ދިވެހި ރައްޔިތުންގެ ޙައްޤުތަކުގައި، އަނިއާ އާއި ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެއީ އެމްޑީޕީ އުފެދުމުގެ މާކުރިން، އިސްލާޙީ މަސައްކަތް ފެށްޓެވި ބޭފުޅެކެވެ. 1980 ގެ ތެރޭގައި، އިނިގިރޭސި ބަހުން ވީކްލީ ނޫހެއް ނެރުއްވައިގެން، ކުރެއްވި މަސައްކަތަކީ ވެސް، އިސްލާޙީ މަސައްކަތެވެ. މި ދުވަސްވަރު، ސިއާސީ ޕާޓީ ރާއްޖޭގައި އުފެއްދުމާބެހޭ ގޮތުން މުނައްވަރާއި މަޝްވަރާ ކުރެއްވިއެވެ. ޤާނޫނީ ގޮތުން އެކަމުގައި ކުރިއަށް ދެވެން އޮތް މަގުތައް، އޭނާ ހޯއްދަވަމުން ގެންދެވި އިރު، މުނައްވަރަކީ ގާނޫނީ ވަކީލެކެވެ. އެހެން ކަމުން، މުނައްވަރަށް ފެނިވަޑައިގަތް މަޝްވަރާއެއް ދެއްވިއެވެ. 

ޑރ. މުނައްވަރު ވިދާޅުވެ ދެއްވި ގޮތުގައި، އިސްލާޙީ މަސައްކަތަކީ، ލައިފްގެ މިޝަނެއް ކަހަލަ ގޮތަކަށް އަބަދުވެސް ލަޠީފުގެ ކިބައިން ފެނިފަ އޮތް މަސައްކަތެކެވެ.

"އެހެން އެކަން އޮއްވައި، ޑިމޮކްރަސީގެ ނަމުގައި އަޅުގަނޑުމެން މި ގެނައި ޙަރަކާތް ތަކުގެ ތެރޭގައި، އެމްޑީޕީގެ ތެރޭގައި އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރަމުން އައި އިރު، ކުރިންވެސް ފެންނަ ޖޯޝާއި ކޮމިޓްމަންޓް އާއި އެކީގަ މަސައްކަތް ކުރައްވަމުން ގެންދެވީ" ޑރ. މުނައްވަރު ވިދާޅުވެފައި ވެއެވެ.

ޑރ. މުނައްވަރު އެ ވިދާޅުވެ ދެއްވި ފަދައިން، އެމްޑީޕީ ރަޖިސްޓްރީ ކުރައްވަން ލަންކާއަށް، މުޙައްމަދު ނަޝީދު (ރައީސް ނަޝީދު) އާއިއެކު ވަޑައިގެން، އަމިއްލަފުޅަށް އަރުވާލެވިގެން، ލަންކާގައި ވެސް، ލަޠީފު ހުންނެވިއެވެ. މި ދުވަސްވަރު ކުރެއްވިހާ ވެސް، މަސައްކަތްޕުޅަކީ، އެމްޑީޕީގެ ރޫޙު ދިރުވުމެވެ.

ދެން، އަނެއްކާވެސް، ކިއުންތެރިއާ ގޮވައިގެން، ދާން މިޖެހެނީ، މީގެ ތަންކޮޅެއް ކުރިއަށެވެ. 1989 ގެ ތެރެއަށެވެ. އެއީ އެ ދުވަސްވަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އިސްލާޙީ ބަދަލަކަށް އެދިއެދި ތިއްބެވި ބޭފުޅުން ކޮޅެއް، ގޮނޑިތަކަށް ވާދަ ކުރައްވަމުން އައި ވަގުތެކެވެ. ތ. އަތޮޅުގައި ޙަސަން ޢަފީފު، ކެންޕެއިން ކުރައްވަމުން ގެންދަވާއިރު، އައްޑޫ އަތޮޅުން އިވެނީ، ހިޔަލީއާއި " މަވޯޓާ ޝަރީފަށް" ކިއަމުން އަންނަ އަޑެވެ.

ފުވައްމުލަކުގައި މުޙައްމަދު އިބްރާހީމް ދީދީ (މޮޑީ) ގެ އަޑު ގަދަވަމުން ދިއައެވެ. ހއ. އަތޮޅުގައި އާދަމް ޢަބްދުއް ރަޙުމާނުގެ ކެންޕެއިން ހިނގަމުން ދިއަ އިރު، މާލޭގައި އިލްޔާސް އިބްރާހީމް އާއި ޑޮކްޓަރ ވަޙީދުގެ ކެންޕޭންއެވެ. ގދ އަތޮޅުން ފެންނަނީ ސީނާ އަޙުމަދު ޒާހިރު އާއި، މަޝްހޫރު ގޯގޯ ލަޠީފު، ކެންޕޭން ކުރައްވާ މަންޒަރެވެ. ހައްދުންމަތިން އިސްމާޢީލް ނަސީރެވެ. މި ނޫންވެސް މިފަދަ ކިތަންމެ ކެންޑިޑޭޓެއްގެ އަޑު އިވެމުން ދިއަ އެވެ.

ލަޠީފަކީ، ފަތުރުވެރި ކަމުގެ ދާއިރާގައި ވެސް، އިސްސަފުގައި ގުނާލެވޭ ބޭފުޅެކެވެ.  ރިސޯޓު ވިޔަފާރީގެ ތެރޭގައިވެސް، ޙަސަން ޢަފީފްއާއި ޙުސްނީއާއި، ޢަފީފްއަކީ ޙިއްސާދާރުންނެވެ. ރަންނާޅި ރިސޯޓު ފެށީ މި ޕާރޓްނަރޝިޕްގެ ތެރެއިންނެވެ. އޭގެ ކުރީގައި އެބޭފުޅުން އުޅުއްވީ ގެސްޓު ވިޔަފާރި ނުވަތަ ސުވެނިއަރ ވިޔަފާރީގެ ތެރޭގައެވެ. އޭރުއްސުރެން ޢަފީފްއާއި ވަރަށް ގާތްކޮށް އުޅުއްވަމުން އައިސް، 1989 ގައި ރައްޔިތުންގެ މަޖިލީހަށްވެސް ވެންނެނީ ދެ ބޭފުޅުން އެކީގައެވެ.

ލަޠީފްއަކީ، ގދ. އަތޮގެ ގޮނޑިއަށް ވާދަ ކުރެއްވުމުގެ ކުރީގައި ވެސް، އުފަންރަށް ތިނަދޫ ގެ އިތުރުން އަތޮޅުގައިވެސް، މަޤްބޫލް އަދި ހަމަ އެހާމެ، ޚިދުމަތްތެރި ބޭފުޅެކެވެ. ގދ. އަތޮޅުގެ ތިނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ފުރުއްވި، ކުރީގެ މެންބަރު މުޙައްމަދު ޤަސަމް، ވިދާޅުވެ ދެއްވި ގޮތުގައި، ލަޠީފުބެއަކީ ޢާއިލާ އަށްވެސް އެހާމެ ހެޔޮ ބޭބެއެކެވެ. ޚާއްސަކޮށް ތިނަދުއަށް ވެސް އެހާމެ ޚިދުމަތްތެރި ބޭފުޅެކެވެ. ތިނަދުއަށް އިނގިރޭސި ޓީޗަރަކާއި ހިސާބު ޓީޗަރެއް ހޯއްދަވައި ދެއްވަން އެހީތެރިވެ ދެއްވިކަމީ، ރަށުގެ ތަޢުލީމަށް އޭގެ ހެޔޮ އަސަރު ކުރި ކަމެކެވެ. މީގެ އިތުރުން، ތިނަދޫގައި ކްލިނިކެއް ހުޅުވައި، ބޭރުގެ ޑޮކްޓަރެއްގެ ޚިދުމަތާއި، ލެބެއްގެ ޚިދުމަތް ވެސް ލަޠީފު ދެއްވިއެވެ. ޚާއްސަކޮށް ޒުވާން ވިޔަފާރިވެރިން، އެ ވިޔަފާރީގައި ކުރިއަށްދާނެ ދޮރުތައް ހުޅުވައި ދެއްވައި، އެހީވެ ދެއްވި އެވެ.

ގަސަމް އަކީ، އެފްއެސްއެމްގެ އެމްޑީގެ މަޤާމު ފުރުއްވަމުން ގެންދަވާ، އެމްޑީޕީގެ ސީނިއަރ ބޭފުޅެވެ.

ގދ. އަތޮޅުގައި ހިނގަމުންދިއަ ލަޠީފްގެ ކެންޕޭނުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެ، ރަށްރަށަށް އެކުގައި ދަތުރު ކުރެއްވި އެއް ބޭކަޅަކީ، ތިނަދޫގައި އެމްޑީޕީގެ ރޫޙު އުފައްދަވަން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި، ދެތިން ހަތަރު ބޭކަލުންގެ ތެރޭގައި ހިމެނި ލެއްވި، ތިނަދޫ ހަސަން އަހްމަދު ދީދީއެވެ.

"އެ ކެންޕޭނު ތެރޭގައި ވަރަށް ގިނަ ރަށްރަށަށް ލަޠީފު އަރިހުގައި ދަތުރު ކުރެވިފައި ހުންނާނެ. އެއީ ވަރަށް ރޫޙުގައި ހިނގައިދިއަ ކެންޕޭން އެއް. އިސްލާޙީ މަސައްކަތް ފެށުނީ، ލަޠީފު މަޖިލީހަށް ހޮވުމާއެކު". ޙަސަން އަޙުމަދު ދީދީ، ލަޠީފުގެ ޒިކްރާ އައު ކުރައްވަމުން، ވިދާޅުވެ ދެއްވިއެވެ.

ދެން، އައީ އިންތިޚާބުގެ ނަތީޖާ އިޢުލާންވެ، ސީނާ އަޙްމަދު ޒާހިރުއާއި ލަޠީފު، ގދ. އަތޮޅުން އިންތިޚާބުވި ޚަބަރެވެ. ލަޠީފުގެ އަޚު ޙަސަން އަފީފުވެސް ތ. އަތޮޅުން ހޮވިވަޑައިގަތެވެ. އަފީފުފަދަ، އިސްލާޙީ ފިކުރުގެ ބޭފުޅުންކޮޅެއް، މަޖިލިހަށް އިންތިޚާބު ވިއެވެ. އެއަށްފަހު، އަލަށް ހޮވުނު އާ މަޖިލިސް ހުވާކޮށް ފުރަތަމަ ޖަލްސާ ފެށުމާއެކު، މަޖިލީހުގެ ތެރެއިން ވަޒީރުންގެ ފޮޓޯފުޅުތައް ފެންނަން ހުރުން، ލަޠީފަށް އެކަންވީ އައިބު ކަމަކަށެވެ. އޭނާގެ ނަޒަރުގައި މިއީ ރައްޔިތުންގެ މަޖިލީހެވެ. އެތާނގައި އެ ފޮޓޯތައް ހުރުން މުނާސަބެއް ނޫނެވެ. އެހެން ކަމުން ތެދުވެ ވަޑައިގެން، އެވާހަކަ އޭނާ ދެއްކެވިއެވެ.

"އޭގެ ފަހުން ފޮޓޯތައް ނެގީ" ތ. އަތޮޅުގެ އޭރުގެ މެންބަރު ޙަސަން ޢަފީފު، މިދެންނެވި ވާހަކައަށް އިޝާރަތް ކުރައްވަމުން، ވިދާޅުވެފައި ވެއެވެ.

މި އައު ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމާއެކު، މަޖިލީހުގައި މިނިވަން ޚިޔާލު ތަކުގެ އަޑު ގަދަވާން ފެށިއެވެ. އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) އާއި މުޙައްމަދު އިބްރާހީމް ދީދީ (މޮޑީ) އާއި، ސީނާ އަޙުމަދު ޒާހިރާއި، މުޙައްމަދު ލަޠީފު (ގޯގޯލަޠީފު) އާއި، ޤާސިމް އިބްރާހީމްފަދަ، އައު މޫނުތައް ފެންނަމުން ދިއަ އިރު، ޑރ. ވަޙީދު އާއި، ޙަސަން ޢަފީފު ފަދަ، އައު މޫނުތައް މަޖިލީހުން ފެންނަމުން ދިއަ އެވެ. އިސާހިތަކުމެ، ތާޒާ ޚިޔާލު ތަކަށް ޖާގަ ލިބެން ފެށިއެވެ. މަޖިލީހުގެ ރިއާސަތުގައި އޭރު އިންނެވީ، އަލްމަރުޙޫމް އަޙުމަދު ޒަކީއެވެ. މެންބަރުންގެ ތަފާތު ޚިޔާލުތައް،  އެމަނިކުފާނު، ބަލައިގަންނަވަމުން ގެންދެވިއެވެ.

"އޭރު އޮންނަ އާދަކާދައަކީ، ސަރުކާރުން ބިލެއް ފޮނުވާއިރަށް، ކޮންމެވެސް ބޭފުޅަކު ދެތުވެވަޑައިގެން ވިދާޅުވާނެ، ސަރުކާރުން ފޮނުވި ގޮތަށް ބިލް ފާސްކުރަން ހުށަހަޅަމޭ. އަނެއް ބޭފުޅަކު ތެދުވެވަޑައިގެން ވިދާޅުވާނެ، ތިމަންނާ ތާއިދު ކުރައްވަމޭ. އެހިސާބުން ވޯޓަށް އަހާނި." ޙަސަން އަފީފު، ވިދާޅުވިއެވެ.

މި ގޮތަށް ހުށަހެޅޭ ބިލްތައް ގެންދަން، ދާއިމީ ކޮމިޓީއެއް އުފައްދަން ލަޠީފުއާއި ޢަފީފުފަދަ ބޭފުޅުންގެ ޓީމުން އޭގެ ފަހުގެ ޖަލްސާއެއްގައި ހުށަހެޅުއްވިއެވެ. އަދި އެކަން އެ ގޮތަށް ފާސްވެގެން ވެސް، ދިއައެވެ. މި ހުރިހާ ކަމެއްގައިވެސް އިސްނެގުމުގެ އެންމެ މުހިންމު ބޭފުޅަކީ ލަޠީފް އެވެ. މިއީ، ޙަސަން އަފީފުވެސް، ދެކެވަޑައިގަންނަވާ ގޮތެވެ. މި ދެންނެވި ދުވަސްވަރު ޖަލްސާތައް ހެނދުނު 9:00ން 12:00އަށް ބޭއްވި ނަމަވެސް، ކޮމިޓީތައް ހަވީރު އޮވެއެވެ. އެ ދުވަސްވަރަކީ ކޮންމެ ބިލެއްގެ ބަޙުސްގެ މަރުޙަލާ ނިމުމުން ކޮންމެވެސް ކޮމިޓީއަކަށް ބިލްތައް ފޮނުވަމުން ގެންދިއަ ދުވަސްވަރެވެ.

އަފީފު، ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގައި މަރުޙޫމް ލަތީފްއަކީ ވަރަށް "އައުޓް ސްޕޯކަން" (ކެރިވަޑައިގެން ކަންކަމާބެހޭގޮތުން ވާހަކަދެއްކެވި) ބޭފުޅެކެވެ. ބޭނުންވާ ވާހަކައެއް އޭނާ ދައްކަވައެވެ. އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޝަނެއް، ސަރުކާރުން އުފެއްދެވި އިރު، އަފީފްއާއި ލަޠީފުވެސް، އެ ޚިޔާލު، މާކުރިން އޮތީ މަޖިލީހުގެ ތަޅުމުގައި ފާޅުކުރައްވާފައެވެ.

"އަސްލު ޙަޤީގަތަށް ބުނާކަމަށް ވަންޏާ، ލަޠީފްއަކީ ޑިމޮކްރެޓިކް މޫވްމަންޓުގެ ބާނީ.  މަޖިލީހުގައިވެސް، އަދި އޭގެ ކުރީގައިވެސް، ސިޔާސީ ޕާޓީ އުފެއްދުމުގައިވެސް، އެންމެ އިސް ދައުރެއް، އަދާކުރެއްވީ ލަޠީފު" - ޢަފީފު، ވިދާޅުވިއެވެ.

ގދ. އަތޮޅުގެ މެންބަރަކަށް މަރުޙޫމް ލަޠީފު އިންތިޚާބުވީ 1989 ގައެވެ. އޭނާވަނީ 24 ފެބްރުވަރީ 1990ން 27 މާރޗް1991 އަށް، ރައްޔިތުންގެ މަޖިލީހުގައި ގދ. އަތޮޅުގެ މެންބަރުކަން ކުރައްވާފައެވެ. ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި ޙުކުމަކާއި ގުޅިގެން، 1991 ގެ މާރޗު މަހު، ލަޠީފުގެ ގޮނޑި ގެއްލުނެއް ކަމަކު، ޑރ މުނައްވަރާއި ޢަފީފު، އެ ވިދާޅުވެ ދެއްވި ފަދައިން، އިންސާނީ ޙައްޤުތަކަށާއި، އަނިޔާއާއި ދެކޮޅަށް،ފެށްޓެވި މަސައްކަތުގައި، ލަޠީފުގެ ޟަމީރުގައިވާ ރޫޙަކަށް ބަދަލެއް ނާދެއެވެ.

މި ރޫޙުގައި އިސްލާޙީ މަސައްކަތް އިތުރު ގިޔަރަކަށް ލެއްވިއެވެ. ގދ. އަތޮޅާއި ތިނަދޫގައި ވެސް،  އެމްޑީޕީގެ ޙަރަކާތައް ކުރިއަށް ގެންދެވިއެވެ. ތިނަދޫގައި މި ޙަރަކާތްތައް ހިނގަމުން ދިއައީ، އަޅިވިލާގޭގައެވެ. މަރުޙޫމް އެސްޓީއޯ ސަލީމްއާއި، ޙަސަން އަޙުމަދު ދީދި، ފަދަ ބައެއް ބޭފުޅުންނާއެކު، ފެށިގެން އެދިއަ މަސައްކަތުގައި، އެމްޑީޕީގެ ރޫޙު އުފެދި، ކުރިން ރައީސް މައުމޫނަށް އިންތިޚާބު ތަކުގައި ސައްތައިން ސައްތަ ލިބިވަޑައިގަންނަވަމުން އައި ތިނަދޫގެ ނަތީޖާ، ބަދަލުވާން ފެށިއެވެ. ގދ. ގެ އެހެން ރަށްރަށުގައިވެސް އައީ އެމްޑީޕީގެ ރޫޙު ވަރުގަދަ ވަމުންނެވެ. މިއަދު ފެންނަން އޮތް މަންޒަރުގައި، ރައްޔިތުންގެ މަޖިލީހުގައި ހުވަދު އަތޮޅަށް ނިސްބަތްވާ 2 ގޮނޑި ފިއަވައި، ހުރިހާ ގޮނޑިތަކަކީ، އެމްޑީޕީގެ ކެންޑިޑޭޓުން މެންބަރު ކަމުގައި ތިއްބެވި ގޮނޑި ތަކެވެ.      

ދެން، އޮތީ ހަސަން އަޙުމަދު ދީދީ، ލަޠީފު ގޭ ބަންދުގައި ހުންނަވަނިކޮށް، އެގެއަށް ދުރުވެ، ބައްދަލު ކުރެއްވި ދުވަހެއްގައި ލަޠީފު، އޭނާގާތު ވިދާޅުވި ވާހައެކެވެ. މި ވާހަކައިންވެސް ސާބިތުވަނީ ލަޠީފުގެ ނުގުޑާ ޢަޒްމެވެ. ސާބިތުކަމެވެ. ޟަމީރުގައިވާ، އިންސާނީ ޙައްޤުތަކަށް އޮތް ވަރުގަދަ ރޫޙެވެ.

"ލަޠީފު، ގޭ ބަންދުގައި ހުއްޓައި އަޅުގަނޑު ދިޔައިން. ގޮސް ބުނިން ކުޑަކޮށް ދޫކޮށްލައިގެން ކުރިއަށް ދާންވީ ނޫންހޭ؟ އެހެން ނޫނީ މެންބަރު ކަމަކު ނުހުރެވޭނެއޭ. މެންބަރު ކަމުގައި ހުރެވުނިއްޔާތާއޭ އިސްލާޙީ މަސައްކަތް ތައްވެސް ކުރެވޭނި" ލަޠީފުގެ ހަނދާންތައް އައު ކުރައްވަމުން، ޙަސަން އަޙްމަދު ދީދީ، ވިދާޅުވިއެވެ.

ލަޠީފުގެ މި ބަސްފުޅުން އެ ހާމަވަނީ، އޭނާގެ ރޫޙުގައިވާ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރުމުގެ ޢަޒްމެވެ. އަނިޔާއާއި ދެކޮޅަށް، ދެތުވެވަޑައިގެން ހުންނެވި ސާބިތު ކަމެވެ. އެ ހަށިކޮޅުގައި ޖަހަމުންދިއަ ޑިކޮކްރެޓިކް އަގު ތަކުގެ ވިންދެވެ.

މިފަދަ ބޭފުޅަކަށް ލަޠީފު، ވެވަޑައިގަތުމަށް އިންސްޕަޔަރ ވެވޭ، (ހިތްވަރުލިއްބައިދޭ) ކިތަންމެ ކަމެއް އޮތީ، އެނާގެ ހަޔާތްޕުޅުގައި ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންފައެވެ. އެއް ކަމަކީ، ކާފައާއި، ބޮޑުބޭބެއާއި ބައްޕަ، ޖަލުގައި ނިމިދިއަ ހިތާމަވެރި ނިމި ދިއުމެވެ. ލޯބިވާ މާމައާއި ކޮއްކޮމެން 2 އަހަރަށް ވުރެން ގިނަ ދުވަސް، ގޮއިދޫގައި އެ ވޭތުކުރި ހިތާމަވެރި ޙަޔާތެވެ.

ދެވަނަ ކަމަކީ އެދުވަސްވަރު މަޖީދިއްޔާގައި ކިއަވަމުން ގެންދެވި އިރު، ކިޔަވައި ދެމުން ގެންދިއަ "ދަ ބްރިޓިޝް ކޮންސްޓިޓިއުޝަން" ގެ މާއްދާއިން، ދަސްވި ހެޔޮވެރިކަމާއި، ޑިމޮކްރެޓިކް ވެލިއުޒް ތަކާއި، އިންސާނީ ޙައްޤުތަކުގެ ޢިލްމުން، ލަޠީފުގެ ސިކުނޑިއަށް ލިބިފައިވި އަލިކަމެވެ.

އިންސާނީ ހައްޤުތަކަށާއި، އަނިއާ އާއި ދެކޮޅަށް، އިސްލާޙީ ބަދަލު ތަކުގެ ޢަޒްމުގައި، ލަޠީފު، ކުރެއްވި ސާބިތު މަސައްކަތް ތަކުގެ އިންސްޕިރޭޝަން އަކީ، ނުވަތަ އިންކިޝާފަކީ، މި ދެންނެވި އަސަރުތައް ކަމަށް ވެދާނެތޯ އެވެ؟ މިއީ، ލަޠީފުގެ އެންމެ ގާތް އެކުވެރިއާ، ޙަސަން ޢަފީފަށް، އަޅުގަނޑު ދަންނަވާލި ސުވާލެކެވެ.  ޢަފީފު، ވިދާޅުވީ މިހެންނެވެ.

މަރުޙޫމް މުޙައްމަދު ލަޠީފުގެ ވަކިވެ ދިއުމަކީ، ޢަފީފު ސިފަކުރައްވާ ގޮތުގައި، ގާތް ރަޙުމަތް ތެރިއެއްގެ ގޮތުންވެސް، އަދި މި ޑިމޮކްރެޓިކް މޫވްމަންޓަށާއި، އިންސާނީ ޙައްގުތައް ޙިމާޔަތް ކުރުމުގެ މަސައްކަތަށާއި، އަދި ރައްޔިތުންގެ ހައްގުތައް ޙިމާޔަތް ކުރުމުގެ މަސައްކަތަށް ބެލި ނަމަވެސް، ގައުމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. ހިތާމައެކެވެ.

ތެދެކެވެ. އެއީ ވަރުގަދަ ޢަޒްމެއްގެ ވެރިއެކެވެ. " ޖެހޭނީ ކަރު ބުރި ކޮށްލަން، މި ޙަރަކާތެއް ނުހުއްޓާނަން!" ހީވަނީ، މި ޖުމްލައިގެ އަޑު، މިހާރުވެސް އިވޭ ހެންނެވެ!

މާތް ﷲ، މަރުޙޫމް މުޙައްމަދު ލަޠީފުގެ ފުރާނަފުޅަށް، ހެޔޮ ރަޙުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވާށިއެވެ.

މުޙައްމަދު ލަތީފްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު