ކ. މާލެ
|
9 ޖޫން 2022 | ބުރާސްފަތި 18:44
ރައީސް ނަޝީދާއި ރައީސް ސާލިހުވެސް ވިދާޅުވަނީ ޕްރައިމަރީން ކާމިޔާބު ހޯއްދަވާނެކަމަށް
ރައީސް ނަޝީދާއި ރައީސް ސާލިހުވެސް ވިދާޅުވަނީ ޕްރައިމަރީން ކާމިޔާބު ހޯއްދަވާނެކަމަށް
އެމްޑީޕީ
މަގޭ ރިޕޯޓް
ރައީސްގެ ނުސީދާ، އެހެނަސް ވަރަށް ސާފު ޖަވާބެއް
 
ދެވަނަ ދައުރެއް ކާމިޔާބުކުރައްވާނީ ކޯލިޝަންގެ ބައިވެރިންނާއެކު
 
ދެވަނަ ދައުރެއް އެމަނިކުފާނަށް ކާމިޔާބުކުރެއްވޭނެކަމުގެ ޔަގީންކަން ރައީސް ސާލިހަށް އެބައޮތް
 
30 އިންސައްތައިން ރިޔާސީ ރޭސް ކާމިޔާބުކުރެއްވުމުގެ ވިސްނުންފުޅަށް ރައީސް ސާލިހު ތާއީދެއްނުކުރައްވާ

ރިޔާސީ އިންތިޚާބަށް ދޮޅު އަހަރަށް ވީއެވެ. ޕާޓީތަކުން ކެންޑިޑޭޓަކު ނެރުމަށް ކުރާ މަސައްކަތްތަކުގެ "ފަހު ތަޅާލުންގަނޑު" މިހާރު ދަނީ ކުރިއަށެވެ. އެހެންނަމަވެސް އެއްވެސް ޕާޓީއަކުން އަދި ކެންޑިޑޭޓަކު އިއުލާންކުރުމާ ހަމައަކަށް ނުދެއެވެ. އެހެންނަމަވެސް މިވެނި އެވެނި ބޭފުޅަކު ވާދަކުރައްވާނެކަމުގެ ވާހަކަތައް އަޑުއިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނުކުންނަވާނެ ކެންޑިޑޭޓެއް ބެލުމަށް ގިނަ ބަޔަކު ޝައުގުވެރިވެއެވެ. ޕާޓީގެ މައި ދެ ތަނބު ކަމަށްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް ތިއްބެވީ އިންތިޚާބަށް ނުކުންނެވުމަށް ތައްޔާރަށެވެ. އެކި ފަހަރު މަތިން ސީދާކޮށާއި ނުސީދާކޮށް ދެ ބޭފުޅުންވެސް މިވާހަކަފުޅުދެއްކެވިއެވެ.

ޖޫން 8 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުތަކުން މީގެ ކުރިން ސާފު ނުވާވަރަށް އެއްކަމެއް ސާފުވިއެވެ. އެއީ އެމަނިކުފާނު ދެވަނަ ދައުރަކަށް ކުރިަމތިލައްވަން ތައްޔާރުވެވަޑައިގެން ހުންނެވިކަމެވެ. މިކަން އެކަންޏެއްނޫނެވެ. ދެވަނަ ދައުރެއް އެމަނިކުފާނަށް ކާމިޔާބުކުރެއްވޭނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނަށް އެބައޮތެވެ. އެމްޑީޕީގެ އެތެރޭގައި އެމަނިކުފާނަށް ތާއީދު އޮތްކަން މީގެ ކުރިންވެސް ހަމަ މިފަދަ ބައްދަލުވުމެއްގައި ހާމަކުރެއްވިއެވެ. އޭރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތާއީދު އެމަނިކުފާނަށް އޮތްކަމަށެވެ. މިހާރު އެއަށްވުރެ ބޮޑު ޔަގީންކަމަކާއެކު ވިދާޅުވީ، އެމަނިކުފާނު އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވައި، އެމަނިކުފާނާއެކު ތިއްބެވި ބައިވެރިންނާއެކު 2023ގެ އިންތިޚާބު ކާމިޔާބުކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އެހެންނަމަވެސް ކެންޑިޑޭޓަކު ނިންމާނީ ޕްރައިމަރީއަކުން ކަމަށްވާނަމަ އެކަން ކުރައްވާނީ އެހެން ކަމަށެވެ. އަދި ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހަށް އެމްޑީޕީގެ އެތެރޭގެ ތާއީދު އޮތްކަން މިއީ ފެންނަން އޮތް ހަގީގަތެކެވެ. މިފަހުން ބޭއްވި އިންތިޚާބުތަކަށް ބަލައިލަމާހިނގާށެވެ. އިންތިޚާބުތަކުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ރައީސް ސާލިހާ ރައީސް ނަޝީދު ތާއީދު ކުރައްވާ ކެންޑިޑޭޓުން ތިއްބެވިއެވެ. އެހެންނަމަވެސް ކާމިޔާބުކުރައްވަނީ ރައީސް ސާލިހު ތާއީދުކުރައްވާ ކެންޑިޑޭޓުންނެވެ. ގައުމީ މަޖިލީހުގެވެސް މެޖޯރިޓީ ކާމިޔާބުކުރެއްވީ ރައީސް ސާލިހު ތާއީދުކުރެއްވި ކެންޑިޑޭޓުންނެވެ. ދެން އެންމެ ފަހުން ނިމިދިޔަ ފޯރިގަދަ ޗެއަރޕަރސަންގެ އިންތިޚާބު ކާމިޔާބުކުރެއްވި ފައްޔާޒު އިސްމާއީލް ދެއްކެވީ ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވުމަށް ގެންގުޅުއްވާ ތަސައްވުރެވެ. ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވިއެވެ. މިކަމުންވެސް ބޮޑު މަންޒަރު ވަރަށް ސާފެވެ.

ދެވަނަ ދައުރެއް ކާމިޔާބުކުރެއްވޭނެކަން ކަށަވަރުވެވަޑައިގަތް ނަމަވެސް އެމަނިކުފާނު ހުންނެވީ ކޯލިޝަން ދޫކޮށްލައްވާ ގޮތަކަށް ނޫނެވެ. ވިދާޅުވީ، އެމްޑީޕީއަށް އެކަނި ނުކުމެ ކާމިޔާބު ނުކުރެވޭނެކަމަށެވެ. ތެދުފުޅެކެވެ. މިއީ ރާއްޖޭގެ ކުރު ޑިމޮކްރެސީގެ ހަޔާތުގައި ފެންނަން އޮތް ހަގީގަތެކެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވެނީ ކޯލިޝަނަކާއެކުގައެވެ. ހަމައެހެންމެ ކޯލިޝަނަކާއެކު އިންތިޚާބު ކާމިޔާބުވާ ހިސާބުން ކޯލިޝަން މަތިން އެހާ އަވަހަށް ހަނދާންވެސްނެތެއެވެ. އެހެންނަމަވެސް މި ހިނގާ ރިޔާސީ ދައުރުގައި މިހާތަނަށް ކޯލިޝަން ދެމި އެބައޮތެވެ. މިއީ މިހާރުގެ ބައިވެރިންނާއެކު ދެވަނަ ދައުރެއް ކާމިޔާބުކުރެއްވޭނެކަން އެމަނިކުފާނަށް ޔަގީންވެވަޑައިގަންނަވާ ސަބަބު ކަމަށްވެސް ވެދާނެއެވެ. ރައީސް ސާލިހުގެ ހިކުމަތްތެރި ވިސްނުންފުޅާއެކު މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާ ބޭފުޅަކީވެސް އެމަނިކުފާނެވެ. އަދިވެސް ވިސްނުންފުޅު ހުރީ ހަމަ އެގޮތުގައެވެ. ދެވަނަ ދައުރެއްވެސް ކޯލިޝަންގެ ބައިވެރިންނާއެކު ކާމިޔާބުކުރެއްވުމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސާފުވި އެހެންކަމެއްވެސް އެބައޮތެވެ. އެއީ ރައީސް ނަޝީދު ގެންގުޅުއްވާ، 30 އިންސައްތައިން ރިޔާސީ ރޭސް ކާމިޔާބު ކުރެއްވުމުގެ ވިސްނުންފުޅަށް ރައީސް ސާލިހު ތާއީދުނުކުރައްވާކަމެވެ. ވިދާޅުވީ، 30 އިންސައްތަ ކާމިޔާބު ކޮށްގެން އަންނަ މީހަކު ވެރިކަމަށް އައުމަކީ ތާއީދުކުރާކަމެއް ނޫންކަމަށެވެ. ވެރިކަމަށް އަންނަންވާނީ ރައްޔިތުންގެ އިންސައްތަ ވޯޓު ލިބޭ މީހަކު ކަމަށެވެ. އަދި ތާއީދު ކުރައްވަނީވެސް އެގޮތަށް ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުން ނިމުނުތާ މާ ގިނައިރެއްނުވެ ރައީސް ނަޝީދު ވިދާޅުވީ، މިއީ އަމިއްލަ އެދުން އިސްކޮށް ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫންކަމަށެވެ. ރައީސް ނަޝީދު ކުރެވި މި ޓްވީޓްގެ ކޮމެންޓްތައް ކޮންމެވެސް ވަރަކަށް ކިޔާލީމެވެ. ގިނަ ބަޔަކު ބުނަނީ، އެއީ ރައީސް ސާލިހުގެ އަމިއްލަ އެދުންފުޅު ނޫންކަމަށެވެ.

މީގެ ކުރީގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ދެވަނަ ދައުރަކަށް ވިސްނުފުޅު ނުގެންގުޅުއްވާ ކަމަށް ވިދާޅުވިނަމަވެސް، މިފަހަރު ޔަގީންކަންދެއްވީ ދެވަނަ ދައުރަކާ ކުރިމަތިލައްވައި ކާމިޔާބު ކުރައްވަންވެސް އެމަނިކުފާނު ތައްޔާރު ކަމެވެ. އަދި އެމްޑީޕީއަށް ދެވަނަ ދައުރެއް ޔަގީންވާންވެސް އޮތީ ހަމަ އެމަނިކުފާނާއެކުގައިކަމެވެ.

"އެމްޑީޕީއަށް ވެރިކަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހިރީ ޗޮއިސް އަކަށް" މިއީ ވަރަށް މާނަފުން، ވަރަށް ގިނަ ވާހަކައެވެ.

އެމްޑީޕީން އޮގަސްޓް މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކޮންގްރެސްއިން ވަރަށް ގިނަ ކަންކަން ސާފުވާނެއެވެ. އެމްޑީޕީގެ އާންމު މެމްބަރުން ތިބީ ކޮން ބޭފުޅެއްގެ ފަހަތުގައިކަން އެނގޭނެއެވެ. ރައީސް ނަޝީދާއި ރައީސް ސާލިހުވެސް ވިދާޅުވަނީ ޕްރައިމަރީން ކާމިޔާބު ހޯއްދަވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
50%
0%
33%
0%
17%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް
އަރާ ކޮންމެ ރަށަކުން ފެންނަނީ މާކަނާއެއްހެން ތުންގަނޑު ބިމަށް ހަރައިގެން ހުރި އެސްކަވޭޓަރުތަކެއް - ރައީސް ސާލިހު
ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފެށުން: ކުރީ ސަރުކާރުން އޮތީ ފައިސާ ހަމަޖައްސާ އުޅަނދުތައް ބަނދެފައި