Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކުރުން

ސަރުކާރާއި މާލޭ މޭޔަރުގެ ފުރަތަމަ ކޯޅުމުގެ މައިދާނަކަށް އިންޑަސްޓްރިއަލް ވިލެޖް!

މާލޭ ހުޅަނގު ދެކުނު ފަރާތު މޫދުން 6.9 ހެކްޓަރުގެ ބިން ހިއްކާ ގުދަންކުރުމަށް ޚާއްސަ ސަރަހައްދަކަށް އިންޑަސްޓްރިއަލް ވިލެޖް ހެދި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 16 ޖޫން 2021 | ބުދަ 13:58
ސަރުކާރާއި މޭޔަރު މުޢިއްޒުގެ ވިސްނުން ގިނަ ކަންކަމެއްގައި ތަފާތުކަން ވަނީ ފާހަގަވެފައި

ސަރުކާރާއި މޭޔަރު މުޢިއްޒުގެ ވިސްނުން ގިނަ ކަންކަމެއްގައި ތަފާތުކަން ވަނީ ފާހަގަވެފައި

މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަކީ، ތޮއްޖެހިފައިވާ މާލޭ ތެރޭގައި ހިނގާފާނެ ނުރައްކާތެރި ޙާދިސާތައް މަދުކުރުމަށްޓަކައި، މާލޭގެ އެކި ސަރަޙައްދުތަކުގައި އެކިކަހަލަ ސިނާއީ މަސައްކަތްތައް ކުރާ ތަންތަން އެކަހެރި ތަނަކަށް ބަދަލުކުރުމުގެ ބޭނުމުގައި ތަރައްޤީކުރަން ފަށާފައިވާ ސަރަޙައްދެކެވެ. 2016 ވަނަ އަހަރު ފެށި މި މަސައްކަތުގެ ދަށުން މާލޭ ހުޅަނގު ދެކުނު ފަރާތު މޫދުން 6.9 ހެކްޓަރުގެ ބިން ހިއްކާ ނިންމައި، ރިވެޓްމަންޓް ޖެހުމާއި މަގުތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

ކުރިންވެސް ފާހަގަކޮށްލި ގޮތަށް މި ބިމަކީ، މި މިހާރު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި (ޔާމީން ސަރުކާރުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި) ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން، މާލޭގެ އެތެރޭގައި ހުރި ގުދަންތަކާއި ގަރާޖު ފަދަ ތަންތަން ބަދަލު ކުރުމަށް ހިއްކި ބިމެކެވެ.

އެހެންނަމަވެސް، ޔާމީންގެ ވެރިކަން 2018ގައި ނިމުނު ހިސާބުން، މި ދެންނެވި މަސައްކަތް ވަޅުޖެހުނީއެވެ. ސަބަބަކަށްވީ ކުރީ ސަރުކާރުން މި ތަނާމެދު ދެމުންދިޔަ ނަޒަރިއްޔާތާ މުޅިން ތަފާތު ނަޒަރިއްޔާތަކުން، މި ބިމުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދެކެން ފެށުމެވެ. އެ ތަނުގައި ގުދަންތަކާއި ގަރާޖުތައް ހިންގޭނެ ކަމަކަށް ސަރުކާރުން ގަބޫލެއް ނުކުރިއެވެ. މިހާ ހިސާބުން މިކަމުގައި މިފަދަ ޕްލޭންތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވުޒާރާގެ ވެރިޔާގެ ބަސްފުޅަށް ބަލާލަމާ ހިނގާށެވެ. އިންޑަސްޓްރިއަލް ވިލެޖަކީ ކުނިބުނިންފުރި ބޮޑު "ޖަންކް ޔާރޑަކަށް" ވެފައިވާ ތަނެއްގެ ގޮތުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓަރ މުޙައްމަދު އަސްލަމްވަނީ ވިދާޅުވެފައެވެ.

ދަންނަވަންޖެހެނީ މިއަދު މިނިސްޓަރ އަސްލަމް އެ ސިފަކުރެއްވި މަންޒަރު އިންޑަސްޓްރިއަލް ވިލެޖުން ފެންނަން ހުރިކަމަށެވެ. 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މި ސަރަޙައްދުން ފެންނަނީ ކުނިބުނީގެ ފަރުބަދަތަކެވެ. ސިނާއީ މަސައްކަތްތައް ކުރުމަށް ޚާއްސަކޮށްފައިވާ މި ސަރަޙައްދު މިހާރު ފެންނަނީ އެކިޒާތުގެ ކުންޏާއި، ބައު ދަގަނޑާއި، ހަލާކުވެފައިވާ ވެހިކަލްތަކުން ފުރެމުންދާ މަންޒަރެވެ. ތަން ވަނީ ބޮޑެތި ތެޔޮ ބައުޒަރުތަކާއި، ހެވީ ވެހިކަލްތައް ޕާކުކުރާ ހާއްޔަކަށްވެފައެވެ. ބައެއް ދިމަ ދިމާގައި އެއްވެސް ތަރުތީބެއް ނެތިވެސް ވެހިކަލްތައް ޕާކުކޮށްފައި އެބަހުއްޓެވެ. މަދިރި އާލާވާފަދަ ތަންތަންވެސް އެބަހުއްޓެވެ. ސިނާއީ އެކިކަހަލަ މަސައްކަތްތައް ކުރުމަށް ބައެއް ކުންފުނިތަކަށް އިންޑަސްޓްރިއަލް ވިލެޖުން ބިން ދޫކޮށްފައިވީނަމަވެސް، ގިނަ ބިންތައް ފެންނަނީ ކުނިބުނި ޖަމާކުރާ ތަނެއްގެ ގޮތުގައެވެ. ތެޔޮ ހުސްކުރި ފީފާތަކާއި، ގޭތެރޭ ހިފާގެންގުޅޭ ސާމާނާއި، ކޮސްޓްރަކްޝަން ސައިޓްތަކުން އުކާލާ ކުނިތައްވެސް އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަށް ޖަމާކޮށްފައި އެބަހުއްޓެވެ.

މާލޭގައި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާއަށްފަހު މި ސަރުކާރުން ވަނީ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމާފައެވެ. އަދި އެހެން ސިނާއީ މަސައްކަތްތައް އިންޑަސްޓްރިއަލްއާ ވީހާވެސް ދުރަށް "ޖަންކްޔާރޑާއި" ވައިވެސް ނޭޅޭ ހިސާބަށް (ހުޅުމާލެއަށް, ނުވަތަ، ބްރިޖު އަޅައި ނިމުމުން، ތިލަފުއްޓަށް) ބަދަލު ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ހާމަކުރިއެވެ.

ކުރީގެ ޕްލޭންތައް ދޫކޮށްލާފައި މި ސަރުކާރުން ނިންމާލީ އެކަންޏެއް ނޫނެވެ. ޕްލޭނިންގް މިނިސްޓްރީއިން މި ސަރަޙައްދަށް ގެންގުޅޭ "އައު" ޕްލޭންތައް އެ މިނިސްޓްރީއިން ބޭއްވި ބައްދަލުވުމެއްގައި ވަނީ ހާމަކުރައްވާފައެވެ. ޕްލޭނިން މިނިސްޓްރީގެ ބައްދަލުވުމުގައި ދެއްކި ޕްރެޒެންޓޭޝަނުގައި ވާގޮތުން، އެ ސަރަޙައްދުގައި ސެންޓްރަލް ބަސް ޓާމިނަލް ގާއިމު ކުރާނެ އެވެ. އަދި، ޕާކިން ޒޯނަކާއި، ގަަސް ހައްދައި، އާންމުންނަށް ހިތްހަމަޖައްސާލަން ގޮސް އުޅެވޭނެ ފެހި ބިންތައް ކަނޑައަޅާނެ އެވެ. އޭގެއިތުރަށް ބީޗު ކުޅިވަރު ކުޅެވޭނެ ތަންތަން ވެސް ކަނޑައަޅާނެއެވެ. ސަރުކާރުގެ ޕްލޭން ހާމަކޮށްފައި ވަނީ މާލޭގެ އައު މޭޔަރު އެމަނިކުފާނުގެ އިންޑަސްޓްރިއަލް ވިލެޖުގެ ތަސައްވަރު ބަދަލު ނުކުރައްވާކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކަން ފެށުމަށް ސިޓީ ކައުންސިލުން ސަރވޭއެއް ވެސް ފަށާފައިވަނިކޮށެވެ.

މާލެ ސިޓީއާ ހަވާލުވެ މޭޔަރު މުޢިއްޒުގެ އެންމެ ފުރަތަމަ ފިޔަވަޅަކަށްވީ މިކަމަށް ބަދަލު ގެނައުމުގެ މަސައްކަތެވެ. އެމަނިކުފާނު މިއަދުވެސް ހުރީ ވެރިކަމުގައި އެ ޓީމު އޮތް އިރު ގެންގުޅުނު ފަލްސަފާތަކާއެކުއެވެ. އެގޮތުން ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއެކު ޖޫން 15ވަނަ ދުވަހުގައި ބޭއްވި ބައްދަލުވުމުގެވެސް މައިގަނޑު އަސާސަކަށްވީ މި ދެންނެވި މައްސަލައެވެ. ބައްދަލުވުން ފައްޓަވައި، މޭޔަރު މުޢިއްޒު އަވަސްވެވަޑައިގަތީ ކުރިން ދެންނެވި ފަލްސަފާތައް ރައްޔިތުންގެ ކުރިމައްޗަށް ހުޅުވާލެއްވުމަށެވެ. ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައި އޮތްކަމަށެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ އަޑު އިވި، މިކަމުގައި ގޮތެއް ނިންމޭނެކަމަށް ބެލެވުނެވެ. ތިން ސަތޭކައެއްހާ މީހުން ބައިވެރިވި ބައްދަލުވުމުގައި 100 އަށްވުރެ ގިނަ މީހުން ޚިޔާލު ފާޅު ކުރުމަށް އެދުނު ނަމަވެސް، ފުރުސަތު ދެވުނީ އެންމެ ހަ މީހުންނަށެވެ. އެހެން ނަމަވެސް، ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މެސެޖުގެ ޒަރިއްޔާއިން ބައެއް މީހުން ޚިޔާލު ފާޅުކުރަމުން ދިޔަ އެވެ. މި ސަބަބަށްޓަކައި ރައްޔިތުންގެ ޚިޔާލު މި ކަމުގައި ހުރިގޮތް ސާފުވާ މަންޒަރެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ސަރުކާރާއި މޭޔަރުގެ ޚިޔާލު ތަފާތުވުން ފެނުނު މީއީ ފުރަޔަމަ ފަހަރެއްވެސް ނޫނެވެ. މި ސަރުކާރުގެ ވިސްނުން ހުރީ ގުޅީފަޅަށް ނޯތު ހާބަރު ބަދަލުކޮށް، މިހާރު ނޯތު ހާބަރު އޮތް ސަރަޙައްދު، މީހުން ހިތްހަމަޖައްސާލަން ދާ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. ނަމަވެސް، ސިޓީ ކައުންސިލުން ބޭނުން ވަނީ ބަނދަރު ތިލަފުށީގައި އަޅައި، ގުޅީފަޅު ގެދޮރަށް ދޫކޮށްލުމެވެ. އެކަމަށް މޭޔަރު ވަނީ ރައީސްގެ އަރިހުން ވެސް އެދިވަޑައިގެންފައެވެ. އެއީ ކުރީ ސަރުކާރުން ގުޅީފަޅާއި ތިލަފުށި ތަރައްގީ ކުރަން ވިސްނާފައި އޮތް ގޮތް ކަމަށްވާއިރު، ރައްޔިތުން އެދެނީ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. މިކަމަށް ރައީސް ދެއްވީ ސާދާ ޖަވާބެކެވެ. ސަރުކާރުގެ ޕްލޭންތައް ހަދާފައިވަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެކުގައި ކަމަށާއި، ބަދަލެއް ގެނަޔަސް ގެންނާނީ މަޝްވަރާކުރުމަށް ފަހުގައިކަމަށެވެ.

ރައީސް ބައްދަލުކުރެއްވިއިރު، ބަސްމަގު މަޑުމައިތިރިކޮށް ފެނުނު މުޢިއްޒުގެ ރާގުފުޅު ސިޓީ ކައުންސިލުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް އައިރު ވަނީ މުޅިން ބަދަލުވެފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވީ ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލައަށް އޮތް ހައްލު ކަމަށެވެ. އެކަމަށްޓަކާ ކުރެވެން ހުރި ހުރިހާ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އެގޮތުން ރައީސާ އެކު ބޭއްވެވި މަޝްވަރާތަކުގައި ގުޅީފަޅު ޕްލޭން ރިވައިޒް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެހެންނަމަވެސް އަދިވެސް އެތަނަކީ ވިޔަފާރި ބަނދަރަކަށް ހަދައި، އިންޑަސްޓްރިއަލް ޒޯނަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ، ގުޅީފަޅު ހިއްކުމާ ގުޅޭ އީއައިއޭ ކޮންސަލްޓަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި ސިޓީ ކައުންސިލުން ވެސް ބައިވެރިވި ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ޕްލޭނާ އެއްގޮތަށް އެކަން ކުރިއަށް ގެންތާއީދު ނުކުރައްވާކަން އެ ބައްދަލުވުމުގައި ވެސް ހާމަކުރެއްވި ކަމަށެވެ.

މުޢިއްޒު ބޭނުންފުޅުވަނީ އެކުވެރިކަމާއެކު ބިނާކުރުވަނިވި މަސައްކަތްތަކެއްކޮށް، ދުރު ރާސްތާއަށް އެންމެ ރަނގަޅުވާނެ ގޮތަށް މާލޭގެ ރައްޔިތުން ގެދޮރު ވެރި ކުރުވުމުގެ މައްސަލަ ހައްލުވެގެން ދިއުން ކަމަށެވެ. އެގޮތުން ގުޅީފަޅުގެ މި ޕްލޭނަށް ބަދަލު ގެނައުމަށް ސަރުކާރާއެކު ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށާއި، އަދި ކިތަންމެ ގިނަ ބައްދަލުވުމެއް ބާއްވަން ޖެހުނަސް ބާއްވަވަން ތައްޔާރަށް ހުންނެވި ކަމަށާއި، އަދި އެ މަޝްވަރާތައް އެއްވެސް ކޮޅެއްގަ ނުޖެހިއްޖެ ނަމަ ކޯޓަށް ވެސް ވަޑައިގަންނަވަން ވެސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ހިއްކަން ފެށި ގުޅީފަޅުގައި އޭރު ޕްލޭންކޮށްފައިވަނީ ރައްޔިތުންނަށް ދޫކުރުމަށް ފްލެޓު އަޅައި ގެދޮރު ބިނާކުރާށެވެ. ނަަމަވެސް އެތަނުން ދޫކޮށްފައިވާ ތަންތަން ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭނެ ކަމަށް ބުނެ، އަދި އެއީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ އެތަން އިންޑަސްޓްރިއަލް ޒޯން އަކަށް ހަދަން ނިންމީ ޑރ. މުޢިއްޒުގެ ހައުސިން މިނިސްޓަރ ކަމުގައި ރައީސް ޔާމީންގެ ސަރުކާރުގައެވެ.

އެތަން އަނެއްކާވެސް އާންމުން ދިރިއުޅޭ ތަނަކަށް ހެދުމަށް މުޢިއްޒު މަސައްކަތް ކުރައްވާއިރު އެ މަސައްކަތުގެ ތެރެއިން ރައީސް ޞާލިޙާވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެ ނިންމުމަކީ 2015 ވަނަ އަހަރު ހަދާފައިވާ ޕްލޭންތަކުގެ ލިޔެކިޔުމުގެ އަލީގައި ފައިނަލައިޒް ކުރި ޕްލޭނެއް ކަން ރައީސް ވެސް ފާހަގަ ކުރައްވާފައިވެއެވެ.

ކޮންމެއަކަސް، މިކަމުގައި ގޮތް ނިންމަނީ ރައްޔިތުންކަމަށް މިވަނީ ބުނެފައެވެ. އެއީ އަދި ކޮންދުވަހަކުން ކަމެއް، އަދި ކިހިނެއްކަމެއް ދަންނަ ފުރާނައެއް ނެތެވެ. މިކަމުގައިވެސް ރައްޔިތުންނަށް މިޖެހުނީ ސިޔާސީ އޮއިވަރުގައި ޖެހި ބޭނުންވި ތަރައްޤީއަށް ފެންބޮވައިގެންފައިވާ ހާލު، ސަރުކާރާއި މާލެ މޭޔަރުގެ ފުރަތަމަ ކޯޅުމުގެ މަންޒަރު ބަލަން ދަނޑުން ބޭރުގައި މަޑުކޮށްލާށެވެ.

އިންޑަސްޓްރިއަލް ވިލޭޖްމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު