ކ. މާލެ
|
25 އޭޕްރިލް 2022 | ހޯމަ 13:42
އެމެނުއެލް މެކްރޯން
އެމެނުއެލް މެކްރޯން
ނިއުޔޯކް ޓައިމްސް
އެމެނުއެލް މެކްރޯން
އެމެނުއެލް މެކްރޯންގެ ސިޔާސީ މުސްތަޤުބަލަށް ބަލާލުމެއް
 
އެމެނުއެލް މެކްރޯންވަނީ ފްރާންސްގެ ރައީސް ކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައި

ފްރާންސްގެ ރައީސް ކަމުގެ ދެވަނަ ދައުރަކަށް މިހާރުވެސް އެމަޤާމުގައި ހުންނެވި އެމެނުއެލް މެކްރޯން ވަނީ އާދީއްތަ ދުވަހުގެރޭ އިންތިޚާބުވެވަޑައިގެންފައެވެ. ރައީސްކަމުގެ ފުރަތަމަ ފަސް އަހަރު ދިޔައީ މައްސަލަތައް ނެތި އޮމާން ކޮންނެއް ނޫނެވެ. ކުރިޔަށް އޮތް ފަސް އަހަރުވެސް އިތުރު ގޮން ޖެހުންތަކާ އެމަނިކުފާނު ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ދަނީ ބެލެމުންނެވެ.

ފުރަތަމަ ކެމްޕެއިން

އެމެނުއެލް މެކްރޯން 2017 ވަނަ އަހަރުގެ ރިޔާސީ ގަޑުވަރު އެލީސީ ޕެލަސް އަށް ވަދެވަޑައިގެންނެވުމަށް ކެމްޕެއިން ފެއްޓެވީ މިނިވަން ސެންޓްރިސްޓް ވިސްނުންފުޅެއްގެ، އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. މިހާތަނަށް ފްރާންސް ދުށް އެންމެ ހަގު ރައީސް އެމެނުއެލް މެކްރޯން އެފަހަރުވެސް، އަދި މިފަހަރުވެސް ވާދަކުރައްވަން ޖެހިވަޑައިގެންނެވީ ފާ-ރައިޓް ވިސްނުންފުޅުގެ ފައިނަލިސްޓް މަރީން ލެޕޭން އާއިއެވެ. އެފަހަރު މެކްރޯނަށް ވޯޓުގެ 66 އިންސައްތަ ކާމިޔާބު ކުރެއްވުނު އިރު މަރީން އަށް ލިބިވަޑައިގެންނެވީ 33.9 އިންސައްތަ ވޯޓެވެ. އޭރު އަދި އުމުރުފުޅުން ތިރީހުގެ އަހަރުތައް ގުނަމުން ވަޑައިގެންނެވި މެކްރޯން އަކީ ކޮންމެ ނަޒަރަކުން ބެލިއަސް ތާޒާ މޫނު ފުޅެކެވެ. ބުރަ އެހެނަސް ކާމިޔާބު ފަސް އަހަރަށް ފަހު މިއަދު އިސްތަށިފުޅުން ކުޑަކޮން ނުރަ އަދި މޫނު ފުޅުން ރޫ އެބަފެނެއެވެ.

ކުރިމަތިވެވަޑައިގެންނެވި މައިގަނޑު ގޮންޖެހުންތައް

2017 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމާ އެކީހެން، ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް އެކަންކަންވަނީ ކާމިޔާބު ކަމާއެކީ ހައްލު ކުރައްވާފައެވެ.

ފުރަތަމަ ކުރިމަތިވެ ވަޑައިގެންނެވި މައްސަލައަކީ ރައީސްގެ ބޮޑީގާޑެއް މޭޑޭ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމެވެ. މަސައްކަތްތެރިން މި ހަމަލާ ދުށީ މެކްރޯންގެ ފަރާތްޕުޅުން އައި ހަމަލާއެއްގެ ގޮތުގައެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ.

އެއަށް ފަހު ފިއުލް އޮގުބޮޑު ކޮށްގެން މީހުން ރުޅިއައިސް ރީނދޫ ވެސްޓެއްލައިގެން ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް އެތައް މަހަކަށް ދެމިގެން ދިޔައެވެ. އެއަށްފަހު ޕެންޝަން ނިޒާމަށް އިސްލާހުތަކެއް ގެނައުމުން އަނެއްކާވެސް ހަޅުތާލުތަކެއްކޮށް ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ. ދެން އައީ ބްރެކްސިޓް މައްސަލަ އެވެ. އީޔޫގައި ތިބުމަށާއި ނުތިބުމަށް ތާއީދު ކުރާ މީހުން ތިބީ ހަމަޔަށް ދެބައިވެފައެވެ. މިކަމުގައި ގޮތެއް ނިންމުންވެސް ވީ ބުރަ އުނދަގޫ ކަމަކަށެވެ. ދެން އައީ ހުރިހާ ވެރިންނަށް ވެސް ކުރިމަތިވި ކޮވިޑް 19 ޕެންޑަމިކް އެވެ. މިހުރިހާ ގޮންޖެހުންތަކާވެސް އެމެނުއެލް މެކްރޯން ކުރިމަތިލައްވާ ވަނީ ކާމިޔާބު ކުރައްވާފައެވެ.

ފަސްއަހަރުގެ ޓާރމު ފުރިހަމަ ކުރެއްވިއިރު މިވަނީ ޔޫރަޕްގައި ހަނގުރާމައެއްވެސް ފެށިފައެވެ. ރަޝިޔާ ޔޫކްރެއިން ހަގުރާމައެވެ. ނަމަވެސް އުމުރުފުޅުން 44 އަހަރުފުޅުގެ މެކްރޯން ބޭނުންފުޅުވީ އަދިވެސް މަސައްކަތްޕުޅު ކުރިޔަށް ގެންދަވާށެވެ. ދެވަނަ ދައުރެއް ބޭނުންފުޅުކަން އިއުލާން ކުރެއްވީ މާރޗް މަހުއެވެ. އެއީ އޭޕްރިލް 10 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބްގެ ފުރަތަމަ ބުރު ބާއްވަން 38 ދުވަހަށް ކައިރިވެފައި ވަނިކޮށެވެ.

ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާފައި ވީނަމަވެސް އެމެނުއެލް މެކްރޯންގެ ކަންކަން ސަޕޯޓަރުންނަށް އަދިވެސް އެނގޭބާވައެވެ. އާންމުން މެކްރޯން އާމެދު ދެކޭގޮތް ވަރަށް ވެސް ތަފާތު ކަމަށް ވެއެވެ. އެއީ ކަންކަން ކުރެއްވޭ ހެޔޮ ވެރިއެއްގެ ގޮތުގައި އެއްބަޔަކު ދެކޭއިރު އަނެއްބަޔަކު ދެކެނީ އެއީ ބޮޑާ ކިބުރުވެރި އަދި ހަމައެކަނި މުއްސަނދިންގެ ރައީސްގެ ގޮތުގައެވެ.  

މެކްރޯންގެ ތުއްޕުޅު ހަޔާތްޕުޅާއި މަސައްކަތުގެ ފެށުން

އެމެނުއެލް މެކްރޯން އުފަންވެވަޑައިގެންފައި ވަނީ 1977 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 21ވަނަ ދުވަހު ފްރާންސްގެ އުތުރުން އޮންނަ އަމިއަންސް ކިޔާ ކުޑަ ސިޓީ އަކަށެވެ. މަންމައާއި ބައްޕަ ދެބޭފުޅުންނަކީވެސް ޑޮކްޓަރުންނެވެ. އެހެންކަމުން ތުއްޕުޅުއިރުގެ ހަޔާތްޕުޅަކީ ތަނަވަސްކަމުގަ ހޭދަ ކުރެއްވި ދުވަސްތަކެކެވެ. މެކްރޯންއަކީ ކިޔެވުމަށް ވަރަށް މޮޅު އަދި ތަފާތު އެހެން ހުނަރުތައް ވެސް ހުރި ބޭފުޅެއްކަން ފާހަގަވެގެން ގޮސްފައިވެއެވެ. ނަމަވެސް އާއިލާގެ ނަޒަރުން ބަލާނަމަ ތައުލީމީ ހަޔާތްޕުޅަށް ހުރަހެއް ކުރިމަތިވިއެވެ. އެއީ އޭނާއަށް ވުރެ އުމުރުން 25 އަހަރު ދޮށި ޑާންސް އަދި ތިއޭޓަރު ޓީޗަރު ބްރިޖިޓު ތޯންޔޫ ދެކެ ލޯބިވުމެވެ. އޭރު ބްރިޖިޓު އަށްވަނީ ކައިވެންޏެއް ކުރައްވައިގެން ތިންބޭފުޅުންވެސް ލިބިވަޑައިގެންފައެވެ. މިކަމާ ގުޅިގެން މެކްރޯންގެ އާއިލާއިން މެކްރޯން ތައުލީމް ފުރިހަމަ ކުރެއްވުމަށް ވެރިރަށް ޕެރިހަށް ފޮނުއްވިއެވެ. ހަޤީޤީ ބޭނުމަކަށްވީ އޭނާގެ ލޯބިވާ ޓީޗަރާއި ދުރުކޮށްލުމެވެ. ނަމަވެސް ދެބޭފުޅުން ދުރުވާގޮތެއް ނުވިއެވެ. ފަހުން ދެބޭފުޅުން ވަނީ ކައިވެނި ބައްލަވައިގެންފައެވެ.

ޕެރިސްގެ ހައިސްކޫލްއަކާ ޔުނިވަރސީޓީއެއްގައި ތައުލީމު ފުރިހަމަ ކުރެއްވުމުގެ ތެރޭން ޤައުމީ ޚިދުމަތުގެ ތަފާތު ހަރަކާތްތަކުގައި މެކްރޯން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އަދި ރައީސް ނިކޮލާ ސަރުކޯޒީ އުފެއްދެވި ޚާއްސަ ކޮމިޝަނެއްގައިވެސް މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއެވެ.  

އެއަށްފަހު އުމުރުފުޅުން ތިރީސް އަހަރުގައި ކުރިޔަށް ވަޑައިގެންނެވީ އިންވެސްޓްމަންޓް ބޭންކަރެއްގެ ހައިސިއްޔަތުންނެވެ. މިކަމުން ބޮޑެތި ކާމިޔާބީ އާއި މަންފާ ހޯއްދަވާފައި ވެއެވެ. އެދާއިރާއިން މަޝްހޫރުކަން ލިބިވަޑައިގެންނެވިއެވެ.

2012 ވަނަ އަހަރު އަލަށް ހޮވިވަޑައިގެންނެވި ރައީސް ފްރާންސުއާ އޮލާޑްގެ ސަރުކާރުގެ އިސް މަޤާމެއް މެކްރޯނަށް ދެއްވިއެވެ. ފުރަތަމަ ޑެޕިއުތީ ޗީފް އޮފް ސްޓާފްގެ މަޤާމެވެ. އެއަށް ފަހު 2014 ވަނަ އަހަރުވަނީ އިކޮނޮމިކް މިނިސްޓަރުގެ މަޤާމަށް ބަދަލުކުރައްވާފައެވެ. އޭރުވެސް އެއީ ފްރާންސްގެ އެންމެ ހަގު މިނިސްޓަރެވެ. އޭރު މެކްރޯންގެ އުމުރުފުޅުން 37 އަހަރެވެ.

މިމަސައްކަތްޕުޅުގެ ތެރޭ ރެއާ ދުވާލު އުޅުއްވަމުން ގެންދެވީ ނުހަނު މުރާލިކަމާއި ހިއްވަރާއެކުއެވެ. ދުވާލު ފަރަންސޭސި އިޤްތިސާދަށް ހެޔޮ ބަދަލުތައް ގެނައުމަށް ޤާނޫނުތައް ޑްރާފްޓުކުރައްވާ އެފާސް ކުރެވޭތޯ އެމަސައްކަތް ޕުޅުގައެވެ. ރޭގަނޑު ތަފާތު ފަރިއްކޮޅުތައް ހޯސްޓް ކުރައްވާ ސިޔާސީ ގޮތުން މުހިންމު ފަރާތްކާއި ބައްދަލުކުރައްވާ ދެން ކުރިޔަށް ވަޑައިގަންނަވަންވީ ގޮތްތައް އޮޅުން ފިލުއްވައެވެ. ނަމަވެސް އެކަކުވެސް މެކްރޯން އަކީ މުސްތަޤުބަލުގެ ރައީސްގެ ގޮތުގައި އޭރު ނުދެކޭ ކަމަށް ވެއެވެ.

2016 ވަނަ އަހަރު، އޭރުގެ ރިޔާސީ އިންތިޚާބަށް އަހަރަކަށް ވެފައި ވަނިކޮން މެކްރޯންގެ އަމިއްލަ ސިޔާސީ ހަރަކާތް ލޯންޗުކުރެއްވިއެވެ. އަދި ރައީސް އޮލަންޑްގެ އިކޮނޮމިކް މިނިސްޓަރުގެ މަޤާމުން އިސްތިއުފާދެއްވާ، އަމިއްލަފުޅު ކެންޑިޑަސީ އިއުލާން ކުރެއްވިއެވެ. އެއަށްފަހު ފަސްއެނބުރި ބަލާލުމެއްނެތި އެކުރިޔަށް ވަޑައިގަންނަވަނީ އެވެ. މަސައްކަތްޕުޅަށް ހިއްވަރުދެއްވުމަށް އަރިހުގައި ބްރިޖިޓު ތޯންޔޫ އެބަހުންނެވިއެވެ. އުމުރުފުޅުން 69 އަހަރުގެ ބްރިޖިޓު ތޯންޔޫ އަކީ މިއަދު ދުނިޔެއަށް މަޝްހޫރު ފެޝަން އައިކޯން އެއްވެސްމެއެވެ.

މެކްރޯންގެ ސިޔާސީ މުސްތަޤްބަލު ފެންނަނީ އުޖާލާކޮށެވެ. އަނެއްކާވެސް "އެންމެ" ކުރިޔަށްލާފަ، ކޮންމެވެސް މަޤާމެއް ހޯއްދެވުމުގެ ވަގުތު ވަނީ ދުރަކު ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް