ކ. މާލެ
|
2 އޭޕްރިލް 2022 | ހޮނިހިރު 09:26
ސްރީލަންކާގައި ހިނގަމުންދާ މުޒާހަރާތަކުގައި ރޯކުރި ބަހެއް ކައިރީ ފުލުހުން
ސްރީލަންކާގައި ހިނގަމުންދާ މުޒާހަރާތަކުގައި ރޯކުރި ބަހެއް ކައިރީ ފުލުހުން
ރޮއިޓާރސް
ލަންކާގައި ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކުރުން
މުޒާހަރާތައް ހޫނުވެ ސްރީލަންކާގައި ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކޮށްފި
 
މުޒާހަރާތައް ހޫނުވެގެން ގޮސްފައިމިވަނީ ޒަރޫރީ ތަކެތި ލިބުމުގައި އިންތިހާއަށް ދަތިވުމުންނާއި ގިނަ ގަޑިއިރުތަކަކަށް ކަރަންޓް ކަނޑަމުންދާތީ
 
މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައީ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ފުން ވަޅުގަނޑާއެކު އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ ކުރަމުންދާ މުޒާހަރާތައް ހޫނުވެ އެގައުމުގައި ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކޮށްފިއެވެ.

ލަންކާގެ ރައީސް ގޮތަބަޔާރާޖަޕަކްސަ މުޅި ސްރީލަންކާގައި ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކުރައްވަމުން ވިދާޅުވީ ގައުމުގެ މަސްލަހަތާއި އާންމުންގެ ރައްކާތެރިކަމާއި ގާނޫނުތައް ތަންފީޒުކޮށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތަކާއި ތަކެތި ފޯރުކޮށްދިނުމަށްޓަކައި އިމަރޖެންސީ އިއުލާންކުރައްވާކަމަށެވެ. ބުރާސްފަތި ދުވަހު އެތައް ސަތޭކަ ބަޔަކު ވަނީ ލަންކާގެ މަގުތަކަށް ނިކުމެ ރާޖަޕަކްސަ އުޅުއްވާ ގެކޮޅު ހުންނަ ސަރަހައްދުގައި މުޒާހަރާތައް ކޮށްފައެވެ.

މިމުޒާހަރާތަކުގައި ފުލުހުން 53 މީހުން ހައްޔަރުކޮށްފައިވާއިރު ހުކުރު ދުވަހު ވަނީ ލަންކާގެ ވެރިރަށް ކޮލަމްބޯ އާއި ކޮލަމްބޯ ވަށައިގެންވާ ސަރަހައްދުތަކުގައި ކާފިއު ހިންގާފައެވެ. މުޒާހަރާތައް ހޫނުވެގެން ގޮސްފައިމިވަނީ ޒަރޫރީ ތަކެތި ލިބުމުގައި އިންތިހާއަށް ދަތިވުމުންނާއި ގިނަ ގަޑިއިރުތަކަކަށް ކަރަންޓް ކަނޑަމުންދާތީއެވެ.

ކަރަންޓް ފޯރުކޮށްދެވޭވަރަށް ތެޔޮ ގަތުމަށް ފައިސާ ނެތުމުގެ ސަބަބުން ދުވާލަކު 13 ގަޑިއިރު ވަންދެން ލަންކާގެ ރައްޔިތުން ކަރަންޓުން މަހުރޫމްވެ ކަނު އަނދިރީގައި ވަނީ ހޭދަކުރަން ޖެހިފައެވެ. 22 މިލިއަން މީހުން ދިރިއުޅެމުން އަންނަ ލަންކާއަށް ކުރިމަތިވެފައިމިވާ އިގްތިޞާދީ ކާރިސާ އަކީ 1948 ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބުނުފަހުން ކުރިމަތިވި އެންމެ ބޮޑު އިގްތިޞާދީ ކާރިސާއެވެ.

އެތައް ގަޑިއިރުތަކެއް ކަރަންޓާ ނުލާ އުޅެންޖެހިފައިވާއިރު ތަކެތީގެ އަގު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. އޭގެތެރޭގައި އެންމެ ޒަރޫރީ ތަކެތިވެސް ހިމެނެއެވެ.

ލަންކާގެ ރައީސް ގޮތަބަޔާ ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ މުޒާހަރާކުރި މީހުން އެސަރަހައްދުން ފޮނުވާލުމަށް ކަރުނަ ގޭސް ޖެހުމުގެ އިތުރުން ޕްރެޝަރުގައި ވަނީ ފެންޖަހާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ވެހިކަލްތަކަށާއި ފުލުހުންނަށް އަމާޒުކޮށްވެސް ހަމަލާދީފައެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައީ ގޮތަބަޔާ އިސްތިއުފާ ދެއްވުމަށެވެ. އެމީހުން ހިފައިގެން ތިބި ބޯޑުތަކުގައި ކޮރަޕްޝަން ހުއްޓާލާ މަގާމުން އިސްތިއުފާ ދެއްވުމަށް ލިޔެފައިވެއެވެ.

ސަރުކާރާ ދެކޮޅު މުޒާހަރާތައް ދެކުނުގެ ޓައުންތަކުގެ އިތުރުން އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގައިވެސް އަންނަނީ ކުރަމުންނެވެ. މިއާއެކު މައި މަގުތަކުގެ ޓްރެފިކް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ފުލުހުން ބުނާ ގޮތުގައި މުޒާހަރާކުރަމުންދިޔަ މީހުން ވަނީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީ ނޫރަލިޔާގައި އޮތް މައު އެކްސްހިބިޝަނެއް ހުޅުއްވައިދެއްވުމަށް ހުރަސްއަޅާފައެވެ.ގިނަ މީހުން މިހާރު ގަބޫލު ކުރާ ގޮތުގައި ލަންކާޔަށް މިހާލު ޖެހުނީ ކުރިން ރައިސްކަން ކުރެއްވި،މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި މިހާރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ، މިދެބެންގުޅިގެން ހިންގާ ކޮރަޕްޝަންގެ ކަންތައް ބޮޑުވެގެންގޮހެވެ.

އިންޓެލިޖެންސްގެ ފެއިލްވުމެއް

ލަންކާ ސަރުކާރުގައި ހިމެނޭ ދެ މިނިސްޓަރުން ވިދާޅުވީ މުޒާހަރާގެ ސަބަބުން ރައީސް ގޮތަބަޔާ އާއި އަނބިކަނބަލުން ނުރައްކަލަށް ހުށަހެޅިފައިވާކަމަށެވެ. ހެލްތު މިނިސްޓަރ ކެހެލިޔާ ރަމްބުކްވެލާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރައީސް ދިރިއުޅުއްވާ ގެކޮޅު ކައިރީގައި މުޒާހަރާކުރި އިރު ރައީސް އާއި އަނބިކަނބަލުންވެސް އުޅުއްވަމުން ގެންދެވީ ގެކޮޅުގައި ކަމަށެވެ. ކުރިން ރިޕޯޓްގައި ބުނެފައިވަނީ މުޒާހަރާ ކުރަމުންދިޔައިރު ރައީސް އާއި އަނބިކަނބަލުން ގެކޮޅުގައި ނޫޅުއްވާކަމަށެވެ.

މުޒާހަރާ ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް މުޒާހަރާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވާނެކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށާއި މިއީ އިންޓެލްގެ ފެއިލިއަރ އެއްކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ރާޖަޕަކްސަގެ އޮފީހުން ބުނެފައިވަނީ މީގެ ދިހަ އަހަރު ކުރިން މެދުއިރުމަތީގެ ގައުމުތަކުގައި ކޮރަޕްޝަނާއި މާލީ ދަތިކަމާއި ދެކޮޅަށް އެގައުމު ތަކުގެ ސަރުކާރާ ދެކޮޅަށް ކުރިޔަށްގެންދިޔަ މުޒާހަރާތައް ފަދަ "އަރަބް ސްޕްރިންގް" ގެނައުމަށް ލަންކާގައި މުޒާހަރާކުރާ މީހުން މަސައްކަތްކުރާ ކަމަށެވެ.

ރިކޯޑް މިންވަރަށް އިންފްލޭޝަން މައްޗަށް

ހުކުރު ދުވަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ލަންކާގައި މަރޗް މަހު އިންފްލޭޝަން ވަނީ 18.7 އިންސައްތަ މައްޗަށް ޖެހިފައެވެ. މިއީ ޖެހިޖެހިގެން އިންފްލޭޝަން މައްޗަށްދާތާ ހަވަނަ މަހެވެ. ކާނާގެ ބާވަތްތަކުގެ އަގު 30.1 އިންސައްތައަށް ވަނީ އުފުލިފައެވެ.

ލަންކާއިން ވަނީ މަރޗް މަސްތެރޭގައި ގިނަ ބާވަތްތަކެއް އެތެރެކުރުން މަނާކޮށްފައެވެ. އެއީ ބޭރުގެ ކަރަންސީ ނެތުމާއި ގުޅިގެން ތަކެތި ގަނެވޭވަރަށް ފައިސާ ނެތުމުންނެވެ.

ފާއިތުވި ދުވަސްތަކުގައި ޑީސަލް ނުލިބުމުގެ ސަބަބުންވެސް އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށްފައިވެއެވެ. ބުރާސްފަތި ދުވަހުން ފެށިގެން 13 ގަޑިއިރަށް ކަރަންޓް ކަނޑަމުން އަންނައިރު އިންޖީނުތައް ހިންގާނެ ވަރަށް ތެލެއް ނެތެވެ. މިއާއެކު އެކި ސްޓޭޓްތަކުގެ ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުން ވަނީ އިތުރު ނުރައްކަލަކަށް ހުށަހެޅިފައެވެ. އެމީހުންގެ ބޭސް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތެއް ނެތް އިރު ބޮޑެތި އޮޕަރޭޝަންތައް ކުރުން ވަނީ މެދުކަނޑާލާފައެވެ.

ލަންކާ ސަރުކާރުން ބުނަމުން އަންނަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ. އަދި އިންޑިޔާ އާއި ޗައިނާ އަތުން އިތުރު ލޯނު ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
67%
33%
0%
0%
ކޮމެންޓް