ކ. މާލެ
|
29 ޖޫން 2022 | ބުދަ 20:20
އީރާންގެ ނިއުކްލިޔާ ޕްލާންޓެއް
އީރާންގެ ނިއުކްލިޔާ ޕްލާންޓެއް
ރޮއިޓަރސް
އީރާނާއި އެމެރިކާގެ ނިއުކްލިއަރ މަޝްވަރާ
އީރާނާއި އެމެރިކާގެ ނިއުކްލިއަރ މަޝްވަރާތަކާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް؟
 
ހުއްޓުމަކަށް އައިސްފައިވާ އެއްބަސްވުން އަލުން ފެށީ އޭޕްރިލް 2021
 
އައިއޭއީއޭއިން އީރާނުގެ ނިއުކްލިއަރ މަޝްރޫއު 24 ގަޑިއިރު މޮނިޓަރކުރަން ހަމަޖެއްސި

އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫއަކީ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ގޮތުގައި އޮތް އެމެރިކާއިން އެންމެ ފާޅުގައި ގައުމެއްގެ މިނިވަންކަމަށް ނުފޫޒު ފޯރުވަމުން ގެންދިއުމުގެ އަސްލު ކަމުގައިވި އެއް މަޝްރޫއެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫއަކީ މަދަނީ މަޝްރޫއެއްކަމަށް އެ ގައުމުން ބުނިކަމުގައި ވީނަމަވެސް، އެ މަޝްރޫއުގެ ނިޔަތަކީ އަސްކަރީ ބާރުވެރިކަމުގެ ނިޔަތެއްކަމަށް ބުނެ، އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަމުންނެވެ. ނަތީޖާއެއްގެގޮތުން އީރާން ނުތަނަވަސްވެ، ބައިނަލްއަގުވާމީ އެއްބަސްވުންތަކަށް އެ ގައުމުން ފުރަގަސްދިނެވެ. އަދި މަސްރަހު އިތުރަށް ގޯސްވާން ފެށުމުން ސުލްހައިގެ މަޝްވަރާތަކަށް މަސައްކަތްކޮށް، ގަތަރުގައި އެ މަޝްވަރާތައް ކުރިއަށްގެންދިއުމުގެ ވަގުތު މިވަނީ ޖެހިފައެވެ.

މާޗްމަހު މަޝްވަރާތައް ހުއްޓުމަށްފަހު އެ މަޝްވަރާތައް އަލުން ފަށާފައިވާއިރު، މި ހިއްސާކޮށްލަނީ އެކަމާބެހޭގޮތުން ކޮންމެހެން އެނގެންޖެހޭ ބައެއް މައުލޫމާތެވެ.

މަޝްވަރާތަކުގެ މަގުސަދަކީ ކޮބާ؟

މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ އެންމެ ވަރުގަދަ ބާރުތަކުގެ ގޮތުގައި އޮތް ޗައިނާ، ފްރާންސް، ޖަރުމަނު، ރަޝިއާ، އިނގިރޭސިވިލާތް އަދި އެމެރިކާއާއެކު އީރާނުން 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުން ނެގެހެއްޓުމެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރު އެމެރިކާއިން އެއްބަސްވުން ދޫކޮށްލިއެވެ. އަދި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒުކުރަންފެށިއެވެ. ރައްދުގައި، އީރާނުގެ ނިއުކްލިއަރ މަޝްރޫއު އިތުރަށް ފުޅާކުރިއެވެ. މި މަޝްރޫއުގެ ނިޔަތާމެދު އެހެން ގައުމުތައްވެސް ޖެހިލުންވާންފެށިއެވެ. އަދި އީރާނުން ފުރިހަމަ އެއްބާރުލުން ނުދޭކަމުގެ ޝަކުވާ، އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ)އިން އުފުލިއެވެ.

ނިއުކްލިއަރ އެއްބަސްވުމުން ވީ ކޮން ކަމެއް؟

އެތައް އަހަރަކަށް ދިގުލައިގެން ދިޔަ މަޝްވަރާތަކަށްފަހު، ދުނިޔޭގެ ބާރުތަކާ އީރާނާއެކު އެކުލަވާލި އެއްބަސްވުމަށް ރަސްމީ ސިފައެއްގައި ދީފައިވާ ނަމަކީ "ޖޮއިންޓް ކޮމްޕްރިހޭންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ")އެވެ. އެ އެއްބަސްވުން މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައި އޮތީ އީރާނުގެ ނިއުކްލިއަރ މަޝްރޫއު މަޑުޖައްސާލުމަށެވެ. ބަދަލެއްގެ ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނަށް ލުއި ލިބޭ އުސޫލުންނެވެ. އައިއޭއީއޭއިން، އީރާނުގެ ނިއުކްލިއަރ މަޝްރޫއު 24 ގަޑިއިރު މޮނިޓަރކުރަން ހަމަޖެއްސިއެވެ. އަދި 3.67 ޕަސެންޓާ ހަމައަށް ޔުރޭނިއަމް ފައްކާކުރުމުގެ ހުއްދަ އީރާނަށް ދިނެވެ. އީރާނުގެ ގިނަ ބަޔަކު އޭރު ގަބޫލުކުރަމުން ދިޔައީ، އެއްބަސްވުމުގެ ސަބަބުން އީރާނުގެ އިގުތިސޯދު ހެޔޮ ފާލަކަށް އެޅޭނެކަމަށެވެ.

މާޗް މަހު މަޝްވަރާތައް ހުއްޓުނީ ކީއްވެ؟

ހުއްޓުމަކަށް އައިސްފައިވާ އެއްބަސްވުން އަލުން ފެށީ އޭޕްރިލް 2021ގައެވެ. ބައިވެރިންގެ ގޮތުގައި ތިބީ ޗައިނާ، ރަޝިއާ، ފްރާންސް، އިނގިރޭސިވިލާތް އަދި ޖަރުމަނާއި އީރާނެވެ. ވިއެނާގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި އެމެރިކާ ބައިވެރިވީ ނުސީދާކޮށެވެ. އީރާނުން އެމެރިކާއާއެކު މަޝްވަރާއަށް އިށީންނަން ބޭނުންނުވުމުންނެވެ. މަޝްވަރާތައް ކޮޅެއްގައި ޖެހިދާނެކަމުގެ ކޮޅުމަތި މާޗް މަހު ފެނުނެވެ. ނަމަވެސް، ހަގީގީ ކުލަޖެއްސޭގޮތެއް ނުވިއެވެ. އޭގެ ފަހުން ފެނިގެން ދިޔައީ އީރާނާ އެމެރިކާއާ ދެމެދު މެސެޖުތަކެއް ބަދަލުކުރަންފެށިތަނެވެ. އެއްބަސްވުމަކަށް ނާދެވެއެވެ. ދެބައިމީހުންގެ މެދުގައި އުފެދުނު އެންމެ ބޮޑު ޚިޔާލުތަފާތުވުމަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭނެ މިންވަރެކެވެ. އަދި އީރާނުގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ ފައުޖު ކަމަށްވާ އީރާނިއަން ރިވަލޫޝަނަރީ ގާޑުންނަކީ އެމެރިކާއިން އެކުލަވާލާފައިވާ ޓެރަރިސްޓް ޖަމާއަތުގައި ލިސްޓުކޮށްފައިވާ ޖަމްއިއްޔާއެއްކަމަށް ވުމަކީވެސް ދެބަސްވުންތަކުގެ އަސްލެކެވެ.

މަޝްވަރާތައް އަލުން ފަށަނީ ކީއްވެ؟

މަޝްވަރާތައް އަލުން ފެށުމަށް އީރާނާއި އެމެރިކާއިން އެއްގަލަކަށް އެރީ، ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތުތަކާބެހޭ އިސްވެރިޔާ ޖޯސެޕް ބޮރެލް ދާދިފަހުން އީރާނަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. އަދި ނުތަނަވަސް ކަމެއްގެ ސަބަބުން އަސްކަރީ ކުރިމަތިލުމެއް ފެށިދާނެކަމުގެ ބިރު ނައްތާލުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ސުލްހައިގެ އެއްބަސްވުން އިއާދަކުރުންކަމަށް ހުރިހާ ފަރާތަކުން އެއްބަސްވިއެވެ. މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ، އީރާނުގެ ތެލުގެ ސިނާއަތް، އެކީ އެކައްޗަކަށް ބައިނަލްއަގުވާމީ ބާޒާރަށް ހުޅުވާލެވޭނެއެވެ. ރަޝިއާއިން ޔޫކްރެއިންގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ މި ދަނޑިވަޅުގައި، މިއީ ދުނިޔެއަށް މިވަގުތު އެންމެ ބޮޑަށް ބޭނުން ޖެހިފައި ވާ އެއްކަމެވެ.

ގަތަރުގައި ކީއްވެ؟

ސުލްހައިގެ މަޝްވަރާތައް ގަތަރުގައި ކުރިއަށްގެންދަން ނިންމާފައިވާއިރު، ގަތަރަކީ އީރާން އަދި އެމެރިކާއާއެކުގައިވެސް ގާތް ގުޅުމެއް އޮންނަ ގައުމެއްކަން ފާހަގަކުރަންޖެހެއެވެ. ގަތަރުގެ ސަރުކާރަކީ ޖޭސީޕީއޯއޭ ނެގެހެއްޓުމަށް ތާއަބަދުމެ ގޮވާލަމުންދިޔަ ސަރުކާރެކެވެ. އަދި އެމެރިކާއާއި އީރާން ސަރުކާރާ ދެމެދު ޕޯސްޓްމަނެއްގެ ދައުރު އަދާކުރީވެސް ގަތަރު ސަރުކާރުންނެވެ.

ކާމިޔާބުވާނެތަ؟

މަޝްވަރާގެ މޭޒަށް ގައުމުތަކުން ހާޒިރުވިކަމުގައި ވީނަމަވެސް، ފުރިހަމަ ކާމިޔާބެއް ލިބޭނެކަމުގެ ޔަގީންކަމެއް އަދި ނެތެވެ. އީރާނާ ދެކޮޅަށް ތަންފީޒުކުރާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލައަށް ހައްލެއް ލިބިފައި ނުވާއިރު، އިޒްރޭލުން ދަނީ އެއްބަސްވުން އިއާދަކުރުމާ ދެކޮޅަށް ވަކާލާތުކުރަމުންނެވެ. އަދި އީރާނަށް އިތުރަށް ޕްރެޝަރުކުރުމަށް ބާރުވެސް އަޅަމުންނެވެ. އީރާނުން ބުނަމުންދަނީ ފުރަތަމަ އެއްބަސްވުމުގެ ދަށުން ކަށަވަރުކޮށްދިން އިގުތިސޯދީ ފައިދާތަކުގެ މަންފާ ލިބުމަށް އެދޭކަމަށެވެ. ނަމަވެސް އީރާނުން ވަނީ އައިއޭއީއޭގެ ސާވޭލަންސް ކެމެރާތައް ނިއްވާލާފައެވެ. ކެމެރާތައް އޮން ނުކޮށްފިނަމަ، ޖޭސީޕީއޯއޭއާ އެއްގޮތަށް ސާވޭލަންސް މަސައްކަތް ކުރިއަށްގެންދިއުމަށް ހުރަސްއެޅޭނެއެވެ. އަދި އިޒްރޭލުން ދަނީ އީރާނުން ނިއުކްލިއަރ ބޮމެއް ނުއުފައްދާނެކަން ކަށަވަރުކުރުމަށް، އެޅެން އޮތްހާ ފިޔަވަޅެއް އަޅާނެކަމުގެ އިންޒާރު ދެމުންކަންވެސް ފާހަގަކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
50%
0%
0%
0%
50%
ކޮމެންޓް