ކ. މާލެ
|
31 ޖެނުއަރީ 2022 | ހޯމަ 12:32
އިންޑިއާ އައުޓް ކެމްޕެއިން
އިންޑިއާ އައުޓް ކެމްޕެއިން
ސިމާހާ ނަސީމް
އިންޑިއާ އައުޓް މައްސަލަ
"އިންޑިއާ އައުޓް" ގެ މައްސަލަ 241 ކޮމިޓީއަށް
 
އިންޑިއާ އައުޓް މައްސަލައިގައި އެމްޑީޕީން މަޖިލީހަށް ބިލެއް ވެއްދުމަށް ވަނީ ތައްޔާރުކޮށްފައި
 
އިދިކޮޅު އަމަލުތަކަކީ ތަހުޒީބު އެއްވެސް މުޖްތަމައެއްގައި ބަލައިގަންނަ އަމަލަށް ނުވާއިރު އެއީ ރާއްޖޭގެ މަސްލަހަތާއި ހިލާފު ކަމެއް
 
އިންޑިއާ އައުޓް ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިންގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ރައީސް ނަޝީދު ސޮއިކުރައްވާ 241 ކޮމިޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ކެމްޕޭންގެ މައްސަލަ ބަލައި ދިނުމަށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި އިދިކޮޅު އަމަލުތަކަކީ ތަހުޒީބު އެއްވެސް މުޖްތަމައުއެއްގައި ބަލައިގަންނަ އަމަލަށް ނުވާއިރު އެއީ ރާއްޖޭގެ މަސްލަހަތާއި ހިލާފު އަދި އެކަމުގެ ސަބަބުން ދެ ސަރުކާރުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތްކަމެއް ކަމަށެވެ.

އަދި އިންޑިއާއަކީ އެތަކެއް ހާސް ދިވެހިންނެއް އެ ގައުމުގައި ދިރިއުޅެމުން އަންނަ ގައުމަކަށްވާއިރު އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މާލެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް އެމްޑީޕީން ކުރިޔަށްގެންދިޔަ މާލެ ސިޓީ ފޯކަސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އިންޑިޔާ އައުޓޭ ނުގޮވޭނެކަމަށެވެ. އެއީ ކަނޑައެޅިގެން ރާއްޖޭގެ މަސްލަހަތާ ޚިލާފު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ތަންތަނުގައި އެކި ސަރަހައްދުތަކުގައި އެހެން ގޮވަމުން ނުދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ތަހުޒީބު ޑިމޮކްރަސީއެއްގައި އެކަން އެގޮތަށް ނުހިނގާނެކަމަށާއި، ރާއްޖޭގެ ފުލުހުން އެކަން ހުއްޓުވަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް މައްސަލަ 241 ކޮމިޓީއަށް ހުށަހަޅާފައިވާ އިރު، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާނަމަ 6 މަހުގެ ޖަލު ޙުކުމެއް އައިސްދާނެ ފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީ އިން ވަނީ ތައްޔާރުވެފައެވެ.

"ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ޤާއިމު ކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު" މި ނަމުގައި ބިލެއް ޑްރާފްޓްކޮށް، އެ ބިލު ހުށައެޅުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ. ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ އާއި ބޭރު ޤައުމުތަކާއެކު ޤާއިމު ކޮށްފައިވާ ޚާރިޖީ ގުޅުންތަކާއި އެކި ޤައުމުތަކާއި އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވައި، އެފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކުން މި ޤައުމު ސަލާމަތް ކުރުމެވެ.

މިބިލުގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖެ އާއި އެހެން ޤައުމަކާއި ދެމެދު ޤާނޫނީ ނުވަތަ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް، ނުވަތަ އެއްބަސްވަމަކާއި އެއްގޮތަށްް، ނުވަތަ ދެ ޤައުމުން ބަލައިގަނެފައިވާ އުޞޫލަކާއި އެއްގޮތަށް އޮތް ކަމެއްގައި ދިވެހި ރައްޔިތުންގެ ނަމުގައި، ނުވަތަ ދިވެހިރާއްޖެ ރަމްޒުވާގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން އެ ޤައުމެއް ނުވަތަ ޤައުމެއްގެ ސަރުކާރާއި މުއައްސަސާތަކާއި ދެކޮޅަށް މުޒާހަރާ ކުރުމާއި، ކެމްޕޭން ކުރުމާއި، ސިޔާސީ ޙަރަކާތް ހިންގުމަކީ ދޭދޭ ޤައުމުތަކުގެ ގުޅުމަށް ބުރޫ އަރާނެފަދަ އަމަލެއްގެ ގޮތުގައި ބެލިގެންދާނެއެވެ.

މީގެއިތުރުން، އެ ޤައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ، ސިޔާސީ އަދި އިޤްތިޞާދީ ބާރުވެރިކަމުގެ ދަށުގައި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލުވާކަން ދެއްކުމުގެ ގޮތުން އެ ޤައުމަކާއި ނުވަތަ އެ ޤައުމެއްގެ ސަރުކާރާ ނުވަތަ އެ ޤައުމެއްގެ ވަކި މުއައްސަސާއަކާއި ދެކޮޅަށް މުޒާހަރާކުރުމާއި، ކެމްޕޭންކުރުމާއި، ސިޔާސީ ނުވަތަ އެނޫންވެސް ޙަރަކާތްތައް ހިންގުމަކީ ބޭރު ޤައުމުތަކުގެ އިއްޒަތާއި ޤަދަރަށް ބުރޫ އަރާނެ ކަމެއްގެ ގޮތުގައި ބެލެވޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާ ގޮތުން މިކަންކަމާއި ގުޅިގެން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައަޅުއްވާނީ ޚާރިޖީ ވަޒީރެވެ. އެގޮތުން ރާއްޖެ އާއި ދޭދޭ ޤައުމުތަކާއި އޮންނަ ގުޅުމަށް ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމާއި، ހަރުދަނާ ގޮތެއްގައި ޤާނޫނު ތަންފީޒުވާކަން ކަށަވަރު ކުރުމަކީ މިނިސްޓަރުގެ ޒިންމާއެކެވެ.

އަދި ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާނަމަ އެމީހަކު އެކުރަނީ ކުށެއްކަން ބަޔާންކޮށް ބިލުގައި ވަނީ އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި ގިނަވެގެން 20،000 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ 1 އަހަރު ދުވަހަށް ގޭބަންދަށް ބަދަލު ކުރުން ނުވަތަ 6 މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވިދާނެކަމަށް ބަޔާންކޮށް އަދަބު ކަނޑައަޅާފައެވެ.

ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
މެންބަރުންގެ މުސާރަ ވެސް ކުޑަ ކުރަންވީ، ދައުރު ފުރިހަމަކުރުމުން ދޭ އެލަވަންސް ވެސް ކަނޑާލަންވީ!
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ސަލަމަތާއި ރައްކާތެރިކަމުގެ ގޮތުން އަދި އެންމެ ހަރަދު ކުޑަގޮތަކީ ވެސް 5 އަހަރުގެ މުއްދަތަށް ޕާސްޕޯޓް އޮތުން - އިމިގްރޭޭޝަން
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް