ކ. މާލެ
|
10 މާރޗް 2022 | ބުރާސްފަތި 12:04
ސުޕުރީމް ކޯޓް- ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން ކޮށްފައިވާ ޙުކުމުގައިވަނީ ހައިކޯޓުގެ ނިންމުން ބާތިލުކުރުމަށް
ސުޕުރީމް ކޯޓް- ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން ކޮށްފައިވާ ޙުކުމުގައިވަނީ ހައިކޯޓުގެ ނިންމުން ބާތިލުކުރުމަށް
ރާއްޖެއެމްވީ
ޝަރޫ ލޯންޗު ކުންފުނި
ޝަރޫ ލޯންޗު ކުންފުނިން ގެއްލުމުގެ ބަދަލު ހޯދަން އެމްސީބީއާއި ދެކޮޅަށް އަލުން ދައުވާ ފޯމު ހުށައެޅޭނެކަމަށް ނިންމައިފި
ހައިކޯޓުގެ ނިންމުމުގެ ނަތީޖާއަކީ މައްސަލައިގެ މައުޟޫޢަށް ގޮތެއް ނިންމޭނެ ދޮރު ބަންދުވުން
މިއީ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން ކޮށްފައިވާ ޙުކުމެއް
އެމްސީބީއާއި ދެކޮޅަށް ދައުވާ ކޮށްފައިވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް

ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކާއެކު ޝަރޫ ލޯންޗް ސަރވިސަސްއިން ހިންގި މުއާމަލާތްތަކުން އެކުންފުންޏަށް ގެލުންވެފައިވަނީ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން އަމަލުކުރި ގޮތުން ކަމަށް ބުނެ ކުރި ދައުވާ އަލުން ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ޝަރޫ ކުންފުނިން އެމްސީބީއާއި ދެކޮޅަށް ދައުވާކޮށްފައި ވަނީ ޑޮލަރުގެ މުއާމަލާތް ހިންގިއިރު އެމްސީބީން އަމަލުކޮށްފައިވާ ގޮތުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެހެންނަމަވެސް 2017 ވަނަ އަހަރު އެމައްސަލަ އަނބުރާ ގެންގޮސްފައިވަނީ ސިވިލް ކޯޓުގައި އެމައްސަލައިގެ ޙުކުމުގެ މަރުހަލާގައި އޮއްވައެވެ. އަދި އޭރު މައްސަލަ އަނބުރާ ގެންގޮސްފައިވަނީވެސް ދައުވާ ފޯމު އަލުން އިސްލާޙުކޮށްގެން ހުށައަޅައިފިނަމަ މައްސަލަ އަނބުރާ ބެލޭ ގޮތަށެވެ.

މި ނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި އެމްސީބީން ހައިކޯޓަށް ހުށައެޅި މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމާފައިވާއިރު، ހައިކޯޓުގެ ޙުކުމުގައި ބުނެފައިވަނީ މިމައްސަލައިގެ ކަންހިނގާ ދިޔަ ގޮތަށް ބަލާއިރު، ދައުވާ ފޯމު އަލުން ހުށައަޅައިފިނަމަ މައްސަލަ އަލުން ބެލޭގޮތަށް އޮތް އޮތުމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ދަޢުވާކުރާ ޝަރޫ ލޯންޗް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މައްސަލައިގެ ދަޢުވާ ފޯމް ބާތިލުކުރުމަށް ކޯޓުގައި އެދުނީ މައްސަލައިގެ އަޑުއެހުންތައްވެސް ނިމިފައި ވަނިކޮށް ކަމަށެވެ. އަދި އޭރު މައްސަލަ ބާތިލުކުރުމަށް އެދުނީ ދަޢުވާ އިސްލާޙުކޮށް އަލުން ހުށަހެޅުމުގެ ބޭނުމުގައި ކަމަށް ޝަރޫ ލޯންޗުގެ ފަރާތުން ބުނެފައި ވީނަމަވެސް، ދައުވާ ފޯމުން އިސްލާޙު ކުރަން ބޭނުންވަނީ ކޮންކަމެއްކަން އަދި އެއީކޮން ސަބަބެއް މެދުވެރިގެން އިސްލާޙުކުރަން ބޭނުންވާ ކަމެއްކަންވެސް މި މައްސަލަ ދަށު ކޯޓުގައި ބެއްލެވި ފަނޑިޔާރުގެ ސަމާލުކަމަށް އެއްވެސް މަރުޙަލާއެއްގައި ޝަރޫ ލޯންޗުގެ ފަރާތުން ގެނެސްފައިވާކަން އެނގެން ނެތްކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

އެއާއެކު ދަޢުވާ ފޯމް އިސްލާޙުކޮށް އަލުން ކޯޓަށް ހުށަހެޅުމުގެ ހުއްދަ ޝަރޫ ލޯންޗަށް ދިނުމަކީ ނަހަމަގޮތުގައި ކޯޓުގެ ބޭނުން ހިފުމަށް ފުރުސަތު ދިނުންކަމަށް ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވެއެވެ.

ކޯޓަށް ހުށައެޅިފައިވާ ދައުވާއެއް ނުވަތަ މައްސަލައެއް އަނބުރާ ގެންދިއުމުގައި ބަލާ 3 ޙާލަތެއްވެއެވެ. އެއް ގޮތަކީ ދައުވާ އަނބުރާ ދޫކޮށްލީ ކަމަށް ބުނެ ދައުވާ ނެގުމެވެ. ދެވަނަ ޙާލަތަކީ އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި ދައުވާ ފޯމު ބާތިލު ކޮށްދިނުމަށް އެދުމެވެ. އަދި 3 ވަނަ ގޮތަކީ ކޯޓަށް ހުށައެޅިފައިވާ ދައުވާއާމެދު ވިސްނައި، ދައުވާ މުރާޖައާކޮށް އަލުން އިސްލާޙު ކުރުމަށް ފަހު ހުށައެޅުމަށް ދައުވާ އަނބުރާ ގެންދިއުމެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގެ އަޑުއެހުންތައް ނިމުނު ފަހުން ޝަރޫ ލޯންޗުގެ ފަރާތުން އެދިގެން އިތުރު އަޑުއެހުމެއް ބޭއްވުނު އިރުވެސް، ދައުވާ ފޯމުގެ އިސްލާޙާއި ގުޅޭ ގޮތުން އެއްވެސް ކަމެއް ފާހަގަކޮށްފައި ނެތްކަން ހައިކޯޓުން ފާހަގަކުރިއެވެ.

އެހެންނަމަވެސް، ޝަރޫ ލޯންޗުގެ ފަރާތުން ބުނެފައިވަނީ، ޢަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމަށް ބުނެ، ދަޢުވާ ފޯމު އިސްލާހުކޮށްގެން އަލުން ހުށަހަޅައިފިނަމަ ބެލޭގޮތަށް ދަށު ކޯޓުން ދަޢުވާ ފޯމު ބާޠިލްކޮށްފައި އޮތްގޮތުން ހައިކޯޓުން ބާޠިލް ކޮށްފައިވަނީ، އިސްތިއުނާފު ކޮށްފައި ނުވާ ނުކުތާއެއްގެ މައްޗަށް ކަމަށެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، މައްސަލައިގެ އަޑުއެހުން ނިމިފައިވަނިކޮށް އަލުން ހުށަހެޅުމުގެ ހައްޤު އޮންނަ ގޮތަށް ދަޢުވާ އަނބުރާ ގެންދަން ޝަރޫ ލޯންޗުގެ ފަރާތުން އެދުމުން، ޝަރީޢަތުން އެ ފުރުސަތު ޝަރޫ ލޯންޗަށް ދީފައިވާ ކަމަށެވެ. ވީއިރު މި މައްސަލައަކީ މީގެ ކުރިން ކޯޓަށް ހުށަހެޅުނު މައްސަލައަކަށް ނުވެފައި، ޝަރޫ ލޯންޗުގެ ފަރާތުން ހަމައެކަނި ކުރިކަމަކީ އަލުން ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަށް ދަޢުވާ އަނބުރާ ގެންދަން އެދުން ކަމަށްވާއިރު، މިޙާލަތުގައި ޝަރޫ ލޯންޗުގެ ފަރާތުން އިޖުރާއަތުގެ ބޭނުން ނަހަމަގޮތުގައި ހިފީ ކަމަށްބެލެވޭނެ ތަނެއް ނެތްކަމަށް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ ހައިކޯޓުގެ ނިންމުމުގެ ނަތީޖާއަކީ މައްސަލައިގެ މައުޟޫޢަށް ގޮތެއް ނިންމޭނެ ދޮރު ބަންދުވުން ކަމަށްވެފައި، އެއީ އިންސާފުވެރި ގޮތެއް ކަމަށް ނުވާތީ، މި މައްސަލަ އަލުން ދަށުކޯޓަށް ހުށަހެޅުމުގެ ފުރުސަތު ޝަރޫ ލޯންޗަށް ލިބެންޖެހޭ ކަމަށެވެ. އަދި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދެވެ.

- ކޮމެންޓް