Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2022 | އާދީއްތަ 12:12
އީސީގެ ރައީސް ފުއާދު ތައުފީގު
އީސީގެ ރައީސް ފުއާދު ތައުފީގު
ރައީސް އޮފީސް
ޑަބްލިއުޑީސީގެ ބައި އިލެކްޝަން
އިއްޔެ ބޭއްވި ޑަބްލިއުޑީސީ އިންތިޚާބާއި ގުޅޭ ޝަކުވާއެއް ހުށަހަޅާފައެއް ނެތް: އިލެކްޝަންސް
ވޯޓުލާން ދިޔަ މީހުން މަދުކަން ފާހަގަކުރެވުނު
ވޯޓުލާ ނިންމަންޖެހޭ ގަޑިއަށް ވޯޓުލުން ނިންމާފައިވޭ
މި ދެ ދާއިރާގެ ވަގުތީ ނަތީޖާ މިހާރު ވަނީ އިއުލާނުކޮށްފައި

ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ބައި އިލެކްޝަނާއި ގުޅޭ އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވާއިރު، ހަމަ އެދުވަހު ވަނީ ދެ ދާއިރާއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންވެސް ބާއްވާފައެވެ. އެއީ ތ. ވިލުފުށި ދާއިރާއާއި، ގއ. ގެމަނަފުށި ދާއިރާގެ ބައި އިލެކްޝަނެވެ.

މި ދެ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު، ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ މި އިންތިޚާބުން ފާހަގަކުރެވުނު ހަަމައެކަނި ކަމަކީ ވޯޓު ލާން ދިޔަ މީހުންގެ އަދަދު މަދުކަން ކަމުގައެވެ. އަދި މި ދެ ދާއިރާއަކީވެސް ނިސްބަތުން މީހުން މަދު ދެ ދާއިރާކަމަށާއި، އެހެންނަމަވެސް އިންތިޚާބުގެ ވޯޓުލުން އެއްވެސް ހަމަނުޖެހުމެއް ނެތި ކުރިއަށް ގޮސްފައިވާކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އިންތިޚާބާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ދެ ދާއިރާގެ ވޯޓުލުންވެސް ނިންމަންޖެހޭ ގަޑިއަށް ނިންމިފައިވާކަމަށެވެ. އެހެންނަމަވެސް ވޯޓުލާން ދިޔަ މީހުން މަދުވުމަކީ ކަންބޮޑުވުމެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ކެންޑިޑޭޓް ނަންބަރު 3 މަރިޔަމް ޖަމްޝީދާއެވެ. އޭނާ އެ ދާއިރާ ކާމިޔާބުކުރައްވާފައިވަނީ 151 ވޯޓުންނެވެ. އެ ދާއިރާއިން ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދާފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 1 ފާތިމަތު ޝިފާޒާއެވެ. ޝިފާޒާއަށް 146 ވޯޓު ލިބިފައިވެއެވެ. އަދި ކެންޑިޑޭޓް ނަންބަރު 4 މަރިޔަމް ފަޒުނާއަށް 115 ވޯޓު ލިބިފައިވެއެވެ. ޕީޕީއެމުން ވާދަކުރެއވި ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 2 އައިމިނަތު ރިޔާޒާއަށް ލިބިފައިވަނީ 92 ވޯޓެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 1،271 މީހުންނަށެވެ. މި ދާއިރާއަށް ވޯޓުލާފައިވަނީ 537 މީހުންނެވެ.

މީގެ އިތުރުން ވިލުފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ފާތިމަތު ނީނާއެވެ. އޭނާ އެ ދާއިރާ ކާމިޔާބުކުރައްވާފައިވަނީ 61 ވޯޓުންނެވެ. ދެން އެދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް، ރުގިއްޔާ އާލިމާ ރަޝާދަށް ލިބިވަޑައިގެންފައިވަނީ 57 ވޯޓެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު 1،499 މީހުންނަށް ލިބިގެންވެއެވެ. އެހެންނަމަވެސް މި ދާއިރާއަށް ވޯޓު ލާފައިވަނީ 123 މީހުންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ވޯޓްލާން މީހުން ނުނިކުންނަ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ޑރ. މުހައްމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮންމެ ރަށަކަށް ދިޔަ ނަމަވެސް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތަކުގެ ތެރެއިންވެސް މިކަންތައްތައް ބަލަމުން އަންނަކަމަށް ޒާހިރު ވިދާޅުވިއެވެ.

މި އިންތިޚާބުތަކަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނު ނަމަވެސް އިންތިޚާބުތައް ބޭއްވުމަށް ބޮޑު ޚަރަދެއް ހިނގާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ޚަރަދުތައް ކުޑަ ކުރުމަށްޓަކައި ގާނޫނެއްގެ ތެރެއިން ކޮންމެ 6 މަހަކުން އިންތިޚާބުތައް ބާއްވާގޮތަށް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް