ފަސް އަހަރު ދުވަހުގެ ޚުދުމުޚުތާރު ވެރިކަމަކަށްފަހު 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ވެރިކަމާއި ހަވާލުވީ މާޒީގައިވެފައިވާ ގިނަ މައްސަލަތަކެއް ހައްލުކޮށްދީ ތަރައްޤީގެ އައު ހުވަފެންތަކެއްގެ ކުލަވަރާއެކު ގިނަ ބަޔަކަށް އުންމީދުތަކެއް އައު ކޮށްދެމުންނެވެ. ތަރައްޤީގެ ވާހަކަދައްކާނަމަ މިވީ 2 އަހަރާއި ބައިގެ ތެރޭގައި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދީ ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ފަށާ މިއިން ދުވަހަކު ރާއްޖެ ނުދެކޭ ފަދަ ހަޤީޤީ ތަރައްޤީއެއް ވަކި ބަޔަކަށް ތަފާތުކުރުމެއް ނެތި ފެށިއެވެ. މި ދަތުރުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އިރު މީގެ ތެރޭގައި ޤުދުރަތީ ގިނަ ހާދިސާތަކެއްވެސް ހިމެނެއެވެ. މިކަންކަމުގެ ވާހަކަދައްކާއިރު މިއަދު ރާއްޖެ ކުރިމަތިލަމުންދާ ކޮވިޑްގެ އާލަމީ ވަބާއާވެސް ރައްޔިތުންގެ އެއްބާރުލުމާއެކު މި ސަރުކާރުން ކުރިމަތިލި ގޮތުގެ ވާހަކައަކީ މިއަދު ދުނިޔެއަށް މިސާލަކަށް ވެފައިވާކަމެކެވެ.
އަޅުގަނޑު މި ފަހަރު މި އުޅެނީ މިވާހަކަ ދައްކާކަށެއް ނޫނެވެ. މިއުޅެނީ އިދިކޮޅު "ޕިންކް ކްލަސްޓަރ"ގެ ކުދިންކޮޅު އީދު ބަންދާއި މިނިވަން ދުވަހުގެ ބަންދު ނިންމާލި ހިސާބުން ފެށި އައު ޝަކުވާގެ ވާހަކަ ދެއްކޭތޯއެވެ. އެވެރިންގެ ޝަކުވާގެ ވާހަކައަކީ އައު ކަމެއް ނޫނެެވެ. ޕިންކް ކްލަސްޓަރގެ ކުދިންކޮޅުގެ އާދަކާދައިގެ ދަށުން މިފަހަރުވެސް މި ގޮވެލި ފަތި ހިފައިގެން މަގުމަތީގައި ފިނި ބުރު ޖަހަން ނިކުންނަން އުޅޭކަމުގެ ވާހަކަތައްވެސް ވަނީ އިވިފައެވެ. ކޮންމެއަކަސް މިކަމުގައި މިފަހަރު އިސްނަންގަވާފައިވަނީ ދެކޮޅަށް ކިރިލަ ކިރިލަ ހުންނަކަމަށް އާންމުން ބުނަމުންދާ ޝަޚުސިއްޔަތެކެވެ. ކުރީގެ ރައީސް ޔާމީން ދައުރު އެންމެ ފުރަތަމަ ނާއިބުރައީސްކަން ކުރެއްވި ޑރ މުހައްމަދު ޖަމީލް އަހުމަދެވެ. އެމަނިކުފާނަށް ޖެހިވަޑައިގެންނެވި ހާލުގެ "ދުކްބަރީ ދާސްތާން" ނުވަތަ އިހާނެތި ގޮތުގެ ވާހަކަ ހަނދުމަފުޅު ނެތިކޮށްލައްވައި މިއަދު ގައުމައްޓަކައި ނިކުންނަވާ ހުންނެވީކަމަށް ވިދާޅުވެއެވެ. ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުވެ ޖަލަށް ލެވިފައިވާ ބޭފުޅެއްގެ ވަކީލުންގެ ޓީމުގައި ހުންނަވައިގެން މިފަހަރު މި ފެނުނީ އަޅުގަނޑު ހައިރާން ކުރުވި ކަމަކާއި މެދު ޝަކުވާ ކުރެއްވިތަނެވެ.
މި ދަންނަވަނީ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބްދުﷲ ގެއްލުވާލި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހާޒިރުވުމަށް އެންގުމުން ޑރ ޖަމީލު ކުރެއްވި ޓުވީޓްގެ ވާހަކައެވެ. އޯގަސްޓު މަހުގެ 3 ވަނަ ދުވަހު މަރު ކޮމިޝަނަށް ހާޒިރުވުމަށް ރައީސް ޔާމީނަށް ވަނީ އަންގާފައެވެ. އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ކޮމިޝަނުގެ މެމްބަރު މިޞްބާޙު ޢައްބާސް ވިދާޅުވީ، ރައީސް ޔާމީން ހާޒިރުވުމަށް އަންގާފައިވަނީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މ. ޝައިނިންގ ސްޓަރ ރިޟްވާންގެ މަރާ ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.
ދެން އަނެއްކާވެސް ޑރ ޖަމީލުގެ ޓިވީޓަށް ޖެހިލާނަމެވެ. ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި، މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވުމަށް ކަމަށެވެ. ޑރ. ޖަމީލް ވިދާޅުވީ، އޯގަސްޓު މަހުގެ 3 ވަނަ ދުވަހު އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް ރައީސް ޔާމީނަށް އަންގާފައިވާ ކަމަށެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދާދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. ވައުދު ފުއްދެވުމުގެ މަސައްކަތް ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ ދުވަހު ވަނީ ފައްޓަވާފައެވެ. އެގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. އަދި އެ ކޮމިޝަނަށް ރައީސަކާއި، ހަތަރު މެންބަރުން އައްޔަން ކުރެއްވި އެވެ. ބޮޑެތި ބާރުތައް ކޮމިޝަނަށް ލިބޭ ގޮތަށް މަޖިލީހުން ބިލެއް ފާސްކުރި އެވެ.
މަރު ކޮމިޝަނަށް 2 އަހަރާއި ބައި ވެގެންދިޔައިރު، އެ ކޮމިޝަނުން އެންމެ ބާރު ދުވަލީގައި ކުރިއަށްދާ ރިޟްވާނުގެ މަރުގެ މައްސަލާގައި މިހާތަނަށް އައިރު ގިނަ ބަޔަކު ހާޒިރުކޮށްގެން ވަނީ މިކަމުގެ އެންމެ ފުނަށް ވާސިލުވުމަށް މަސައްކަތްކޮށްފައެވެ. މި ލިސްޓްގައި އެވެރިންގެ މެދުގައި އެއް އިރެއްގައި އެންމެ މަޤުބޫލު އަދި މިއަދު ބޭކާރުކޮށްލާފައިވާ ކުރީގެ ރައީސް އަހުމަދު އަދީބާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނޭގޮތައް އެއިރެއްގައި ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެނުނު އެންމެވެސް ދިޔައީ އެއްވެސް ނުފޫޒެއް ނެތި ހާޒިރުކުރަމުންނެވެ. މިހާތަނަށް މިއިންކަމަކަށް ހުރަސް ނާޅާހުރެ، މިފަހަރު ރައީސް ޔާމީން ހާޒިރުކުރަން އެންގި ހިސާބުން މިކަން އިދިކޮޅަކަށް ހަޖަމެއް ނުވިއެވެ. މިހެން ހާޒިރުކުރަމުކުން ކަމެއް ސާބިތުވީއެއް ނޫނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާ ދިޔަ މި އަމަލުގެ ކަންކަން ބެލުމަށް އެންމެ އިސްްވެރިޔާ ހާޒިރުކުރުމުން ކަރުގައި އަޅައިގަތީ ކީއްވެ ބާއެވެ. ވެރިއަކަށް ކަން ހިނގިގޮތުގެ ހިލަމެއްވެފައިވޭތޯ އަހާލުންވެސް އެވެރިންނަށް މިވީ މި ސަރުކާރުން އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވުމަށް ކުރާ އަމަލަކަށެވެ. ރިޟްވާން ގެއްލުނުތާ ހަތަރު އަހަރު ވީއިރު ވެސް ފުލުހުންނަށް އޭނާ ހޯދިފައި ނުވާއިރު ރިޟްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ. މިފަހަރު މިފެނިގެންދަނީ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނާ ވާހަކައިގެ އަލިގަދަ ހެއްކެކެވެ. އައިބެއް ނުފެންނަތާގައި މިނިވަން ތަހުގީގީ މަސައްކަތަށް ހުރަސްވެސް އަޅަނީއެވެ. މިކަމުގެ ސަބަބުން އިންސާފަށް ކެތްމަދުވެފައިވާ އެތައް ބައެއްގެ އުންމީދަށް ހުރަސް އެޅެނީކަން އިހުސާސް ނުވަނީތޯއެވެ.
ރިޟްވާނަށް އިންސާފު ހޯދައި ދިނުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާ އާއިލާގެ ފަރާތުން ކުރަމުންދާއިރު، މި މަސައްކަތުގެ ކުރީ ސަފުގައި އޭނާގެ މަންމަ ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އިންސާފު ލަސްވަމުންދާ ކޮންމެ ސިކުންތަކުން އެ މަންމަ ކުރާނެ ހިތާމަ ހިތަށް ނުގެނެވެނީ ބާއެވެ. އިންސާފުގެ ގޮވެލިފަތި ގޮވަމުންދާ މިވެރިންގެ ހިތުގައި ހަޤީޤީ އިންސާފުގެ ޒަރެއްގެ މިންވަރު ވާނަމަވެސް މިކަން ނުހުއްޓުވާނެކަމަށް އާންމުން ދަނީ ބުނަމުނެވެ.
މިކަމުހައި ޑރ ޖަމީލު ވިދާޅުވަނީ ކޮމިޝަން ފެއިލުވެފައިވާކަމަށެވެ. އެކަމަކު މިކަން މިހެން އޮތްކަމަކަށް ދެންނެވޭކަށް ނެތެވެ. އެގޮތުން ލިސްޓެއް ހަދާ މީހުންތަކެއް ހާޒިރުކުރުމުގެ އިތުރަށް ކަން ހިނގާ ދިޔަގޮތުގެ ވާހަކަތައްވެސް ވަނީ ހާމަކޮށްފައެވެ. ފެއިލްވިކަމަށް ވިދާޅުވިއިރު، ރިޟްވާނުގެ ބޯ ބުރިކޮށް މަރާލާފައިވާކަން ފުރަތަމަވެސް އެނގުނީ މަރު ކޮމިޝަނުން އެކަން އިއުލާނު ކުރި ވަގުތުކަމަށް ރިޟްވާންގެ މަންމަ ބުނި ބުނުމުން އެކަނިވެސް ސާބިތުވެއެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. މި މައްސަލައަށް 7 އަހަރު ވެފައިވާއިރު، ރިލްވާން މަރާލި މައްސަލައިގައި މަރު ކޮމިޝަނުން ވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށް ބުނެފައެވެ. އަދި ފޮރިންސިކް އެނަލައިސިސް ރިޕޯޓާއި، ފައިނަލް ރިޕޯޓުން މަރާލުމަށް ފައިސާދިން ވިޔަފާރިތަކުގެ މައުލޫމާތާއި އެ މައްސަލައިގެ ޝާމިލްވާ ހުރިހާާ ފަރާތްތަކާއި ތުހުމަތު ކުރެވިފައިވާ ހުރިހާ މައުލޫމާތެއް އެނގިގެންދާނެ ކަމަށް ބުނެފައިވެއެވެ. އޭނާ މަރާލާފައިވާކަމަށް މަރު ކޮމިޝަނުން ވަނީ ހެކިތަކާއެކު ތަފުސީލުވެސް ކޮށްދީފައެވެ.
އެ ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ މަރާލައި ކަނޑަށް އެއްލާލީ ކަމަށް ބުނެފައިވެއެވެ. އަދި އެ ހުރިހާ ކަމެއް ވެސް ކޮމިޝަނުން ގުޅުވާފައިވަނީ ހަރުކަށި ފިކުރާކަމަށް ބުނާއިރު، މިފަހަކަށް އައިސް ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރު ވަޒަންކޮށްނުލެވޭ ދިވެއްސަކު ނުހުންނާނެއެވެ.