ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 22:52
ގައުމުގެ ސަލާމަތަށް ނުރައްކާވާއިރު މަޑުން ނޯންނާނެ ކަމަށާއި، 'އަސްކަރީ ޚާއްސަ ހަރަކާތްތައް' ކުރިއަށް ގެންދާނެކަމަށް ރަޝިއާއިން ވަނީ ބުނެފައި
ގައުމުގެ ސަލާމަތަށް ނުރައްކާވާއިރު މަޑުން ނޯންނާނެ ކަމަށާއި، 'އަސްކަރީ ޚާއްސަ ހަރަކާތްތައް' ކުރިއަށް ގެންދާނެކަމަށް ރަޝިއާއިން ވަނީ ބުނެފައި
ރޮއިޓާސް
ފިންލޭންޑް ނޭޓޯއާ ގުޅުން
ފިންލޭންޑް ނޭޓޯއާ ގުޅިއްޖެނަމަ މަޑުން ނޯންނާނެކަމުގެ އިންޒާރު ރަޝިއާއިން ދީފި
 
ފިންލޭންޑާއި ރަޝިއާގެ ބޯޑަރުގައި ނޭޓޯގެ ސިފައިން ހަރަކާތްތެރިވާ ފެށުމުން އެމީހުން ތިބޭނީ ރަޝިއާގެ ސެއިންޓް ޕީޓަރސްބަރގްއާ މަދު ގަޑިއިރުކޮޅެއްގެ ދުރުމިނުގައި
 
ރަޝިއާގެ ފޮރިން މިނިސްޓްރީން ވަނީ މިގޮތަށް ކަންތައް ކުރިއަށް ގެންގޮސްފިނަމަ، ބަދަލުގައި ފިޔަވަޅުތައް އަޅަން ރަޝިއާއަށް މަޖުބޫރުވާނެކަމަށް ބުނެފައި
 
ކްރެމްލިންގެ ތަރުޖަމާނު ވަނީ، ނޭޓޯގެ އަސްކަރިއްޔާ ބޮޑުވުމަކީ ޔޫރަޕަށް ހަމަޖެހުމާއި ރައްކާތެރިކަން ގެނެސްދޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައި

ފިންލޭންޑުން ލަސްނުކޮށް ނޭޓޯއާ ގުޅޭނެކަމަށް އިއުލާނުކުރުމާގުޅިގެން ރަޝިއާއިން ވަނީ މަޑުން ނޯންނާނެކަމުގެ އިންޒާރު ދީފައެވެ.

ބުރާސްފަތި ދުވަހު ފިންލޭންޑުން ވަނީ، އެގައުމުން ނޭޓޯއާ ގުޅުމުގެ ކަންތައް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ. އަދި ފިންލޭންޑުން ނޭޓޯއާ ގުޅުމުން ސްވިޑްންއިން ވެސް އެޖަމްއިއްޔާއާ ގުޅޭނެކަމަށް ރިޕޯޓުތައް ބުނާއިރު، މިހާރު ޔޫކްރެއިންގައި ރަޝިއާއިން ހިންގަމުންދާ "ޚާއްސަ އަސްކަރީ އޮޕަރޭޝަނަކީ" ހުޅަނގުގެ އަސްކަރިއްޔާ ރަޝިއާގެ ބޯޑަރާ ކައިރިވަމުންދާތީ އެކަމާ ދެކޮޅަށް ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިން ކުރިއަށްގެންދާ ހަރަކާތެކެވެ.

ފިނިހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ފިންލޭންޑާއި ސްވިޑްންއިން ގެންގުޅެމުން އައި ނިއުޓްރަލިޓީގެ ސިޔާސަތު ދޫކޮށް ނޭޓޯއާ ގުޅުން ވެގެންދާނީ ޔޫރަޕުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ބަދަލުކޮށްލާނެ ކަމަކަށެވެ. ފިންލޭންޑުން އެގައުމުގެ ނިންމުން އިއުލާނުކުރުމާގުޅިގެން ރަޝިއާއިން ވަނީ، މިއީ ސީދާ އެގައުމަށް އަމާޒުކުރި ނުރައްކަލެއް ކަމަށާއި، މިނުރައްކަލާ އެގައުމުން ކުރިމަތިލާނެކަމަށް ބުނެފައެވެ.

އެގޮތުން އެގައުމުގެ ސަލާމަތައް ނުރައްކާވާއިރު، މަޑުން ނޯންނާނެކަމަށާއި 'އަސްކަރީ ޚާއްސަ ހަރަކާތްތައް' ކުރިއަށް ގެންދާނެ ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.

ރަޝިއާއިން މިހެން ބުނުމުން ހުޅަނގުގެ މީޑިއާތަކުން ވަނީ، އެގައުމުން ފިންލޭންޑަށް މިއިންޒާރު ދީފައި މިވަނީ އެގައުމުން ޔޫކްރެއިންގައި ކުރިއަށްގެންދާ ހަރަކާތުންވެސް ކުރިއެރުމެއް ނުލިބި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވަނިކޮށްކަން ފާހަގަކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން، ޔޫކްރެއިންގެ އަސްކަރިއްޔާއިން ދަނީ ޚާރްކިވް ސަރަހައްދުގައި ހަރަކާތްތެރިވާ ރަޝިއާގެ އަސްކަރިއްޔާ މަޑުމަޑުން ފަހަތަށް ޖައްސަމުންނެވެ.

ފިންލޭންޑުން ނޭޓޯ ގުޅެން ނިންމުމުން އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލެންބަރގް ވަނީ، އެޖަމްއިއްޔާއިން ފިންލޭންޑަށް ހޫނު މަރުހަބާއެއް ކިޔާނެކަމަށާއި، އެގައުމުން ނޭޓޯއާ ގުޅެން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފަސޭހަކަމާއެކު އަވަސްކޮށްކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވެސް ވަނީ ފިންލޭންޑް މިނިންމުމަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ފިންލޭންޑަކީ ރަޝިއާއާއެކު 1،300 ކިލޯމީޓަރުގެ ބޯޑަރެއް ހިއްސާކުރާ ގައުމެކެވެ. ފިންލޭންޑުން ނޭޓޯއާ ގުޅުމުން، އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ އަސްކަރިއްޔާ ރަޝިއާގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދެގުނަ އިތުރުވާނެއެވެ. ފިންލޭންޑާއި ރަޝިއާގެ ބޯޑަރުގައި ނޭޓޯގެ ސިފައިން ހަރަކާތްތެރިވާ ފެށުމުން އެމީހުން ތިބޭނީ ރަޝިއާގެ ސެއިންޓް ޕީޓަރސްބަރގާ މަދު ގަޑިއިރުކޮޅެއްގެ ދުރުގައެވެ.

ފިންލޭންޑުން ނޭޓޯއާ ގުޅެން ނިންމުމާ ގުޅިގެން، އެއީ ރަޝިއާއަށް އޮތް ސީދާ ނުރައްކަލެއްތޯ ސުވާލު ކުރުމުން ކްރެމްލިންގެ ތަރުޖަމާން ވިދާޅުވީ ނޭޓޯގެ އަސްކަރިއްޔާ ބޮޑު ވުމަކީ ހަމަގައިމުވެސް ޔޫރަޕަށް ހަމަޖެހުމާއި ރައްކާތެރިކަން ގެނެސްދޭ ކަމެއް ނޫންކަމަށެވެ.

މިކަމާ ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިގޮތަށް ކަންތައް ކުރިއަށް ގެންގޮސްފިނަމަ ބަދަލުގައި ފިޔަވަޅުތައް އަޅަން ރަޝިއާއަށް މަޖުބޫރުވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
10%
40%
0%
20%
0%
30%
ކޮމެންޓް