ކ. މާލެ
|
1 ނޮވެންބަރ 2021 | ހޯމަ 14:03
މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ
މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ރާއްޖޭގެ ރަށްތައް އާބާދުކުރުން
"ވިހާ ބޮޑުވި ތަނުން ގެންގޮސް އެހެން ތަަނަކަށް ލުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން"
 
ކުދި އާބާދީތަކުގައި ދިރިއުޅޭ މީހުން ބޮޑެތި ރަށްރަށަށް ބަދަލު ކުރުމަކީ މާ ކުރީގެ ވިސްނުމެއް
 
ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާއާއި، އެކި މަޝްރޫއުތައް މިހާރުވެސް ކުރިއަށްދޭ
 
އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކޮށް ހެއްދެވުމަކީ ޤަބޫލުކުރައްވާ އުސޫލެއް ނޫންކަމަށް ވިދާޅުވި

އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމަކީ ޤަބޫލުކުރައްވާ އުސޫލެއް ނޫންކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެހެން ވިދާޅުވީ ކުދި އާބާދީތަކުގައި ދިރިއުޅޭ މީހުން އާބާދު ކުރުމާއި އިންފްރާސްޓްރަކްޗަރއާ ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކޮށް ހެދުމަކީ ޤަބޫލު ކުރައްވާ އުސޫލެއް ނޫން ކަމަށެވެ. އެގޮތުން އެމީހަކު "ވިހާ ބޮޑުވި ތަނަކުން ގެންގޮސް އެހެން ތަަނަކަށް ލުން" މިއީ ތާއީދު ކުރައްވާ ކަމެއް ނޫންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ ރާއްޖެ ހުޅުވާލުމަށް ކަމަށެވެ. އެގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، ރަށްރަށް ގުޅުވާލުމާއި، ޕަބްލިކް ޓްރާންސްޕޯޓް ފެރީގެ ނިޒާމު ފުޅާ ކުރުމަކީ ސަރުކާރުގެ ވިސްނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުދި އާބާދީތަކުގައި ދިރިއުޅޭ މީހުން ބޮޑެތި ރަށްރަށަށް ބަދަލު ކުރުމަކީ މާ ކުރީގެ ވިސްނުމެއްކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ މި ސަރުކާރުން އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށަކަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތަށް އެކްސެސް އޮތްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާއާއި، އެކި މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ރަށްރަށް ތަރައްޤީ ކުރަމުންދާއިރު، ރަށްރަށުން މީހުން ބޭލުމުގެ ބޭނުމެއް ވިސްނިވަޑައި ނުގަންނަވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން މީގެ ދުވަސްތަކެއް ކުރިއާ އަޅާބަލާއިރު މިއަދު އުކުޅަހާއި ކ. މާފުށި ފަދަ ރަށްރަށަކީ ބޮޑެތި އިޤްތިޞާދުތަކެއް ކަމަށާއި، މާދަމާ އެހެން ރަށްރަށް ވެސް އެގޮތަށް ކުރިއަރައި ދިއުން އެކަށީގެންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރަށްރަށުން މީހުން ބާލައި އެހެން ރަށްރަށަށް ބަދަލު ކުރުމަކީ އެރަށްރަށުގެ މުސްތަޤުބަލު މަރާލުން ކަމުގައި ސިފަކުރައްވާފައެވެ. އަދި އިންސާނުންނަކީ ގަސްގަހާގެހި ފަދައިން އުފުރާލައިގެން އެއްތަނުން އަނެއްތަނަށް ގެންދާ ބައެއް ނޫންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަތޮޅު ތެރޭގެ ރަށްތައް ތަރައްޤީކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަތޮޅުތެރޭގެ ގެދޮރުވެރިކަމަށް ކުރިއަށްއޮތް ތިން އަހަރަށް 1.5 ބިލިއަނެއްހާ ރުފިޔާ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އަތޮޅު ތެރޭގައި ވެސް ހައުސިންގ ޔުނިޓުތައް ގާއިމުކުރުމަކީ ސަރަހައްދީ ތަރައްޤީއަށް މުހިއްމުކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އަތޮޅުތެރޭގެ ގެދޮރުވެރިކަމަށް ކުރިއަށްއޮތް ތިން އަހަރަށް 1.5 ބިލިއަނެއްހާ ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. އަދި މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިމުމުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް