ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންއަށް އަރާ، ހަނގުރާމަ ކުރަން ފެށުމާއެކު، ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ އަގުތައް ފަތުއަޑުކިއާފައި އުފުލިގެން ދިޔައީ އިންތިހާ ހަލުވި މިނުގައެވެ. 1970ގެ އަހަރުތަކުގެ ފަހުން ދުނިޔެ ދެކެފައި ނުވާހާ މަތީ އަގުތަކަކަށެވެ. އެކަމުގެ ސީދާ އަސަރު، ދުނިޔޭގެ ކުރިއެރުމުގެ ދުވެއްޔަށް ނުފޯރާ ނުދާނެއެވެ. ހަކަތައިގެ އަގުތައް އުފުލުމުގެ ސަބަބުން އެކަނިވެސް، 2023 ވަނަ އަހަރު ނިމޭ އިރު، ދުނިޔޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 1 ޕަސެންޓް މަދު ވާނެ ކަމަށް، ވޯލްޑް ބޭންކުގެ އަންދާޒާތަކުން ދައްކައެވެ.
ޖެނުއަރީ 2022 އާއި އޭޕްރިލް 2022 އާ ދެމެދު ފާއިތުވީ މުއްދަތަށް ބަލާއިރު ވޯލްޑް ބޭންކުގެ އެނާޖީ ޕްރައިސް އިންޑެކްސް ވަނީ 26.3 ޕަސެންޓް އުފުލިފައެވެ. އެއީ ޖެނުއަރީ 2020 އާއި ޑިސެމްބަރު 2021 އާ ދެމެދު އުފުލުނު 50 ޕަސެންޓްގެވެސް މައްޗަށެވެ. ސަބަބެއް ކަމުގައި ވީ ބޯޓުދެއްޔާއި، ތެލުގެ އިތުރުން ގުދުރަތީ ގޭހުގެ އަގު އަރައިގެން ދިއުމެވެ. އޭޕްރިލް 2020 އާއި އޭޕްރިލް 2022 އާ ދެމެދު ހޭދަވީ 2 އަހަރު ދުވަހުގެ މުއްދަތަށް ބަލާއިރު، ސާފު ނުކުރާ ތެލުގެ އަގުތައް 350 ޕަސެންޓަށް ބޮޑުވިއެވެ. މިއީ 1970ގެ އަހަރުތަކަށް ފަހު، 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަގުތަކަށް އައި އެންމެ ބޮޑު ބަދަލެވެ. ބޯޓު ދެއްޔާއި ގުދުރަތީ ގޭހުގެ އަގުތައް އުފުލިގެން ދިޔައީ ތާރީހު ދެކެފައި ނުވާހާ މައްޗަށެވެ.
އެވަރޭޖް ގޮތެއްގައި ބަލާއިރު މި ހިނގާ 2022 ވަނަ އަހަރު، ހަކަތައިގެ އަގުތައް 50 ޕަސެންޓް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ބޯޓު ދެލީގެ އަގުން 81 ޕަސެންޓް، ގުދުރަތީ ގޭހުގެ އަގުން 74 ޕަސެންޓް އަދި ސާފު ނުކުރާ ތެލުގެ އަގުން 42 ޕަސެންޓް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ހަކަތައިގެ އަގުތައް އުފުލޭ ގޮތަށް، ދިގު މުއްދަތަކަށް އެކަން ދެމިގެންދާނެ ކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ. ޖެނުއަރީ 2022 ގެ އަންދާޒާތަކަށް ރިއާޔަތްކޮށް، 2023 ވަނަ އަހަރު، އެވަރޭޖު ގޮތެއްގައި އަގުތައް އުޅޭނީ 46 ޕަސެންޓް މަތީގައި ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ހަކަތައިގެ އަގުތަކަށް އައި ބަދަލާއެކު އެތައް ރޮނގަކުން، އިގުތިސާދީ ހަރަކާތްތަކާއި އިންފްލޭޝަނަށް އެކަމުގެ އަސަރު ވަނީ ފޯރާފައެވެ. ހަކަތައިގެ އުފެއްދުންތައް އިމްޕޯޓް ކުރާ ގައުމުތަކާއި އެކްސްޕޯޓް ކުރާ ގައުމުތަކަށް، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެކަމުގެ އަސަރު ވަނީ ފޯރާފައެވެ. ނުސީދާ އަސަރުތަކަށް ބަލާއިރު އެކަން ފޯރަނީ ވިޔަފާރީގެ ބާޒާރުގައި އެހެން މުދަލުގެ މުއާމަލާތްތަކުންނެވެ. އިންވެސްޓްމަންޓްތަކުގެ ޔަގީންކަން ކުޑަވުން ފަދަ ކަންކަމުންނެވެ. ހަކަތައިގެ އަގުތަކާއެކު ވަގުތުން ވަގުތަށް ކުރާ އަސަރުތަކެއްވެސް ހުރެއެވެ.
ތެލާއި ގުދުރަތީ ގޭސް އަދި ބޯޓު ދެލީގެ އަގުތައް އުފުލުނު ގޮތަށް ބަލާއިރު، މި ހިނގާ 2022 ވަނަ އަހަރު، ދުނިޔޭގެ ކުރިއެރުމުގެ ދުވެލިން 0.5 ޕަސެންޓް އަދި 2023 ވަނަ އަހަރު އިތުރު 0.3 ޕަސެންޓް އުނިވާނެއެވެ. ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރު އަންނަ އިރު ދުނިޔޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް، 0.8 ޕަސެންޓް ދަށް ވާނެ ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ އަންދާޒާކޮށްފައެވެ. ކުރިއަރާފައިވާ އިގުތިސާދީތަކުގެ އުފެއްދުންތެރިކަމުން 0.9 ޕަސެންޓް ދަށަށް ދާއިރު، އަލަށް އުފެދެމުން އަންނަ ބާޒާރުތަކާއި ކުރިއަރަމުން އަންނަ އިގުތިސާދުތަކުގެ ތެރެއިން ތެޔޮ އިމްޕޯޓް ކުރާ އިގުތިސާދުތަކުގެ އުފެއްދުންތެރިކަމުން 0.6 ޕަސެންޓް ދަށަށް ދާނެ ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ އަންދާޒާކޮށްފައެވެ.
ސިޔާސަތުތަކުގެ ތެރެއިން، މި ނުތަނަވަސް ކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދިދާނެ ކަމަށް ބެލެވެއެވެ. އެގޮތުން އެންމެ ދެކޮޅު ޖެހޭ ސިޔާސަތެއްގެ ތެރެއިން ހަކަތަ ބޭނުން ކުރަން ހިތްވަރު ދިނުމާއި، ކާބަން ބޭރު ކުރާ މިންވަރު ދަށް ކުރާ ހަކަތައިގެ މަސްދަރުތަކަށް ބަރޯސާވުމުގެ ދުވެލި ހަލުވި ކުރުން ފަދަ ކަންކަމަށް، ސިޔާސަތު އެކުލަވާލުމުގެ ދަރަޖާގައި އިސްކަން ދިނުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ޑިމާންޑާއި ސަޕްލައި އެއް ހަމައަކަށް އެޅި، ކުރިއެރުމުގެ ދުވެއްޔަށް ކުރިމަތިވާ ހުރަސްތައް މަދު ކުރެވިދާނެއެވެ. ކުރު މުއްދަތުގެ ސިޔާސަތުތަކަށް ބަލާއިރު، ކާބަން ބޭރު ކުރާ މިންވަރު ސުން ރޭޓަށް ދަށް ކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައިވާ ހަކަތައަށް ސަބްސިޑީޒް ދޫކުރުން މަޑުޖައްސާ، އެ ފައިސާ، ނާޒުކު ގޭބިސީތަކަށް އަމާޒު ކުރުމުގެ ފައިދާ ބޮޑު ވެދާނެ ކަން ފާހަގަކުރަންޖެހެއެވެ.