ކ. މާލެ
|
10 ސެޕްޓެންބަރ 2021 | ހުކުރު 12:59
ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ- އޭނަގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވޭ
ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ- އޭނަގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވޭ
ޓްވިޓަރ
ސީލައިފްގެ ވެރިޔާއަށް ދައުވާކުރުން
އައްމަޓީއަށް އުފުލާފައިވާ 42 ދައުވާގެ އަޑުއެހުން އާދިއްތަ ދުވަހު
ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ
ސީލައިފްއަށް ގިނަ އަދަދެއްގެ ބަޔަކު ފައިސާ ދައްކާފައިވޭ
އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:30 އަށް

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:30 އަށެވެ.

ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 13 މާރިޗު 2014ގައި ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް އެކުންފުންޏަށް ހަވާލުކުުރެވުނެވެ. ޕީޖީ އޮފީހުން ބުނީ، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ. އޭރު އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރު ކޮށްފައިވަނީ އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެގެންނެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

1.ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 12 (ބާރަ) ދަޢުވާ.

2.ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 25 (ފަންސަވީސް) ދަޢުވާ.

3.ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ 05 (ފަހެއް) ދަޢުވާ.

މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދަޢުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

180 އަށް ވުރެ ގިނަ މީހުންގެ އަތުން، އެކުންފުނިން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ އިރު، ފައިސާ ދިން އެކި ފަރާތްތަކާ އެގްރީމެންޓް ވެސް ކުރެވިފައި ވަނީ އެކި ގޮތްގޮތަށެވެ. އެގޮތުން ތިން ކޮޓަރީގެ އެޕާޓްމެންޓް 3 މިލިއަން ރުފިޔާއަށް ވިއްކުމަށް ބައެއް ފަރާތްތަކާ އެގްރީމެންޓް ކުރެވިފައިވާ އިރު އަނެއްބައި ފަރާތްތަކާ ތިން ކޮޓަރީގެ އެޕާޓްމެންޓް 1 މިލިއަން ރުފިޔާއަށް ވިއްކުމަށްވެސް އެގްރީމެންޓް ކުރެވިފައިވެއެވެ.

ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި ހިންގަން އުޅުނު މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެހެންނަމަވެސް ކުންފުނީގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރަން ހަވާލުކުރެވުނު 3000 ހައުސިންގ ޔުނިޓްގެ މަޝްރޫއު އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައިނުވާއިރު، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އައްމަޓީއަކީ ރައީސް ޔާމީންއާ ވެސް ގާތް ގުޅުމެއް އޮންނަ މީހެކެވެ.

- ކޮމެންޓް