ކ. މާލެ
|
20 ފެބްރުއަރީ 2022 | އާދީއްތަ 09:44
ޓޫ ތައުޒަން އެންޝޭންޓެޑް އައިލެންޑްސް ފޮތް ނެރުން
ޓޫ ތައުޒަން އެންޝޭންޓެޑް އައިލެންޑްސް ފޮތް ނެރުން
ރާއްޖެއެމްވީ
ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުން
ކޯބިންގެ ފޮތުން ރާއްޖޭގެ ފަތުރުވެރިކަން
 
މިހާރު ރާއްޖެ މިވަނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ހޮވާލެވިފައި
 
ފަތުރުވެރިން ރާއްޖެ ގެނައުމަށްވެސް ދަތިތަކެއް ވަނީ ދިމާވެފައި
 
ފަތުރުވެރިކަން ފަށައިގަތް އިރު ރާއްޖޭގައި ރަނގަޅު މުއާސަލާތީ ނިޒާމެއް ނެތް

ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައީ 1972 ވަނަ އަހަރުއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު މި ވަނީ 50 އަހަރު ފުރިފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާއިރު ފަތުރުވެރިކަން ފެށިގެން އައި ގޮތަށް ބަލާލުން މުހިންމެވެ. ރާއްޖޭގައި ފަތުރުވެރިކަން ފަށައިގަނެފައިވަނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުންނެވެ. މިކަން ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެއް ކަމުގައިވާ އިޓަލީ ވިލާތަށް ނިސްބަތްވާ ޖޯޖް ކޯބިންގެ "ޓޫ ތައުޒަން އެންޝޭންޓެޑް އައިލެންޑްސް" މި ފޮތުގައި ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. މި ފޮތަކީ 1972 ވަނަ އަހަރު ޖޯޖް ކޯބިން ރާއްޖެއަށް ކުރި ޒިޔާރަތުގައި ލިޔެފައިވާ ފޮތެކެވެ. އެހެންނަމަވެސް މި ފޮތަށް އެހެން ބައެއް އިތުރުކުރުމަށްފަހު މި ފޮތް މިހާރު މި ވަނީ ރަސްމީކޮށް ނެރެފައެވެ.

މިފޮތަށް އިތުރުކޮށްފައިވާ ބައިގައި އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުން ކިޔައިދީފައެވެ. އަދި ފަތުރުވެރިކަން ފެށުމުގެ ކުރިން ތާރީޚުގައި ހިނގާފައިވާ ކަންކަމަށްވެސް އަލިއަޅުވާލާފައިވެއެވެ. ޖޯން ކޯބިންއަކީ އިޓަލީގެ ޓުއަރ އެޖެންސީއެއް ހިންގަމުންދިޔަ މީހެކެވެ. 1971 ވަނަ އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހު އޭނާ ވަނީ ސްރީލަންކާގެ ކޮލަންބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެދިގެން ރާއްޖެ އައުމުގެ ކަންކަން ހަމަޖައްސާފައެވެ. އޭރު ކެރަފާ އަހުމަދު ނަސީމް (މިހާރުގެ ހެލްތް މިނިސްޓަރ) މަސައްކަތްކުރައްވަމުން ގެންދެވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައެވެ. ނަސީމް އޭރު ހުންނެވީ ލަންކާގައެވެ. އަދި ނަސީމް ވަރަށް އަވަހަށް އެނބުރި މާލެ ދާނެ ކަމާއި، "އެމްވީ މޯލްޑީވް އެކްސްޕްލޯރާ" އިން ކޯބިންއަށްވެސް މާލެ ދެވޭނެ ކަން ކޮލަމްބޯ އެމްބަސީން އޭނާއަށް އެންގިއެވެ. ކޯބިންއާއި ނަސީމްއާ ދެމެދު ރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމުގެ މަޝްވަރާތައް ކުރެވުނީ ކޮލަމްބޯއިން ރާއްޖެ އައުމަށް ކުރި 3 ދުވަހުގެ ދަތުރުގައެވެ.

އެއަށްފަހު 1972 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ކޯބިން ވަނީ 22 ފަތުރުވެރިންގެ ގްރޫޕަކާއެކު ދެވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިކަން ވެގެން ދިޔައީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުމަށެވެ. މި 22 ފަތުރުވެރިން ތިބީ މާލޭގެ އެކި ގެސްޓްހައުސްތަކުގައެވެ. ފަތުރުވެރިން ތިބޭނެ ތަންތަން ހަމަޖެއްސުމަށް ނަސީމްއާއި، މުހައްމަދު އުމަރު މަނިކު (ކޮލި) އަދި ހުސެއިން އަފީފް (ޗަމްޕާ) ވަނީ ވަރަށް ބޮޑު ރޯލެއް އަދާކޮށްފައެވެ. އަދި އެމީހުންގެ އާއިލާގެ އެކި މީހުންވެސް ވަނީ މިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން އެ ފަތުރުވެރިން ރާއްޖޭގައި ތިބި 12 ދުވަހު އެމީހުންނަށް ކައިރި ރަށްރަށަށް ގޮސް މޫދަށް އެރި އުޅެވޭނެ އިންތިޒާމު ހަމަޖައްސާ، އަދިވެސް މިނޫން އެކި ތަފާތު ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އެމީހުންނަށް ލިބިފައިވެއެވެ.

ކޯބިން ރާއްޖެ ގެނައި 22 ފަތުރުވެރިންގެ ތެރޭގައި ފޮޓޯގްރާފަރުންނާއި ނޫސްވެރިންވެސް ހިމެނެއެވެ. އެހެންކަމުން މިކަން ވެގެން ދިޔައީ ރާއްޖެ އިތުރަށް އިޝްތިހާރު ވެގެންދިޔަ ކަމަކަށެވެ. 1972 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެޗް.އެމް ކުއީން އެލިޒަބެތު 2 ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިކަންވެސް ވެގެންދިޔައީ ރާއްޖެ އިތުރަށް މަޝްހޫރުވެ، ދުނިޔޭގެ ހެޑްލައިންތަކަށް ރާއްޖޭގެ ނަން އަރައިގެންދިޔަ ކަމަކަށެވެ. އެއަށްފަހު އެ އަހަރުގެ މާޗް 15 ވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް އެޖެންސީ ވުޖޫދުވެގެން އައެވެ. މިއީ ކޮލި އުމަރު މަނިކާއި، ކެރަފާ ނަސީމް ގުޅިގެން އުފެއްދި ޓޫރިސްޓް އެޖެންސީއެކެވެ.

ޓޫ ތައުޒަން އެންޝޭންޓެޑް އައިލެންޑްސް ފޮތް ނެރުން - ރާއްޖެއެމްވީ

1972 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހަކީ ވިހަމަނާފުށި (މިހާރުގެ ކުރުނބާ މޯލްޑިވްސް)ގައި ޓޫރިސްޓު ކޮޓަރިތައް ބިނާކުރަން ފެށި ދުވަހެވެ. މި މަސައްކަތް ގާތުން ބަލަމުންދިޔައީ ކެރެފާ ނަސީމުގެ އާއިލީ މެމްބަރެއް ކަމަށްވާ ސަލީމާ މުހައްމަދެވެ. މި މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، ދަތުރުފަތުރާއި އަދިވެސް މި ނޫން އެހީތައް ފޯރުކޮށްދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރެއްވީ ނަސީމް އަދި ސަލީމާގެ ބައްޕާފުޅު ކެރެފާ މުހައްމަދު ކަލޭގެފާނެވެ. 1972 ވަނަ އަހަރުގެ އޭޕްރީލް މަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރު ވަނީ ކ. އަތޮޅު ބަނޑޮސް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އެ މަނިކުފާނާ ގުޅިވަޑައިގެންނެވުމަށް ކެރެފާ ނަސީމް އަދި ކޮލި އުމަރު މަނިކުގެ ކިބައިން އެދިލައްވާފައެވެ. އެހެންނަމަވެސް އެ ދެ ބޭފުޅުންވެސް ވަނީ ޖޯޖް ކޯބިންއާއެކު ހަދާފައިވާ އެއްބަސްވުމަށް އިޝާރާތްކުރައްވާ ރައީސް ނާސިރުއާ ގުޅިވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ. އެހެންނަމަވެސް ނާސިރު ވަނީ ބަނޑޮހުގެ މަސައްކަތް ފަށާފައެވެ.

އެ ދުވަސްވަރު ވައިގެ ދަތުރުފަތުރުކުރުމުގައި ހުރި ދަތިކަމަށް ހައްލު ހޯދުމަށް 1972 ވަނަ އަހަރުގެ ޖޫން މަހު ކެރެފާ ނަސީމް އަދި ކޯބިން ވަނީ ސިލޯނަށް ވަޑައިގެން ސިލޯން ޓުއަރސްގެ ޕާޓްނަރުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. އަދި ސްރީ ލަންކާ އެއަރ ފޯސްގެ އެއަރ ކްރާފްޓެއް މިކަމަށް ހަމަޖެހިގެންދިޔައެވެ. މިއާއެކު ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބިގެންދިޔައެވެ.

1972 ވަނަ އަހަރުގެ އޮކްޓޯބަރު 3 ވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ ރިސޯޓު ކުރުނބާ ވިލެޖު ހުޅުވިގެންދިޔައެވެ. އެ ރިސޯޓު ހުޅުވިގެންދިޔައީ 30 ބީޗް-ފްރަންޓް ގެސްޓް ރޫމާއެކުއެވެ. އަދި ރިސޯޓުގެ މައި ބާރ ފަރުމާކޮށްފައިވަނީ ދޯންޏެއްގެ ކޮންސެޕްޓަށެވެ. 1973 ވަނަ އަހަރު ރިސޯޓުގެ ޖެނެރަލް މެނޭޖަރަކަށް ހަމަޖައްސަވާފައިވަނީ ޗަމްޕާ އަފީފެވެ. 1974 ވަނަ އަހަރު ވެގެންދިޔައީ "ބޮމްބޭ-މާލެ ލިންކް" ގާއިމްކުރެވުނު އަހަރަށެވެ. މިއާއެކު އެހެން ގައުމުތަކުގެ ތިބޭ މީހުންނާއި މުއާމަލާތް ކުރަން ފަސޭހަވެ، ގެސްޓް ބުކިން ހެއްދުންވެސް ވަނީ ފަސޭހަވެފައެވެ. އަދި 1974 ވަނަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ އެއާލައިން އެއަރ މޯލްޑިވްސްގެ ޚިދުމަތް ފެށުން ވެގެންދިޔައީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދިޔަ ކަމަކަށެވެ.

އަދި 1980 ގެ އަހަރުތަކާއި ބައްދަލުކުރިއިރު ރާއްޖޭގައި ރަނގަޅު މުއާސަލާތީ ނިޒާމެއް ގާއިމްކުރެވި އިތުރު އެއާލައިންތަކުގެ ދަތުރުތައް ރާއްޖެއަށް ބާއްވަން ވަނީ ފަށާފައެވެ. މިއާއެކު އަހަރަކަށް ފަހު އަހަރެއް ރާއްޖެ އަންނަމުންދިޔަ ފަތުރުވެރިންގެ އަދަދުތައްވެސް ދިޔައީ އިތުރުވަމުންނެވެ. އަދި 1980 ގެ ތެރޭގައި އިތުރު ރިސޯޓުތަކާއި ޓްރެވަލް އެޖެންޓުން އުފެދިގެން ދިޔައެވެ. އަދި 2017 އާ ހަމައަށް އައިއިރު ކޮންމެ އަހަރަކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށްވުރެ މައްޗަށް ދެއެވެ. އަދި މިއަދު ރާއްޖޭގެ ފަތުރުވެރިކަން މި ވަނީ މުޅި ދުނިޔެއިން ބަލައިގަނެފައެވެ. މިއަދު ރާއްޖެއަކީ ވޯލްޑް ލީޑިން ޑެސްޓިނޭޝަންއެވެ. ވަރަށްވެސް ގިނަ ބައެއްގެ މިންނެތް މަސައްކަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް