މަގުމަތީގެ އަދަބުތަކަށް ރައްކާތެރިވެ، ބެލުންތައް ތިރިކުރުމަށް ޚުތުބާގައި ގޮވާލައިފި
29 އޮކްޓޯބަރު 2021 | ހުކުރު 08:02މަގުމަތީގައި ތިބޭއިރު، އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ ހުއްދަ ވެގެންވާކަމެއް ނޫން


އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ޖަމާއަތް ހަދައިގެން،
މަގުމަތީގެ އަދަބުތަކަށް ރައްކާތެރިވެ، ބެލުންތައް ތިރިކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
"މަގުމަތީގެ އަދަބުތައް" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އަހުލާގީ ރިވެތި ސިފަތަކުގެ ތެރޭގައި، މަގުމަތީގެ އަދަބުތައް ހިމެނޭ ކަމަށެވެ. ޚުތުބާގައި ބުނީ މަގުމަތީގައި ތިބޭއިރު، އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ ހުއްދަ ވެގެންވާކަމެއް ނޫން ކަމަށާއި، ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި، އެތަނެއްގައި އުޅެނީ ކޮން ބައެއްތޯ ބެލުމަކީ އަހުލާގީ ގޮތުން ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އެހެންކަމުން މަގުމަތީގައި އުޅޭއުޅުމުގައި ބެލުންތައް ތިރިކުރުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި ގިޔާމަތްދުވަހު އޭނާގެ ލޮލުން ބަލައި އުޅުނު ތަންތަނާއި، ތަކެއްޗާ މެދު އޭނާއާ ސުވާލު ކުރެވޭނެކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅޭ އިރު، މީސްތަކުން ވަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިގެންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހިނގާ މަގުތަކަށް ވެސް ހައްގުތަކެއް ކަނޑައެޅިފައިވާ ކަމަށާއި، އެ ހައްގުތައް ރައްކާތެރި ކުރެވެނީ، އެ މަގުތަކުގައި ހިނގާބިނގާވެއުޅޭ މީހުންގެ އަމަލުތައް ބަހައްޓާ ގޮތަކުން ކަމަށެވެ. އަދި މަގުމަތީގެ އަދަބުތަކާއި، ހައްގުތަކަށް ރައްކާތެރިވުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާވެގެންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުން ހިމެނޭ ކަމަށެވެ. މަގުމަތީގެ ހައްގު އަދާކުރުމުގެ ތެރޭގައި މަގުހިނގާ މީހުންގެ ފަރާތުން، އެހެން މީހުންނަށް ކުރާ އުނދަގުލާއި، ގޯނާ ހުއްޓުވުމާއި، މާރާމާރީގެ އަމަލުތައް ހުއްޓުވުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ މަގުމަތީގައި ދުއްވާ ތަކެތިން ވެސް މީހުންނަށް އުނދަގޫވާ ގޮތަށް އަމަލުކުރުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ. އޭގެ ތެރޭގައި، ވިއްސާރަ ދުވަސް ދުވަހު މީހުންގެ ގަޔަށް ފެންބުރައިގެންދާ ގޮތަށް، އިންޖީނުލީ އުޅަނދުފަހަރު ދުއްވުމާއި، މަގުމެދަށް ކާރާއި ޓެކްސީ ހުއްޓައި، މީހުން އެރުވުމާއި، މަގު ހުރަސްކުރަން ބޭނުންވާ މީހާ އަށް ތަންނުދީ ތަކެތި ދުއްވުމާއި، ސިގުނަލް ނުދީ، ގަވާއިދާ ޚިލާފަށް ވާތްފަރާތުން ކުރިއަރައިގެން ދިޔުމާއި، ބާރަށް ބަރުގޮނު އެޅުމާއި، ސައިލެންސަރުގެ އަޑު ގަދަވާ ގޮތް ހަދައިގެން ދުއްވުން ހިމެނެއެވެ. އޭގެ ސަބަބުން ގޯތިގެދޮރުގައި ތިބޭ މީހުންނަށް އުނދަގޫ ވުމާއި، ނިދާފައި ތިބޭ ތުއްތުކުދިން ސިހިގެން ހޭލެވި، ހަމަނިދި ނުލިބުމާއި، ބަލިމީހުންނަށް އުނދަގޫވުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މަގުތައް ސާފުތާހިރުކޮށް ބޭއްވުން ހިމެނޭ ކަމަށެވެ. ނުރައްކާތެރި ބާވަތްތައް ކަމުގައިވާ ބިއްލޫރި އާއި، ބެޓެރި އާއި، މޮހޮރާއި، ކުނިވާ ފަދަ ތަކެތި މަގުމައްޗަށް އުކައި ނުލުމަށް ޚުތުބާގައި އިލްތިމާސްކޮށްފައިވެއެވެ. އަދި މަގުތަކުގެ ހައްގު އަދާކުރުމަށް މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަން ޚުތުބާގައި ބުނެފައިވެއެވެ.








