ކ. މާލެ
|
27 އޯގަސްޓް 2021 | ހުކުރު 12:55
ފޭކް ބުކިންގ ހައްދާ މައްސަލަ މިހާރު ވަނީ އާންމުވެފައި
ފޭކް ބުކިންގ ހައްދާ މައްސަލަ މިހާރު ވަނީ އާންމުވެފައި
ފޭކް ބުކިންގ ހެއްދުން
ރާއްޖޭގެ ރީތި ނަން ކުޑައަގަކަށް ވިއްކާލަނީތަ؟
 
ފޭކް ބުކިންގ ހައްދާ މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ އިންސްޕެކްޝަނެއް ފަށާފައި

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ރީތި ދޮންވެލި ތުނޑިތަކާއި ފަރުތަކާއި މެހެމާންދާރީއަށް މަޝްހޫރު ގައުމެކެވެ. ދިވެހިންގެ ކިބައިން ފެންނަ ރީތި އާދަތަކާއި ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ ފަތުރުވެރިން ރާއްޖެ އަންނަ ހިތްވާ މައިގަނޑު އެއް ސަބަބެވެ. މިއީ ދުނިޔެމަތީ ސުވަރުގެއެއް ކަމަށް ބައެއް މީހުން ސިފަކުރެއެވެ.

މިއަދު މި ރީތި ނަން ވަނީ ހަޑިވާން ފަށާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މަޑުމަޑުން ކިލަނބުވެ، މި ސިފަ ކުރުންތައް ވެސް ވަނީ ބަދަލުވާން ފަށާފައެވެ. ކޮވިޑާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރި އެއް ސިނާއަތަކީ ފަތުރުވެރިކަމެވެ. މި ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނަށް މާލީ ގޮތުން އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. މިކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން އެކި ލޯނުތަކާއި ޕްލޭންތައް ތައާރަފުކޮށް، ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނަށް ލުއިތަކެއް ދިނެވެ.

އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މުޅިން އެހެން މަންޒަރެކެވެ. ފަތުރުވެރިކަމުގެ ދިގު ހަޔާތުގައި އަޑު ނީވޭ، އަދި ހިތަށް ވެސް ނާރާ ފަދަ އައު ކަމެއް މިވަނީ ފަށާފައެވެ. މިއީ ދިވެއްސަކަށްވެ ހުރެ، ކިޔައިދޭން ވެސް ލަދުގަންނަ ވާހަކައެކެވެ. ގެސްޓް ހައުސް ހިންގާ ބައެއް މީހުންނާއި ރާއްޖޭގެ އެޖެންޓުންނާއި ބޭރުގެ އެޖެންޓުން ގުޅިގެން ފަތުރުވެރިންނަށް އޮޅުވާލައި ގެސްޓް ހައުސްއެއްގެ ނަންމަތީގައި ރާއްޖެ ގެނެސް، އެމީހުން މި ބައިތިއްބަނީ އެހެން ތަންތާނގައެވެ. މިކަން މި ހިންގަނީ އިތުރަށް ފައިސާ ހޯދުމުގެ ނިޔަތުގައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އިމިގްރޭޝަނުން ބުނީ އެކަންތައްތައް މިހާރު ފުޅާވެގެން ގޮސް ރަށްތަކުގައި ވެސް އޮޅުވާލައިގެން ފަތުރުވެރިން ބައިތިއްބާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. ހުއްދަ އޮންނަ ތަންތަނުގެ ނަންމަތީގައި ބުކިން ހެއްދުމަށްފަހު ފަތުރުވެރިން ރާއްޖެ ގެނެސް، ހުއްދަ ނޯންނަ ތަންތަނުގައި އެމީހުން ބައިތިއްބާ ކަމަށެވެ. ބައެއް ފަހަރު ރަށްރަށުގެ ގޭގޭގައި ފަތުރުވެރިން ބައިތިއްބާކަމަށާއި ގޭގެ ވެރިފަރާތަށް ވެސް ކަން މިހިނގާ ގޮތް ސާފުނުވާ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

އެންމެ ފުރަތަމަ މިކަހަލަ ކަމެއް ފެންމަތިވީ ސައްހަ ނޫން ބުކިންއެއްގައި އިންޑިއާއިން ރާއްޖެ އައި 180ށް ވުރެ ގިނަ މީހުން ފޮނުވާލަން ޖެހުމާ ގުޅިގެންނެވެ. އޭގެ ކުރިން ވެސް މިފަދަ އެހެން ހާދިސާއެއް ހިނގާފައިވާއިރު އިމިގްރޭޝަނުން ބުނީ މިކަން ހިންގާފައިވަނީ ރާއްޖޭގައި ހުރި ބިދޭސީ އެޖެންޓަކާއި ބޭރު ގައުމެއްގައި ހުރި ބިދޭސީ އެޖެންޓެއް ގުޅިގެން ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ތިބޭ ދިވެހި އެޖެންޓުން ވެސް މި އަމަލުގައި ބައިވެރިވާ ކަމަށް ބުނެފައިވެއެވެ.

ހުއްދަ ނެތި ތަންތަނުގައި ޓޫރިސްޓުން ބޭތިއްބުމަކީ ޓޫރިޒަމް ނޫން ކަމަށާއި، އެއީ އިންސާނީ ވަގުފާރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވެސް ވަނީ ސިފަކުރައްވާފައެވެ. އެކަން އެގޮތަށް ކުރާ މީހުންނާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަވަށްޓެރި ގައުމުތަކުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ފަތުރުވެރިން އަންނަނީ ވަރަށް ފޮނި ހުވަފެންތަކާއެކުގައެވެ. މުޅި އަހަރު މަސައްކަތްކޮށްގެން ފައިސާ ރައްކާކޮށްގެން، އަނބިދަރިން ގޮވައިގެން ރާއްޖެއަށް އަންނައިރު މި އެނގެނީ އެމީހުންނަށް އޮޅުވާލާފައިވާ ކަމެވެ. ދެން އެމީހުން މަގުމަތިވެ އެންމެ ފަހުން މިޖެހެނީ، އެނޫން ގޮތެއް ނެތުމުން އަނބުރާ ގައުމަށް ދާށެވެ. އަނބުރާ ގޮސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އުޅުމުން "އޮޅުވާލި" އޮޅުވާލުމުގެ ވާހަކަ ދައްކާނެތާއެވެ.

ޒަމާނުއްސުރެ ފަތުރުވެރިންނަށް އަމާން ރައްކާތެރި، ތެދުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް ލިބިފައިވާ ނަން ހަޑިވާން ފަށާފައި މިވަނީ ކުޑަ ފައިސާކޮޅެއްގެ ދަހިވެތި ކަމުގައި ނަގާ ޝޯޓްކަޓަކުންނެވެ. ހިތުގައި އުފެދޭ ސުވާލަކީ ރާއްޖޭގެ ރީތި ނަން ކުޑައަގަކަށް ވިއްކާލާއިރު ކަންތައްތައް ދެންވާނެ ގޮތަކާމެދު ހަމަ ނުވިސްނަނީތޯއެވެ. ނޫނީ ހަމަ ނުވިސްނެނީތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
33%
0%
33%
0%
33%
0%
ކޮމެންޓް