ކ. މާލެ
|
11 ސެޕްޓެންބަރ 2021 | ހޮނިހިރު 13:57
ރ. ވާދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ރައީސް ބައްދަލުކުރެއްވުން
ރ. ވާދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ރައީސް ބައްދަލުކުރެއްވުން
ރައީސް އޮފީސް
ށ، ރ އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅު
ށ. އަދި ރ. އަތޮޅަށް ރައީސް ކުރެއްވީ އުންމީދީ ދަތުރުފުޅެއް
 
ށ. ޅައިމަގު ބަނދަރު އެކްސްޕެންޝަން ޕްރޮޖެކްޓްގެ ދަށުން ބަނދަރު އިތުރަށް ބޮޑުކޮށްދިނުމަށް އެރަށު ކައުންސިލުން ވަނީ އެދިފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ރ. އަދި ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވީ ބުރާސްފަތި ދުވަހުގެ ރެޔެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ޖުމްލަ ނުވަ ރަށަކަށް ވަނީ ވަޑައިގެންފައެވެ.

ކޮންމެ ރަށެއްގެ ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ކައުންސިލާ ބައްދަލުކުރެއްވިއެވެ. އެގޮތުން ށ. ފުނަދޫގައި ބޭއްވި ބައްދަލުވުމުގައި ށ. ބިލެތްފަހި އެއަރޕޯޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހާރު ބިޑް ހުށަހަޅާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ށ. ފުނަދޫ އެއަރޕޯޓުގައި ރޭގަނޑު ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށާއި، ށ. މިލަންދޫގައި މިނީ ހޮސްޕިޓަލެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވިގޮތުގައި ސަރުކާރާއި ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ތަރައްގީގެ މަޝްރޫއުތައް އަތޮޅުގައި އަވަހަށް ހިންގުމަށް މަގުފަހިވާނެކަމެކެވެ.

ށ. އަތޮޅުގެ ތަރައްގީއަށް ސަރުކާރުން ގެންގުޅުއްވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ކައުންސިލްގެ ފަރާތުން ސަރުކާރަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމުގައި ށ. އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ. އެއަށްފަހު އެމަނިކުފާނު ވަޑައިގެންނެވީ ށ. ޅައިމަގަށެވެ. ށ. ޅައިމަގުގެ ބަނދަރު އެކްސްޕރންޝަން ޕްރޮޖެކްޓްގެ ދަށުން ބަނދަރު އިތުރަށް ބޮޑުކޮށްދިނުމަށް އެ ރަށު ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައިގެން ކުރިޔަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ކުރިޔަށްދާ މަސައްކަތުގެ ތެރެއިން ޅައިމަގަށްވެސް ފުލުހުންގެ ޚިދުމަތް ލިބިގެންދާނެކަން ފާހަގަކުރައްވައި އެރަށަށް އިސްކަން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ޅައިމަގު ބަނދަރުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޅައިމަގު ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލް ބައްލަވާލެއްވުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި އެރަށުގެ އަންހެންބޭފުޅުންކޮޅަކާއި ބައްދަލުކުރައްވައި ޚިޔާލު ބަދަލުކޮށްލައްވާފައެވެ.

މި ދަތުރުފުޅުގައި ށ. ފޯކައިދޫއަށް ވަޑައިގެން ރައީސް ވަނީ އެރަށު މަސްވެރިންނާއި ދަނޑުވެރިންނާ ބައްދަލުކުރައްވައި ނަލަންދޫ ރިސޯޓަކަށް ހެދުމަށް ރަށް ހިންގާ ފަރާތާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ވިދާޅުވފައެވެ. އަދި އެތަން ސަރުކާރުން ނަގާނަމަ ތަން ހިންގާ ފަރާތަށް ބަދަލު ދޭން ޖެހޭނެ ކަމަށެވެ. އަދި ބަދަލު ދޭން ޖެހޭނެ އަގު ހޯދައި ދިނުމަށް މިނިވަން ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ނަލަންދޫ މިވަގުތު ބޭނުންކުރަމުން އަންނަނީ ލަނޑާ މަސްވެރިކަން ކަހަލަ މަސައްކަތެއް ކުރުމަށް ކަމަށްވާއިރު އެ ރަށަކީ ށ. އަތޮޅުގެ ވަރަށް ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ރަށެކެވެ. އެ ރަށުގެ ބޮޑުމިން 90 ހެކްޓަރަށް ވުރެ ބޮޑެވެ.

މިބައްދަލުވުމުގައި ރައްޔިތުން ވަނީ ވަރަށް ގިނަ ކަންބޮޑުވުންތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ. އެގޮތުން ރަށް ގިރުމުގެ މައްސަލަ ފާހަގަކޮށްފައިވެއެވެ. މިކަމާބެހޭ ގޮތުން ރައީސް ވިދާޅުވީ ރަށް ގިރިމުގެ މައްސަލައިގައި ޕްލޭނިންގ މިިނިސްޓްރީއާއެކު ސާރވޭއެއް ކުރިއަށް ގެންދަވާނެ ކަމަށާއި ރަށުގައި ޗަސް ބިން އޮތުމުން އެތަންތަނަށް ފަސް އަޅާނެ ކަމަށެވެ. އަދި ދަނޑުވެރިކަން ތަރައްގީ ކުރުމަށް ޚާއްސަ ސަމާލުކަމެއް ސަރުކާރުންދޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދަނޑުވެރިކަމަކީ ވަރަށް ރަނގަޅަށް ތަރައްގީ ކުރެވޭނެ ސިނާއަތެއް ކަމަށެވެ.

ށ. މާއުނގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ފެނާއި ނަރުދަމާގެ މަސައްކަތާއި، ފެނަކަ އިންޖީނުގޭގެ އޮފީސް އިމާރާތްކުރުމާއި، ބަނދަރުގެ މައްސަލައާއި، ސްކޫލްގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ނުފެށި ލަސްވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެ ރަށު ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.

އަދި މާއުނގޫދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ޒަމާނީ މިސްކިތެއް ބޭނުންވާކަމަށާއި އަދި މޫދަށް އެރޭ ސަރަހައްދަކާއި، ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ބުނެފައިވެއެވެ.

ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ދެން އެމަނިކުފާނު ދަތުރުފުޅު ފެއްޓެވީ ރ. ވާދޫއަށެވެ. އެގޮތުން ރ.ވާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ  ވާދޫ ކައުންސިލުން ރަށުގެ ތަރައްގީއަށް ޕްލޭންތައް ތައްޔާރުކޮށް ގިނަ މަސައްކަތްތަކެއް ކުރިޔަށްގެންދަވާތީ އެކަމަށްޓަކައި ކައުންސިލުގެ މެންބަރުންނަށް ތަޢުރީފުކުރައްވާފައެވެ.

ރަށުގެ ތަރައްގީއަށް ކައުންސިލުން އެކުލަވާލާފައިވާ ޕްލޭންތަކާއި ކުރިޔަށްގެންދާ މަސައްކަތްތަކުގައި ސަރުކާރުގެ އެހީތެރިކަން ފުރިހަމައަށް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަލާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ވާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ނަރުދަނާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހިނގާ ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ.

ރ. އަލިފުއްޓަށް ރައީސް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް ވަނީ ރ. އަލިފުށީގައި ޖޮބް ސެންޓަރުގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތައް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި މި ސެންޓަރު އެންމެ ފުރަތަމަ ގާއިމުކުރެވިގެންދާނީ ރ. އަލިފުށީގައި ކަމަށެވެ. ރާއްޖޭގައި ވަޒީފާ ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ ޒުވާނުން އެބަތިބި ކަމަށާއި، ސަރުކާރުގެ އަމާޒަކީ ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ، ކޮންމެ ރަށެއްގައި ޑެސްކެއް ބެހެއްޓުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ވަޒީފާ ބޭނުންވެގެން ޖޮބް ސެންޓަރުގައި އެކަމަށް އެކަށީގެންވާ މީހަކު ރަޖިސްޓްރީކޮށްފައި އޮއްވައި އެ މީހަކަށް ވަޒީފާ ނުދީ، އެފަދަ ވަޒީފާއަކަށް ބޭރު މީހަކު ގެނައުމުގެ ފުރުސަތު މުސްތަގުބަލުގައި ސަރުކާރުން ނުދޭނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރ. ރަސްގެތީމަށް ވަޑައިގެން އެމަނިކުފާނު ވަނީ ރ. ރަސްގެތީމު ކައުންސިލުން މުނިސިޕަލް ޚިދުމަތުގެ ބޭނުން ހިފައި، ޕްރޮޖެކްޓްތައް ކައުންސިލުގެ ބެލުމުގެ ދަށުން ކުރިޔަށްގެންދިޔުމަށް އެދިވަޑައިގެންފައެވެ. އަދި އަނގޮޅިތީމު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބޭއްވި ބައްދުލުވުމުގައި އެމަނިކުފާނު ވަނީ މި ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ދިގު ތާރީޚުގައިވެސް ނުހިނގާވަރަށް އެއްފަހަރާ ޕްރޮޖެކްޓްތައް އެރަށުގައި މިހާރު މިސަރުކާރުން ކުރިޔަށްގެންދަވާކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ އަނގޮޅިތީމު ޓުއަރިސްޓް ވިޒިޓަރސް ސެންޓަރުގައި ބަހައްޓާފައިހުރި ބައެއް އާސާރީ ތަކެތި ބައްލަވާލައްވާފައެވެ. މި ތަކެއްޗަކީ އަނގޮޅިތީމުން އެކި ދުވަސްވަރު ނެގިފައިހުރި ބައެއް އާސާރީ ތަކެއްޗެވެ.

އެމަނިކުފާނު އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ރ. މަޑުއްވަރީއަށެވެ. މި ދަތުރުފުޅުގައި ރ. މަޑުއްވަރީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން ސަރުކާރުން ކޮށްދެވެން އޮތްކަންކަމަކީ ކޮބައިތޯ ބައްލަވައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. މަޑުއްވަރީ ސްކޫލްގައި އަލަށް އިމާރާތްކުރި މަލްޓިޕަރޕަސް ހޯލް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮންމެ ރަށަކުންވެސް ރައީސަށް މަރުހަބާ ދެންނެވުމުގެ ކަންތައްތައް ތަފާތު ގޮތްތަކަށް ކުރިއަށް ގެންގޮސްފައިވާއިރު ރައީސް އޮފީހުން ބުނީ  ކުރިއަށް އޮތް ތާނގައި ވެސް ރައީސް މިފަދަ ދަތުރުފުޅުތައް އެކި އަތޮޅުތަކަށް ކުރައްވާނެ ކަމަށެވެ. ރައީސްގެ މި ދަތުރުފުޅާއެކު ށ. އަދި ރ. އަތޮޅުގެ ރައްޔިތުން ބޭނުންވެފައިވާ ކަންތައްތަކަށް ހައްލު ލިބިގެންދާނެ ކަމުގެ އުންމީދު ވަނީ އާލާވެފައެވެ. ރައްޔިތުން ބޭނުންވަނީ ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދޭނެ ސަރުކާރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް