ޝެއިޚް ހަސީނާ ރާއްޖެއަށް އަންނަ ހަފްތާ ތެރޭގައި ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
16 ޑިސެމްބަރު 2021 | ބުރާސްފަތި 08:10ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެއްވުމާއި އާ އަހަރު ފާހަގަ ކުރެއްވުމަށް ވެސް ހަމަޖެހިފައިވޭ


ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ،
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަނާ ރާއްޖެއަށް ވަޑައިގަންނަވަނީ އަންނަ ހަފްތާ ތެރޭގައެވެ. އަދި އެ ދަތުރުފުޅުގެ ރަސްމީ ބައި ނިންމަވާލެއްވުމަށް ފަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވުމާއި އާ އަހަރު ފާހަގަކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ޝެއިޚް ހަސީނާގެ މި ދަތުރުފުޅުގައި މުހިންމު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ބައްދަލުވުންތަކުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުންފުޅާއެއްގައި މަޝްވަރާ ކުރައްވާނެ އެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން ސަރަހައްދީ ވިޔަފާރިއާއި ގުޅުންތައް އިތުރުކުރުމާއި، އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ދިވެހި ސަރުކާރުގެ ދައުވަތަކަށް ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަންނަވަން ނިންމެވި ނަމަވެސް އެކަމަނާގެ ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.






