Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުންގެ ވީއައިޕީ ސެކިއުރިޓީ

މަގޭ ރިޕޯޓު: ވީއައިޕީ ސެކިއުރިޓީއަކީ ޖޯކެއް ނޫން!

އިންޑިއާގެ ޒެޑް ޕްލަސް ސެކިއުރިޓީއަށް އަހަރަކު 162 މިލިއަން ޑޮލަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ޖުލައި 2021 | އަންގާރަ 12:58
ސިފައިންގެ ވީއައިޕީ ސެކިއުރިޓީ- ދައުލަތުން ސެކިއުރިޓީއަށް ބޮޑު ހޭދައެއް ކުރަން ޖެހޭ

ސިފައިންގެ ވީއައިޕީ ސެކިއުރިޓީ- ދައުލަތުން ސެކިއުރިޓީއަށް ބޮޑު ހޭދައެއް ކުރަން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް 6 މެއިގައި ދެވުނު ނިރުބަވެރި ޙަމަލާ މިވަނީ މުޅި ޤައުމު ސިއްސުވާލާފައެވެ. ދައުލަތުގެ އެންމެ މަތީ ފަންތީގެ ބޭފުޅަކަށް އަމާޒުކޮށް ހާމަކަން ބޮޑު ގޮތަކަށް ދީފައިވާ މި ޙަމަލައާ ގުޅިގެން އެކި ދިމަދިމާލުން ހުރި މައްސަލަތަކާއި، އަޅާނުލެވި ދޫކޮށްލެވިފައިވާ ނުވަތަ ލޯމަތިން ކައްސާލާފައިވާ އެތައް މައްސަލަތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. މި ހުރިހާ ކަމެއްގެ ތެރެއިން އެއް ބަޔަކު އަނެއް ބަޔަކަށް އިލްޒާމުގެ އިނގިލި ދިއްކުރުމާއި، ފާޑުކިއުންވެސް ވަނީ އިންތިހާއަށް ގޮސްފައެވެ. ޤައުމުގެ އެތެރޭގައި ކޯޅުންގަނޑު ބޮޑުވެ، ބޮޑެތި ބައިބައިވުންތަކެއްވެސް ވަނީ އުފެދިފައެވެ.

ކޮންމެއަކަސް މި ހަމަލާއިން ދިވެހިރާއްޖޭގެ ސަލާމަތީ މަސްރަހު މުޅިން ބަދަލުވެއްޖެކަމާއި، ޢިއްޒަތްތެރިންގެ ސަލާމަތީ އިންތިޒާމުތައް ހަރުދަނާކޮށް، ކުރިއަރާފައިވާ ޤައުމުތަކުގައި ވީއައިޕީ ސެކިއުރިޓީ ދޭ ފެންވަރަށް މިކަންކަން ރާއްޖޭގައި ކުރަންޖެހިފައިވާކަންވެސް މިވަނީ ހާމަވެގެން ގޮސްފައެވެ. އެހެން ނޫންނަމަ، މިފަދަ ހަމަލާތައް ތަކުރާރުވުން އެކަށީގެންވެއެވެ. ނަމަވެސް ސުވާލަކީ ދިވެހިރާއްޖެފަދަ ޤައުމަކަށް މިފެންވަރަށް، މިޚަރަދުތައް ކުރެވިދާނެތޯއެވެ؟

އިންޑިއާގެ ޒެޑް ޕްލަސް ސެކިއުރިޓީއަށް އަހަރަކު 162 މިލިއަން ޑޮލަރު:

ޤައުމުތަކުގައި ކަން ހިނގާ ގޮތާއި، ޤައުމުތަކުގެ ނިޒާމު އޮންނަ ގޮތަށް ބަލާއިރު މަތީ ފެންވަރުގެ ވީއައިޕީ ސެކިއުރިޓީއަކީ ވަރަށް ޚަރަދު ބޮޑުކަމެކެވެ. މިސާލަކަށް، އިންޑިއާގައި ބައެއް މިނިސްޓަރުންނަށާއި، ސުޕްރީމް ކޯޓުގެ ޖަޖުންނަށާއި، ހައި-ރިސްކް ޢިއްޒަތްތެރިނަށް ދެވޭ އެންމެ މަތީ ސެކިއުރިޓީ (ޒެޑް-ޕްލަސް ސެކިއުރިޓީ) އަށް އަހަރަކު ގާތްގަނޑަކަށް 250 ކުރޯޑް އިންޑިއަން ރުޕީސް (162 މިލިއަން ޑޮލަރު)ޚަރަދު ކުރާކަމަށް ވެއެވެ. މިފަދަ ބޭބޭފުޅުންނަށް ސެކިއުރިޓީ ދިނުމަށް 55 މީހުންގެ ސެކިއުރިޓީ ޓީމްތަކާއި، ގިނަޢަދަދެއްގެ ބުލެޓް ޕްރޫފް ވެހިކަލްތަކާއި، އަދި ޚާއްޞަ ތަމްރީންތައް ހަދާފައިވާ ކޮމާންޑޯ ޓީމްތައް ބޭނުންކުރެވެއެވެ. ބޭނުމަކީ ދިމާވެދާނެ ކޮންމެ ޙާލަތަކަށް ނުވަތަ ނުރައްކަލަކަށްވެސް ތައްޔާރުވެ، ކުރިމަތިވެދާނެ ކޮންމެ ޙަމަލާއަކުން ރެކިގަތުމުގެ ފުރިހަމަ ކެރިފޯރުންތެރިކަމާއި ޤާބިލުކަން އިތުރު ކުރުމެވެ.

އެމެރިކާގެ ސީކްރެޓް ސަރވިސްއަށް އެތައް ބިލިއަން ޑޮލަރުން ޚަރަދުތައް:

ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެންމެ ބޮޑު އެއް ހޭދައެއް ކުރާ އަނެއް ޤައުމަކީ އެމެރިކާއެވެ. އެމެރިކާގެ ރައީސުންނާއި، ކުރީގައި ރައީސްކަން ކުރައްވާފައިވާ ބޭބޭފުޅުންނާއި، އެބޭފުޅުންގެ ޢާއިލާތަކާއި، އަދި ބޭރުން ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ޒިންމާކުރެވިފައިވާ ސީކްރެޓް ސާރވިސްގެ 2019 ވަނަ އަހަރުގެ ބަޖެޓަކީ 2.23 ބިލިއަން ޑޮލަރެވެ. ސީކްރެޓް ސާރވިސްއަށް މިހާ ބޮޑު ބަޖެޓެއް އޮތުމަކީ ހައިރާންވާންވީ ކަމެއްވެސް ނޫނެވެ. އެމެރިކާއަކީ ދުނިޔޭގެ އިޤްތިސާދީ އެއް ބާރެވެ. ކުރިއަރާފައިވާ އެތައް ޤައުމުތަކުގެ ވާދަވެރިއެކެވެ.

އެމެރިކާގެ ރައީސްގެ ބޭނުމަށް ޚާއްޞަކޮށް ތައްޔާރު ކުރެވިފައިވާ ބުލެޓް ޕްރޫފް ކާރުކޮޅު (ބީސްޓް) ގެ އަގަކީ 1.5 މިލިއަން ޑޮލަރެވެ. އެކި އިވެންޓްތަކުގައި މީގެ އެކި ކާރު ބޭނުންކުރެވޭއިރު، މީގެ އިތުރުން އަދި ބޮޑު ކާރު ފްލީޓެއް އޮންނާނެކަން ކަށަވަރެވެ. އެންމެ އާދައިގެ ބުލެޓް ޕްރޫފް ކާރެއްގެ އަގުވެސް ގާތްގަނޑަކަށް 75،000 އާއި100،000 ޑޮލަރާއި ދެމެދު އަރާނެކަމަށް ލަފާކުރެވެއެވެ. ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ނިސްބަތުން ސެކިއުރިޓީއަށް މިފަދަ ބޮޑެތި ޚަރަދުތައް ކޮށް އުޅެއެވެ.

މީގެ އިތުރުން، ސީކްރެޓް ސާރވިސްގައި ގާތްގަނޑަކަށް 4000 އަށްވުރެ ގިނަ އެޖެންޓުން މަސައްކަތްކުރެއެވެ. އަދި، ގޮވާ ތަކެތި ޑިޓެކްޓް ކުރުމަށް "ބެލްޖިއަން މެލިނޮއިސް' ބްރީޑްގެ ކެނައިން (ކުއްތާ) ސްކޮޑަކާއި، ކައުންޓަރ ސްނައިޕަރުން އެކުލެވޭ ސެކިއުރިޓީ ޓީމްތައް 24 ގަޑިއިރު ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެއެވެ. 24 ގަޑިއިރު ފޯރިމެރުމުގައި ތިބެނީ ކޮންމެ ވަގުތަކުވެސް ނުރައްކާތެރި ޙަމަލާއެއް އަތުވެދާނެކަމަށް ބަލައި ހުށިޔާރުވެގެންނެވެ. އެމެރިކާއާއި، ހުޅަނގުގެ ގިނަ ޤައުމުތަކާއި، މިސަރަހައްދުގެ އިންޑިއާ ފަދަ ޤައުމުތަކުގައި މަތީ ފެންވަރުގެ ސެކިއުރިޓީ އެރުވޭ ފަރާތްތައް ދަތުރުކުރުމަށް ޚާއްޞަ ވައިގެ އުޅަނދުތަކާއި، ހެލިކޮޕްޓަރުތަކާއި، އަދި ކަނޑުގެ އުޅަނދުތައްވެސް ހުރެއެވެ. ހުންނަން ޖެހޭވެސް މެއެވެ.

ވީއައިޕީއަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި، އެންމެ ޚަރަދު ހިނގާ އެއްކަމަކީ ވީއައިޕީން ކުރައްވާ ދަތުރުފުޅުތަކުގައި ސެކިއުރިޓީއަށް ކުރަންޖެހޭ ޚަރަދުތައްކަމަށް ކަމާބެހޭ ތަޖުރިބާކާރުން ބުނެއެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރައީސްކަމުގައި، "ސިޓިޒެންސް ފޯރ ރެސްޕޮންސިބިލިޓީ އެންޑް އެތިކްސް އިން ވޮޝިންގޓަން" (ކްރޫ) އިން ޝާޢިއު ކޮށްފައިވާ ރިޕޯރޓެއްގައި ވާގޮތުން، 2018އާއި 2019އާއި ދެމެދު، ރައީސް ޓްރަމްޕާއި، ޢާއިލާގެ ބޭފުޅުން 4000ށް ވުރެ ގިނަ ދަތުރު ކުރައްވާފައިވެއެވެ. އަދި މިކަމުގެ ސަބަބުން ސީކްރެޓް ސާރވިސްއާއި، އަދި ޔޫއެސް ކޯސްޓްގާރޑްގެ ޚަރަދުތައްވެސް ބަޖެޓަށްވުރެ އިތުރުވެފައިވާކަމަށް ރިޕޯރޓްކޮށްފައިވެއެވެ. ވާނީވެސް އެހެންތާއެވެ.

ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ ދުނިޔޭގެ ކުރިއަރާފައިވާ އަދި އެންމެ މުއްސަނދި ޤައުމުތަކުގައިވެސް މިފަދަ ޚަރަދުތައް ކުރުން މިވަނީ ބަޖެޓަށް ބުރަބޮޑު ކަމަކަށް ވެފައި ކަމެވެ. ދައުލަތުގެ ވެރިންނާއި، ސިޔާސީ ބޭބޭފުޅުންނާއި، އަދި ލީޑަރުންނަށް، އެބޭފުޅުންނަށް އޮތް ތްރެޓާއި އެއްވަރަށް ސެކިއުރިޓީ ދޭންޖެހޭކަން މިއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. އަދި މަޤާމުގެ ހައިސިއްޔަތުގެ ގޮތުންވެސް އެކަށައެޅިފައިވާ ޚާއްސަ ސަލާމަތީ އިންތިޒާމުތަކެއް ހުންނަން ޖެހެއެވެ. ނަމަވެސް، ދިވެހިރާއްޖެފަދަ ކުޑަޤައުމެއްގައި، އަދި އިޤްތިސާދީ ގޮތުން މާބޮޑަށް ކުރިއަރާފައިނުވާ ޤައުމެއްގައި މިކަމަކީ ގިނަ ގޮންޖެހުންތަކެއްވެސް އޮތް ކަމެކެވެ.

ރާއްޖޭގެ ޙާލަތަށް ބަލާއިރު، ދައުލަތުގެ ބަޖެޓުން އެކަށައެޅިފައިވާ މިންވަރަކުން ސަލާމަތީ ބާރުތަކުން ގެންދަނީ އެކަށީގެންވާ ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ. އަދިވެސް ދައުލަތުން ޚަރަދުކޮށްގެން، ވަޒަން ނާރާ ކާރާއި، ވަށައިގެން މުޅި ސަރަހައްދުން ހުރިހާ ސިގްނަލްތަކެއް ކަނޑާލެވޭހާ ބާރުގަދަ ޖޭމަރާއި، އެތައް ސެކިއުރިޓީ އެޖެންޓުންނެއް ކޮންމެ ވީއައިޕީއެއް ކައިރިއަށް ލެވިދާނެއެވެ. ދިވެހި ރައްޔިތުންނަށް އިންތިހާއަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމާއި، ފެނާއި، ނަރުދަމާގެ ޚިދުމަތާއި، ރަށްރަށުގެ ލަފާފުރާ ބަނދަރުތަކާއި، މަތީ ތަޢުލީމަށް ދޫކުރާ ލޯނާއި، ހިލޭ ބޭސްފަރުވާގެ ޚިދުމަތް ފަދަ އެތައް ކަމަކަށް ސަރުކާރުގެ ބަޖެޓުން މިހާރުވެސް ޚަރަދުކުރެއެވެ. މިފަދަ މުހިއްމު ޚިދުމަތްތައް ހުއްޓާލާފައިވެސް ވީއައިޕީންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ޚަރަދު ކުރަން ބޭނުންވާކަން ދިވެހިންގެ ޝުއޫރުތަކުންވެސް ހާމަވެއެވެ.

މިކަމުގައި ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ ދައުލަތުން އެހާ ބޮޑު ހޭދައެއް ކޮށްފައި ދޭ ސެކިއުރިޓީއާ އެއްވަރަށް ސެކިއުރިޓީ ލިބިގަންނަ ފަރާތްތަކުންވެސް ޒިންމާދާރުވާން ޖެހޭނެ ކަމެވެ. ބޮޑު ހޭދައަކާއެކު ސެކިއުރިޓީ ދެނީ ވަކި ބޭނުމެއްގައެވެ. މިކަމުގައި ސެކިއުރިޓީ ދޭ ފަރާތާއި، ލިބިގަންނަ ފަރާތްވެސް އިހުމާލުވުމެއް ނެތި ސަމާލުވާން ޖެހެއެވެ. ސެކިއުރިޓީ ދޭ ފަރާތްތަކުން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް އެ ލިބިގަންނަ ފަރާތްތަކުގެ އުޅުންތަކާއި ގުޅުންތައްވެސް ބަހައްޓަވަން ޖެހޭނެއެވެ. މީ ހަގީގަތުގައިވެސް ޖޯކެއް ނޫނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަގޭ ރިޕޯޓް: ބޮޑުމަސް ނޭވާލާހެން މަރު ކޮމިޝަން މަސައްކަތް ކުރީމަ ކަމަކު ނުދޭ

މަގޭ ރިޕޯޓް: ބޮޑުމަސް ނޭވާލާހެން މަރު ކޮމިޝަން މަސައްކަތް ކުރީމަ ކަމަކު ނުދޭ

08 ފެބުރުއަރީ 2021
މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

05 ފެބުރުއަރީ 2021
މަގޭ ރިޕޯޓް: ކަރުގައި ވާ އައްސާފައި އޮތް ހިމާރެއްވިޔަސް، އެކައުންޓަށް ވަތް ފައިސާވިޔަސް، އެއްޗަކީ ހެޔޮ ނިޔަތް؟!

މަގޭ ރިޕޯޓް: ކަރުގައި ވާ އައްސާފައި އޮތް ހިމާރެއްވިޔަސް، އެކައުންޓަށް ވަތް ފައިސާވިޔަސް، އެއްޗަކީ ހެޔޮ ނިޔަތް؟!

27 ޖެނުއަރީ 2021
އިންޑޮނޭޝިއާގައި ކޮވިޑް-19ގެ ކޭސް ފުރަތަމަ ރިޕޯޓު ކުރި ދެމައިންގެ ވާހަކަ!

އިންޑޮނޭޝިއާގައި ކޮވިޑް-19ގެ ކޭސް ފުރަތަމަ ރިޕޯޓު ކުރި ދެމައިންގެ ވާހަކަ!

11 މެއި 2020
އައިލެންޑް އޭވިއޭޝަންގެ ޚާއްސަ ރިވިއު ރިޕޯޓު: މުވައްޒަފުންގެ މުސާރަ ބޮޑުކުރި މައްސަލަ!

އައިލެންޑް އޭވިއޭޝަންގެ ޚާއްސަ ރިވިއު ރިޕޯޓު: މުވައްޒަފުންގެ މުސާރަ ބޮޑުކުރި މައްސަލަ!

25 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު