ކ. މާލެ
|
18 ޖޫން 2020 | ބުރާސްފަތި 21:11
ދިވެހިރާއްޖޭގެ ފުރަތަމަ، އެމް.ބީ.ބީ.އެސް ޑޮކްޓަރ، ޢަބްދުއްރަޝީދު ޢަބްދުލް ވައްހާބާއި އަނބިކަނބަލުން
ދިވެހިރާއްޖޭގެ ފުރަތަމަ، އެމް.ބީ.ބީ.އެސް ޑޮކްޓަރ، ޢަބްދުއްރަޝީދު ޢަބްދުލް ވައްހާބާއި އަނބިކަނބަލުން
ރާއްޖެއެމްވީ
ރާއްޖޭގެ ފުރަތަމަ، އެމް.ބީ.ބީ.އެސް ޑޮކްޓަރ
ދިވެހީންގެ ފުރަތަމަ މެޑިކަލް ޑޮކްޓަރުގެ ޚިދުމަތުން، ޤައުމު މަޙުރޫމުވެ، އެމެރިކާގެ ފަސްގަނޑު ދަށުގައި!
 
އެމެރިކާގެ ރައްޔިތުންގެ މަތިވެރި ޤަދަރާ ލޯބި އޭނާ ހޯއްދެވި
 
ޑރ. ޢަބްދުއްރަޝީދަކީ، ސައުތު ހެވަންގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤުބޫލު، އެހާމެ އިޙުތިރާމު ލިބިވަޑައިގެންފައިވި ޑޮކްޓަރެއް
 
ރާއްޖެއަށް އައުމަށް ޕެކްކުރި ފޮށިތައް، 30 އަހަރު ފާއިތުވެ ދިޔައިރުވެސް ހުރީ ގޭގެ ސިޓިންރޫމުގައި

އެއީ މީގެ 55 އަހަރު ކުރިން، ދިވެހި ތާރީޚުގައި ލިޔެވިފައިވާ، 1965ގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އެދުވަހަކީ، މާލެއަށް އެ ދުވަހު އައި، އެސް.އެސް.މޯލްޑިވްސް ސްޓަރ ބޯޓުން، ދިވެހިރާއްޖޭގެ ފުރަތަމަ، އެމް.ބީ.ބީ.އެސް ޑޮކްޓަރ، ޢަބްދުއްރަޝީދު ޢަބްދުލް ވައްހާބު، މާލެއަށް ވަޑައިގަތް ދުވަހެވެ.

ހޯއް ގޮވާ ކެއްސުމާ، ފައިލޭރިއާ އާއި، ޓައިފޮއިޑާއި، ޖުޒާމް ބައްޔާއި، ކާޑުބައްޔާއި، ލެޕްރަސީފަދަ ބަލިތަކުގެ ޝިކާރައަކަށްވެފައި އޮތް، ދިވެހިރާއްޖެ އޮތީ، ޒަމާނީ ޑޮކްޓަރީ ޚިދުމަތަށް ފެންބޮވައިގެންފައެވެ. ޒަމާނީ ޑޮކްޓަރީ ބޭހަށް އިންތިހާއަށް ބޭނުންވެފައެވެ. އެހެންކަމުން، ޑރ.ޢަބްދުއްރަޝީދު މާލެއަށް ވަޑައިގަތުންވީ، ދިވެހިރާއްޖެއަށް އައި ޢީދަކަށެވެ. އޭރު ނިކުންނަމުން ދިއަ، ސަރުކާރު ޚަބަރު ނޫހުގެ ފަރާތުން ޑރ.ޢަބްދުއް ރަޝީދަށް ޚާއްސަ ކަވަރޭޖެއް އެރުވިއެވެ. އެ ނޫހުން އޭނާއަށް މަރުޙަބާވެސް ދެންނެވިއެވެ. އެ ޖުމްލައިގެ ފަހަތުން، އެ ނޫސް ދިނީ އަނެއްކައިވެސް، ކެތްތެރިކަން ކޮޅުންލާފައި އޮތް، ދިވެހި ސިއްޚީ ޚިދުމަތް، އިސްޖަހައިލި ޚަބަރެކެވެ. އެއީ ހަމަ މިދެންނެވި ބޯޓުން، ޑރ. ޢަބްދުއްރަޝީދު، ދާއިރާއިން ސްޕެޝަލިސްޓަކަށް ވެވަޑައި ގަތުމަށް ކެނެޑާއަށް، ފުރާވަޑައިގަންނަވާނެ ވާހަކަ އެވެ. ސުވާލަކީ، އެ ދަތުރުގެ ފަހުން، ޑރ. ޢަބްދުއްރަޝީދުގެ ޚިދުމަތުން ދިވެހިރާއްޖެ އަބަދަށް މަޙުރޫމުވެގެން ދިޔަ ދިއުމެވެ. އެމެރިކާގެ މިޗިގަންގެ ސަހަރާއެއްގައި އޭނާގެ މަޤުބަރާ މިއަދު ފެންނާން އޮތުމުގެ ސިއްރަކީ ކޮބައި ކަމެވެ؟

ދިވެހި ސަރުކާރުގެ ޚަރަދުގައި ޢަބްދުއްރަޝީދު އަބްދުލް ވައްހާބު، އެންމެ ފުރަތަމަ ކިޔަވާވިދާޅުވީ، ސްރީލަންކާގެ ސެންޓްޕީޓަރސް ކޮލެޖުގައެވެ. އެތާނގައި އޭނާ 8 އަހަރު، ހޭދަ ކުރެއްވުމަށްފަހު، އިންޑިއާގެ މެޑްރާސްގެ ކްރިސްޓިއަން ކޮލެޖަށް ވަޑައިގަތީ، އެމް.ބީ.ބީ.އެސް ހެއްދެވުމަށެވެ. އެއީ ކޮލޮމްބޯ ޕްލޭނިންގެ އެހީގައި ލިބުނު ފަންޑުގެ ދަށުންނެވެ.

މި ރިޕޯޓުގެ ދިރާސާގެ ތެރެއިން، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމަށް، ފޯނުން އަޅުގަނޑާ ބައްދަލުވިއެވެ. އެއީ ޑރ.ޢަބްދުއްރަޝީދުގެ ތަޢުލީމީ ޙަޔާތާމެދު، ސާފުކޮށްލަން ބޭނުންވި މަޢުލޫމާތަކަށެވެ. ރައީސް މައުމޫން ވިދާޅުވި ގޮތުގައި، އެމަނިކުފާނާއި ޢަބްދުއްރަޝީދު، ފުރަތަމަ ބައްދަލުވީ ސްރީލަންކާގެ ސޯސަންވިލާއިންނެވެ. އޭރު މައުމޫންވެސް ހުންނެވީ ސޯސަންވިލާގައެވެ. އެދުވަސްވަރުގެ ބައެއް ހަނދާންތައް، ރައީސް މައުމޫން ޙިއްސާކޮށްދެއްވިއެވެ.

ކުރިންވެސް ދެންނެވި ފަދައިން، ގާތްގަނޑަކަށް އަށެއްކަ އަހަރު، ސެންޓްޕީޓަރސް ކޮލެޖުގައި ޢަބްދުއްރަޝީދު، ހޭދަކުރެއްވިއެވެ. އެއީ، އެމް.ބީ.ބީ.އެސް ހައްދަވަން މެޑްރާހަސް ފުރާވަޑައިގަތުމުގެ ކުރިއެވެ. އިންޑިއާއަށް ވަޑައިގެން، އެމް.ބީ.ބީ.އެސް ފާސް ނެންގެވުމަށްފަހު، ކެނެޑާއަށް ފުރުއްވީ، އަމިއްލަފުޅަށް އިނގިރޭސި ސަރުކާރަށް ލިޔުއްވައިގެން ހޯއްދެއްވި ސްކޯލަރޝިޕެއްގައެވެ. މިފަހަރު ކޯހުގެ ފަންޑު ލިބިވަޑައިގަތީ ޑަބްލިއުއެޗްއޯގެ ފަރާތުންނެވެ.

ކެނެޑާއަށް ފުރުއްވުމަށްޓަކައި، މާލެއަށް 1965ގެ ޖޫން 22 ގައި އޭނާ ވަޑައިގެން، އެ ހުންނެވި ދުވަސްވަރު، ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހަށް، އޭރު މާލޭގައި ހިނގަމުންދިޔަ ސަރުކާރު ހޮސްޕިޓަލުގައި ޚިދުމަތް ދެއްވިއެވެ. ނަމަވެސް އޭރު އޭނާ ހުންނެވީ ކެނެޑާއަށް ފުރުއްވުމުގެ ދަތުރުމަތީގައި ކަމުން، ވިދިގެން އައި ހަފުތާގައި، ރާއްޖެއިން ފުރުއްވިއެވެ.

ޑރ. ޢަބްދުއްރަޝީދު ކެނެޑާގައި ކިޔަވާވިދާޅުވަމުން ގެންދެވީ، ގައިނީ ދާއިރާއިންނެވެ. އޭނާ ޚާއްސަވެ ވަޑައިގަތީ، އަންހެނުންގެ ސްޕެޝަލިސްޓެއްގެ ގޮތުގައެވެ. ނަމަވެސް، މިދެންނެވި ދުވަސްވަރު ކޯހުން ފާސްވެ ވަޑައިގަތީ، އުންމީދުކުރެއްވި މުއްދަތަށްވުރެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އެއީ ކިޔެވި މާއްދާއެއްގެ އިމްތިޙާނުގައި އަލުން އިށީނދެ ވަޑައިގަންނަވަން ޖެހިވަޑައި ގަތުމުންނެވެ.

ކެނެޑާގައި ހުންނަވަނިކޮށް އެއް ދުވަހަކު، ޢަބްދުއްރަޝީދާއި ކުއްލި ގޮތަކަށް، ބައްދަލު ކުރީ، ކެނެޑާގެ އިމިގްރޭޝަންގެ އޮފިސަރެކެވެ! އެ މީހަކު، ޢަބްދުއްރަޝީދަށް ދެންނެވީ، ދިވެހި ސަރުކާރުން އޭނާގެ ޕާސްޕޯޓު ކެންސަލްކޮށް، އެކަން ކެނެޑާ ސަރުކާރަށް އަންގަވައިފި ކަމެވެ. އަދި އަނބުރާ ރާއްޖެއަށް ފޮނުވައިދޭން، ކެނެޑާ ސަރުކާރުގައި، ދިވެހިސަރުކާރުން އެދިއްޖެ ވާހަކައެވެ. އެހެން ކަމުން ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި، ރާއްޖެއަށް އެނބުރިދާން ތައްޔާރުވާން، އޭނާއަށް އެންގިއެވެ.

މިދަންނަވާލީ، ކެނެޑާގެ އިމިގްރޭޝަން އޮފިސަރުގެ ރަސްމީ އެންގުމެވެ. ނަމަވެސް އެބޭކަލަކު ނުރަސްމީކޮށް ޢަބްދުއްރަޝީދަށް ދެންނެވީ، ކެނެޑާގެ ރައްޔިތަކާއި ކައިވެނި ކުރައްވައިގެން ހުންނެވުމުން، ކެނެޑާގެ ގާނޫނު ބުނާ ޙިމާޔަތް، ހޯއްދަވަން ބޭނުންފުޅު ނަމަ، ރަސްމީ ޗެނަލުން އެ މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ!

މިވީ ކީއްހެޔެވެ؟ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުން، ޑރ.ޢަބްދުއްރަޝީދުގެ ޕާސްޕޯޓު ކެންސަލް ކުރީ ކީއްވެ ހެއްޔެވެ؟ އަދި އެނާ ވަގުތުން މާލެއަށް ފޮނުވަން އެ އެންގެވީ ކޮން ސަބަބަކާހުރެ ހެއްޔެވެ؟ މި ޚަބަރުން ޢަބްދުއްރަޝީދަށް ލިބިވަޑައިގަތީ ކުއްލި ސިހުމަކާއި ބިރުވެރި ކަމެކެވެ. އޭރު މާލެއިން ޚަބަރު ލިބެމުންދިޔަ ގޮތުގައި، އޭނާ ރާއްޖެ އަތުވެއްޖެނަމަ، ހައްޔަރު ކުރާނެއެވެ. އެހެން ކަމުން ޙާލަތު ބަދަލުވެގެން މިދަނީ، އޭގެ ބިރުވެރިކަން އިންތިހާއަށެވެ. އެނގޭ ކަމަކީ، މިހެން ދިމާވި ކީއްވެކަން ޙަޔާތުގެ ވަރަށް ފަހުކޮޅު، ކުއްލިއަކަށް އޭނާއާއި ބައްދަލުވި ބޮޑުބޭބެ ކިޔާ ކުއްޖަކާއި ބައްދަލުވުމާއި ހަމައަށް އޮތީ، ނޭގުމެއްގެ ތެރޭގައި އޮތް ސިއްރެއްގެ ގޮތުގައި ކަމެވެ. އަދި މިދެންނެވި ބޮޑުބޭބެކިއާ ކޮއްކޮއާއި އަބްދުއްރަޝީދާއި ބައްދަލުވުންވެސް، ވެގެންދިޔައީ، އޭނާއަށް ކުއްލި ސިހުމެއް ލިބިވަޑައިގަތް، އާދަޔާ ކިލާފު ކަމަކަށެވެ.

ކޮންމެއަކަސް ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ޢަބްދުއްރަޝީދު ހުންނެވީ ވަރަށް ބިރުފުޅުންނެވެ. ރާއްޖެއަށް އެނބުރި ދިއުމުން ދެން ކަންތައް ވެގެންދާނެ ގޮތް، އޭނާއަށް ވިސްނިވަޑައިގަންނަވައެވެ. އޭރު އޭނާ ހުންނެވީ ކެނެޑާގެ އަންހެނަކާ ކައިވެނި ބައްލަވައިގެންނެވެ. އެހެންކަމުން، ކެނެޑާގެ ޙިމާޔަތް ހޯއްދަވަން ރަސްމީ ޗެނަލުން އޭނާކުރެއްވި މަސައްކަތުން، ކެނެޑާގެ ޙިމާޔަތް ލިބިވަޑައިގަތެވެ. އެހައިތަނުން، ދެން ފެށުނީ ޢަބްދުއްރަޝީދުގެ އެހެން ޙަޔާތެކެވެ. ކެނެޑާގެ ހޮސްޕިޓަލެއްގައި އޭނާ ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. މިދެންނެވި ދުވަސްވަރު، ވިހެއުމުގެ ވޭން އިޙުސާސް ނުވާގޮތަށް އަންހެނުން ވިއްސުމުގެ "ހިޕޮނޮސިސް"ގެ ދާއިރާއިން އަނެއްކާވެސް އޭނާ ކިޔަވަން ފެށިއެވެ. މި ދާއިރާއިން އޭނާ ޕީ.އެޗް.ޑީވެސް ޙާސިލް ކުރެއްވިއެވެ. މިހާތަނަށް އައިއިރު، ޑރ. އަބްދުއްރަޝީދަކީ، ކެނެޑާގައި މަގުބޫލު ގައިނަކޮލޮޖިސްޓެކެވެ. އެ ދާއިރާގެ ސްޕެޝަލިސްޓެކެވެ. ޚާއްސަކޮށް، ވިހެމުގެ ތަދު އިޙުސާސްނުވާ ގޮތަށް އަންހެނުން ވިއްސުމުގެ ގޮތުން، އޭނާއަށް ލިބިލެއްވި ކުޅަދާނަކަން ވެގެންދިޔައީ ޑރ. އަބްދުއްރަޝީދު މަގުބޫލުވެ، މަޝްހޫރުވި ސަބަބަށެވެ.

ފެންނަނީ، އެމެރިކާއާއި ކެނެޑާއިންވާ ބޯޑަރު ކައިރީގައި އޮންނަ، އެމެރިކާގެ މިޗިގަން ސްޓޭޓުގެ ކުޑަކުޑަ އަވަށެއްކަމަށްވާ "ސައުތު ހެވަން"ގެ ހިތްފަސޭހަ ކޯރުގެ ކައިރީގައި ހުރި، ތިންބުރީގެ ރީތި ގެއެކެވެ. މި ގޭގެ އެތެރޭގެ ފާރުތައް ހުންނަނީ ހުދު ކުލަ އަކުންނެވެ. ދޮރުތަކާއި ފަރުނީޗަރުތަކަކީ، ލަކުޑި ކުލައިން ފެންނާންހުރި ތަންތަނެވެ. މިއީ އެމެރިކާގެ ތަނަވަސް މީހުން، ޢާންމުކޮށް ދިރިއުޅޭފަދަ، ހެޔޮވަރުގެ ސާދާ އެމެރިކާގެ ގެއެކެވެ. މިދެންނެވި ގެއަކީ، ޑރ. ޢަބްދުއްރަޝީދު ޢަބްދުލް ވައްހާބާއި އޭނާގެ އަނބިކަނބަލުން ސުޒާނާ ދިރިއުޅުއްވާ ގެއެވެ. މި ދެބޭފުޅުންނަށް ބޭފުޅަކު ލިބިވަޑައިގެންފައި ނެތަތީ، ގެންގުޅުއްވަނީ 4 ބުޅަލެވެ. މިއީ ކެނެޑާއިން، މި ދެކަނބަލުން އެމެރިކާއަށް، ކުރި ޙިޖުރައިގެ މަންޒިލެވެ. އެމެރިކާއަށް ޙިޖުރަކުރެއްވީ، އެމެރިކާގެ ހޮސްޕިޓަލެއްގައި ޚިދުމަތް ކުރެއްވުމަށެވެ. އިސާހިތަކުމެ. ސައުތު ހެވަންގައި، ޑރ. ޢަބްދުއްރަޝީދުގެ އަމިއްލަފުޅު ކްލިނިކެއްވެސް ހުޅުއްވިއެވެ. އެ ކްލިނިކުގެ އިދާރީ ކަންކަން ބަލަހައްޓަވަނީ އަނބިކަނބަލުންނެވެ.

ޑޮކްޓަރ، ޢަބްދުއްރަޝީދު ޢަބްދުލް ވައްހާބު މާލެ ވަޑައިގެންނެވުމުން، އެ ޚަބަރު ލިޔެފައިވާ ލިޔުމެއް

ދިވެހިރާއްޖެއާއި ޑރ. އަބްދުއްރަޝީދު ގުޅުން ކެނޑުނުފަހުން، ތިރީހަކަށް އަހަރު މާޒީވެފައި އޮތްވައި، އެމެރިކާގެ ނިވްޔޯކުގައި ހުންނަ ދިވެހި އެމްބަސީގައި ޚިދުމަތްކުރަން ވަޑައިގަންނަވަން ޖެހިވަޑައިގަތީ، ޑރ.ޢަބްދުއްރަޝީދުގެ ދައްތަ ދިޔާނާ ޢަބްދުލް ވައްހާބުގެ ދަރިކަލުން އަޙުމަދު ޚަލީލު (އަންދު) އަށެވެ. އޭރު ޢަބްދުއްރަޝީދުގެ ބައްޕާފުޅުވެސް ދުނިޔޭގައި ހުންނެވިއެވެ. އަންދު މާލޭން ފުރުއްވުމުގެ ކުރިން ޢަބްދުއްރަޝީދާއި ގުޅޭނެ ނަންބަރަކާއި އޭނާގެ އެޑްރެސް، އަންދުގެ ކާފާފުޅު، އަންދުއަށް ދެއްވިއެވެ. އަދި ބައްދަލުވޭތޯ ބައްލަވައި ދެއްވަން އެދިވަޑައިގަތެވެ.

އެމެރިކާއި އަންދު ހުންނެވި ދުވަސްވަރު، އޭނާގެ ބޮޑުބޭބެ ހޯއްދަވަން ވަރަށް މަސައްކަތް ކުރެއްވިއެވެ. ޑައިރެކްޓަރީ ބައްލަވައިގެން އެ ނަން ކިޔާ މީސްމީހުންގެ ނަންބަރުތަކާ ގުޅުއްވާ އުޅުއްވިއެވެ. އެއްދުވަހަކު، ކާފަ ދެއްވި އެޑްރެހުގައި އޮތް ނަންބަރަށް ޑައިލް ކޮށްލިތަނުން ފޯނު ނެގީ އަންހެނެކެވެ. ޢަބްދުއްރަޝީދާއި ބައްދަލުވެދާނެތޯ؟ އާއި، މިއީ، ދިވެހިރާއްޖޭގެ މިވެނި މީހެކޭ ދެންނެވުމުން، އެ އަންހެނަކު އެ ކޯލު، ޑރ. ޢަބްދުއްރަޝީދަށް ފޯރުކޮށްދިނެވެ. އެހައިތަނުން އަންދުއާއި އަބްދުއްރަޝީދާއި ވާހަކަދެކެވި ތަޢާރަފުވެވުނެވެ. އޭގެ ފަހުން، ބޮޑުބޭބެއާއި ބައްދަލުވާން މިޗިގަންއަށް އައުމަށް ދަޢުވަތު ލިބުނެވެ.

"އަޅުގަނޑު މިޗިގަން އެއަރޕޯޓުން ނިކުތްއިރު، ބޮޑުބޭބެ ދެކަނބަލުން، ތިއްބެވި އަޅުގަނޑާ ބައްދަލުކުރަން އެއަރޕޯޓަށް ވަޑައިގެން. އޭރު ވާހަކަފުޅު ދައްކަވަނީ އިނގިރޭސިބަހުން. ދެން އެ ކާރުގަ އެގެއަށް ގެންދެވީ. ޙައިރާން ކުރަނިވި ކަމަކީ، ދެ ދުވަހެއްގެ ތެރޭގައި ރީތިކޮށް ދިވެހިބަހުން އަޅުގަނޑާއި ވާހަކަފުޅު ދައްކަވަން ފެށްޓެވިކަން". އަޙުމަދު ޚަލީލު ވިދާޅުވެފައި ވެއެވެ.

އަންދުއަށް ފަހުން އެނގިލެއްވި ގޮތުގައި، އެދުވަހު ފޯނު ނެންނެވީ ބޮޑުބޭބެގެ އަނބިކަނބަލުންނެވެ. އަންދު ވާހަކަ ދައްކަވަން ފެއްޓެވުމުން، އެ ކޯލު އޭނާ ޢަބްދުއްރަޝީދަށް ފޯރުކޮށްދިނީ، މި ވާނީ ވަރަށް މުހިންމު ކޯލެއް ކަމަށް ހީފުޅު ކުރައްވައެވެ. ހަމަ އެގޮތަށް ސީދާސީދާ ބައްދަލުވެ، ރަނގަޅަށް ތަޢާރަފުވުމާއި ހަމައަށް، އޭރުވެސް ބޮޑުބޭބެ ހުންނެވީ ކޮންމެވެސް މިންވަރަށް ޖެހިލުންވެ ވަޑައިގެންނެވެ. އެއީ ކުރިން ކަންވެފައި އޮތް ގޮތުން ކަމަށް ވެދާނެއެވެ.

މިއީ، ޑރ. ޢަބްދުއްރަޝީދުގެ ޕާސްޕޯޓު، ދިވެހިސަރުކާރުން ކެންސަލްކުރީ ކީއްވެގެން ކަމާއި، ދިވެހިރާއްޖެއަށް އެނބުރި ވަޑައިގަތުމަށް ޢަބްދުއްރަޝީދު، ތައްޔާރުވެގެން ހުންނެވިކަން، ހާމަވާ ހިސާބެވެ. އެވާހަކަ ޢަބްދުއްރަޝީދުވަނީ އަންދުއާ ޙިއްސާ ކުރައްވައިފައެވެ.

"އަޅުގަނޑު ގާތު ވިދާޅުވީ، ކެނެޑާ ބޭކަނބަލަކާ ކައިވެނި ކުރައްވަން ގަސްތުކުރައްވައި، އެކަން ސަރުކާރުގެ ޚިޔާލުފުޅަކަށް އެދިވަޑައިގެން ދެންނެވިތަނާއޭ، ޕާސްޕޯޓު ކެންސަލް ކުރެއްވީ". އަންދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ދެއްކެވި ރާއްޖެއަށް ވައިގަންނަވަން ޕެކްކޮށްފަހުރި ފޮށިތައް. އޭރުވެސް ހުރީ އެ އެއްޗެހި ނުކަނޑާ. އޭގައި ހަނޑޫ މުގުރަން ގެންގުޅުއްވި ވަނަކާ، ޓިޝޫ ފޮށިތަކާ، ރާއްޖެއިން އޭރު ލިބެންނެތް އެހެން ނަމަވެސް، ރާއްޖޭގައި ޕްރެކްޓިސް ކުރައްވާނަމަ، ބޭނުންފުޅުވާނެ ސާމާނުވެސް ހުރި".

ޑރ.ޢަބްދުއްރަޝީދާއި ބައްދަލުވި އަނެއް ބޭފުޅަކީ މިހާރުގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޑރ. އަބްދުއްރަޝީދަށް އެއް ފަހަރަށްވުރެން ގިނަ ފަހަރު، ބައްދަލުވެފައި ވެއެވެ. ޝާހިދު ކިޔަވާ ވިދާޅުވަން ހުންނެވި ދުވަސްވަރު، ޑރ.ޢަބްދުއްރަޝީދު ވެސް، ޝާހިދަށް ބައްދަލު ކުރެއްވިއެވެ.

"ޑރ. އަބްދުއްރަޝީދުގެ އެންމެ ބޮޑު ހިތާމަފުޅަކީ، ރާއްޖޭގައި ޚިދުމަތް ކުރައްވަން ވަޑައި ނުގެންނެވުނުކަން. ރާއްޖެއަށް ޚިދުމަތް ކުރައްވަން ވަޑައިގަންނަވަން، ޑރ. ޢަބްދުއްރަޝީދު، ހުންނެވީ ވަރަށް ބޮޑަށް ތައްޔާރުވެ ވަޑައިގެން"

ޝާހިދުގެ ފަރާތްޕުޅުން އެނގިފައިވާ ގޮތުންނަމަ، ޑރ. އަބްދުއްރަޝީދު، އެހާޒަމާން ވަންދެއް ބޭރުގައި އުޅުއްވި ނަމަވެސް، ދިވެހި ބަހަށް ވަރަށް އަހުލުވެރިއެވެ. ޅެން، ރައިވަރުވެސް ހައްދަވައި އުޅުއްވައެވެ. އަދި އެއީ ބެރާއި މިއުޒިކަށްވެސް ވަރަށް ލޯބި ކުރެއްވި ބޭފުޅެކެވެ.

ސާޅީހަކަށް އަހަރު، ދިވެއްސެއްގެ ލޯވެސް ނުފެންނަ ފަށުގައި އުޅުއްވަން ޖެހިވަޑައިގެންނެވި ނަމަވެސް، ކޮއްކޮ އަންދުއާ ބައްދަލުވިތާ އެންމެ ދެދުވަހުގެ ތެރޭގައި، އަމިއްލަފުޅު މާދަރީބަހުން ވާހަކަފުޅު ދައްކަވައި، ރައިވަރު ހައްދަވަންފެއްޓެވި ޑރ. ޢަބްދުއްރަޝީދަކީ، ދިވެހި ޅެންވެރިކަމުގެ ދުނިޔޭގެ މަޝްހޫރު "ޙިމާރުލް ޤައުމު" އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީއަށް ކާފަވިދާޅުވާ ބޭފުޅެކެވެ. އެމަނިކުފާނުގެ މަންމާފުޅަކީ، ބޮޑުފެންވަޅުގޭ ސީދީގެ ދަރިކަނބަލުން ފާޠިމަތު ޙުސައިނެވެ.

"އަޅުގަނޑާ ބައްދަލުވެ ރާއްޖޭގެ ވާހަކަ އައްސަވަމުން ވިދާޅުވި، ބޭލާމަނިކު ކޮބާހެއްޔޭ؟ އަޅުގަނޑު ދެންނެވިން، ނިޔާވެއްޖޭ! އެއީ އެޒަމާނުގަ ވަރަށް މިއުޒިކަށް މަޝްހޫރު ބޭފުޅެއް. އެފަދަ ބޭބޭފުޅުންގެ ވާހަކަ ވަރަށް އެއްސެވި". އަންދު ވިދާޅުވެފައި ވެއެވެ.

އަންދުއާ ޑރ.ޢަބްދުއްރަޝީދު ބައްދަލުވީއިރު، ސަރުކާރު އޮތީ ބަދަލުވެފައެވެ. ރައީސް މައުމޫންގެ ވެރިކަން އޮތީ ފެށިފައެވެ. އެހެންކަމުން އޭނާ ރާއްޖެއަށް ވަޑައިގަތުމަށް ނިންމަވައި، 1988ގައި ފުރަތަމަ ރާއްޖެއަށް ފޮނުއްވީ އަނބިކަނބަލުންނެވެ. ވިދިގެން އައި އަހަރު ދެކަނބަލުން އެކުގައި ވަޑައިގަތެވެ. އެ ދަތުރަށްފަހު، އެމެރިކާއަށް ވަޑައިގަތީ، ރާއްޖެއަށް ވަޑައިގަތުމުގެ ޢަޒްމުގައެވެ. ނަމަވެސް ދިމާވި ބަދުނަސީބަކީ އަނބިކަނބަލުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔެ ދޫކުރެއްވިއެވެ.

މި މޮޅިވެރިކަމުގައި ހުންނަވަނިކޮށް، ޑރ.ޢަބްދުއްރަޝީދުވެސް އާލާސްކަންފުޅާވެ، އެޑްމިޓްކުރިއެވެ. މި އާލާސްކަންފުޅުގައި އެންމެ ފަހުން ވެންޓިލޭޓަރަށް ލާންޖެހުނެވެ. އެހައިތަނުން އަނެއްކައިވެސް އަންދު ބޮޑުބޭބެއަށް ޒިޔާރަތް ކުރިއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްފަހުން ޑރ.ޢަބްދުއްރަޝީދު އަވަހާރަ ވެއްޖެއެވެ! ސައުތް ހެވަންގެ މުސްލިމުންގެ ޖަމާޢަތަކާ ގުޅުއްވައިގެން އެނާގެ ޖަނާޒާ ބޭއްވުނީ، އަވަހާރަވި ދުވަސްނޫން އަނެއް ދުވަހެވެ. އޭނާ ވަޅުފުޅުލީ މިޗިގަންގެ ސައުތު ހެވަންގެ ގަބުރުސްތާނުގައެވެ.

ފޮރިންމިނިސްޓަރ ޢަބްދުﷲ ޝާހިދު، ވިދާޅުވި ގޮތުގައި، އޭރު ޝާހިދު ހުންނެވީ، އދ.ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް ނިވްޔޯކުގައެވެ. މި ޚަބަރު ލިބިވަޑައިގެން، ޝާހިދު މިޗިގަނަށް ވަޑައިގެން، ޑރ.ޢަބްދުއްރަޝީދުގެ މަހާނައަށް ޒިޔާރަތް ކުރެއްވިއެވެ.

"ޑރ. ޢަބްދުއްރަޝީދަކީ، ސައުތު ހެވަންގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤުބޫލު، އެހާމެ އިޙުތިރާމު ލިބިވަޑައިގެންފައިވި ޑޮކްޓަރެއް. ސައުތު ހެވަންގެ ގިނަ ކަނބަލުން، އެޒަމާނުގައި ވިއްސީވެސް ޑރ. އަބްދުއްރަޝިދު. ޢަބްދުއްރަޝީދުގެ ތަޢުބީނުގެ ޖަލްސާ ސައުތު ހެވަންގައި ބޭއްވީ، އަޅުގަނޑު އެތާނގައި ހުއްޓަ! އެ ޖަލްސާގައި އަޅުގަނޑުވެސް ބައިވެރިވެ، ވާހަކަވެސް ދެއްކިން" ޝާހިދު، ވިދާޅުވިއެވެ.

މިޗިގަންގައި ބޭއްވިގެން އެދިޔަ ތަޢުބީނުގެ ޖަލްސާގައި، އެމެރިކާގެ ރައްޔިތުންގެ ހިތުގައި، ޑޮކްޓަރ އަބްދުއްރަޝީދާމެދު އޮތް މަތިވެރި ޤަދަރާ ލޯބި، ވަރަށް ބޮޑަށް ހާމަވެގެން ދިޔަކަން ޝާހިދު، ގެ ވާހަކަފުޅުގައި ވިދާޅުވެ ދެއްވިއެވެ.

ކޮންމެ އަކަސް 1992 ގައި، އެމެރިކާގެ ފަސްގަނޑު ދަށަށްދާން، ތަޤުދީރުން މިންވަރުވި ޑރ. އަބްދުއްރަޝީދުގެ ޑޮކްޓަރީ ޚިދުމަތަށް އެމެރިކާ ރައްޔިތުންގެ ލޯތްބާއި ތަޢުރީފު އޮހެމުން ދިޔައިރު، 1965 ގައި، އެމަނިކުފާނުގެ ޚިދުމަތަށް ފެންބޮވައިގެންފައި އޮތް، ދިވެހިރާއްޖެ އަދާހައަށް މިއޮތީ، އަބަދުގެ އަބަދަށް ރާއްޖޭގެ ފުރަތަމަ އެމް.ބީ.ބީ.އެސް ޑޮކްޓަރުގެ ޚިދުމަތުން މަޙުރޫމް ވެގެންނެވެ. އަދި މިހެން ދިމާވާން މެދުވެރިވި ސަބަބުވެސް، މިއަދާއި ހަމައަށް އެ އޮތީ، ވީ ކީއްކަން ނޭގިފައި އޮތް ސިއްރެއްގެ ގޮތުގައެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
9%
1%
77%
5%
4%
3%
ކޮމެންޓް
20 ޖޫން 2020 | ހޮނިހިރު 15:20
ޢަހަރެން
ކޮންމެ ޙަބަރެއް ލިޔުއްވިޔަސް އިންސާނުންނާ މުހާތަބް ކުރައްވާއިރު ކޮންމެވެސް އެއް ބަހުރުވައަކުން ލިޔެއްވުން މުހިންމު. އާދައިގެ ބަހުރުވަ އަދި މާތް ބަހުރުވަ އެއްނުކުރެއްވުން ރަގަނޅުވާނެއެވެ. އަދި ހަމައެހެންވެ ޙަބަރު ލިޔުވަން އެބޭ ފުޅާގެ ވާރިސުންގެ ހުއްދަ ހޯދަވަންވާނެއެވެ.
20 ޖޫން 2020 | ހޮނިހިރު 01:04
ޚ
ބޭނުމެއް ނުވިސްނުން
19 ޖޫން 2020 | ހުކުރު 23:20
މާހިރާ
މިހާރު ކޮންމެ ގޮތަކަށްވެސް ވާހަކަ ދެއްކިދާނެ. ސްޕެޝަލައިޒް ވުމަށްފަހު ވަޑައިނުގަތުމުން ސަރުކާރުން ޕާސްޕޯޓް ކެންސަލް ކުރީ.
19 ޖޫން 2020 | ހުކުރު 09:58
ޙުސްދޮގު ގަސްތުގަ އަންނަން ބޭނުންނުވީ.
19 ޖޫން 2020 | ހުކުރު 09:28
އިނގޭ
މޮނާޒާ ނައީމުގެ ދެ ދަރިންގެ ވާހަކަވެސް ތިގޮތަށް ލިޔެލަބަލަ. މީ ވަރަށް ވާހަކަ.
19 ޖޫން 2020 | ހުކުރު 09:11
ނަން ނެއް
ވާނުވާ ނޭގުނު
19 ޖޫން 2020 | ހުކުރު 04:31
ޙަސަނު
މިޗިގަން އެއް ނޫން އިނގޭތޯ. މިޝިގަން.
19 ޖޫން 2020 | ހުކުރު 01:32
ލައްބަ ބޫމަރ
މިޗިގަން
19 ޖޫން 2020 | ހުކުރު 00:01
ޗާލީ 13
ތިވަރު އެނމެނަށްވެސް އެގޭ، ސުރުޚީ އަކާ ލިޔެފައި ހުރި އެއްޗަކާ ދިމަލެއް ނުވޭ
19 ޖޫން 2020 | ހުކުރު 00:00
އެންމެ ސަޅި އެއް ލިޔުންމީ
18 ޖޫން 2020 | ބުރާސްފަތި 21:46
އެވޭލާ
މިކަހަލަ ލިޔުންތައް ވަރަށް ކިޔާހިއްވޭ. ފުރިހަމަ ލިޔުމެއް.
18 ޖޫން 2020 | ބުރާސްފަތި 21:38
ޖުޒާމް ބައްޔާއި، ލެޕްރަސީފަދަ ބަލިތަކުގެ ޝިކާރައަކަށްވެފައި އޮތް، މިއީ ދެ ބައްުޔެއް