ކުރީ ސަރުކާރުން ހުޅުމާލޭގައި ހިންގި 7000 ސޯޝަލް ހައުސިން ޔުނިޓު މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އަގާ ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިރާސާކުރަން ފަށައިފިއެވެ.
މިކަމާ ގުޅޭ ގޮތުން އޭސީސީގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ އޮޑިޓް އޮފީހުން ނެރުނު، ހިޔާ ފްލެޓްގެ އަގާ ގުޅޭ އޮޑިޓް އޭސީސީން ދިރާސާކުރަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓް ދިރާސާކުރަން ފަށާފައިވަނީ މި ހަފްތާ ތެރޭގައި ކަމަށާއި، މި ރިޕޯޓް ދިރާސާކުރުމަށްފަހު މި މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާނަމަ، އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ފޮނުވާނެ ކަމަށެވެ. ރިޕޯޓް ދިރާސާކުރަން ދުވަސްކޮޅެއް ނަގާނެކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޮޑިޓް އޮފީހުން މިއޮޑިޓު ކޮށްފައިވަނީ 7000 ހައުސިން ޔުނިޓުގެ ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިސާބުކޮށް ކަނޑައަޅާފައިވާ ގޮތް ރިވިއުކޮށްދިނުމަށް އެޗްޑީސީން އެދިފައިވާތީއެވެ. މިއޮޑިޓްގައި ދައުލަތުގެ 4 މުއައްސަސާއަކުން ހައުސިން ޔުނިޓްގެ މަޝްރޫޢުތައް ތަފާތު 4 ގޮތަކަށް ހައުސިން ޔުނިޓްތަކުގެ ޖުމްލަ އަގާއި މަހުން މަހަށް ދައްކަންޖެހޭ އަގު ހިސާބުކޮށްފައިވާތީ އެއަގުތައް ހިސާބުކުރުމުގައި ބޭނުންކޮށްފައިވާ އަންދާޒާތަކާއި އެއަންދާޒާތައް ބިނާކޮށްފައިވާ އަސާސްތަކުގެ މައްޗަށް ބަލާފައިވެއެވެ.
އެގޮތުން އެޗްޑީސީން 2021 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކާއި ކުރީގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން 2018 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ހިސާބާއި މާލޭ ސިޓީ ކައުންސިލުން 2021 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ހިސާބު އަދި ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް އެކުލަވާލުމުގައި ގެންގުޅެފައިވާ އަސާސްތަކަށް ބަލާފައިވެއެވެ.
ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި މިސަރުކާރުން ކަނޑައެޅި އަދަދު ބޮޑުވެ ގިނަ ބަޔަކު އަންނަނީ އެކަމާ ޝަކުވާކުރަމުންނެވެ. އަދި ކުރީ ސަރުކާރުން ކަނޑައެޅި އަގުގައި ފްލެޓްތައް ދިނުމަށް ސަރުކާރަށް އަންނަނީ އެކިގޮތްގޮތަށް ޕްރެޝަރ ވެސް ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ މަޝްރޫޢަށް ހިންގާފައިވާ ޚަރަދަށް ބަލާއިރު މިހާރު ކަނޑައަޅާފައިވާ އަގަށްވުރެ ކުޑަކޮށް ދީފިނަމަ އެކަމުގެ ގެއްލުންވާނެކަމަށާއި އެއަށްވުރެ އަގު ކުޑަކުރެވެން ނެތްކަމަށެވެ.
ހިޔާ މަޝްރޫއަކީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިޔާ މަޝްރޫޢުގެ ނަމުގައި ކުރިޔަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން 25 ބުރީގެ 16 ޓަވަރެއް ވަނީ އަޅާފައެވެ. މި މަޝްރޫޢު ކުރިޔަށް ގެންގޮސްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑް (ސީއެސްސީއީސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަށްޓަކައި އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ ލިމިޓެޑް (އައިސީބީސީ)ގެ އަތުން 5،688،438،000 (ފަސް ބިލިއަން ހަސަތޭކަ އަށްޑިހައަށް މިލިއަން ހަތަރު ލައްކަ ތިރީސް އަށް) ރުފިޔާގެ ލޯނެއް ނަގާފައިވެއެވެ. އަދި ކްރެޑިޓް ސްއިސް އޭޖީ، ސިންގަޕޯރ ބްރާންޗް (ސީއެސް) އިން 1،003،842،000 (އެއް ބިލިއަން ތިން މިލިއަން އަށްލައްކަ ސާޅީސް ދެހާސް) ރުފިޔާގެ ލޯނެއް ނަގާފައިވެއެވެ. އެއީ ޖުމްލަ 6،692،280،000 (ހަ ބިލިއަން ހަސަތޭކަ ނުވަހި ދެ މިލިއަން ދެ ލައްކަ އަށްޑިހަ ހާސް) ރުފިޔާގެ ޕްރައިމަރީ ލޯނުތަކެވެ.
މިއީ މަޝްރޫޢުގެ ކޮންސްޓްރަކްޝަން ކޮސްޓްގެ ގޮތުގައި ހިމަނާފައިވާ އަދަދެވެ. އެއީ ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުމުގައި ޔުނިޓަކަށް 62،000 ޔޫއެސް ޑޮލަރުގެ މަގުން 434،000000 (ހަތަރު ސަތޭކަ ތިރީސް ހަތަރު މިލިއަން) ޔޫއެސް ޑޮލަރެވެ.
މިޕްރައިމަރީ ލޯނުތައް ރީފައިނޭންސް ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެޗްޑީސީއަށް 267،866،805 (ދުއިސައްތަ ފަސްދޮޅަސް ހަތް މިލިއަން އަށް ލައްކަ ފަސްދޮޅަސް ހަހާސް އަށް ސަތޭކަ ފަސް)ރުފިޔާގެ ލޯނު ދޫކޮށްފައެވެ.
މިމަޝްރޫޢަށް ބިމުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ ފްލެޓްތައް އަޅާފައިވާ 393،992 އަކަފޫޓްގެ ބިމުގެ ސަރަހައްދުގެ އަކަފޫޓަކަށް ކަނޑައަޅާފައިވާ އެއްހާސް ރުފިޔާގެ މަގުން 393،991،995 (ތިން ސަތޭކަ ނުވަދިހަ ތިން މިލިއަން ނުވަ ލައްކަ ނުވަދިހަ އެއް ހާސް ނުވަސަތޭކަ ނުވަދިހަ ފަސް) ރުފިޔާއެވެ.
މި 16 ޓަވަރުގައި އުޅޭނެކަމަށް ލަފާކޮށްފައިވާ 30،000 މީހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތަކާއި ޚިދުމަތްތައް ގާއިމުކުރުމަށް 127،783،017 (ސަތޭކަ ހަތާވީސް މިލިއަން ހަތް ސަތޭކަ އަށްޑިހަ ތިން ހާސް ސަތާރަ) ރުފިޔާ ދާނެކަމަށް ވަނީ ބަލާފައެވެ. އޮޑިޓް ރިޕޯޓްގައި ބުނާގޮތުން މިފައިސާ ހައުސިން ޔުނިޓް އެޅުމުގެ އަގުގެ ތެރޭގައި ހިމަނާފައެއްނުވެއެވެ. ނަމަވެސް މިމަޝްރޫޢުގެ ދަށުން ޔުނިޓަކަށް ޖެހޭ އަދަދު ހިސާބުކުރުމުގައި މިފައިސާ ހިމެނުމަކީ މުހިންމުކަމެއް ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.
މި ފައިސާ ހިމަނައިގެން ޖުމްލަ މި މަޝްރޫޢުގެ އަގަކަށް ވަނީ 8,143,022,642 (އަށް ބިލިއަން އެއް ސަތޭކަ ސާޅީސް ތިން މިލިއަން ބާވީސް ހާސް ހަސަތޭކަ ސާޅީސް ދެ) ރުފިޔާއެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން 2018 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް މަހަކަށް 6600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދަނީ 99،647 ރުފިޔާއެވެ. އައީއެމްއައި މެތަޑަށް ހިސާބު ހަދައިފިނަމަ ފައިނޭންސް ކޮންސްޓްގެ ގޮތުގައި ޔުނިޓަކަށް 1،254،879 (އެއް މިލިއަން ދެ ލައްކަ ފަންސާސް ހަތަރު ހާސް އަށް ސަތޭކަ ހަތްދިހަ ނުވަ) ރުފިޔާ ޖެހޭނެއެވެ. މާނައަކީ 6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކައިފިނަމަ ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،155،231 (އެއް މިލިއަން އެއް ލައްކަ ފަންސާސް ފަސް ހާސް ދުއިސައްތަ ތިރީސް އެއް) ރުފިޔާގެ ގެއްލުންވުމެވެ.
މިއީ 7000 ޔުނިޓަށް ބަލާނަމަ 8،086،617،000 (އަށް ބިލިއަން އަށްޑިހަ މިލިއަން ހަ ލައްކަ ސަތާރަ ހާސް) ރުފިޔާގެ ގެއްލުމެކެވެ.
ހިޔާ ފްލެޓް އެޅުމުގައި މަކަރާއި ހީލަތް އެކުލެވޭތީ އެކަމުގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް 27 ވަނަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ވެސް ވަނީ ފޮނުވާފައެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙުއެވެ. ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންނަށް ފަސޭހައިން އަގުހެޔޮކޮށް ބޯހިޔާވިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުގައި ރައްޔިތުންނަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކުރުމުން ރައްޔިތުންނަށް އެކަމުގައި ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ.
މަޝްރޫއު ހިންގުމުގައި މަކަރާއި ހީލަތާއި، ކޮރަޕްޝަން އެކުލެވިގެންވާ ކަމަށާއި، ރައްޔިތުން ދިރިއުޅުމަށް އިމާރާތްކުރާ ތަނެއްގައި ފުރިހަމަވާން ޖެހޭ އަސާސީ ކަންކަން ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ކަންކަން ހަމަޖައްސައި ދިނުމުގެ ބަދަލުގައި، ގަސްދުގައި ހިންގާފައިވާ ކަންކަމުގެ ސަބަބުން ރައްޔިތުންނާއި، ދިވެހި ދައުލަތަށް ނުހަނު ބޮޑެތި ގެއްލުން ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. އަދި މަޝްރޫޢު ހިންގާފައިވާ ގޮތާއި، އަގު ކަނޑައަޅާފައިވާ ގޮތުން ރައްޔިތުންގެ ހިތުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެދިފައިވާކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.