ކ. މާލެ
|
25 ޖޫން 2021 | ހުކުރު 02:29
ފޮރެންސިކު ހެދުމުގެ މަސައްކަތުގައި ތަޖުރިބާކާރުންގެ ޓީމެއް ހަރަކާތްތެރިވަނީ
ފޮރެންސިކު ހެދުމުގެ މަސައްކަތުގައި ތަޖުރިބާކާރުންގެ ޓީމެއް ހަރަކާތްތެރިވަނީ
އޭޕީ
ފޮރެންސިކް
ޒަމާނީ ފޮރެންސިކާއި އިސްލާމްދީން
 
ކަމެއްގެ ހެޔޮގޮތް ކަށަވަރު ކުރުމަށް ފޮރެންސިކަކީ މުހިންމު އެއްޗެއް
 
ޒަމާނީ ފޮރެންސިކަކީ ދީން ގަބޫލުކުރާ އަސާސެއް

ލޯކާރޑް އެކްސްޗޭންޖު ޕްރިންސިޕަލަކީ އަޅުގަނޑުމެން އަޑުއަހާ އާންމު ގައިދާއެއް ނޫނެވެ. މިއީ ފޮރެންސިކުގެ މައިގަނޑު އަސާސް ތަބީއަތުގައި ހިނގާ ގޮތަށް ދެވިފައިވާ އިބާރާތެކެވެ. މާނައަކީ އެކަތި އަނެކެއްޗާއި ބީހޭ ހިނދު އެކަތީގެ މާއްދާ އަނެކައްޗަށް ނަގުލުވުމެވެ. ފޮރެންސިކު މިބަސް ނެނގިފައިވަނީ ލެޓިން ބަހެއްކަމުގައިވާ ''ފޮރެންސިސް'' މިބަހުންނެވެ.

ބަހަވީ ގޮތުން ބަލާއިރު މިބަހުގެ މާނައަކީ ހުޅުވާލެވިގެންވާ ކޯޓެއް ނުވަތަ އާންމުކޮށް ހުޅުވާލުމެވެ. ފަންނީ ގޮތުން މިބަސް މާނަކުރާކަމުގައިވާނަމަ މިބަހުގެ މާނައަކީ، ހެކި އެއްކުރުން ނުވަތަ ހެކި ހޯދުމާއި މައްސަލައަށް ހައްލެއް ގެނައުމެވެ. އެގޮތުން ކޯޓެއްގައި ކަމެއްގެ ރަނގަޅު ނުވަތަ ނުރަނގަޅު އެކަމެއްގެ އަލީގައި ކިޔައިދޭން އެނގުމެވެ.

ޒަމާން ކުރިއަރާފައިވާ މިންވަރުން މިއަދު ކުރިއަށްދާ ކޮންމެ ކަމެއްގައިވެސް ތެދުދޮގު ޔަގީންކުރުމަށް ފޮރެންސިކަކީ މުހިންމު އެއްޗަކަށް ވަނީ ވެފައެވެ. ޚާއްސަކޮށް ޖިނާއީ މައްސަލަތަކުގައި އާންމުކޮށް ބޭނުންކުރާ މައިގަނޑު ހެއްކަކީ ފޮރެންސިކު ހެއްކަށް ވަނީ ބަދަލުވެފައެވެ. ފޮރެންސިކު މިހާ ފުޅާވެފައިވާއިރު މި ފަންނަކީ އިސްލާމީ ޝަރީއަތުގައި ކިހިނެއް އޮތްކަމެއްތޯ ބަލާލުން ލާޒިމުވާނެއެވެ.

ޝައްކެއްނެތެވެ. އިސްލާމްދީނަކީ ކޮންމެ ޒަމާނަކަށްވެސް ބައްދަލު ދީނެކެވެ. ފޮރެންސިކަކީ ކީރިތި ގުރުއާނުގައި ވަރަށް ސާފުކޮށް ބަޔާންވެގެންވާ ކަމެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ހާދިސާއެއް އޮތީ ޔޫސުފު ސޫރަތުގައެވެ. ޔޫސުފު ސޫރަތުގެ 7 ވަނަ އާޔަތުގައި ވަހީކުރައްވައި ބަޔާންކުރައްވާފައިވެއެވެ. ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚުންގެ ވާހަކައިގައި ސުވާލުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ. މިސޫރަތުގައި ވަނީ ތާރީޚީ ވަރަށް މަޝްހޫރު ހާދިސާއެވެ.

ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު ވަޅަކަށް އެއްލާލަނީއެވެ. އަދި ގަމީސްކޮޅު އަތުލައި މިނިކާ ޖަނަވާރެއްގެ ލޭ ގަމީސްކޮޅުގައި އުގުޅުމަށްފަހު ބައްޕާފުޅު ޔައުގޫބުފާނަށް އަރުވައެވެ. ސާބިތުކޮށްދޭން މަސައްކަތްކުރީ މިނިކާޖަނަވާރެއް ޔޫސުފުގެފާނު ކާލިކަމަށެވެ. އެހިނދު ޔައުގޫބުފާނު ވިދާޅުވިއެވެ. ''ކޮންއިރަކުތަ މިނިކާޖަނަވާރު ވިސްނުންތެރި އެއްޗަކަށްވީ. ޔޫސުފު ކާލިއިރު ގަމީސް ވީދާނުލީ'' މިއީ ފޮރެންސިކު ވާހަކައެވެ.

އެވަޅުން ޔޫސުފުގެފާނު ނަގަނީ ދަތުރުކުރަމުން ދިޔަ ގާފިލާއެއްގެ ބަޔަކު ފެންހޯދުމަށް ވަޅުދޮށައް އައިސްފައެވެ. އެމީހުން ޔޫސުފުގެފާނު ވިއްކާލަނީ މިސްރުގެ އަޒީޒަށެވެ. މިސްރުގެ އަޒީޒުގެ އަބިކަނބަލުން ޔޫސުފުގެފާނާއިމެދު ކަންކަން ކުރެއްވި ގޮތް އެސޫރަތުގެ 27 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. ވަހީ ކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނު ގަމީސްކޮޅު ވީދިފައިވަނީ ފުރަގަހުންނަމަ އެކަނބުލޭގެ އެހެދީ ދޮގެވެ. އަދި އެކަލޭގެފާނު އެވަނީ ތެދުވެރިންގެ ތެރެއިންނެވެ. 28 ވަނަ އާޔަތުގައި ބަޔާންވެގެންވެއެވެ. ފަހެ، އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުމުން އޭނާ (އެބަހީ: އެކަނބުލޭގެ ފިރިމީހާ) ބުންޏެވެ. ހަމަކަށަވަރުން އެއީ ތިޔަކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ.

މިހާދިސާގައި ކަންތައް ވެގެންދާގޮތަކީ މިސްރުގެ އަޒީޒުގެ އަނބިކަބަލުން ޔޫސުފުގެފާނަށް ފާހިޝްކަމަކަށް ދައުވަތު ދެއްވުމުން އެކަލޭގެފާނު އެކަމަށް އިންކާރު ކުރައްވައި އެތަން ދޫކުރައްވާ ނުކުންނަވަން މަސައްކަތް ކުރެއްވިއެވެ. އެހިނދު އެކަމަނާ އެކަލޭގެފާނުގެ ގަމީސްކޮޅުގައި ހިފިއެވެ. އެވަގުތު ގަމީސްކޮޅު ވީދައިގެން ދިޔުމުން އެކަމަނާގެ އަތަށް ގަމީސްކޮޅު ދޫކުރައްވާ އެތަނުން އެކަލޭގެފާނު ނުކުންނަވައެވެ.

މިތަނުގައި ފޮރެންސިކު ވާހަކައަކީ ގަމީހެއްގެ ކުރިމަތިން ވީދައިގެންދާނީ ނުވަތަ ގަމީހެއްގެ ކުރިމައްޗަށް ހަމާލާއެއް އަރާނީ ކުރިމަތިލުމެއްގެ ތެރެއިން އެމީހަކުވެސް ކުރިމަތި ލުމުންނެވެ. ކުރިމައްޗާއި ކުރިމަތި ދިމާވުމުންނެވެ. ފުރަގަހަށް ހަމަލާއެއް އަރާނީ އެތަނުން ދާން މަސައްކަތް ކުރުމުން ނުވަތަ ފިލަން މަސައްކަތް ކުރުމުންނެވެ. އެހިނދު އެމީހަކު ހުންނާނީ ފުރަގަސް ދީގެންނެވެ. މިހާދިސާގައި ޔޫސުފުގެފާނުގެ ގަމީސްކޮޅު ފުރަގަހުން ވީދިފައި އޮތުމުން އެކަލޭގެފާނު އެތަނުން ދުރަށް ދިޔުމަށް މަސައްކަތް ކުރައްވާފައިވާކަން ހާމަވެއެވެ.

ޑީއެންއޭ ފޮރެންސިކަށް ބަލާލާއިރު ޑީއެންއޭއަކީ އިންސާނަކު އުފެދުމުގެ އަސްލެވެ. މިކަމަށްވެސް ގުރުއާނުގައި ރިއާޔަތްކުރެވިފައިވާކަން ފާހަގަކުރަމެވެ. ސޫރަތުލް މުއުމީނީންގެ 13 ވަނަ އާޔަތުގައި ތިމަން ރަސްކަލާނގެ އިންސާނާ ރައްކާތެރި ތަނެއްގައި މަނިތިއްކެއްގެ ގޮތުގައި ލެއްވިކަމަށް ބަޔާން ކުރައްވާފައިވެއެވެ. އަދި 14 ވަނަ އާޔަތުގައި އެ މަނިތިކި، ގަނޑު ލޭކޮޅަކަށް ހެއްދިކަމާއި، ދެންފަހެ، އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދިކަމަށް ބަޔާންކުރައްވާފައިވެއެވެ.

ފިންގަރ ޕްރިންޓް ނުވަތަ އިނގިލީގެ ނިޝާނުގެ ފޮރެންސިކަށް ބަލާލާއިރު އިނގިލީގައި ހުންނަ ރިޖުތަކުގެ ކުރެހުންތައް އެހެންތަނަކަށް ނަގުލުވުމަކީ އެތަނެއްގައި އިނގިލިޖެހުމުން ވާކަމެކެވެ. މިއީ ލޮކާރޑް އެކްސްޗޭންޖް ޕްރިންސިޕަލެވެ. މި ކުރެހުންތައް އެއްއިނގިލި އަނެއްއިނގިއްޔާ އަދި އެއްއިންސާނާކާއި އަނެއްއިންސާނަކާއި ތަފާތުކަންވެސް މިޒަމާނުގެ ސައިންސުގެ ހޯދުމުން ދައްކައެވެ.

އިނގިލީގެ ނިޝާނުގެ ވާހަކަވެސް ގުރުއާނުގައި ވަނީ އައިސްފައެވެ. ސޫރަތުލް ގިޔާމަތުގެ 4 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. އެހެނަކުންނެއްނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަހަމަކުރެއްވުމަށްވެސް ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ. ތަފްސީރު އިލްމުވެރިން ހާމަކުރައްވާފައިވާ ގޮތުން އިނގިލިތައް އެއްވަރުކުރަން ކުޅަދުންވަންތަކަމަށް ވަހީ ކުރައްވާފައިވަނީ އިނގިލިތައް މިހާރު ހުންނަ ގޮތުން ތަފާތުތަކެއް ހުރުމުންނެވެ.

ކޮންމެއަކަސް ޒަމާނީ ގޮތުން ހޯދާ ތަރައްގީކޮށްފައިވާ ފޮރެންސިކަކީ މީގެ 1400 އެތައް އަހަރެއް ކުރިން ގުރުއާނުގައި ބަޔާންވެގެންވާ ކަންކަމެކެވެ. އެހެންކަމުން ޒަމާނީ ފޮރެންސިކަކީ އިސްލާމްދީނުގައި ބަލައިގެންފައިވާ އިލްމެކެވެ. ސައިންސުގެ އިލްމަކީ ހޯދިވަރަކަށް ހޯދޭ އެއްޗެކެވެ. ޑީއެންއޭގެ އިލްމު އިންސާނުންނަށް ހޯދިފައިވާކަމަށް ރެކޯޑްކުރެވިފައިވަނީ 1865 އަހަރުއެވެ.

ސައިންސުގެ އިތުރު ހޯދުންތަކާއި ޒަމާނީ ފޮރެންސިކުގެ އިލްމުތައް ހޯދުމަށްވެސް އިސްލާމްދީން ބާރު އަޅާފައިވެއެވެ. އެކަން އެނގެނީ ސޫރަތުލް ގާސިޔަތުގެ 17 ވަނަ އާޔަތާއި 18 ވަނަ އާޔަތާއި 19 ވަނަ އާޔަތާއި 20 ވަނަ އާޔަތުގައި ޖަމަލު ހައްދަވާފައިވާ ގޮތާއި، އުޑު އުފުއްލަވާފައިވާ ގޮތާއި، ފަރުބަދަތައް ކޮޅަށް ނަންގަވާފައިވާ ގޮތާއި، ބިން ފަތުރުއްވާފައިވަނީ ކޮންފަދައައަކުން ކަމާއިމެދު އެއުރެން އެ އެއްޗެއްސައް ނުބަލަނީ ހެއްޔޭ ވަހީކުރައްވާފައިވުމުންނެވެ.

މީގެ އިތުރުންވެސް ޒަމާނީ ޕޮރެންސިކާއި ގުޅޭ އެތައް ވާހަކަތަކެއް އިސްލާމްދީނުގައި ކަނޑައެޅިގެން އެނގެން ހުންނާނެއެވެ. އެހެންނަމަވެސް މިފަދަ ކުޑަ އާޓިކަލެއްގައި ތަފްސީލުތައް އެންމެ ބޮޑުމިންވަރަށް ހާމަކުރުމަކީ އުނދަގޫކަމެކެވެ.

Advertisement
ކޮމެންޓް