ކ. މާލެ
|
18 ޖޫން 2021 | ހުކުރު 23:13
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރާއްޖެއެމްވީ
ނަފްރަތު އުފެއްދުން މަނާކުރުމުގެ ބިލް
ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
 
ބިލަށް ފާޑުކިޔަނީ ބިލުގައި އޮތް އެއްޗެއް ރަނގަޅަށް ނޭނގި
 
މުސްލިމަކާއި ދިމާއަށް ކާފަރެކޭ ނުބުނެވޭނެ
 
ނަފްރަތުގެ އަމަލުތަކުގެ ބިލުގައި ދީނާ ޚިލާފުކަމެއް ނެތް

ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތު (ގާނޫނު ނަންބަރ 9/2014) އަށް އިސްލާހެއް ގެނަމުގެ ބޭނުމުގައި ސަރުކާރުގެ ފަރާތުން 2021 މެއި 25 ވަނަ ދުވަހު ރައްޔިތުން މަޖުލީހަށް ބިލެއްވަނީ ހުށަހަޅާފައެވެ. މިބިލު ހުށަހަޅާފައިވަނީ ގާނޫނުލް އުގޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް ނަންބަރެއް އިތުރުކޮށް، 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލުތައް ހިންގުމަކީ ކޮބައިކަމާއި އެއީ ކުށެއްކަން ކަނޑައެޅުމަށެވެ.

މިބިލުގައި ކުށްކަމަށް ކަނޑައަޅާފައިވަނީ 4 ކަމެކެވެ. އެއީ އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާދީނާއި ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމާއި، އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމުގައި މީހަކާމެދު ނަފްރަތު އުފެއްދުމާއި، އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި، އާންމު ތަނެއްގައި، މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަކުރުމެވެ.

މީގެ އިތުރުން މަތީގައި ބަޔާންކޮށްފައިވާ ކަންކަންކުރުމަށް މީހަކާއި ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި، ހިތްވަރު ދިނުމާއި، ބަރިވުން ކުށްކަމަށް ކަޑައަޅާފައިވެއެވެ. އަދި ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުމާއި، ރޭވުމާއި، އެމީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް ބަލައި އަނިޔާވެރިވުންވެސް މަނާކުރެވިފައިވެއެވެ.

މަތީގައި ބަޔާންވެގެންވާ ކަންކަމަކީ މީގެ ކުރިންވެސް ދިވެހިރާއްޖޭގެ އެހެން ގާނޫނުތަކުގައި ކުށްގޮތަށް ކަނޑައަޅާފައިވާ ކަންކަމެވެ. އެގޮތުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރުމުގެ ގާނޫނާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި، ގާނޫނުލް އުގޫބާތާއި ދީނީ އެއްބައިވަންތަންކަން ހިމާޔަތްކުރުމާއި ބެހޭ ގާނޫނު މީގެ ތެރޭގައި ހިމެނެއެވެ.

އެއްވެސް މުސްލިމަކާއި ދިމާއަށް އެމީހަކީ ކާފަރެކޭ ބުނުމަކީ އިސްލާމް ދީނުގައި ހުއްދަކުރާ ކަމެއް ނޫނެވެ. މީހަކު އިސްލާމްދީން ދޫކޮށް އެހެން ދީނަކަށް ގޮސްފިނަމަ ނުވަތަ މާތްﷲ އަށް އުރެދިއްޖެނަމަ އެމީހަކާއި މެދު އަމަލުކުރުމުގައި އިސްލާމްދީނުގައި ރިވެތި އިޖުރާއަތްތަކެއްވެއެވެ. އެމީހަކީ ކާފަރެއްގެ ގޮތުގައި ގޮވުމާއި، އަނިޔާވެރިވުމާއި، މީހުންގެ ކުރިމަތީގައި ނަފްރަތު އުފެދޭ އަމަލުތައް ހިންގުމަކީ އިސްލާމްދީނުގައި އެކަން ކުރުމަށް އޮންނަ ގޮތެއް ނޫނެވެ.

އިސްލާމްދީނަކީ އެއްބައިވަންތަކަމަށް ގޮވާލާ، އަނިޔާވެރި އަމަލުތަކާއި، ފިތުނަ ފަސާދަ އުފެދޭ އަމަލުތަކުން އެއްކިބާވުމަށް ބާރުއަޅާ ދީނެކެވެ. އިސްލާމްދީން ދޫކޮށް މާތްﷲ އަށް އުރެދިއްޖެނަމަ އެމީހަކާއިމެދު އަމަލުކުރުމަށް އޮންނަ އިޖުރާއަތަކީ އެމީހަކު އެނބުރި ދީނަށް އައުމަށް ކަމާއިގުޅޭ އިދާރާތަކުން ގޮވާލުމެވެ. އަދި އެއިދާރާތަކަށް އެމީހަކު ހާޒިރުކޮށް ނަސޭހަތްދިނުމާއި ދީނަށް އެނބުރި އައިސް ތައުބާވުމަށް ބުނެދިނުމާއި ހެޔޮގޮތް ކިޔާދިނުމެވެ. އޭގެފަހުން ކުރާންޖެހޭ އެހެންކަންކަން ފުރިހަމަކުރުމެވެ.

އެއްވެސް ހާލެއްގައި މުސްލިމަކާއި ދިމާއަށް ކާފަރެކޭ ބުނެ އެމީހަކު ދީނަށް އުރެދިއްޖެކަމަށް ވަކިވަކި ފަރުދުންނަކަށް ކަނޑައެއް ނޭނޅޭނެއެވެ. އެކަން ކަނޑައެޅުމަށް ދައުލަތުގެ ކަމާއިގުޅުން ހުރި އިދާރާތަކެއް ހުރެއެވެ. މުޖުތަމައެއްގައި އެންމެން ތަބާވުމަށް ދައުލަތެއް ގާއިމްކުރެވިފައިވަނީ ވަކިވަކި ފަރުދުންނަށް ގޮތްނުނިންމޭ ކަންކަމުގައި ޖަމާއީ ގޮތެއްގައި ގޮތްނިންމުމަށެވެ.

މުސްލިމަކާއި ދިމާއަށް އެއްވެސް މީހަކަށް ކާފަރެކޭ ބުނުމުގެ ހައިސިއްޔަތެއް އަނެކާއަށް ލިބިގެންނުވެއެވެ. އަދި އެކަމުގެ އިލްޒާމެއްވެސް ނޭޅުވޭނެއެވެ. އަދި އަގިދާއާއި ގުޅުވައިގެން ސުވާލެއްވެސް ނުއުފެއްދޭނެއެވެ. މީހެއްގެ މައްޗަށް އެހެން ފަރުދުންގެ ހިތުގައި ނަފްރަތު އުފެދޭ ގޮތަށް އަމަލުތަކެއްވެސް ނުބެހެއްޓޭނެއެވެ. އަނިޔާވެރިވުމަށް ގޮވައެއްވެސް ނުލެވޭނެއެވެ. އެކަމަށް ހިތްވަރެއްވެސް ނުދެވޭނެއެވެ. ބައިވެރިއެއްވެސް ނުވެވޭނެއެވެ. ޝަރުއީ އަދި ގާނޫނީ ގޮތުން މިއީ ހުއްދަ ކަންކަންކަމެއް ނޫނެވެ.

މިކަންކަމަކީ ވަކި ހަވާސާއަކާއި ހުދޫދެއް އަދި އިންފާރު ވަކިކުރެވިފައިވާ ކަންކަމެވެ. ވަކި މީހަކީ ކާފަރެއްގެ ކަމުގައި ބުނެ އެމީހެއްގެ ބޮލުގައި އިލްޒާމު އަޅުވާއިރު، މީހެއްގެ އަބުރަށްވުރެ މަތިވެރިވެގެންވާ އެއްޗެއް އިސްލާމްދީނުގައި ނުވެއެވެ. ދުސްތޫރީ ގާނޫނުގެ 33 ވަނަ މާއްދާއިން އެކަން އިތުރަށް ޔަގީންކޮށްދެއެވެ. އަދި ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ ގާނޫނުތަކުންވެސް އެކަން ކަށަވަރުކޮށްދެއެވެ.

މީހެއްގެ އަމަލުތަކަކީ އިސްލާމް ދީނާއި ޚިލާފު އަމަލުތަކެއްކަމުގައިވާނަމަ އެކަން އެއީ ދީނާއި ޚިލާފުކަމެއްކަން ކަނޑައަޅާނީ ވަކިވަކި ފަރުދުންނެއް ނޫނެވެ. އެކަން ކަނޑައެޅުމަށްޓަކައި މިރާއްޖޭގައި ތަފާތު ވުޒާރާތައް ގާއިމުކުރެވިފައިވެއެވެ. އަދި ގައުމުގައި ވަލިއްޔުލް އަމުރެއްވެސް ގާއިމްވެ ހުރެއެވެ. ކަންކަމުގައި ގޮތް ނިންމާ ފަހުގެ ނިޔާ ކަނޑައެޅުމުގެ ބާރު ވަކިވަކި ފަރުދުންނަށް އޮންނަކަމުގައިވާނަމަ އެތަނެއްގައި ހިނގާނީ ކަނޑުގެ އުސޫލެވެ. ކަނޑުގެ އުސޫލަކީ ބޮޑު މަސް ކުޑަމަސް ކާލުމެވެ. ބަލި އެއްޗެއްގެ މައްޗަށް ގަދަ އެއްޗެއް ބާރުވެރިވުމެވެ.

މުސްލިމު އެއްވެސް މީހަކާއި ދިމާއަށް ކާފަރެކޭ ނުބުނެވޭނެ ބީދައިން، މުސްލިމަކާއި ދިމާއަށް ކާފަރެކޭ ބުނާ މީހާވެސް އެހެން ބުނުމުން ނުކުންނަ ނަތީޖާއަކީ އެހެންބުނި މީހަކާއި ދިމާއަށް އެހެން މީހުންވެސް ކާފަރެކޭ ބުނުމަށް ލައިސަންސެއް ދެވެނީއެވެ. އިސްލާމްދީނަކީ ނަފުރަތުގެ އަމަލުތަކަށް ހިތްވަރުދޭ ދީނެއް ނޫނެވެ. ބަޔާންވެގެންވާ ގާނޫނުގައި ލިޔެވިފައިވާ މާއްދާތައް ފެންނަން އެހުރީއެވެ. އެމާއްދާތަކުގައި އިސްލާމްދީނާއި ޚިލާފު އެއްވެސް ބަހެއް އިބާރާތެއް އަދި ދީނީ ކަންކަން ތަތުބީގުކުރުމަށް ހުރަސްއެޅޭނެ ކަމެއްވެސް ފެންނާކަށް ނެތެވެ.

ރިއާޔަތްކުރަމުން މިއަންނަ ބިލު، އިސްލާމީ އިންތަކާއި ތައާރަޒުވާކަމަށް ބަޔަކު ބުނަމުން އަންނައިރު، މިބިލުގައި ދިވެހިބަހުން ލިޔެފައިވާ އިބާރާތްތަކާއި ވާހަކަތަކަށް ވިސްނާލީ ކިތައް މީހުންތޯއެވެ. މިބިލު ފެނުނީ ކިތައް މީހުންނަށްތޯއެވެ. އެއްވެސް ކަމެއްގައި ތިމާ އަމިއްލައަށް ގޮތެއް ނިންމާއިރު، މީހަކު ބުނާ ވާހަކައަކާއި ދައްކާހާ ކުލަވަރަކަށް ހެއްލުމުގެ ބަދަލުގައި އަމަލީ ގޮތުން އެކަން ތިމާ އަމިއްލައަށް ޔަގީންކުރުމަށްވުރެ ބުއްދިވެރި އަދި އަދުލުވެރި ގޮތެއް ނޯންނާނެކަން ޔަގީނެވެ. ރައްޔިތުން މަޖުލީހުގެ ވެބްސައިޓްގައި އެބިލު ފެންނަން އެބަ އޮތެވެ. އޮތީ ދިވެހި ބަހުންނެވެ. ކިޔަން އެނގޭ ގޮތަށް ލިޔެފައެވެ.

ފުންބަސްތަކާއި ބޭރުބަސްތަކާއި މާނަ ނޭނގޭ ބަހެއް އެބިލުގައި ނެތެވެ. އަދި ކިޔާލީމާ ބުނާ އެއްޗެއްގެ މާނަ އެނގޭ ވަރަށް ސާފުކޮށް އޮތްކަންވެސް ފާހަގަކުރަމެވެ. އަމިއްލައަށް ގޮތެއް ނިންމާއިރު، އެބުނާ ބިލަކީ އޮތް ބިލެއްތޯއާއި އެބިލުގައި ބުނަނީ ހަމަ އެހެންތޯ ބައްލަވާލެއްވުން ބުއްދިވެރިއެވެ. ދުވާލުގެ ވަގުތެއްގައި މީހަކު މިއީ ރޭގަނޑޭ ބުނުމުން ރަޖާލައިގެން ނިދުމަށްވުރެ މިއީ ރޭގަނޑުތޯ ބައްލަވާލެއްވުން ރަނގަޅެވެ.

Advertisement
ކޮމެންޓް
20 ޖޫން 2021 | އާދީއްތަ 13:44
ރަފީގުަ
މިބިލަކީ ވަރަށް ރަނގަޅު ބިލެއް މިބިލަން އަޅުގަނޑު ތާއީދުކުރަން މުުުޢުޖުތަމަޢުގެ އަމާންކަމާއި ސަލާމަތާއި ރައްކާތެރިކަން އޮންނަން ޖެހޭކަމަން އަޅުގަނޑުދެކެން
19 ޖޫން 2021 | ހޮނިހިރު 12:59
އަލް މުސްލިމް
މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަން އޮންނަވާނީ މަނާކަމެއްގެ ގޮތުގައެވެ. ނަމަވެސް މި ބިލަކީ އެމަގުސަދުގައި ހުށަހަޅާފައިވާ ބިލެއް ނޫނެވެ. އެކަން ހަމަވާނީ ހުށައަޅާފައިވާ ދެތިން ނުކުތާ އަކުންނެވެ. ފުރަތަމަ ނުކުތާގައި ވަނީ އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާދީނާއި ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުން މިފަދައިންނެވެ. ދެން އޭގެއިތުރުން ފަހު ނުކުތާގައި ވަނީ އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި، އާންމު ތަނެއްގައި، މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަކުރުމެވެ. މިދެ ޢިބާރާތުގައި ވާ މާނައަށް ބަލާއިރު ފުރަތަމަ ނުކުތާގައި ވަނީ "ވަކި މީހަކީ އިސްލާމް ދީނާ ޙިލާފަށް އުޅޭ" މި އިބާރާތްތައް މާނަކުރެވޭ ގޮތުން އެ ނިސްބަތްވާ މީހާއަކީ މުސްލިމެއް ކަމުގައި، އަދި ކޮންމެހެން ދިވެއްސަކަށް ވެސް ވާކަށް ނުޖެހެއެވެ. އެހިސާބުން އެހެން ބުނާމީހާ ކުށްވެރިވާނެއެވެ. އެ ބުނުން ނިސްބަތްވަނީ އިޒުރޭލްގެ ބޮޑުވަޒީރަށް ކަމުގައި ވިޔަސްމެއެވެ. އަދި ފަހު ނުކުތާގައި"މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަކުރުން"މި ޢިބާރާތުގައި ކަނޑައެޅިގެން މުސްލިމަކުކަން ބަޔާންކޮށްފައި އެބަވެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިތަނުގައި މުސްލިމަކުކަން ބަޔާންކޮށްފައި، ފުރަތަމަ ނުކުތާގައި ކަނޑައެޅިގެން މުސްލިމަކުކަން ބަޔާންކޮށްފައި ނުވަނީ ކީއްވެހެއްޔެވެ؟ މިކަމުގައި ފޮރުވިފައިވާ ޙަޤީޤަތަކީ ކޮބައިތޯއެވެ؟މިކަމުގައި ފޮރުވިފައި ވަނީ ލާދީނީ އެޖެންޑާއެއް ނޫން ދެން ވަކި ކޮންއެއްޗެއްތޯއެވެ؟ މިއީ އަދި މިބިލުގެ ކުޑަމިންވަރެކެވެ. ލިޔުންތެރިޔާއަށް މިފަދަ ކަންކަން ފާހަގަ ނުވާނަމަ މިފަދަ ޚަބަރުތައް މިލިޔުމަށް ނަސޭހަތްތެރި ވަމެވެ.
19 ޖޫން 2021 | ހޮނިހިރު 10:50
އެންޑީ ނިޝާން
ސައްތަ އިން ސައްތަ އިސްލާމީ ޤައުމެއްގެ މާތް ﷲ އާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރީމަ ލާދީނީ ވެސް ގޮވާނެ ، ނުވެސް ހުއްޓުވޭނެ
19 ޖޫން 2021 | ހޮނިހިރު 07:38
މަރީ
ތިބިލުގެ ސަބަބުން އިސްލާމުދީނަށް ފުރައްސާރަ ކުރާ މީހުން އިތުރުވާނެކަމަށްދެކެން މިހާރުވެސް ގާނޫނުގައި އިސްލާމްދީނަށް ފުރައްސާރަ ކުރުން ކުށެއްކަމުގައި ކަނޑައެޅިފައި އޮތްއިރުގައިވެސް އިސްލާމްދީނާއި ދެކޮޅަށް ވާހަކަދައްކާ އެއްވެސް ބަޔަކަށް އަދަބެއްދީ އެކަން ހުއްޓުވަން ދައުލަތުން މަސައްކަތެއް ނުކުރޭ އެގާނޫނު ވުޖޫދު ނުކުރެވި އެއޮތީ ކީއްވެތޯ ދަންނަބަޔަކު މުއައްސަސާތަކުގައި ތިބިހެނެއް ހީޔެއްނުވޭ ފޭސްބުކަށް ވަދެލީމާ އެބަފެނޭ ދީނާ ހިލާފަށް މީސްމީހުން ދައްކާފައި ހުރި ވާހަކަތައް އެކަމަކު ކޮބައިތޯ އެމީހުން ކޮބައިތޯ އެމީހުންނަށް ދެވުނު އަދަބުތައް ެ
19 ޖޫން 2021 | ހޮނިހިރު 01:14
އަޙްމަދު
ދެން ފާޅުގަ ކޮންމެ މީހަކު ދީނަށް ފުރައްސާރަ ކުރަމުން ދުވިޔަސް ގޮވަންވީ އެއީ މޫމިނެކޭތަ.
19 ޖޫން 2021 | ހޮނިހިރު 00:14
ހުއްސަރިބައި
Tiliyunu meehaa thee dheenee ilmu veri eh tha?
19 ޖޫން 2021 | ހޮނިހިރު 00:09
ނަޝީދާ
ތީ އަންނީ އާއި ދިމާލަށް ލާދީނީ މީހެކޭ ބުނެފާނެތީ މީހުންގެ އަގަބަންދު ކުރަން ހުށަހަޅާބިލެއް
18 ޖޫން 2021 | ހުކުރު 23:46
ޖުލައި
ތީ ދީނަށް ފުރައްސާރަ ކުރާ މީހުންގެ ހިމާޔަތުގަ ހަދާ ކެހިވެރި ބިލެއް