ކ. މާލެ
|
21 އޭޕްރިލް 2022 | ބުރާސްފަތި 14:40
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ
ޕީޖީ އޮފީސް
އާޒިމާ ޝަކޫރުގެ ޝަރީއަތް
މަދަނީ މިންގަނޑާ ގުޅޭގޮތުން ހައިކޯޓުން ގާއިމުކުރި އުސޫލު ރަނގަޅު ނޫންކަމަށް ބުނެ، ޕީޖީ، ސުޕްރީމް ކޯޓަށް
 
އިސްތިއުނާފުކުރެވޭނީ ކޮން ބާވަތެއްގެ ނިންމުމެއްކަން ބަޔާންކޮށްފައިވޭ
 
ދައުލަތުން ވިދާޅުވަނީ ހައިކޯޓުގެ ނިންމުމުގައި ގާއިމުކުރެވިގެންދިޔަ އުސޫލު ރަނގަޅުނޫންކަމަށް
 
އެ މައްސަލަ ހައިކޯޓުގައި ކުރިއަށްދިޔައިރު، ދައުލަތުން އިޖުރާއީ ނުކުތާއެއް ނަގާފައިވޭ

މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ނިންމާ ދައުވާތަކަކީ އިސްތިއުނާފުކުރެވޭ ބާވަތުގެ ދައުވާއެއް ނޫންކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓަށް ދިއުމަށް ނިންމައިފިއެވެ.

ޕީޖީ އޮފީހުން އެގޮތަށް ނިންމާފައިވަނީ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ, މަނީ ލޯންޑަރކުރުމާގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި އެ ކޯޓުން ނިންމި ނިންމުމަކާ ގުޅިގެންނެވެ.

އެ މައްސަލަ ހައިކޯޓުގައި ކުރިއަށްދިޔައިރު ދައުލަތުން އިޖުރާއީ ނުކުތާއެއް ނަގާފައިވެއެވެ.

އިއުތިރާޒުގައި މައިގަނޑު ގޮތެއްގައި ދައުލަތުން ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، އިސްތިއުނާފު ކުރެވޭނީ ކޮން ބާވަތެއްގެ ނިންމުމެއްކަން ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މާއްދާގައި, ކޯޓަކުން ކޮށްފައިވާ ހުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް، ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެމަރުހަލާގައިކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނެފައިވަނީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެކަމަށް ނިންމާ ހުރިހާ ނިންމުމެއް, ދިފާއުން މަތީ މަރުހަލާގެ ކޯޓުގައި އިސްތިއުނާފު ކުރެވޭނަމަ، ކޮންމެ މައްސަލައެއް ނިމިގެންދާނީ ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުގެ މަރުހަލާއިން ކަމަށެވެ. އެހާހިސާބުން މައްސަލަތައް ފުނިޖެހި, މަތީ މަރުހަލާގެ ކޯޓުތަކަށް "ފްލަޑް ގޭޓް"އެއް ހުޅުވިގެންދާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ އެ ބުނުމަށް ރައްދު ދެއްވަމުން އާޒިމާގެ ވަކީލު ވިދާޅުވެފައިވާ ގޮތުގައި، ޝަރީއަތުގެ ކުރީގެ މަރުހަލާ 2 ބަޔަކަށް ބެހެއެވެ. އެއީ އިބްތިދާއީ މަރުހަލާއާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުހަލާކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގައި އެ ބަޔާންކުރާ މަރުހަލާ މާނަކުރަނީ އެ ދެބައިވެސް ހިމަނައިގެންކަމަށް އާޒިމާގެ ވަކީލުން ދެކެވަޑައިގަނެއެވެ.

އެކަމާގުޅޭ ހުކުމް އިއްވަވަމުން ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވެފައިވާ ގޮތުގައި، ކޯޓުން ކުރާ ހުކުމެއް އިސްތިއުނާފު ކުރުމަކީ އަސާސީ ހައްގެއް ނަމަވެސް، ޖިނާއީ ކޮންމެ މައްސަލައެއްގައި ނިންމާ ނިންމުމެއް އިސްތިއުނާފުކުރެވޭނެކަމަށް ގާނޫނުން ހުޅުވައިދީފައިވާ ދޮރު ބަންދުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.

އެ އިސްލާހުގެ ދަށުން ބަލާއިރު، ކޯޓަކުން ކޮށްފައިވާ ހުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް، ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެމަރުހަލާގައިކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހާއި، އޭގެ ފަހުން ހެދިފައިވާ ގަވާއިދުތަކާއި، ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އެކުގައި ކިޔާލާއިރު ފަހުމުވެގެންދާ ކަމަކީ, މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ނިންމާ ނިންމުމަކީ އިސްތިއުނާފުކުރެވޭ ބާވަތުގެ ނިންމުމެއްކަމަށް ފަނޑިޔާރު ފާތިމަތު ފަރުހީޒާ ދެކެވަޑައިގަންނަވައެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަހީދުވެސް ވަނީ އެ ރައުޔަށް ތާއީދު ކުރައްވާފައެވެ.

ނަމަވެސް މި ރައުޔާމެދު ފަނޑިޔާރު ހަސަން ޝަފީއު ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ. އޭނާ ދެކެވަޑައިގަންނަވާގޮތުގައި, ކޯޓުން ނިންމާ ކޮންމެ ނިންމުމެއް އިސްތިއުނާފު ކުރުމަކީ އަސާސީ ހައްގެއް ނޫނެވެ. ކޮންމެ ނިންމުމެއް އިސްތިއުނާފު ކުރެވޭނަމަ، އެ ނިންމުންތައް އެކި މަރުހަލާތަކަށް ދެމިގެން ގޮސް، މައުޟޫއީ މައްސަލައަށް ގޮތެއް ނިންމުން ލަސްވެ، އިންސާފު ލިބުން ލަސްވުމާއި ބޭއިންސާފަށް މަގުފަހިވެދާނެކަމަށް ފަނޑިޔާރު ދެކެވަޑައިގަންނަވައެވެ.

ދައުލަތުން މިހާރު ވަނީ ހައިކޯޓުގެ ނިންމުމުގައި ގާއިމުކުރެވިގެން ދިޔަ މި އުސޫލު ރަނގަޅު ނޫންކަމަށް ބަޔާންކޮށް، ހުކުމުގެ އެބައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު ވިދާޅުވާ ގޮތުގައި އަންނަ ހަފްތާގައި އެ ނިންމުން އިސްތިއުނާފުކުރާނެއެވެ.

މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ބަޔާންކުރާ މައްސަލަތައް ހައިކޯޓުން ބެލޭނެކަމަށް އެ ކޯޓުން ނިންމާފައިވާއިރު، އާޒިމާގެ މައްޗަށް ކުރާ ދައުވާތަކަކީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް މި މައްސަލައިގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް