Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ ސިޓީ

އައްޑު އަތޮޅު ގަން: ގަމުގެ އަސްލު ވަޒަންވެރިން

އައްޑު އަތޮޅު ގަމަކީ ރާއްޖޭގެ އެންމެ ދެކުނަށް އޮތް ރަށް

އައިޝަތު ފަރާ އަލީ
އައިޝަތު ފަރާ އަލީ, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2022 | އަންގާރަ 13:23
ގަން - ރާއްޖޭގެ އެންމެ ދެކުނު ސަރަހައްދު

ގަން - ރާއްޖޭގެ އެންމެ ދެކުނު ސަރަހައްދު

އައްޑު އަށް ދާ ކޮންމެ ދަތުރެއްގައި ރަށަށް ދެވެނީ، ގަމުގެ ވައިގެ ބަނދަރަށް ފައިބައިގެން، މަގުގެ ދެއަރިމަތީގައި ފިތުރޯނު ގަސް ހައްދާފައިވާ ގަމުގެ ހިތްގައިމު މަގުތަކުން ދުއްވާފައެވެ. މީގެ 70 ވަރަކަށް އަހަރު ކުރިން ތާރު އަޅާފައިވާ މަގުތަކުން ދުއްވާފައިދާއިރު ފެންނަނީ ވިރާނާ ވަމުންދާ ކުރީގެ "ރޯޔަލް އެއަރފޯސް ގޭން" ގެ ނަމުގައި އިނގިރޭސިން ގަމުގައި މިލިޓަރީ ވައިގެ ބަނދަރެއް ހިންގިއިރު ހަދާފައިވާ އެކި އެކި އިމާރާތްތަކެވެ. ވަކި ތަރުތީބަކަށް ވަކި ގޮތަކަށް ފަރުމާކޮށް އިމާރާތްކުރެވިފައިވާ ބައެއް ބްލޮކްސް ތަކުގައި މިހާރު ފުރާޅެއް ނެތެވެ. ވިރާނާވެ، އަޅާލާނެ ބަޔަކުނެތި، ބިމާ ހަމަވާން ކައިރިވެފައިވާ އެތަކެއް މިކަހަލަ އިމާރާތްތަކަށް ފަސްދީ ދެން ދެވެނީ ގަމާއި ފޭދޫ އާއި ގުޅޭ ކޯޒްވޭއިން ފޭދޫއަށެވެ. ފޭދޫ އަކީ އަޅުގަނޑު ނިސްބަތްވާ ރަށެވެ. ކުޑައިރުއްސުރެވެސް އަޅުގަނޑުމެންގެ ކާބަފައިންގެ ރަށަކީ އައްޑު އަތޮޅު ގަން ކަން އެނގެއެވެ. އަޅުގަނޑު ޅައުމުރުންފެށިގެން ތާރީހީ ކަންކަމަށް ހާއްސަ ޝައުގެއް ހުރެއެވެ. ގަމުގެ ތާރީހާ އަދި ގަމުގައި ކާބަފައިން އުޅުނުގޮތް ބަލައި ހޯދައި ދިރާސާކޮށް، ގަމުގެ އާސާރީ ތަރިކައާއި މިހާރު ގަމުގައި ހުރި އިނގިރޭސީންގެ ހަނދާންތައްވެސް ނެތިގެން ނުދާނެހެން، ރައްކާތެރިކުރެވި ހިމާޔަތްކުރެވުމަކީ އަޅުގަނޑު އަބަދުވެސް ދެކޭ ހުވަފެނެކެވެ.

އައްޑުއަތޮޅު ގަމަކީ އޭރުވެސް މިހާރުވެސް އައްޑޫ އަށް ނިސްބަތްވާ އެންމެންގެ ހިތުގައިވެސް ޤަދަރާއި ހާއްސަކަމެއް ދެވިފައިވާ ރަށެކެވެ. ބޮޑު ތަދުގެ ދުވަސްވަރު ދަނޑުގޮވާންކޮށް އަތޮޅަށް ބޭނުންވާ ކާބޯތަކެތި އުފައްދައިގެންނެވެ. އެއީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރަންވޭއެއް ގާއިމްކުރެވުނު ރަށެވެ. އަދި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޓެލެކޮމިއުނިކޭޝަންވެސް ޤާއިމްކުރެވުނު ރަށެވެ. އަދި ރާއްޖޭގައި އެންމެ ފުރަތަމަ ކޯޒްވޭއެއްވެސް ގާއިމުކުރެވުނު ރަށެވެ. ފަހުން އިނގިރޭސިން އުޅުނު ދުވަސްވަރު އަތޮޅާއި އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އަންނަ ފަރާތްތަކަށް ސިއްޙީފަރުވާ ގަމުން ފޯރުކޮށްދެވިފައިވެއެވެ. އަދި މިހާރު ވައިގެ ބަނަދަރެއް އޮތުމުން، ވައިގެ މަގުން ދަތުރުކުރާ އައްޑޫގެ އެންމެން ގަމަށް އަރާފައިބަން ޖެހެމުން، އެކަމުގެ ހާއްސަކަންވެސް މެއެވެ.

އެއީ ރާއްޖޭގެ އެންމެ ދެކުނަށް އޮތް، މީގެ 65 އަހަރުކުރިން މީހުން ވަޒަންވެރިވެގެން އުޅުނު އައްޑު އަތޮޅު ގަމެވެ. 1911 ވަނަ އަހަރުގެ ބޯހިމެނި ހިސާބުން ގަމުގައި 411 މީހުން ވަޒަންވެރިވެގެން އުޅުކަމަށާއި އަދި 1953 ގެ ބޯހިމެނުމުގައި 742 ރަށްވެހިން އުޅުނުކަމަށް ރިކޯޑުކުރެވިފައިވެއެވެ. ކައިރީގައި އަތޮޅަށް ވަދެ ނިކުމެވޭގޮތަށް ދެ ކަނޑުއޮޅި އޮތުމުން ގަމަކީ ފަސޭހައިން ވަދެ ނިކުމެވޭ ރަށެކެވެ. ގަމުގެ ވަޒަންވެރިން ގަމުގައި ދިރިއުޅުނީ ރަށުގެ ހުޅަނގަށް މައިގަނޑު ދެ އަވަށުގައެވެ. އެއީ އުތުރަށް ވާ ގޮތަށް ދޫގަސް އަވަށުގައާއި ދެކުނަށް އޮތް މަތިއެންގަނޑު އަވަށުގައެވެ. އޭރު ގަމުގައި އުޅުނު ބައެއް ދަރިކޮޅުތަކުގެ ތެރޭގައި އީދިގަލިގޭ ދަރިކޮޅާއި، އަބޫގެ ދަރިކޮޅާއި، މިސްކިތްމަގިގޭ ދަރިކޮޅާއި، ވެއުކަނދިގޭ ދަރިކޮޅާއި، އެއްގަނޑުވަރު ދަރިކޮޅާއި، މާކަނޑޫދޫ މުހައްމަދުގެ ދަރިކޮޅު ހިމެނެއެވެ. އަދި އޭރު ދެ އަވަށް ދެވަށުން ހިނގަން އޮންނަނީ ބޮޑު ދެމަގު ކަމުގައިވާ ބުރަންމާނީ މަގާއި މާވަށުގަސްދޮށު މަގެވެ. ނަމަވެސް ރަށުގެ ވަށައިގެން ހަނި މަގުތަކުން އަތިރިމައްޗަށް ނިކުމެވޭގޮތަށް ވިއްސަކަށް "ފަންނު" އޮވެއެވެ. އަތިރިމައްޗަށް ނިކުމެވޭ ދިމާލަށް އައްޑޫ ގައި ކިޔާ އުޅެނީ "ފަންނު ފަންނު" އެވެ.

ގަމުގެ ވަޒަންވެރިން ގަމުގައި ދިރިއުޅުނު ދުވަސްވަރުގައި ދަނޑުގޮވާންކުރުމުގައި ގަމަކީ ކުރިއަރާފައިވާ ރަށެކެވެ. މިގޮތުން އިރުވައި މޫސުމުގައި ގޮވާންކުރާ ދަނޑުބިންތަކާއި ހުޅަނގު މޫސުމުގައި ގޮވާންކުރާ ދަނޑުބިންތަކާއި އަދި ދެމޫސުމުގައި ބޭނުންކުރުމަށް ހާއްސަ ދަނޑުބިންތައް އޮވެއެވެ. މިގޮތުން އޭރު އުޅުނު ގަމު މީހުންނަކީ ދަނޑުގޮވާންކުރުމުގެ ހުނަރާއި ތަޖުރިބާހުރި، މުރާލި އަދި ހީވާގި ބައެކެވެ. ކައްޓަލަ، އަލަ އަދި ޒުވާރި އަކީ އެންމެ ގިނައިން ގަމުގެ ދަނޑުބިންތަކުން ބޭރުކުރަމުންދިޔަ ބާވަތްތަކެވެ. ގަމަކީ ފަސްގަނޑު މޮޅު ރަށަކަށްވުމުން، މުޅި އަތޮޅަށް ބޭނުންވާވަރަށް، ގަމުގެ ދަނޑުބިންތަކުން އޭރު ގޮވާން ލިބުނު ކަމަށް ވެއެވެ. މީގެ އިތުރުންވެސް ގަމަކީ ވަރަށް ބޮޑެތި ބިޔަ ބަނބުކެޔޮގަސްތައް ހުރި ރަށެކެވެ. އަދި ރަނގަޅަށް ބަނބުކެޔޮ ހަރުވާ މޫސުންތަކުގައި ގަހަކުން 1000 ބަނބުކެޔޮ ކަނޑޭ ކަމަށްވެއެވެ. ގަމުގައި މީހުން އުޅުނު އިރު ބޮޑެތި ރުއްގަނޑުތަކުން ނުވަތަ "ބީވާ" ތަކުން ދެމަހުން އެއްމަހު އަޅާއިރު، ބީވާއަކުން ވިހި ނުވަތަ ތިރީސް ހާސް ކާށި އެޅޭކަމަށް ބުނެވެއެވެ. މިހާރުވެސް ގަމުގެ ބައެއް ސަރަހައްދުތަކުގައި ކާބަފައިން އިންފާދައިވާ ރުއް އެބަހުއްޓެވެ. އަދި އޭރު ގަން ފަޅަކީ، ފަރުހިލައި، އެންދަމައި އަދި ފަސޭހައިން ދާއަޅައިގެންނާއި ދާ އުކައިގެން މަސްހިފޭ ފަޅެކެވެ. އޭރުގެ ބައެއް މީހުން ބުނާގޮތުގައި ރަށުގެ ފަޅުތެރެއިން މި ތިން ބޭނުންކުރެވޭ ރަށްރަށް ރާއްޖޭގައި ވަރަށް މަދެވެ. ނަމަވެސް ކޯޒުވޭތަކާއި ފާލަންތައް ހަދައި އައްޑުއަތުޅުގެ ހުޅަނގުފަޅީގައިވާ ރަށްތައް ގުޅުވާލުމާއެކު، ގަމާއި އަދި ގުޅިފައިވާ ރަށްރަށުގެ އެންވެރިކަން އެއްކޮށްހެން ނެތިދިޔައެވެ.

ގަމަށް މިހާރު ބަލާލުމުން ފެންނަނީ އެއަރޕޯޓްގެ ސަރަހައްދާއި، ފަތުރުވެރިކަމުގައި ބޭނުންކުރެވޭ ސަރަހައްދުތަކާއި، އަދި ޤައުމީ ދިފާއީ ބާރުގެ ބޭނުމަށް ދޫކުރެވިފައިވާ ސަރަހައްދުތަކާއި ވީރާނާ ވަމުންދާ އިނގިރޭސިންގެ އަސަރުތަކެވެ. ބަލާބެލުމަށް، ފަސޭހައިން ނުފެނުނު ނަމަވެސް، ގަމުގައި އަދިވެސް ގަމުގެއަސްލު ރަށްވެހިންގެ ނިޝާންތައް އެބަހުއްޓެވެ. މިގޮތުން ގަމުގެ މާމިސްކިތް ނުވަތަ ހުކުރު މިސްކިތަކީ ގަމުގައި މީހުން ދިރިއުޅުނު ދުވަސްވަރު، މަތިއެންގަނޑު އަވަށުގައި ހުރި މިސްކިތެވެ. މިހާރު އެއަރޕޯޓުގެ ބޭނުމަށް ދޫކުރެވިފައިވާ ސަރަހައްދުގައި އަދިވެސް މިމިސްކިތް އެބަހުއްޓެވެ. މިމިސްކިތްދޮށުގައި ހިރިގަލު ވަޅަކާއި ވަރަށް މުސްކުޅި ގަބުރުސްތާނެއްއޮވެއެވެ. މިގަބުރުސްތާނަކީގަމުގެ ކުރީގެ ޖީލުތަކުގެ ދުނިޔަވީ ހަނދާންތަކެވެ. ގަމުގެ އަސްލު ރަށްވެހީންގެ ނިޝާނަކަށް މިއަދު ފެންނަން ހުރި ހަމައެކަނި ތަނެވެ. ދެވަނަ ބޮޑު ހަނގުރާމަ އާއި އަދި އޭގެ ފަހުން ދެވަނަ ފަހަރަށް އިނގިރޭސން ގަމުގެ ބޭނުން ކުރިއިރު، މުޅި ގަމުގައި ހުރި ގަމުގެ ވަޒަންވެރިންގެ އަސަރުތައް ނައްތާލައި ގަން ވައިގެ މަރުކަޒަކަށް ބަދަލުކުރުމުގައިވެސް، މިމިސްކިތާއި ގަބުރުސްތާނު ހުރީ އެއްވެސް ގެއްލުމެއްނުދީ ބަހައްޓާފައެވެ. މިގަބުރުސްތާނުގައި ދިވެސްއަކުރުން ލިޔެފައިވާ މަހާނަގާތައްވެސް އެބަހުއްޓެވެ. ބައެއް ގާތަކުގައި ވާ ލިޔުންތަކުން އެއީ މީގެ 350 އަހަރުކުރީގެ ހަނދާންތަކެއްކަން އެނގެއެވެ. ބުނެވޭގޮތުގައި މިގަބުރުސްތާނަށް މިހާރު 500 އަހަރުވެދާނެއެވެ. މިގަބުރުސްތާނުގައި ފަސްދާނުލެވިފައިވާ މުހިންމު ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ރަސްކަންކުރެއްވި ބޭފުޅެއްގެ އަނބިކަބަލެއްވެސް ހިމެނެއެވެ. އެއީ އައްސުލްޠާން ޢަލީ (ހަތްވަނަ) ސިރީ ކުލަރަންމުތް މަހާރަދުން ކައިވެނިބައްލަވައިގެންނެވި ސ.ގަމު އެދުރު މުހައްމަދު ފަނޑިއްތަކުރުފާނުގެ ކަނބޯވަތި އައިޝާ ކަނބާފާނެވެ. އަދި މިކަނބާފާނުގެ އާއިލީ އެހެން ބޭފުޅުންނާއި ގަމުގެ ކުރީގެ ޖީލުތަކާއި އިސްދޫ ދަރިކޮޅަށް ނިސްބަތްވާ ބައެއްބޭފުޅުން ފަސްދާނުލެވިފައިވަނީ މިގަބުރުސްތާނުގައެވެ. މިމިސްކިތާއި ގަބުރުސްތާނަކީ ގަމުގެ އަސްލު ވަޒަންވެރިން ނުވަތަ މިހާރު ފޭދޫގެ ވަޒަންވެރިންގެ މާޒީ އާއި ގުޅިފައިވާ އަދި ކާބަފައިން ދޫކޮށްފައިވާ ތަރިކައެއްގެ ގޮތުގައި ރައްކާތެރިކޮށް ބަލަހައްޓައި، މިޖީލަށް އަންގައި ހޭލުންތެރިކޮށްދޭންޖެހިފައިވާ ތަނެކެވެ. ނަމަވެސް ތަރިކައިގެ ލިސްޓުގައި ހިމެނިފައިވީނަމަވެސް ފޮރުވިފައިވާ ތަނެކެވެ. ހުރިހާ ކަމާބެހޭ ފަރާތްތައްގުޅިގެން ވަކި ނިޒާމެއްގެ ދަށުން ޒިޔާރަތްކުރާ ފަރާތްތަކަށް މިތަނާ ބެހޭ މައުލޫމާތު ދެވި ވަދެވޭނެ ގޮތްތަކެއް ހަދައި ބަލައްޓަން ވަރަށްވެސް މުހިންމު ތަރިކައެކެވެ.

ގަމުގައި ދެންހުރި އާސާރުތައްވަނީ މިހާރު ނެތިގޮސްފައެވެ. މީގެތެރޭގައި، ރާއްޖެ އިސްލާމްވުމުގެ ކުރީގެ ބުދުދީނުގެ ޒަމާނުގައި ހުރި "ސްޓޫޕާ" އެއްގެ ބައެއް ނުވަތަ "އުސްތުނބާ" އެއްވެސް ގަމުގައި ހުއްޓެވެ. މިތަނުގެ ފޮޓޯއެއް އެޗްސީޕީ ބެލް 1922 ގައި ގަމަށް ކުރި ދަތުރުގައި ނަގާފައިވެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ގަމުގައި ރަންވޭއެއް ހަދަންވެގެން އިނގިރޭސިންވަނީ އެތަން ނައްތާލާފައިކަމަށް ބުނެވެއެވެ.

1957 ގައި އިނގިރޭސިން ގަމުގައި ވައިގެ ސިފައިންގެ މަރުކަޒެއް ހަދަންވެގެން، ދިވެހި ސަރުކާރުން ގަމުގެ އަސްލު ރައްޔިތުން ގަމުން ބާލައި ފޭދޫގައި ވަޒަންވެރި ކުރުވިއެވެ. ގަމުގެ ރަށްވެހިން ފޭދޫގެ ރަށްވެހިންނަށް ވީއެވެ. ނަމަވެސް އޭގެ މާކުރިން ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިން އައްޑު އަތޮޅުގައި ހަނގުރާމައިގެ ސިއްރު މަރުކަޒެއް "ޕޯޓް-ޓީ"ގެ ނަމުގައި ހިންގި އިރު، ގަމުގައި ރަންވޭއެއް ހަދަންވެގެން، ގަމުގެ ރަށްވެހިން އައްޑޫ އަތޮޅު މާމެންދޫއަށް ބަދަލުކުރިއެވެ. އަދި ހަނގުރާމަ ނިމި އިނގިރޭސިން ގަމުން ފޭބުމުން، ގަމު މީހުން 1948ގައި އެނބުރި ވަޒަނަށް އައެވެ. ނަމަވެސް ގަމު ވަޒަންވެރިންނަށް ގަމުގައި ތިބެވުނީ ދިހަ އަހަރު ވަންދެނެވެ. އެއީ އިނގިރޭސިން ދެވަނަ ފަހަރަށް ގަމުގައި އަސްކަރީ ވައިގެ މަރުކަޒެއް ޤާއިމްކޮށް 1955 ން 1976 ވަނަ އަހާރި ހަމައަށް ގަން ވައިގެ އަސްކަރީ މަރުކަޒަކަށް ބޭނުންކުރަން، ގަމު ރަށްވެހިން، ގަމާއި ޖެހިގެން އޮތް ފޭދޫއަށް ބަދަލުކޮށްފައިވާތީ އެވެ.

ބުނެވޭގޮތުގައި ގަމުގެ ވަޒަންވެރިން ގަން ދޫކޮށް ދިޔައީ މުޅިއަކުން ރުހިގެނެއް ނޫނެވެ. ގަމުގެ ބަދަލުގައި ގަމެއް ދޭނަމޭ ބުނެ ހުވަދު އަތޮޅު ގަމަށް ބަދަލުވާންވެސް ބަޔަކު މަޝްވަރާކުރިކަމަށް ބުނެވެއެވެ. އެންމެ ފަހުން ގަމުގެ އިސްވެރިންނާއި، ދިވެހި ސަރުކާރާއި އިނގިރޭސީންނާއި ކުރެވުނު މަޝްވަރާއިން ނިމުނީ ފޭދޫއަށް ބަދަލުވުމަށެވެ. މިގޮތުން ގަމުގެ ރަށްވެހިން ބަދަލުކުރުމަށް ފޭދޫ ސަރވޭކޮށް، ވަކި ތަރުތީބަކަށް މަގުތަކާއި ގޯތީގެ އިންތައް ބަހައި، ރޭވުންތެރި ނިޒާމެއްގެ ދަށުން ގަމުގެ ރަށްވެހިން ފޭދޫއަށް ބަދަލުކުރެވުނެވެ. މީހުން ބަދަލުކުރަން ފެށުނީ 18 ޑިސެމްބަރ 1957 ގައެވެ.

ގަމު މީހުންގެ ދާއިމީ ހިޔާތައް ފޭދޫގައި ހަދާ ނިމުނު އިރު ހުރީ ވަރަށް ތަރުތީބު ކޮށް މަގު ފާރު ރާނައި، މަގު ތައްވެސް ސީދާކުރެވި، ގަމުގައި ފަނުން ހުރި ކޮންމެ ޖިފުޓި ގެއަކަށް ރީތި ގެތަކައް ބަދަލުކޮށްފައެވެ. ގެތައްހުރި ތިން ކެޓަގަރީ އަކަށެވެ. އެއް ނަމްބަރު ގެޢާއި ދެ ނަމްބަރާއި ތިން ނަމްބަރު ގެއެވެ. ނަމަވެސް ގެ އިމާރާތްކުރުމަށް ބޭނުންކުރީ ހަނޑޫ ދަނޑީގެ ބާވަތަކުން ކޮމްޕްރެސްކޮށް ދެފަރާތުގައި ސިމެންތި ޖަހައިގެން ޕާކިސްތާނުން ގެނެސްފައިވާ "ބިސްކޯޒު" ބިއްގަނޑުތަކެކެވެ. މިޢީ ފަސޭހައިން ހަލާކުވާ ޒާތުގެ މެޓީރިއަލްއެއްކަމުން މިކަމުގައި އާންމުންގެ ޝަކުވާވެސް ހުއްޓެވެ. 

ގަމުގެ ރަށްވެހިން ފޭދޫއަށް ބަދަލުކުރީ 214 ގެ އަކަށެވެ. މިގޮތުން އޭރު ގެތަކުގެ ތަޅުދަނޑި ހަވާލުކުރެވުނު ފަރާތްތަކުގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 3 މީހުންނެވެ. ގަމުގެ އަސްލު ރަށްވެހިން ފޭދުއަށް ބަދަލުކޮށް އެއްކޮށް ނިމުނީ 1962 ވަނަ އަހަރުއެވެ. އެންމެ ފަހު މީހަކަށް ފޭދޫ އަށް ބަދަލުވި ގަމުގެ ކަތީބު، އަލްމަރުހޫމް ދޮންރަހާ (އަޅުގަނޑުގެ މާފަ) އާއި އެބޭފުޅާގެ މަންމަ ގަމު މަތިކެޑަގޭ އާމިނާ މަނިކުފާނެވެ.

ގަމުގެ ރަށްވެހިން ފޭދޫ އަށް ބަދަލުކުރުމުގައި ރަށްދޫކޮށް ބޮޑު ޤުރުބާނީއެއްވީ ހަމައެކަނި ގަމު ރައްޔިތުން ނޫނެވެ. މީގެ ތެރޭގައި ފޭދޫގެ އަސްލު ވަޒަންވެރިންނާއި މަރަދޫގެ ރަށްވެހިންވެސްވީ ބޮޑު ޤުރުބާނީއެކެވެ. ފޭދޫގެ އަސްލު ރަށްވެހިން މަރަދޫގެ ދެކުނު ސަރަހައްދަށް މަރަދޫފޭދޫގެ ނަމުގައި ބަދަލުވީ އޭރުގެ ފޭދޫގެ ރައްޔިތުން އޮޅު އަލައާއި ދަނޑުގޮވާންކުރި ބިންތަކާއި އަމިއްލަ ރަށުގެ ނަންވެސް ދޫކޮށެވެ. އަދި މަރަދޫގެ ދެކުނުކޮޅުގައިވާ ފޭދޫގެ ރަށްވެހިން އާބާދުކުރުވި ސަރަހައްދަކީ އޭރުގެ މަރަދޫގެ ރަށްވެހިންގެ ދަނޑުބިންތައް ހުރި ސަރަހައްދެވެ.

2022 ވަނަ އަހަރަށް އައިރު ފޭދޫގައި ހުރީ، އޭރު އިނގިރޭސިން ބިނާކުރި އެންމެ ދެ ގެއެކެވެ. ފޭދޫގެ ބޮޑުމަގުގައި އެއިމްސް ކްލިނިކާ އިންވެގެން މިހާރުވެސް އޭގެ ގެއެއް ފެންނަން އެބައިނެވެ. ހަނދާނާއި ތާރީހަށްޓަކައި، މީގެ ގެއެއް އެގޮތުގައި ރައްކާތެރިކޮށް ބެލެހެއްޓުމަކީ، އަޅުގަނޑުގެ ނަޒަރުގައި ވަރަށްވެސް ބޭނުންތެރިކަމެކެވެ. އެއީ ގަމުގެ އަސްލު ރަށްވެހިންގެ ހަނދާނާއި ގުޅިފައިވާ ގެއަކަށް ވާތީއެވެ. އަދި ގަމުގެ އަސްލު ރަށްވެހިންނާއި ފޭދޫ އާއި މަރަދޫގެ ރަށްވެހިންވެސް ވި ޤުރުބާނީގެ ނިޝާނަކަށްވެސް ވާތީއެވެ. މިއީ ފޭދޫގެ މިހާރުގެ ޖީލާއި ސިޓީ ކައުންސިލާއި ގުޅިގެން ކުރެވިދާނެވެސް ކަމެކެވެ.

ގަމަކީ އައްޑު އަތޮޅުގެ ދެވަނަ އަށް އެންމެ ބޮޑު ރަށެވެ. ފޭދޫ އަކީ އޭރު ކުޑަ ރަށެކެވެ. މީހާރު ބިންހިއްކައި ފޭދޫވަނީ ބޮޑުކުރެވިފައެވެ. ފޭދޫގެ ހުޅަނގާއި ވީ ފަރާތުގައި އޭރު ޗަސްބިމެއް އޮވެއެވެ. އިނގިރޭސިން އޭރު ގޯތި ދޫކުރީ ޗަސްބިން ނުހިމެނޭ ގޮތަށެވެ. ނަމަވެސް ފޭދޫގެ އާބާދީ ބޮޑުވެ ފަހުންވަނީ ޗަސްބިން އެއްކޮށް ހިމެނޭގޮތަށް ގޯތި ދޫކޮށްފައެވެ. ކުޅި، ފާ، ޗަސްބިންތަކަކީ ރަށަށް ވެހޭ ފެން ހިންދުމުގައި ބޮޑު ދައުރެއް އަދާކުރާ މާހައުލަކަށްވާތީ، ޗަސްބިން ހިއްކައި ގެދޮރު އިމާރާތްކުރިފަހުން، ފޭދޫގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައެވެ. (ނުނިމޭ)

ރިފަރެންސް:

އައްްޑޫ ސިޓީދިވެހި ތާރީޚު

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު