ކ. މާލެ
|
12 ޑިސެންބަރ 2021 | އާދީއްތަ 06:59
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ ހަނދާނުގައި ކުރިޔަށް ގެންދިޔަ "ސުވާލު މާޗު"ގެ ތެރެއިން
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ ހަނދާނުގައި ކުރިޔަށް ގެންދިޔަ "ސުވާލު މާޗު"ގެ ތެރެއިން
މުހައްމަދު ޝަރުހާން
ޔާމީން ރަޝީދުގެ ދައްތަ ވަޒީފާއިން ވަކިކުރި މައްސަލ
ޔާމީން ރަޝީދުގެ ދައްތަ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ރަނގަޅަށް: ހުކުމް
 
ވަޒީފާއިން ވަކިކުރި މައްސަލައިގައި ކޯޓަށް މައްސަލަ ހުށަ ހަޅާފައިވަނީ 2020 އޮކްޓޯބަރު 26 ގައި
 
އާއިޝަތު ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ 2017 އޮގަސްޓް 16 ގައި
 
ވަޒީފާއިން ވަކިކޮށްފައިވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހަނދާނުގައި 2017 އޮގަސްޓު 8 ވަނަ ދުވަހު، ބޭއްވި "ސުވާލު މާޗު" ގައި ބައިވެރިވި މައްސަލައިގައި

އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ ދައްތަ އާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށާއި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ދޭން ނުޖެހޭބކަމަށް އެމައްސަލަ ބެލި ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ގާޒީ އަލީ އަބްދުﷲ ބެއްލެވި މިމައްސަލައިގެ ހުކުމްގައި ބުނެފައިވަނީ އާއިޝަތު ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ އެސިސްޓެންޓް ޑިރެކްޓަރު ގެ މަގާމުން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ ފުލުހުންގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ޚިލާފަށްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާ ކަމަށެވެ. އެހެންކަމުން އޭނާ އެދިފައިވާ ގޮތަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭނެ ތަނެއް ނެތްކަމަށެވެ.

އާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހަނދާނުގައި 2017 އޮގަސްޓް 8 ވަނަ ދުވަހު ބޭއްވި "ސުވާލު މާޗު" ގައި ބައިވެރިވި މައްސަލައިގައެވެ. އެމައްސަލައިގައި އާއިޝަތު ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ 2017 އޮގަސްޓް 16ގައެވެ. ވަޒީފާއިން ވަކިކުރި މައްސަލައިގައި ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ 2020 އޮކްޓޯބަރު 26 ގައެވެ.

އާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރި މައްސަލައިގައި ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ ނިމޭ ތާރީޚާ ހަމައަށް އެފަރާތަށް ހައްގުވާ މުސާރައާއި އިނާޔަތްތަކަށްވާ ޖުމްލަ 441،111.14 (ހަތަރު ލައްކަ ސާޅީސްއެއްހާސް އެއްސަތޭކަ އެގާރަ ރުފިޔާ ސާދަ ލާރި) ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކީ އެއްފަހަރާ މޯލްޑިވްސް ޕޮލިސް ސަރވިސް ކިބައިން ނަންގަވައިދިނުމަށް އެދި ފުލުހުންނަށް ރައްދުވާ ގޮތަށް ދައުލަތުގެ މައްޗަށް ދައުވާކުރާ ކަމަށެވެ.

މިމައްސަލާގައި މައިގަނޑު ތިން ކަމެއް ހުކުމްގައި ފާހަގަކޮށްފައި ވެއެވެ. އޭގެތެރެއިން އެއް ކަމަކީ މިދައުވާއަށް ދައުލަތުން އިންކާރު ކުރާކަމަށާއި ދައުވާކުރާ ވަޒީފާއިން ވަކިކޮށްފައިވަނީ ދައުވާކުރާ ފަރާތުން ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއްނެތި ގަވާއިދާ ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްގައި ބައިވެރިވި މައްސަލައެއް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެއަމަލަކީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގެ ހ ގެ 18 ވަނަ ނަންބަރާ ޚިލާފު އަމަލެއް ކަމަށް އިދާރީ މިންގަނޑުން ޑިސިޕްލިނަރީ ބޯޑަށް ސާބިތުވާތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ ކ ގެ ދަށުން ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވާތީ ދައުވާކުރާ ފަރާތުން އެދިފައިވާ ފަދައިން، ގެއްލުމުގެ ބަދަލުގެ އެއްވެސް މިންވަރެއް ނަގައިދޭންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅަން އެދޭ ކަމަށް ދައުލަތުގެ ފަރާތުން ޖަވާބު ދީފައިވެއެވެ.

މީގެއިތުރުން ދައުވާކުރާ ފަރާތުންނާއި ދައުވާލިބޭ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ބަޔާންތަކާއި ލިޔުންތަކަށާއި ކަމާގުޅޭ ގާނޫނު ތަކަށް ބަލައި، ޝަރީޢަތުން ވަނީ 8 ކަމެއް ފާހަގަކޮށްފައެވެ. އޭގެތެރެއިން އެއް ކަމަކީ ރިލްވާންގެ ހަނދާނުގައި ބޭއްވި އެއްވުމުގައި އާއިޝަތު ރަޝީދު ބައިވެރިވެފައިވާކަމަށާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް އިއުލާން ކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ގާނޫނުގައި ބުނެފައިވާއިރު އެ އެއްވުމަކީ އެގާނޫނުގެ ދަށުން އެއްވެ އުޅުމަށް ނަގަންޖެހޭ ހުއްދަ ނުނަގާ ކުރިޔަށް ގެންދިޔަ އެއްވުމެއްކަން އާއިޝަތު ރަޝީދަށް އެނގިފައިނުވާކަމަށް ބުނެފައިވާކަމަށެވެ. ގާނޫނާއި ގަވާއިދާ ޚިލާފަށް ބާއްވާ އެއްވުމެއްކަން އެނގިގެން އާއިޝަތު ރަޝީދު އެއްވެސް އެއްވުމުގައި ބައިވެރިވެފައިނުވާނެކަމަށާއި އަދި އެއްވެސް ސިޔާސީ އެއްވުމެއްގައި ބައިވެރިވެފައި ނުވާނެކަމަށް ބުނެފައިވެއެވެ.

އަދި އެއެއްވުމުގައި އާއިޝަތު ރަޝީދު ބައިވެރިވެފައިވާކަން އަމިއްލަ އިއުތިރާފުންނާއި ފޮޓޯތަކުން އެނގޭކަމަށާއި މިއެއްވުމަކީ ގާނޫނާއި ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްކަމަށް ތަހުގީގުގައި ފާހަގަކޮށްފައި ވާކަމަށެވެ. އަދި ފުލުހުންގެ ގާނޫނުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާއި ޚިލާފުވުމާއި ނެރެފައިވާ އޯޑަރުތަކާއި ޚިލާފުވުމަކީ ޑިސިޕްލިނަރީ އަދި އިދާރީ ކުށެއްކަން ގަވާއިދުން އެނގެން އޮންނަކަމަށެވެ.

މިމައްސަލާގައި ހުށަހެޅިފައިވާ ހުށަހެޅުންތަކާއި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތް ކުރާއިރު، އާއިޝަތު ރަޝިދު ބައިވެރިވެފައިވާ އެއްވުމަކީ މީހަކު ގެއްލިގެންއުޅޭ ހައްގެއް ހޯދައިދިނުމަށް އެއްވި އެއްވުމަކަށްވުރެ ސިޔާސީ ކުލަ ޖެހިގެން ޚާއްސަކޮށް ފުލުހުން ބަދުނާމުކޮށް ފުލުހުންގެ މައްޗަށް ކަމެއްގެ ތުހުމަތުކޮށް އަޑުއުފުލާ ގޮވުންތަކާއި ހެދި އެއްވުމެއްކަން އެނގޭކަމަށް ބުނެފައިވެއެވެ. އަދި އޭގެކުރިންވެސް މިފަދަ ކަމަކާގުޅިގެން ފުލުހުންގެ ފަރާތުން ނަސޭހަތްތެރިވެ އަނގަބުން ވާހަކަ ދައްކާފައިވާއިރު އާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާގައިހުރެ މިފަދަ އެއްވުމެއްގައި ބައިވެރިވުމަކީ ފުލުހުންގެ ގަވާއިދުތަކާއި މަސްލަހަތު ފުށުއަރާ ކަމަކަށްވާތީ ފުލުހުންގެ ވަޒީފާ އާއި ބެހޭ ގަވާއިދުގެ ދަށުން ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި މިކަމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ހުކުމްގައި ބުނެފައިވެއެވެ.

ފުލުހުންގެ މަގްސަދާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފެދިދާފަދަ އެއްވުމެއްގައި ބައިވެރި ވުމަށްފަހު ދައުވާކުރާ ފަރާތުން އެކަމުގެ ޒިންމާ އުފުލަން ނުޖެހޭކަމަށާއި ގާނޫނު ނޭނގޭކަމަށް ބުނުމަކީ ދެއްކޭނެ އުޒުރެއް ނޫންކަމަށް ހުކުމްގައި ބުނެފައިވެއެވެ. މީގެ އިތުރުން މިއަމަލަކީ ފުރަތަމަ ފަހަރުވެސް ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޑިސިޕްލިނަރީ ބޯޑަށް ލިބިގެންވާ ކަމެއްކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
33%
17%
17%
17%
0%
17%
ކޮމެންޓް