ފެން ލޮނުވާކަން ފާހަގަކުރެވިފައެއްނުވޭ، ކަނޑޫފާތައް މަރުވާ ސަބަބު ހޯދުމަށް އިތުރަށް ދިރާސާކުރަނީ!
28 އޮކްޓޯބަރު 2021 | ބުރާސްފަތި 13:42ކުރިއަށް އޮތް ހަފްތާ ތެރޭގައި އެކަމަށް ޚާއްސަ ޓީމެއް އިންޑިޔާއިން ރާއްޖެއަށް އަންނާނެ


ވައިކަރަދޫ ކަނޑޫފަލުން މަރުވެފައިވާ ސަރަހައްދެއް
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކަނޑޫފާތައް މަރުވާ ސަބަބު ހޯދުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހޭ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ކަނޑޫފާތައް މަރުވާ ސަބަބު މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށާއި، އިތުރު ދިރާސާތައް ހަދަން ޖެހޭ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާ ތެރޭގައި އެކަމަށް ޚާއްސަ ޓީމެއް އިންޑިޔާއިން ރާއްޖެއަށް އަންނާނެ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މިމައްސަލަތައް ދެނެގަތުމަށް ލަސްތަކެއް ކުރިމަތިވި ނަމަވެސް ދާދި އަވަހަށް ކަނޑޫފާތައް މަރުވާ ސަބަބު ދެނެގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެ ކުރިން ހަދާފައިވާ ދިރާސާތަކަށް އަލިއަޅުއްވާލައްވައި ޝައުނާ ވިދާޅުވީ, ފެން ލޮނުވާކަން ދެނެގަނެވިފައިނުވާ ކަމަށާއި, ނަމަވެސް ފަންގަސް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކަނޑޫފާތައް މަރުވާ ސަބަބު ހޯދުމަށް އެކި ސަރަހައްދުތަކުގެ ކަނޑޫފާތަކުން ނަގާފައިވާ ސާމްޕަލްތައް އިންޑިއާގެ ކޮޗިން އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޔުނިވަރސިޓީއަށް ފޮނުވާފައިވެއެވެ. ސާމްޕަލްތައް ނަގާފައިވަނީ ކަނޑޫފާތައް މަރުވަމުންދާ ހަތް ރަށަކުންނާއި ސައިޓުންނެވެ.
ކަނޑޫފާތައް މަރުވާކަން ފާހަގަކުރެވުނީ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. އެގޮތުން ހދ. ނޭކުރެންދޫ އާއި ހދ. ކެލާގެ ކަނޑޫފާގެ ބޮޑު ބައެއް މަރުވެފައިވެއެވެ. އަދި ކަނޑޫފާތައް މަރުވާން ފެށުމާއެކު ރާއްޖޭގައި ހުރި ކަނޑޫފާތައް ހިމާޔަތްކުރުމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު)އިން ދިވެހި ސަރުކާރަށް ވެސް ގޮވާލާފައިވެއެވެ.
ކަނޑޫފާތަކަކީ ރަށް ގިރުމާއި ފެން ބޮޑުވުމުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ ގުދުރަތީ ވަސީލަތެކެވެ. އެތަންތަން ނައްތާލުމުގެ ސަބަބުން ރަށްތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ.








