"ޑޮން ކޯ ޕަކަޅުނާ މުޝްކިލް ހީ ނެހީ، ނާމުމްކިން ހޭ'' ޑޮން އަތުލައިގަތުން ހަމައެކަނި އުނދަގުލީއެއް ނޫނެވެ. އެއީ ނުވެސްވާނެ ކަމެކެވެ''. މިއީ ޑޮންގެ ބަހެވެ. ހިންދީ ފިލްމެއް ކަމަށްވާ ''ޑޮން'' ތަފާތުވާ ސަބަބަކީވެސް މިއީއެވެ.
އެހެން ފިލްމުތަކާއި ޚިލާފަށް މީގައި ނުބައި ރޯލުން ފެނިގެންދާ ޑޮން އަތުލައިނުގަނެވެއެވެ. ގިނަ ފިލްމުތަކުގައި ފަހު ތަޅާލުންގަނޑުގައި ކުށްވެރިޔާ ހައްޔަރުކުރެއެވެ. ނޫނީ މަރާލައެވެ. ޑޮން ފިލްމުގައި އަބަދުވެސް އޭނާ ސަލާމަތްވުމަކީ ގިނަ ބައެއްގެ ތަރުހީބު މިފިލްމަށް ލިބުނު ސަބަބަކަށް ވެދާނެއެވެ. ނަމަވެސް ދައްކަން މިއުޅެނީ އެފިލްމުގެ ވާހަކައެއް ނޫނެއެވެ. ޑޮންގެ ގަދަ ވާހަކައެއްވެސް ނޫނެވެ.
ރާއްޖޭގައި މިހާރު ކަންތައް ވަމުންދާ ގޮތުން ބައެއް ވަގުންނާއި ގާތިލުން ނުހޯދޭނެ ކަމަށް ފާޅުކަން ބޮޑު ގޮތެއްގައި މީހުން ބުނެއެވެ. ރައްޔިތުން އެކަމާއި ސުވާލުވެސް އުފައްދައެވެ. މި ސުވާލުތަކަށް ތަހުގީގީ މުއައްސަސާތަކުން ދޭނެ ވަކި ޖަވާބެއް ނެތެއެވެ. އެއީ ރާއްޖޭގައި ހިންގާފައިވާ މާރާމާރީތަކާއި ނުރައްކާތެރި މަރުތަކަށް ބާލައިރު މިހާތަނަށް އެއްވެސް މަރެއްގެ ފުނާހަމައަށް ވާސިލް ވެވިފައިނުވާތީއެވެ.
ފަންޑުކުރި މީހުންނާއި ހަމަލާދިނުމާއި ރާވައި ހިންގުމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ޒަމާންތަކެއް ފާއިތުވެގެންދާއިރު ވެސް ނޭނގެއެވެ. ސީސީޓީވީ ކެމަރާތަކަށް އަރާފައިވާ ވަގުންގެ ފުޓޭޖް ފުލުހުންގެ އިދާރާއަށް ހުށަހެޅި ނަމަވެސް އެމީހުން ހައްޔަރު ނުކުރެވި ދެވަނަ ދުވަހު ވެސް އެގެއަކަށް ވަދެ ވައްކަން ކުރާއިރު ބޮޑެތި ގަތުލުގައި އިންސާފު ލިބޭނެ ކަމާމެދު ސުވާލު އުފެދޭނެ ނޫންތޯއެވެ.
ރާއްޖޭގައި ހިންގާފައިހުރި ބޮޑެތި ލާއިންސާނީ އަނިޔާވެރި ބައެއް ހަމަލާތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާގައިވެސް އިންސާފު ލިބުމާމެދު މިއަދު ވަނީ ސުވާލު އުފެދިފައެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ ވަގުތެއްގައެވެ. ވަޅިން ހަމަލާދީފައިވަނީ 1 އޮކްޓޯބަރ 2012 ދުވަހުގެރޭ 22:00 އިން 23:00 އަށް ޓީވީ މޯލްޑިވްސް އިން ވަގުތުން ދެއްކި "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެރޭ ދަންވަރު (2 އޮކްޓޯބަރ 2012) 00:09 ހާއިރު ޑރ އަފްރާޝީމް ދިރިއުޅުއްވި، ހ. ފުންވިލު ގެއަށް ވަޑައިގަތް ވަގުތުއެވެ.
ޑރ އަފްރާޝީމްގެ މަރުގެ މައްސަލަ ފުލުހުން 2012 ވަނަ އަހަރު ތަހުގީގު ކުރުމަށްފަހު 3 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. އެ 3 މީހުންނަކީ، ހ. ހިލްޓަން، އަޒްލިފް ރައޫފާއި ހ. ލޮބީ، ހުސައިން ހުމާމު އަހުމަދާއި، ހ. ހިކޯސްޓް، އަލީ ޝާނެވެ. އެ 3 މީހުންގެ ތެރެއިން ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގެ ދައުވާ ޕްރޮސެކިއުޓަރ ޖެނެރަލް އުފުލާފައިވަނީ ހުމާމާއި ޝާންގެ މައްޗަށެވެ.
އަޒްލިފްގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެއެވެ. ހުމާމާއި ޝާންގެ މައްޗަށް ހުށަހެޅުނު މައްސަލަތަކުގެ ޝަރުއީ މަރުހަލާތައް މިހާތަނަށް އައިއިރު އޮތީ ނިމިފައެވެ. ޑރ އަފްރާޝީމަށް ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލުމުގެ ދައުވާ ހުމާމްގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވާފައިވެއެވެ. މި ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވެއެވެ. ޝާންގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ. ކްރިމިނަލް ކޯޓުގައި އުފުލުނު ދައުވާ ސާބިތުނުވުމުން އެ މައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައެއްވެސް ނުވެއެވެ.
ފުލުހުން 4 ޑިސެންބަރ 2012 ގައި ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުالله ރިޔާޒު ވިދާޅުވެފައިވަނީ ފުލުހުންނަށް އެހާ ތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ޑރ އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ އެކަން ކުރުމަށް ބަޔަކު ދުރާލާ ރާވައިގެން ކަމަށެވެ. އެކަން ކުރުމަށް 4 މިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފައިސާ ޚަރަދުކޮށްގެން ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.
މިފަދަ އެތައް ތުހުމަތުތަކެއް ކުރެވޭއިރު މިހާތަނަށް ހައްޔަރު ކުރެވިފައި ހުރީ އަތަށް ވަޅި ދީފައި ފޮނުވާލި ހުމާމު އެކަންޏެވެ. ހަމަލާގެ ފަހަތުގައި ތިބި އެންމެން ފަސްއެޅި މިހާރު ވަނީ ފޮރުވިފައެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނު މަރާލި މައްސަލަ ވެސް އޮތީ މިފަދަ ހާލަތެއްގައެވެ. މައްސަލަ މިހާރު ބަލަމުން އަންނަނީ ބޭރުގެ އެކްސްޕާޓުން ކަމަށްވާއިރު މި އަހަރުގެ ނިޔަލަށް އެ މައްސަލަ ބަލާ ނިންމައި ރިޕޯޓު ނެރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން ތަހުގީގުކޮށް އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ރިޟްވާން ދިރިއުޅޭ ގޭގެ ދޮރުމަތިން ރަތްކުލައިގެ ކާރަކަށް އަރުވައިގެން އޭނާ ގެންދިޔަ ކަމަށާއި ދެން އޭނާ ކަނޑުމައްޗަށް އަރުވައި މަރާލީ ކަމަށެވެ. އަދި މަރާލުމުގެ ކުރިން ޝަހާދަތް ލައިދިން ކަމަށްވެސް ބުނެފައިވެއެވެ. އެއީ ހަރުކަށި ފިކުރުގެ ބަޔަކު ހިންގި އަމަލެއް ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް އެކަން ކުރީ ސީދާ ކޮން ބައެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން 2017 ވަނަ އަހަރުގެ 23 އޭޕްރީލް ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި މަރާލި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން ބުނެފައިވަނީ މި މައްސަލައިގެ ޝަރީއަތް ހިނގަމުން ދިޔަކަމުގައި ވީނަމަވެސް މަރުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮމިޝަނުގެ އެދުމަކީ މި މައްސަލައާ ގުޅިގެން މިހާރު ހިނގަމުންދާ ޝަރީއަތް ވީހާވެސް އަވަހަކަށް ނިމި ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބުން ކަމަށެވެ.
ޔާމީން މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.
މިތިން މަރުގެ އިތުރުން ވެސް ރާއްޖޭގައި މިހާތަނަށް ގިނަ ބަޔަކު ނުހައްގުން މަރާލާފައިވެއެވެ. ވީނުވީއެއް ނޭނގޭ މަރުތައް ވެސް ހިމެނެއެވެ. ހަގީގަތެއް ނޭނގޭ ގިނަ ވާހަކަތަކެއް ދައްކަމުންދެއެވެ. ތަފާތު އެކިއެކި ރިޕޯޓުތައް ވެސް ނެރެމުންދެއެވެ. ތަހުގީގު ކުރިއަށްދިއުމާއި ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބުމާއި ތުހުމަތު ކުރުންތަކުން އަރައި ނުގަނެވެއެވެ. ބައެއް މަރުތައް ހަރުކަށި ފިކުރަށް ނުވަތަ ސިޔާސީ ފިކުރަށް ތުހުމަތު ކުރެވުނު ނަމަވެސް މިއަދާ ހަމަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. މަރުތައް ތަހުގީގު ކުރުމަށް ވަރުވަރުން ކޮމިޝަންތަކާއި މުއައްސަސާތައް އުފައްދައި ބޭރުގެ އެކްސްޕާޓުން ގެނައި ނަމަވެސް ރިޕޯޓެއް ނެރުން ފިޔަވައި މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. ހަމަލާތަކުގެ ފަހަތުގައި ތިބި މީހުންނާއި ހަމައަށް ވާސިލްނުވެ މައްސަލައް ހިނދެނީއެވެ. ތަހުގީގުގެ އޮއިވަރު މަޑުވެ ރައްޔިތުންވެސް ހަނދާން ނެތޭ ކަހަލައެވެ. މިއަދުވެސް އެ އާއިލާތަކުން އިންސާފަށް އެދި އާދޭސް ކުރަނީއެވެ.
މިފަދަ ހާލަތެއްގައި ތިއްބާ އަނެއްކާވެސް މުޅި ގައުމު ސިއްސުވާލީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ. މެއި 6 ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގަތް އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދެވުމަށްފަހު މެއި 13 ވަނަ ދުވަހުން ފެށިގެން ޖަރުމަންވިލާތުގައި ގެންދަވަނީ ފަރުވާ ހޯއްދަމުންނެވެ. ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި، ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ މުހިއްމު ގުނަވަންތައް ފޫއަޅުވާލިއެވެ. ރޭޒާފުއްތައް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ.
މިހަމަލާގެ ތަހުގީގު ކުރިއަށްދާއިރު ޚާއްސަ އިންކުއަރީއެއް ރައްޔިތުން މަޖިލީހުންވެސް ކުރިއަށް ގެންދެއެވެ. އަދި ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވެއެވެ. ނަމަވެސް ހަމަލާ ދިނުމުގައި ފަންޑު ކުރި މީހުންނާއި ހަމަލާގެ ރާވާ ހިންގައި ފަހަތުގައި ތިބި މީހުން ހޯދޭނެ ކަމާމެދު މިއަދުވެސް ރައްޔިތުން ސުވާލު އުފައްދައެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. މިއަދާ ހަމައަށް އައިރު ރާއްޖޭގައި ހިންގާފައިވާ މިފަދަ ކޮންމެ އަނިޔާވެރި އަމަލެއްގައި ހައްޔަރުކޮށްފައިވަނީ މަގު މަތިން ވަޅި ޖަހާ މީހާއެވެ. ފުޅި ގަންނަ މީހާއެވެ. އެކަމެއް ކުރަން އޯޑަރު ދިން މީހާ ނުވަތަ ކުށް ކުރުމަށް މަގުފަހިކުރުވި މީހާއާ ހަމައަށް ވާސިލް ނުވެވެއެވެ. އެއީ އެފަދަ މީހުން ކަންބަޅީގެ ހެދުން އަޅައިގެން އުޅޭތީ ކަމަށްވެސް ވެދާނެއެވެ.
މިފަދަ ހާދިސާތަކާއި ގުޅިގެން ތަހުގީގީ މުއައްސަސާތަކަށް ފާޑު ކިޔުންތައް އަމާޒުވެފައިވެއެވެ. އިންޓެލިޖެންސް ޔުނިޓެއް އޮންނައިރު ކުރަނީ ކޮންކަމެއްތޯ ސުވާލު އުފައްދާ މީހުން މަދެއް ނުވާނެއެވެ. ގާބިލްކަމާމެދު ސުވާލު އުފައްދާ މީހުންވެސް އެހާމެ ގިނައެވެ. ނަމަވެސް ދިވެހިންގެ ގާބިލިއްޔަތަށް ބަލާއިރު ހަގީގަތުގައި ބޭރުގެ އެކްސްޕާޓުންނަށްވުރެ ވަކި ދަށެއް ނުވާނެއެވެ. އެއީ ދިވެހިންނަކީ ކުރީ ޒަމާނުއްސުރެ ފުންމިން ނޭނގޭ ކަނޑުން އެންހޯދައި ބިމު އަޑިއަށް ފައިބާފައި ހުންނަ ފަލަމަޑީގެ ބާވަތްތައްވެސް ހޯދައިގެން ކައިބޮއެ އުޅުނު ބަޔަކަށްވާތީއެވެ. މިގޮތަށް ބަލާއިރުވެސް ދިވެހިންގެ ވިސްނުމާއި ގާބިލިއްޔަތު ވަރަށް ފުރިހަމައެވެ.
ނަމަވެސް ރާއްޖޭގައި ހިންގާ މިފަދަ އަނިޔާވެރި އަމަލުތަކުގެ ފަހަތުގައި އުޅޭ މީހުން ނުހޯދޭ ސަބަބެއް ނޭނގެއެވެ. ފިލްމުތަކުގައި ވާހެން ބޮޑެތި ވިޔަފާރިވެރިންނާއި މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިފަދަ ހަމަލާތަކުގެ ފަހަތުގައި ތިބި ކަމުގައިވާނަމަ ޑޮން ބުނާ ބީދައިން އަތުލައިގަތުން އެކަނި އުދަނގޫވާނީއެއް ނޫނެވެ. އެއީ މުސްތަހީލު ކަމެކެވެ.