ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަމުގައި އެތައް ބަޔަކު މި ދުނިޔެ ދޫކޮށް ދާން ޖެހިއްޖެއެވެ. އެތައް ގައުމެއްގެ އިގްތިސާދު ފުނޑުވެ، ހާލުގައި ޖެހިއްޖެއެވެ. ހީވެސް ނުކުރާވަރުގެ ހިތްދަތިކަމާ ތަކުލީފްތައް މިކަމުން ކުރިމަތިވެއްޖެއެވެ. ކޮރޯނާވައިރަސްގެ ސަބަބުން ގެއްލުން ނުލިބެނީ ވަކި މިވެނި ދިމާލެކޭ ބުނާނެ އެއްވެސް ދިމާލެއް ނެތެވެ. އެންމެ ފަހުން ވައިރަހަށް ކިޔަމުންދާ ނަންނަމުގެ މައްސަލަވެސް ވިހަވެ، ބޮޑު ނަފްރަތަކަށް ވެއްޖެއެވެ.
މައްސަލަ ގޯސްވީ، ވައިރަސް އާއި ވައިރަސްގެ ވޭރިއަންޓުތަކަށް ނަން ކިޔުމުގައި ގައުމުތަކުގެ ނަމާ ގުޅުވާން ފެށުމެވެ. ވައިރަސް ނުވަތަ ވައިރަސްގެ ވޭރިއަންޓު ފުރަތަމަ ފެނުނު ގައުމުގެ ނަމުން ނަން ކިޔަން ފެށުމުން ދެން ނުކުންނަން ފެށީ މާ ނުރައްކާތެރި ނަތީޖާއެކެވެ.
ބަލީގެ ކުރީކޮޅުގައި ކޮވިޑް-19 އަކީ "ޗައިނީސް ވައިރަސް" ކުންގ ފްލޫ ވައިރަސް" އަދި "ވޫހާން ވައިރަސް" ގެ ގޮތުގައި އެމެރިކާގެ އޭރުގެ ރައީސް ސިފަކުރެއްވިއެވެ.
ޗައިނާ އަށް ނިސްބަތްވާ ގޮތަށް ބަލީގެ ނަން އައުމުން، ޗައިނާގެ ދަރިކޮޅަށް ނިސްބަތްވާ އެތައް ބަޔަކަށް އޭގެ ފުރައްސާރައާ އަނިޔާ އާ ކުރިމަތިލާން ޖެހުނު ކަމަށްވެއެވެ. އެމެރިކާގައި އޭޝިއާ އާއި ޗައިނާ ދަރިކޮޅަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވެއެވެ. މަގުމަތިންނާއި އާއްމު ތަންތަނުން ހާނިއްކަ އާ ކުރިމަތިލާން ޖެހުނެވެ. އެމެރިކާގައި އޭޝިއާ ދަރިކޮޅުގެ މީހުންނަށް ފުރައްސާރަ ކުރުމުގެ މައްސަލަ ގައުމީ މައްސަލައަކަށްވެ، އެންމެ ފަހުން މަސްރަހު ފިނިކުރަން ރައީސް ބައިޑަންއަށްވެސް އެކަމުގެ ތެރެއަށް ވަދެވަޑައިގަންނަވަން ޖެހުނެވެ.
އިންޑިއާ އިން ފެނުނު ކޮރޯނާ ވައިރަސްގެ ވޭރިއަންޓަށް ނަން ކިޔަން ފެށުމުން އިންޑިއާ އެކަން ނެގީ ވަރަށް ސީރިއަސް ކޮށެވެ. ޓެކް ކުންފުނިތަކަށް އިންޑިއާ ސަރުކާރުން އެންގީ "އިންޑިއަން ވޭރިއަންޓް" ގެ ގޮތުގައި ލިޔެފައި ހުރި ހުރިހާ އެއްޗެއް ސޯޝަލް މީޑިއާއިން ނެގުމަށެވެ. އިންޑިއާ ސަރުކާރުން ބުނަނީ ވައިރަސްގެ އެ ވޭރިއަންޓަށް އިންޑިއަން ވޭރިއަންޓް ކިޔަންވީ އެއްވެސް ސައިންޓިފިކް ސަބަބެއް ހުއްޖަތެއް ނެތް ކަމަށެވެ. އިންޑިއާއިން ބުނީ ވައިރަހުގެ ވޭރިއަންޓަށް އިންޑިއަން ވޭރިއަންޓް ކިޔުމުން މުޅި ގައުމުގެ ތަސައްވުރަށް އޭގެ ސަބަބުން ބޮޑު ގެއްލުމާއި ނިކަމެތިކަން ލިބެމުންދާ ކަމުގައެވެ.
އިންޑިއާ ސަރުކާރުގެ މިއެންގުމަށް ޓެކް ކުންފުނިތަކުން އިޖާބަދިނުން ފަސޭހައެއް ނުވާނެއެވެ. އެއީ އެކަން އެހެން ކުރަންޖެހުމަކީ ބުރަ މަސައްކަތެއް ކަމަކަށްވާ ކަމެވެ. އެތައް ހާސް ޕޯސްޓެއްގައި، ޚަބަރުތަކާއި ރިޕޯޓަކުން "އިންޑިއަން ވޭރިއަންޓް" ނެގުމަކީ ފަސޭހަ ކަމަކަށް ނުވާނެއަތީއެވެ. މިކަން މިހެން އޮތް ނަމަވެސް ޓެކް ކުންފުނިތަކުން ގެންދަނީ މިކަމަށް ހޭލުންތެރިކަން އިތުރު ކުރަމުންނެވެ. ވަކި ބަޔަކަށް ވަކި ގައުމަކަށް ނަފްރަތު އުފެދިދާނެ ބަސްތައް މި ބައްޔަށް މުޚާތަބް ކުރާ އިރު ނުލިޔުމަށް ގެންދަނީ ބާރުއަޅަމުންނެވެ.
ބަލިފަތުރާ އެއްޗެއްސަށް ނަން ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގައިޑްލައިނެއް 2015 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ އާއްމުކޮށްފައެވެ. އެ ގައިޑްލައިންގައިވާ ގޮތުން ބަލިފަތުރާ އެއްޗެއް އެންމެ ފުރަތަމަ ފެނުނު ތަނަކަށް ނިސްބަތްކޮށް ނަން ކިޔައިގެން ނުވާނެ ކަމަށްވެސް އޮންނަނީ ބުނެފައެވެ. އޭގެ ސަބަބަކީވެސް އެގޮތައް ނަން ކިޔުމުން އެތަނަކަށް ނިސްބަތްވާ މީހުންނާ ދޭތެރޭ އެހެން މީހުންގެ ހިތުގައި ނަފްރަތު އުފެދުނަ ނުދިނުމެވެ.
އިންޑިއަން ވޭރިއަންޓްގެ ނަމުން އިންޑިއާއިން ފެނުނު ވޭރިއަންޓަށް ނަން ކިޔަން ފެށުމާއެކު ދުނިޔޭގެ އެތައް މިތާނގައި އުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންނަށް އޭގެ ހޫނު އިހުސާސްވާން ފެށިއެވެ. ބައެއް ގައުމުތަކުން އެކަން އިންޑިއާ ދަރިކޮޅުގެ މީހުންނަށް ތަޖުރިބާ ކުރަން ޖެހުނީ ނުހަނު އަވަހަށެވެ.
"އިންޑިއަން ވޭރިއަންޓް" ގެ ނަމުން ކޮރޯނާވައިރަސްގެ ވޭރިއަންޓަކަށް ނަންކިޔައިގެން އުޅޭ މައްސަލައިގައި އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މެއި 21 ގައި އާއްމު ކުރި ސިޓީއެއްގައި ބުނެފައިވަނީ، ދުނިޔޭގެ ގައުމުތަކަށް މިހާރު ފެތުރެމުންދަނީ ކޮރޯނާ ވައިރަސްގެ އިންޑިއަން ވޭރިއަންޓެއް ކަމަށް ބުނެ އިންޓަރނެޓްގައި ދައުރުވާ ބަޔާނެއްގެ ވާހަކަ އެ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގު ބުހުތާން ކަމުގައެވެ. އިންޑިއާގެ ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ އިންޑިއަން ވޭރިއަންޓް ކިޔާ ވޭރިއެންޓެން ސައިންސްވެރިއަކުވެސް އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އަކުންވެސް ދެނެގަނެފައި ނުވާ ކަމުގައެވެ.
ވައިރަސްގެ ބާވަތް ނުވަތަ ވޭރިއެންޓެއް ފުރަތަމަ ފެންނަ ތަނަކަށް ނިސްބަތްކޮށް ނަން ނުކިޔުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އޮންނަނީ އިރުޝާދު ދީފައެވެ. އެއާއެކު ކޮރޯނާ ވައިރަސް އަށާއި އެ ވައިރަސްގެ ވޭރިއެންޓްތަކަށް އެ ޖަމްއިއްޔާ އިން ވަނީ ރަސްމީ ނަން ދީފައެވެ. މިގޮތުން އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ވޭރިއަންޓަށް B.1.617 ވަނީ ކިޔާފައެވެ. އިނގިރޭސި ވިލާތުން ފުރަތަމަ ފެނުނު ވޭރިއަންޓަށް B.1.7 ނަން ކީ އުސޫލުންނެވެ. އަދި އޭގެ ކުރިން ދެކުނު އެފްރިކާއިން ފެނުނު ވޭރިއަންޓަށްވެސް B.1.351 ނަން ކިޔާފައިވަނީ މި އުސޫލުންނެވެ.
ނަމަވެސް ދިމާވާ މައްސަލައަކީ ސިއްހަތު ޖަމްއިއްޔާއިން އަކުރުތަކަކުން ދީފައި ހުންނަ ނަންތައް ލިޔެ ކިޔަން ފަސޭހަ ނުވުމެވެ. ހަނދާނުގައި ބަހައްޓަންވެސް ފަސޭހަ ނުވުމެވެ. އޭގެ އިތުރުން މީހަކު އަޅައިގަންނާނެ ފަދަ ސުރުޚީއެއްވެސް އެގޮތައް ނަން ޖަހައިގެން ނޫސްވެރިންނަށްވެސް ލިޔަން އުނދަގޫވުމެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މައްސަލައަކީ ކަމެއް ބަދަލު ކުރަން ދިއުޅި ދިގުވުމާއި، ކަންކަން ނިންމުގައި އޮންނަ އުސޫލު ބޮޑުވުމެވެ. ކޮރޯނާވައިރަސް ބަލި ޗައިނާގެ ވޫހާން އިން ފެނުނު ފަހުން އެބައްޔަށް ކޮވިޑް-19 ކިޔަން އެ ޖަމްއިއްޔާ އިން 6 ހަފްތާގެ މުއްދަތެއް ނެގިއެވެ. ހަމަ އެހެންމެ، ވޭރިއަންޓްތައް ފެންނަން ފެށުމާއެކު، ވޭރިއަންޓްތަކަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނަން ކިޔަން އޮންނަ އޮތް މީހުންނަށް ކިޔަން ފަސޭހަ ނުވާތީ، އެ ގޮތް ފަސޭހަ ގޮތަކަށް ބަދަލު ކުރަންވެސް އެހާ ދިގު މުއްދަތެއް ނެގިއެވެ.
ވޭރިއަންޓްތަކަށް އެ ވޭރިއަންޓްތައް ފުރަތަމަ ފެނުނު ތަންތަނާ ގުޅުވައި ނަން ކިޔަމުން ދިއުން ހުއްޓުވަން މިހާރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން، ވަނީ ފަސޭހަ އެހެން ގޮތެއް އާއްމު ކޮށްފައެވެ. ކޮންމެ އައު ވޭރިއަންޓަކަށް ގްރީކް އަކުރެއް ހިމަނާ ގޮތައް ނިންމާ މިހާރު ފެންނަނީ އެމޭރުމުން ނަން ލިޔެފައި ހުއްޓައެވެ. "އަލްފާ ވޭރިއަންޓް" "ބީޓާ ވޭރިއަންޓް" އެގޮތަށެވެ.
ޑަބްލިޔު.އެޗް.އޯ އިން ނަން ދޭން އަލަށް ތައާރަފް ކުރި ގޮތް ބޭނުން ކުރަން ފަސޭހަވާނެއެވެ. އަދި އެގޮތައް ބަދަލު ވުމުން ގައުމުތަކަށް ހުތުރުވާ ގޮތައް ވައިރަސް އަށް ނަންކިޔާ ހަދާކަށް ނުޖެހޭނެއެވެ.
"އިންޑިއަން ވޭރިއަންޓް" ސޯޝަލް މީޑިއާގައި އާއްމު ވެގެން ދިޔަ ދިޔުން އިންޑިއާ ސަރުކާރުން ލުއިކޮށް ދޫކޮށްލާނެ ކަމަކަށް ނުފެނެއެވެ. ގައުމަށް ހުތުރުވާ ގޮތައް ވައިރަހަށް ނަން ކިޔުން މިއީ ސޯޝަލް މީޑިއާ ކުންފުނިތައް ރެގިއުލޭޓް ކުރަން ފަށަން ޖެހޭކަން ވަރަށް ބޮޑަށް އިންޑިއާއަށް ވިސްނިގެން ދިޔަ ކަމެއްގެ ގޮތުގައި ފާހަގަ ވެއްޖެއެވެ. އިންޑިއާ ސަރުކާރުން ޓެކް ކުންފުނިތަކަށް އަމާޒުކޮށް މިހާރުވަނީ ހަރުކަށި ގަވައިދުތައް އެކުލާފައެވެ. އައު ގަވައިދުގެ ދަށުން، ގަވައިދާ ޚިލާފް ކޮންޓެންޓް ކަމަށް ސަރުކާރުން ކަނޑައަޅާ ކޮންޓެންޓް 3 ދުވަހުގެ ތެރޭގައި ނަގަން ޖެހޭ ގޮތައް ވަނީ ހަދާފައެވެ. އަދި އިންޑިއާގެ އިސްތިގްލާލާއި އެއްބައިވަންތަ ކަމާއި، އަޚުލާގީ މިންގަނޑަށް ބުރޫ އަރާ ކޮންޓެންޓް ކަމަށް ސަރުކާރުން ކަނޑައަޅާ ލިޔުންތައްވެސް އަންގާތާ 3 ދުވަސް ތެރޭގައި ނަގަން ޖެހޭ ގޮތައް ގަވައިދުގައި އޮތީ ހިމަނާފައެވެ. ގަވައިދާ އެއްގޮތައް ކަންކަން ނުކުރާނަމަ، ކުންފުނީގެ ފަރާތުން އިންޑިއާގައި ހުންނަ މީހަކު ހައްޔަރު ކުރެވޭނެ ކަމަށްވެސް ސަރުކާރުންވަނީ އަންގާފައެވެ.
އައު ގަވައިދުތަކާ ގުޅިގެން، އިންޑިއާގައި ޚިދުމަތްދޭ ސޯޝަލް މީޑިއާ ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް އިންޑިއާ ސަރުކާރުން އޮތީ ގޮތް ދޫކުރާ ގޮތަކަށް ނޫންކަން ރިޕޯޓްތަކުން ދޭހަވެއެވެ.