Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަލީ ވަހީދުގެ ޕްރެސް ކޮންފަރެންސް

ހުރުމަތް ކަނޑައިލެވޭނީ ދެން މިހައިވަރަށެވެ.

އަލީ ވަހީދުގެ ޕްރެސް ކޮންފަރެންސްތައް ރާއްޖޭގެ ސްޓޭޝަންތަކުން ވަނީ ލައިވް ކޮށްފައި

ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 04:40
އަލީ ވަހީދު: ހުކުމެއްގައި ހުންނަވައިގެން ލައިވް ޕްރެސް ކޮންފަރެންސެއް ވަނީ ބާއްވަވާފައި

އަލީ ވަހީދު: ހުކުމެއްގައި ހުންނަވައިގެން ލައިވް ޕްރެސް ކޮންފަރެންސެއް ވަނީ ބާއްވަވާފައި

ރައީސް ޔާމީނުގެ ދައުރުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ފޯރި އެންމެ ގަދަޔަށް ވައިގައި ހިފާލި ވަގުތު މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ފަރާތުން ކުއްލިއަކަށް އައު ގަވާއިދެއް ހައްދަވައި އެ ގަވާއިދު ތަންފީޒު ކުރައްވަން ފައްޓަވައިފިއެވެ. ކޮން ގަވައިދެއް ކަމަށްތޯއެވެ. އެއްވެސް ކަހަލަ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު އެއްވެސް ޓީވީއަކުން ދެއްކުން މަނާކުރީއެވެ. ހުކުމެއްގައި ހުރި މީހަކު ދައްކާ އެއްވެސް ވާހަކައެއް ނޫހެއްގައި ލިޔުންވެސް މަނާކުރީއެވެ.

މި ގަވާއިދާ ޚިލާފުވާ ސްޓޭޝަންތަކާއި ނޫސްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން މީޑިއާ ކައުންސިލާއި ބްރޯޑްކޮމަށްވެސް އެންގީއެވެ. އެ ދެ މުއައްސަސާއިން ވެސް ސާރކިއުލާތައް ނެރެ ނޫސްވެރިން ބިރުގަންނަވައި ކަރެކްޝަނުގެ ގަވާއިދު ތަންފީޒު ކުރުމަށް ވާގިވެރިވެ އެހީތެރިވެދިނީއެވެ. ކަރެކްޝަނަލް ސާރވިސް އަކީ ސިޔާސީ މުވައްސަސާއެއް ނޫނެވެ. އެކަމަކު ކަން ދިމާކުރިގޮތުން ކަރެކްޝަނުގެ ބަލަދުވެރިކަމުގެ ދަށުގައި އޭރު ވަރަށް ގިނަ ސިޔާސީ ބޭފުޅުން ތިއްބެވިއެވެ.

ރައީސް ޔާމީނާއި ދެކޮޅު ސިޔާސީ އެންމެހައި ލީޑަރުން ތިއްބެވީ ފަޓާސްބަރިއެއްހެން އެކި ކޯޓުތަކުން ހުކުމް ޖަހައިގެން އެކި މުއްދަތަށް ޖަލަށް ލެވިފައެވެ. އޭގެތެރެއިން ބައެއް ބޭފުޅުންގެ ސިއްހީ ހާލަތު ހުރިގޮތުން ބޭސް ފަރުވާޔަށް ބޭރަށް ފޮނުވީމާ އަލުން އަނބުރާ ގޮޅިއަށް ވަޑައިނުގެން މަޑުކުރައްވައިގެން ތިއްބެވީ ރާއްޖެއިން ބޭރުގައެވެ. އެހެންވީމާ ކަރެކްޝަނުގެ މި ގަވާއިދަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ފްރޭމުގެ ތެރެއިން އެފަދަ ބޭފުޅުން ގެއްލުވާލައި ރައީސް ޔާމީނަށް އެ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އެހީތެރިވުމަށް ފަރުމާކުރެވިގެން ނެރުނު ގަވާއިދެކެވެ. ހަގީގަތަކީ އެއީއެވެ.

ރައީސް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ގާސިމް އިބްރާހިމް ހުންނެވީ ޖަރުމަންވިލާތުގައެވެ. ރައީސް މައުމޫނާއި ޝައިޚް އިމްރާން އޮންނެވީ ޖަލު ގޮޅީގައެވެ. މި ބޭބޭފުޅުންނާ ނުލައި އޭރުގެ އިދިކޮޅަށް ކުރެވޭނީ ކޮން ކެމްޕޭނެއް ބާވައެވެ. މި ބޭބޭފުޅުންގެ މަންޒަރެއް، އަޑެއް، ވަހެއް، ރަހަޔެއް، ކުލައެއް ނެތި މީޑިޔާ މެދުވެރިކޮށް ހިންގޭނީ ކޮން ކެމްޕޭނެއް ބާވައެވެ.

ކޮންމެއަކަސް ސަރުކާރުގެ އޭރުގެ ވިސްނުމަކީ މިއީއެވެ. ކަރެކްޝަނާއި ބްރޯޑްކޮމާއި ފުލުހުންވެސް ހިމެނޭގޮތުން ހުރިހާ މުއައްސަސާޔަކުން އެއްވާނަކަށް ފޫގަޅައިގެން ތިބީ މި ގަވާއިދު ތަންފީޒު ކުރުމަށެވެ. ހުކުމެއްގައި ހުންނެވި ބޭފުޅެއްގެ ގަމީހުގެ ގިރުވާނު ފެންނާތީ ފުލުހުން ފޮނުވައިގެން ކިތަންމެ ބިލްބޯޑެއް ނެއްޓިއެވެ. ހުކުމެއްގައި ހުންނެވި ބޭފުޅެއްގެ ތުނބުޅިން ބައެއް ފެންނާތީ ކަންބޮޑުވެގެން ސްޓޭޝަންތަކަށް އިންޒާރުގެ ސިޓީ ފޮނުވައިގެން އިހުގެ ބައެއް މަންޒަރުތައް ދާއިމީ ގޮތަކަށް އެތަންތަނުގެ އާކައިވުން ޑިލީޓްވެސް ކުރުވިއެވެ.

ގަވައިދު މިމަގުން ތަންފީޒު ކުރީމާ ނުކުތް ނަތީޖާއަކީ ކޮބައިކަމަށްތޯއެވެ. ގާސިމް އިބްރާހީމުގެ އަމިއްލަ ޖީބުން ކޮންމެ މަހަކުވެސް އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކޮށްގެން ހިންގި އެމަނިކުފާނުގެ އަމިއްލަ ޓީވީ ސްޓޭޝަނުން ގާސިމްގެ މަންޒަރެއް ދެއްކުން މަނާވީއެވެ. ނުދެއްކުނީއެވެ. އެކަމަށް ފާރަވެރިވާ ބަޔަކު ތިބެން ފެށީއެވެ. ރައީސް ނަޝީދުގެ މަންޒަރެއް، އަޑެއް ދެއްކުން ރާއްޖެޓީވީއަށް މަނާވީއެވެ. ނުދެއްކުނީއެވެ. ދައްކާތޯ ބަލަން ރެޔާއިދުވާލު އެކަމަށް ފާރަވެރިވެގެން ރިޕޯޓުކުރާ ބަޔަކުވެސް ތިބެން ފެށީއެވެ. މިވަރަކުން މަގު ބަންދުކޮށް ކެމްޕޭނަށް ހުރަސް އެޅިކަމަށް ވިޔަސް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ދެވަނަ ދައުރެެއް ލިބިވަޑައެއް ނުގަތެވެ.

ދައުރު ބަދަލުވެ ވެރިކަން ބަދަލުވި ކަމަށްވިޔަސް ކަރެކްޝަނަލް ސާރވިސްގެ މިދެންނެވި ގަވާއިދު ބަދަލެއް ނުކުރެއެވެ. އަދިވެސް އޮތީ އެ ގަވާއިދެވެ. ހުކުމެއްގައި ހުރި މީހަކު ޕްރޮމޯޓްކުރުން ދެންވެސް ހުއްދައެއް ނޫނެވެ. ބްރޯޑްކޮމުން އެކި ނޫސްތަކާއި ސްޓޭޝަންތަކަށް ފޮނުވި އިންޒާރުގެ ސާރކިއުލާތައް އަދިވެސް އެގޮތުގައި ދެމިހުރީއެވެ. އުސޫލު ބަދަލެއް ނުކުރެއެވެ. ތަފާތެއް އޮތިއްޔާ އެތަފާތަކީ ފާރަވެރިވެ ރިޕޯޓުކުރާ ބަޔަކު ނެތުމާއި މި ގަވާއިދު ތަންފީޒުކުރުމަކީ ކޮންމެހެން ކުރާންޖެހޭ ކަމަކަށް ވެގެން އެކަންކުރަން އިސްކަންދޭ މުއައްސަސާއެއް ނެތުމެވެ. ގަވާއިދު ކޮންމެ ގޮތަކަށް އޮތަސް އެބަޔަކު ހިތާވާހައި ކަމެއް ކުރުމުގެ މިނިވަންކަން އެބައޮތޭ ހީކުރެވުމެވެ.

ރައީސް ޔާމީނު އެހުންނެވީ ޖަލު ހުކުމެއްގައެވެ. އެގޮތުން އެއީ ގައިދީއެކެވެ. އެކަމަކު ރައީސް ޔާމީނުގެ ފޮޓޯ އަބަދާއި އަބަދު ފެންނާނޭހެން ޓީވީ ސްކްރީނުގެ ކަނަކަށް ލައިގެން ސިޔާސީ ޝިއާރުތައް ލިޔެގެން ބައެއް ސްޓޭޝަންތަކުން އެހެރަގެން ފިދާވަނީއެވެ. އެކަން ކަމަކަށް ނުވެއެވެ. ކަމަކަށް ހަދާ ބަޔަކުވެސް ނެތެވެ. އަޅުގަނޑުވެސް ކަމަކަށް ހަދާކަށް ނެތީމެވެ.

ޖަލުގައި ހުންނަވައިގެން ނޫސް ކޮންފަރެންސްތައް ބާއްވަވައި ޓީވީތަކުން ލައިވްކުރަން ފެށީމާ މިވާހަކަ ނުދައްކައި މީހުން ތިބޭނޭ ބާވައެވެ؟ ނޫނެކެވެ. ނުތިބޭނެއެވެ. އެވާހަކަ ދައްކާނެއެވެ. ގައިދީން ޕްރެސް ކޮންފަރެންސް ބޭއްވުމާއި ރަސްމީ ބޮޑެތި ޓީވީތަކުން އެ މަންޒަރު ލައިވްކުރާން ފެށީމާ މިކަން ހުއްދަވީ ކޮން ގޮތަކުންތޯ އާއި މިއީ ކޮން އުސޫލެއްގެ ދަށުން ހިނގާ ކަމެއްތޯ މީސްތަކުން ސުވާލުކުރާނެއެވެ. ކުރެވޭނެއެވެ. ނަސީބަކުން ރައީސް ޔާމީނުގެ ފުށުން އެކަހަލަ ކަމެއް އަދި ނުފެނެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އެ މިނިސްޓްރީގެ އަންހެން މުވައްޒަފުން ކުރި ތުހުމަތުގެ ވާހަކަ ދައްކާކަށް އަޅުގަނޑު ނެތީމެވެ. އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ހިންގި ތަހުގީގާއި އެ ތަހުގީގުގެ މައްޗަށް ބިނާކޮށް ޕީޖީ އޮފީހުން ކޯޓުގައި އަލީ ވަހީދުގެ މައްޗަށް ބަރިބަރިޔަށް އުފުލި ދައުވާތަކުގެ އަދަދާމެދުވެސް އެއްޗެކޭ ދަންނަވާކަށް ނެތީމެވެ. އަދި ސަރިޔަތް ކުރިއަށް ދަނިކޮށް ކުއްލިއަކަށް އަލީ ވަހީދު ރާއްޖެއިން ގެއްލި ދުވަސްކޮޅެއް ފަހުން އިނގިރޭސިވިލާތުން ފެނުނު ވާހަކަ ދައްކާކަށްވެސް ނެތީމެވެ. އަލީ ވަހީދު ކުށެއް ކުރައްވާފައި އޮތް ކަމަށް ވެދާނެއެވެ. ނެތް ކަމަށްވެސް ވެދާނެއެވެ. އެކަން ނިންމާނީ ސަރިޔަތުންނެވެ.

ދަންނަވާން މިއުޅެނީ ފެންނާން އޮތް ހަގީގަތެއްގެ ވާހަކައެވެ. ދޮގުކުރެވެން ނެތް ހަގީގަތެއްގެ ވާހަކައެވެ. އަލީ ވަހީދު އެ ހުންނެވީ ހުކުމެއްގައެވެ. ޖަލު ހުކުމެއްގައެވެ. ހުކުމްކުރީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސްޕްރީމް ކޯޓުންނެވެ. ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި އަލީ ވަހީދު ދެމަސް ދުވަހަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ވަނީ ހުކުމެއް އިއްވައިފައެވެ. ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ސުޕްރީމް ކޯޓުން އަލީ ވަހީދަށް ކުރި ހުކުމުގައި ބުނެފައި ވަނީ ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ފެންނަ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލި، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ރާއްޖޭގެ ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމަށެވެ.

ސްޕްރީމް ކޯޓުގެ މި ހުކުމަކީ ސިޔާސީ ހުކުމެއް ނޫނެވެ. ސިޔާސީ ކުލަ ޖެއްސެން އޮތް ހުކުމެއްވެސް ނޫނެވެ. އެކަން އެންމެނަށް ވެސް ވަރަށް ސާފެވެ. އެ ހުކުމާއި ހަމަޔަށް ދިޔައީ ކީއްވެގެންކަން އެންމެނަށް ވެސް ސާފެވެ. ހުކުމް ތަންފީޒު ކުރުމަށްޓަކައި ކަރެކްޝަނަލް ސާރވިސްގެ ފަރާތުން ވަނީ އަލީ ވަހީދު ރާއްޖެއަށް ގެނައުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ. ފުލުހުން ވަނީ އަލީ ވަހީދު ރާއްޖެއަށް ގެނައުމަށް އިންޓަރޕޯލްގެ އެހީތެރިކަމަށް އެދިފައެވެ.

އަލީ ވަހީދު މިވަގުތު ކޮންމެ ތަނެއްގައި ހުންނެވިޔަސް އެ ހުންނެވީ ހުކުމެއްގައެވެ. އެހެން ހުންނެވި ބޭފުޅަކު އޮންލައިންކޮށް ނޫސް ކޮންފަރެންސެއް ބާއްވަވައިފިއެވެ. އެ ނޫސް ކޮންފަރެންސް ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތަކުން ވަގުތުން ދުރަށް ދައްކައިފިއެވެ. މިކަން މިމަގުން ހިނގިއިރު ކުރިން ދެންނެވި އެއްކަލަ ގަވާއިދު އަދިވެސް އެގޮތުގައި ދެމިއެބައޮތެވެ. މިކަމާމެދު މުއައްސަސާތަކުން ވިދާޅުވާނީ ކީކޭބާވައެވެ. ކޯޓުން ހުކުމް ޖެހީމާ ދެން ޓީވީ ސްޓޭޝަންތަކުން އެވީ އެމީހަކަށް ގުޅައިގެން ޕްރެސް ކޮންފަރެންސްތައް އިންތިޒާމް ކުރުވަން ބާއްވައެވެ. ސްޓޭޝަންތަކުން އިސްކަންދޭންވީ އެ ކޮންފަރެންސްތައް މުޅި ގައުމަށް ލައިވްކުރަން ބާވައެވެ.

އަލީ ވަހީދު ޖަލަށްލާން ހުކުމްކުރި ސްޕްރީމް ކޯޓުގެ ހުރުމަތް ކެނޑުމަކަށް މިކަން ނުވޭ ބާވައެވެ. މިއީ ކޯޓަށް ގޮންޖަހައި ފުރައްސާރަ ކުރުމަކަށް ނުވޭ ބާވައެވެ. މިއީ ފުލުހުންގެ މުއައްސަސާއަށްވެސް ކުރި ފުރައްސާރަޔަކަށް ނުވޭ ބާވައެވެ. ޖުމްލަގޮތެއްގައި މިއީ މުޅި ދައުލަތާއި ދައުލަތުގެ ނިޒާމުގެ ހުރުމަތް ކަނޑައިލުމަކަށް ނުވޭ ބާވައެވެ. ސްޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކުރިހެން ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ރާއްޖޭގެ ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމަކަށް ނުވޭބާވައެވެ. ކަމެއް ކަމަކަށްވަނީ ކިހާ ހިސާބަކަށް ދިޔައީމަބާވައެވެ.

އަލީ ވަޙީދުޕީޖީ އޮފީސްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު