ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 15:51
އަމީނީމަގުގައި ތާރުއަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު
އަމީނީމަގުގައި ތާރުއަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު
އާރްޑީސީ
މަގޭ ރިޕޯޓް
12 މިލިއަނަށް ފެންހިންދާނުލެވުނު އަމީނީމަގު، މިސަރުކާރުން ޒަމާނީ މަގަކަށް.....
 
ދެފަހަރަށް އިއުލާންކޮށްގެންވެސް ޔާމީން ސަރުކާރުން އަމީނީމަގު ނުހެދީ ކީއްވެ؟
 
މުއިއްޒު ކުރިން ވިދާޅުވީ އަމީނީމަގުގައި ފެންބޮޑުވާ ހަނދާންވެސް ނުހުންނާނެކަމަށް
 
ޔާމީން ސަރުކާރުން ދެފަހަރަށް އިއުލާންކޮށްފައިވެސް ނުފެށި މިމަޝްރޫއު، 10 މަސްތެރޭ ނިންމާނެ

"މިހާރު އަމީނީ މަގުގައި ފެން ބޮޑުވާ ހަނދާނެއްވެސް ނުހުންނާނެ" ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރު މާލޭ ސިޓީގެ މޭޔަރ ޑރ މުއިއްޒު ވިދާޅުވުމުން ރައްޔިތުން ތިބީ ވަރަށް ހެވިފައެވެ. އެކަމާ އުފާ ނުކުރާނެ ހަމަ އެކަކުވެސް އޭރަކު ނެތެވެ. ވާނީވެސް އެހެންތާއެވެ. އެއީ ގިނަ އޮފީސްތަކެއް ހުންނަ މަގެކެވެ. ހަތަރު ސްކޫލެއް އެމަގުގައި ހުރެއެވެ. ވާރޭކޮޅެއް ވެހިލާއިރަށް އެޖެހޭ ތަކުލީފެކެވެ. މަދު ފަހަރަކުނޫނީ ކަކުލާ ހަމައަށް ފެންބޮޑު ވެއެވެ. ސައިކަލްތައް ދުއްވެނީ ފެނުއަޑިން ކަހަލަ ގޮތަކަށެވެ.

މުއިއްޒު އޭރު އެހެން ވިދާޅުވީ ހަމަހުރެލާފައި ވިދާޅުވި ބަހެއްގެ ގޮތުގައެއް ނޫނެވެ. ބޮޑުސިންގާހާ ލާރިގަނޑެއް ޚަރަދުކޮށްގެން ބޮޑު މަސައްކަތެއްކޮށް ނިންމާލާފައެވެ. އާދައިގެ އަދަދެއްގެ ފައިސާއެއް ނޫނެވެ. އަމީނީމަގުގެ ފެންބޮޑުވުން ހައްލުކުރަން ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ ހައުސިންގ މިނިސްޓްރީން 12.9 މިލިއަން ރުފިޔާ ހޭދަކުރިއެވެ. ނިންމާލާފައި އޭގެ ސަޅި ފުދޭވަރަކަށް ކެނޑިއެވެ. ފެން ބޮޑުވާ ހަނދާނެއް ނުހުންނާނެ ކަމަށް މުއިއްޒު ވިދާޅުވި ވިދާޅުވުންވެސް އެއީ އޭގެ ތެރެއިން ކުޑަމިންވަރެކެވެ. ރައީސް ޔާމީންގެ 2013 ގެ ކެމްޕެއިންގައި އެމަގުގެ ފެންބޮޑުވުން ހައްލު ކުރައްވާނެކަމަށް ވިދާޅުވުމުން ދެއްވި ވޯޓާއެކު އެމަނިކުފާނު ހޮވިވަޑައިގެން އެކަން ހައްލު ކުރެވުނު ކަމަށް ބުނެއެވެ.

ތޭރަ މިލިއަނެއްހާ ރުފިޔާއަށް ކޮށްނިންމުނު ކަމެއްގެ ހަނދާން ނެތުނީ ރައީސް ޔާމީނާއި ޑރ މުއިއްޒުއަށެވެ. ވާރޭވެހުމާއެކު ޖެހުނީ ކުރީގެ އޮތް ހާލެވެ. ރައްޔިތުން ޖެހުނީ ބަރަހަނާވާވަރަށް ފޮށާ ނަގައިގެން މަގު ހިނގާށެވެ. ސްކޫލު ކުދިންނަށް ޖެހުނީ ބޫޓުތައް އަތަށް ނަގައިގެން މަގު ހުރަސްކުރާށެވެ. ހަނދާން އާވީ ދެން މިތާކު ފެނެއް ނުހެދޭނެޔޭ. މިއޮތީ އެކަން ހައްލު ކޮށްފައޭ ރައީސް ޔާމީނުގެ ސަރުކާރުން ވިދާޅުވި ވާހަކައެވެ.

މިލިޔަނުން ޚަރަދުކޮށްގެން ވަތަކުތޯ ނުޖެހި ހައްލެއް ނުލިބުނު އިރު އެމަގުގެ އިތުރު މަޝްރޫޢަކަށް ރައީސް ޔާމީންގެ ސަރުކާރުން ދެފަހަރަށް އިއުލާން ކުރެއްވިއެވެ. އަމީނީމަގުގައި ތާރު އަޅައި އެމަގު ރަނގަޅު ފެންވަރަކަށް ހެދުމަށެވެ. ފުރަތަމަ އިއުލާން ކުރީ 2015 ވަނަ އަހަރުއެވެ. އެއަހަރަކު އެކަމެއް ނުފެށުނެވެ. އަނެއްކާވެސް އާކޮށްލާފައި އާބޮޑު މަޝަރޫޢެއްގެ ގޮތުގައި 27 ސެޕްޓެމްބަރ 2016 ގައި އަމީނީމަގު ހެދުމުގެ މަޝްރޫޢު ރައީސް ޔާމީން އިއުލާން ކުރެއްވިއެވެ. އެއީ 5 ފެބްރުއަރީ 2017 ގައި މަސައްކަތް ފަށައި ދައުރު ނިމުމުގެ ކުރިން 11 ޖޫން 2017 ގައި ނިންމާ ގޮތަށެވެ.

އެބުނާ ފެބްރުއަރީއަކާއި ޖޫންއެއްވެސް އައިސްފަ ދިޔައެވެ. އަދި ދައުރުވެސްނިމި އެ ވެރިކަންވެސް ނިމުނީއެވެ. އަމީނީމަގު ރަނގަޅު ފެންވަރަކަށް ހަދަން ކީއްކުރަން ހެއްޔެވެ. އެކަން ކުރަން ކޮށްލި ކަމެއްވެސް ފެންނާކަށް ނެތެވެ. އެކަމަކު ކުރެވުނުކަމެއް އެބައޮތެވެ. އެމަގު ބާއްވާފައި ބާރުލާފައި ވަކި ހިސާބަކަށް ތާރުއެޅި މަގެއް އެބައޮތެވެ. ބޮޑުތަކުރުފާނު މަގެވެ. ގައިމުވެސް ހައްލުވި ކަމެއް އޮތެވެ. ރައީސް ޔާމީނަށް އެމަނިކުފާނު ފަހުން ބައްލަވައިގެން ގެކޮޅަށް، ކިތަންމެ ވިއްސާރައަސް ފެންތިއްކެއްގައި ފައިންޕުޅު ޖައްސަވާލައްވަން ޖެހިވަޑައިނުގަތް އެގެކޮޅަށް ވެންނެވޭނެގޮތްވުމެވެ. އެތައް ބަޔަކަށް ތުރާލަކަށްވި އަމީނީމަގު އޮތްގޮތައް ބާއްވާފައި އެކަންކޮށް ނިންމާލެއްވިއެވެ.

ބައެއް މީހުން އޭރުވެސް މިހާރުވެސް ބުނެ އުޅެއެވެ. ރައީސް ޔާމީން އަމީނީމަގު ނުހެއްދެވީ އެމަނިކުފާނުގެންގުޅުއްވާ ޚާއްޞަ ސިޔާސަތުގެ ތެރެއިންނެވެ. ތަންކޮޅެއް މަޝްރޫޢު ކުޑައީއެވެ. އެންމެ ހައެއްކަ މަސްދުވަހުން ނިންމާލެވޭތީއެވެ. އަގު ކުޑައީއެވެ. ރައީސް ޔާމީނާމެދު ތުހުމަތު ކުރާހެން ބިޔަ މަޝްރޫއަކުން އެލިބޭ ނަފާވެރިކަން ކުޑަ މަޝްރޫޢަކުން ނުލިބިދާނެތީއެވެ. ބޮޑެތި މަޝްރޫއުތަކުން ލިބުނުކަމަށް ތުހުމަތުކުރާފަދަ އެއްޗެއް އަމިއްލަ ޖީބަށް ނުވަދެދާނެތީއެވެ. ވީގޮތެއް އެނގޭނީ ރައީސް ޔާމީނަށާއި މުއިއްޒުއަށެވެ. ހަމަ ގައިމުވެސް ތޭރަމިލިއަނެއްހާ ރުފިޔާއަށް ހިންގި މަޝްރޫއާއި ހިންގަން އުޅުނު މަގު ހެދުމުގެ މަޝްރޫއުން ރައްޔިތުންނަށް ވީކަމެއް، ލިބުނު ހިތްހަމަ ޖެހުމެއް ނެތެވެ.

އެފައިސާއާއި އެމަޝްރޫއުގެ ވާހަކަ އަނެއްކާވެސް ރައްޔިތުންގެ ހަނދާނަށް އައީ، ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރުން އެމަގުގެ ސީދާ އަމަލީ މަސައްކަތް ފެށްޓެވީތީއެވެ. އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ރައީސް އިބޫގެ ސަރުކާރުން މިހާރު އެވަނީ ފަށްޓަވާފައެވެ. ރައްޔިތުން ހަނދާންއާވީ އެރަސްމިއްޔާތުގައި އޭރުގެ ހައުސިންގ މިނިސްޓަރ ޑރ މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވީމައެވެ. ތޭރަމިލިއަނެއްހާ ރުފިޔާއަށް ގަތްގަނޑަކަށް، ދެފަހަރަށް އިއުލާންކޮށް ދައުރު ނިމުނުއިރުވެސް މަސައްކަތް ނުފެށުނުކަން ހަމަ ގައިމުވެސް މުއިއްޒުގެ ހަނދުމަފުޅުގައި ހުންނާނެތާއެވެ.

އަމީނީމަގުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ ޢަމަލީ މަސައްކަތް މިސަރުކާރުން މިފެށީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިމަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި އާރްޑީސީގެ އެމްޑީ، މޫސާ އަލި މަނިކު ވިދާޅުވީ އަމީނީމަގު ހެދުމުގެ މަސައްކަތް ފަށަނީ އެ މަގުގެ ހާލަތު އޮތް ގޮތުން ރައްޔިތުންނަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހި، އެ ނުތަނަވަސް ޝަކުވާތަކަށް ނިމުން ގެނެސްދިނުމުގެ ގޮތުން ކަމަށެވެ.

"ވިއްސާރަ ދުވަސްވަރުގައި ނަމަ މިއީ ޒުވާނުންގެ ބަހުން އަމީނީ މަގެއް ނޫން، މިއީ އަމީނީ ކަނޑު ނުވަތަ އަމީނީ ސުވިމިން ޕޫލު،" އޭނާ ވިދާޅުވި އެވެ.

"މިއަދު މި މަސައްކަތް އާރުޑީސީން މި ފަށަނީ، ފެންފޮދެއް ހަމަ ވެހޭއިރަށް ތިޔަ ބޭފުޅުން ކަނޑުވިޔަ ނުދީ ސަލާމަތްކޮށްދިނުމުގެ މަތިވެރި މަގުސަދާވެސް އެކުގައި." މޫސާ އަލިމަނިކު ވިދާޅުވިއެވެ.

މިމަޝްރޫޢު ނިމޭއިރުނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިނގާބިގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބުރައިލް ބުލޮކްސް ޖަހައި ވީލްޗެއާ އެކްސަސް ޤާއިމް ކުރެވޭނެއެވެ. މަގުގައި ބަސް ހުއްޓިތަކާއި ޕާކިން ޒޯންތައް އަދި ސައިން ބޯޑުތަކާއި ބަމްޕަރުތައް ލުމުގެ އިތުރުން މަގު ބައްތިތައް ބެހެއްޓުމާއި މަގު ފެހިކުރުމަށް ޓްރީ ޕޮޓް ބަހައްޓާނެއެވެ. މީގެ އިތުރުން 84 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ސްޓޭކް ހޯލްޑަރުންނަށް ހާއްސަކޮށް ކޭބަލްތައް އެޅުމަށް ކޭބަލް ޓްރޭ މަގުގެ ދެފަރާތުގައި ޤާއިމްކޮށް އެޗްވީ ކޭބަލަށް ހާއްސަކޮށް ޖަންކްޝަންތަކެއް ޤާއިމް ކުރެވޭނެއެވެ. އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅައި، ފެންހިންދާ ނިޒާމެއް ގާއިމްކުރާނެ އެވެ.

ކޮންމެއަކަސް މި މަގު ނިމިގެންދާއިރު އަމީނީމަގު ފެނިގެންދާނީ ޒަމާނީ މަގެއްގޮތުގައެވެ. ހުރިހާ އެންމެނަށްވެސް ބޭނުންކުރަން ފަސޭހަ ރައްކާތެރި މަގެއްގެގޮތުގައެވެ. އަމުދުން ތޭރަމިލިއަނެއްހާ ރުފިޔާއަށް ހިންދާ ނުލެވުނު ފެންކޯރުތަކުން ސަލާމަތްވާނެ މަގެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް