ބޭރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭ ގޮތަށް ފޮރިން އިންވެސްޓްމަންޓް ޕޮލިސީ އިސްލާހުކޮށް ގެޒެޓްގައި ޝާއިރުކޮށްފިއެވެ.
ކުރިން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީގެ އެނެކްސް 1 ގެ ކްލާސް ކޯޑް H3ގައި ވާގޮތުން، ފްރެއިޓް ސާވިސް ހިމެނޭގޮތަށް އެއާޕޯޓުގެ ޚިދުމަތްދެވޭނީ ބޭރުގެ 75 ޕަސެންޓް ހިއްސާވާ ކުންފުނިތަކަށެވެ.
ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީގެ އެނެކްސް 1 ގެ ކްލާސް ކޯޑް H3 އަށް ގެނައި އިސްލާހުގައި ވާގޮތުން އެއާވޭ ޓާމިނަލް ފަދަ އެއާޕޯޓު ޓާމިނަލް ފެސިލިޓީތައް ހިމެނޭގޮތަށް ބޭރުގެ ކުންފުނިތަކަށް އެއާޕޯޓު ހިންގާ އޮޕަރޭޓް ކުރެވޭނެއެވެ. އަދި އެއާޕޯޓާއި އެއާޓްރެފިކް ކޮންޓްރޯލްކުރުމާއި، އެއާފީލްޑުގައި ގްރައުންޑް ސާވިސްގެ ޚިދުމަތް ވެސް ފޯރުކޮށްދެވޭނެއެވެ.
އިސްލާހުގައި ވާގޮތުން މި ޚިދުމަތްތައް ދެވޭނީ، ފަސް އަހަރު ދުވަހު ޚިދުމަތްދޭ ކަމަށް ވާނަމަ 5،000،000 (ފަސް މިލިއަން) ޑޮލަރު އިންވެސްޓް ކުރާ އިންވެސްޓަރުންނަށެވެ. ހަމައެހެންމެ ޚިދުމަތް ދިނުމަށް އެއާޕޯޓު ކުއްޔަށް ދެވޭނީ ގިނަވެގެން 50 އަހަރު ދުވަހަށެވެ.
ޕޮލިސީ އިސްލާހުކޮށްފައި މިވަނީ، އިންޑިއާ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަމުން ދަނިކޮށެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ފަންޑުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމުގައިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް (ޑީޕީއާރް) ގެ މަސައްކަތް ފުރިހަމަކޮށް މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ހުށަހަޅާފައެވެ. އެ މަސައްކަތަށް ފަންޑުކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ހިލޭއެހީގެ ދަށުންނެވެ.
މަޝްރޫއުގެ ކޮންޓްރެކްޓް ޖުލައިމަހު ތެރޭގައި ހަވާލު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި މަޝްރޫއުގެ މަސައްކަތަށް 2 އަހަރު ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓުގައި 2,460 މީޓަރުގެ އާ ރަންވޭއެއް ހަދާ، (އޭ 320 އަދި ބޮއިންގް 737 މަރުކާގެ ބޯޓު ޖެއްސޭނެހެން) ޓާމިނަލްތަކާއި، ފިއުލް ފާމްތައް އަދި ފަޔާ ސްޓޭޝަން އާއި ކާގޯ ޓާމިނަލް އަޕްގްރޭޑް ކުރެވޭނެއެވެ. މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ކުރިއަރުވާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ އިންޖީނަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ލޯކަލް އަދި ބޭރުގެ އިންވެސްޓްމެންޓްތައް އިތުރުވެގެންދާނެއެވެ.