"ނޭޝަނަލް ވަން ސްޓޮޕް ސަރވިސް"ގެ ޚިދުމަތް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
21 ޑިސެމްބަރު 2021 | އަންގާރަ 16:00ރައީސް އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު

އާއިޝަތު ޝިއުރާ | 21 ޑިސެމްބަރު 2021 | އަންގާރަ 16:00

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް "ނޭޝަނަލް ވަން ސްޓޮޕް ސަރވިސް"ގެ ޚިދުމަތް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.
ރައީސް އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކުއެވެ. އަންގާރަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަނީ މިކަމާ ގުޅޭގޮތުން ކަރުދާހެއް ހުށަހަޅުއްވާފައެވެ. މިކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާކުރައްވާފައެވެ.











