ޤައުމީ ޓީމްގެ އެއްވަނަ ކީޕަރުކަން އެންމެ ގިނަ އަހަރުތަކެއްގައި ކުރި ކީޕަރު އިމްރާން މުޙައްމަދުގެ ފަހަތުން ވާދަކުރި ކީޕަރަކީ މަތިވެރިއަށް އުފަން މުހައްމަދު އިމްރާނެވެ. އަރިއަތޮޅަށް ނިސްބަތްވާ ދެކީޕަރުންގެ ތެރެއިން މުޙައްމަދު އިމްރާންގެ ވިދުންވެސް ފަނޑެއް ނޫނެވެ. ރާއްޖޭގެ ބޮޑެތި ކްލަބްތަކުގެ ގޯލަށް އަމާޒުވި ބޯޅަތައް އޭނާވެސް މަތަކުރިއެވެ.
2007 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި އިމްރާން ކެރިއަރު ފެށީ ކްލަބް ވެލެންސިޔާއިންނެވެ. އެކްލަބަށް ފަސް އަހަރު ކުޅެނެވެ. އޭގެފަހުން މާޒިޔާއާއި, ވިކްޓްރީއާއި, ޓީސީގެ ގޯލް ބެލެހެއްޓިއެވެ. ދިވެހި ލީގުގައި މިލަންދޫގެ ގޯލްވެސް މުޙައްމަދު އިމްރާން ބެލެހެއްޓިއެވެ. މިއަދު ރާއްޖޭގެ އެއްވަނަ ކްލަބްގެ ގޮތުގައި އޭއެފްސީކަޕްގައި ވާދަކުރަމުން އަންނަ މާޒިޔާ ފުރަތަމަ އެމުބާރާތަށް ކޮލިފައިވީ މުޙައްމަދު އިމްރާން މަތަކުރި ބޯޅަތަކާއެކު އޭނާ ގޯލްގައި ހުރެގެންނެވެ.
ކުޅުން ހުއްޓާލުމަށްފަހު އޭނާ ދިރިއުޅުން ރަށަށް ބަދަލުކުރީ ފޯމްގައި ހުއްޓައެވެ. މިހާރު އެއީ މޮޅު ކީޕަރެއް ނޫނެވެ. އެއީ މޮޅު ޓްރެއިނަރެކެވެ. ފުޓްސެލް ކުޅުންތެރިއެކެވެ. އިމްރާންގެ ކޮންމެ ދުވަހެއްގެ ތާވަލްގައި މިހާރު އޮތް އެންމެ މުހިއްމު އެއް މަސައްކަތަކީ މަތިވެރީގައި ކުޅުންތެރިން އުފެއްދުމެވެ. އުފަން ރަށުން އޭނާފަދަ ކުޅުންތެރިންތަކެއް ފުރަތަމަ ޑިވިޝަނަށް ނެރުމެވެ. މުޙައްމަދު އިމްރާންގެ އޮތީ ޤައުމީ ޖަރޒީގައި އޭނާގެ ރަށުން އޭނާފަދަ އޭނާއަށްވުރެ މޮޅު ކުޅުންތެރިންތަކެއް ކުޅޭތަން ދެކުމުގެއް އުއްމީދެވެ.
އެމަސައްކަތް ކުރަން އިސްނަގައި އޭނާ ގުޅުނީ އެރަށުގެ ޖަމްއިއްޔާއެއްކަމަށްވާ މާންސްއާއެވެ. މާންސް ޖަމްއިއްޔާއާ ގުޅުމުން އެޖަމްއިއްޔާއިން އޭނާގެ ހިޔާލު ހޯދީ ރަށުގައި ކުޅިވަރު ކުރިއަރުވާނެ ގޮތްތަކާމެދުއެވެ. އެފަދަ ހިޔާލުތަކެއް އިމްރާންގެ ސިކުނޑީގައި އޭރުވެސް ދިޔައީ އެނބުރެމުންނެވެ. މާންސްއިން ދިން ފުރުޞަތުގައި އިމްރާން ހުށަހެޅި އެންމެ ބޮޑު ހިޔާލަކީ ކުޅިވަރު އެކަޑަމީއެއް ވުޖޫދަށް ގެނައުމެވެ. ރަށުން މޮޅު ކުޅުންތެރިންތަކެއް އުފެއްދުމުގެ މަސައްކަތް ފެށުމެވެ. އެމަސައްކަތް މާންސް ޖަމްއިއްޔާއިން ފެށިތާ އަދި މިވީ ދެމަހެއްހާ ދުވަހެވެ.
މާންސް އެކަޑަމީގެ އެންމެ އިސް ކޯޗަކީ މިއަދު މުޙައްމަދު އިމްރާނެވެ. އެއެކަޑަމީން މޮޅު ކީޕަރުންތަކެއް އުފެއްދުމުގެ މަސައްކަތް އޭނާ ފަށައިފިއެވެ. މޮޅު ފޯވާޑުންނާއި, ޑިފެންޑަރުން އަދި މިޑްފީލްޑަރުން އުފެއްދުމަކީވެސް އޭނާއަށް އޮތް ޗެލެންޖިންގ މަސައްކަތެކެވެ. އެކަމަށް އޭނާއަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ އޭނާގެ ކުޅުމުގެ ތަޖުރިބާއެވެ. ތަފާތު ކޯޗުންގެ ފުށުން އޭނާއަށް ލިބިފައިވާ ފިލާވަޅުތަކެވެ.
" އަސްލު ވަރަށްއުފާވޭ ވަރަށްގިނަ ދުވަހު ގިނަ ކޯޗުންގެ ތަޖުރިބާ ލިބިގެން ކުޅެފަ އަމިއްލަ ރަށުގެ ކުޅުންތެރިން ބިނާކުރަން މަސައްކަތްކުރެވޭތީ."މުޙައްމަދު އިމްރާން/ ޤައުމީ ޓީމްގެ ކުރީގެ ކީޕަރެއް
އުފަން ރަށަށް ޚިދުމަތް ކުރުމަކީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބޭ ކަމެއްކަމަށް ރަށުގައި ދިރިއުޅެމުންދާ އިމްރާން ބުންޏެވެ. އޭނާގެ ކޮންމެ ދުވަހެއްގެ ހަވީރު ހުސްކޮށްފައި އޮތީ މޮޅު ކީޕަރުން އުފެއްދުމަށެވެ. މާންސް އެކަޑަމީގެ ތެރެއިން ކުރާ މަސައްކަތުގެ އިތުރުން ސީދާ ކީޕަރުން އުފައްދަން އޭނާގެ ޚާއްޞަ ސަމާލުކަމެއް އެބައޮތެވެ. އެކަމަސައްކަތް ފަރުދީގޮތުންވެސް ދަނީ ކުރަމުންނެވެ. 18-30 އަހަރާ ދެމެދުގެ ހަ ކީޕަރުން ތަމްރީނުކުރަން އޭނާ އަމިއްލައަށް ވަކިން ޓްރެއިނިންތަކެއް ކުރިއަށް ގެންދެއެވެ.
އެކަޑަމީގެ މަސައްކަތްތަކުގެ އިތުރުން ސީދާ އޭނާގެ ބެލުމުގެ ދަށުން, އިރުޝާދުގެ ދަށުން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ޗެމްޕިއަންކަން އުފަން ރަށު ޓީމަށް ހޯދައިދެވުމަކީ ބޮޑު ފަޚުރެއް ކަމަށް އިމްރާން ދެކެއެވެ.
ގޯލްޑަން ފުޓްސަލްގައި ކޯޗުކަންކޮށްދީ ކުޅެގެން އަތޮޅު ތަށި ނަގައިދިނުންވެސް ވަރަށްބޮޑު އުފަލެއް. ރަށުގެ ތާރީޚު ބަދަލުކޮށްލެވުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއް.މުޙައްމަދު އިމްރާން/ ޤައުމީ ޓީމްގެ ކުރީގެ ކީޕަރެއް
ކުޅިވަރަށް އޮތް ޝައުޤުވެރިކަމާއެކު ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް އޭނާ ކުރަނީ ވަގުތު އޮވެގެންނެއް ނޫނެވެ. ވަގުތު ހޯދައިގެންނެވެ. މުޙައްމަދު އިމްރާން ނުވަތަ ރަށުގައި ނަމަ "މޯޑް" ގެ ރަސްމީ ވަޒީފާއަކީ ރަށާ ކައިރީގައި އޮތް ރިސޯރޓްގެ ޑައިވިންގ އިންސްޓްރަކްޓަރެއްގެ ވަޒީފާއެވެ. އެކޯސް އޭނާ ފުރިހަމަކުރީ ކުޅުން ހުއްޓާލުމަށްފަހު ރަށަށް ދިރިއުޅުން ބަދަލުކުރި ފަހުންނެވެ. އެފުރުޞަތު ހޯދީ ކޯވިޑްގެ ބަންދާއެކު ލިބުނު ވަގުތުތަކުގެ ތެރެއިންނެވެ. ކޮންމެ ދުވަހަކު ފަތިހު 5:30 ގައި ފެރީގައި މިހާރު އޭނާ ދަނީ ރިސޯޓަށެވެ. ކުރިން ނަމަވެސް ފަތިހުވެސް ހަވީރުވެސް ޕްރެކްޓިސްއެވެ. ހަވީރު 16:00 ގައި ޑިއުޓީ ނިމުމުން އެނބުރި އައިސް ދަނީ މަތިވެރީ ފުޓްސެލް ދަނޑަށް މޮޅު ކުޅުންތެރިންތަކެއް އުފެއްދުމުގެ ހުވަފެން ދެކެމުންނެވެ. އޭނާގެ އެމަސައްކަތުން ފެންނަނީ ހުނަރާއި, އުއްމީދެވެ. ކުރެވެނީ އުފާވެރި އިހުސާސެވެ.