ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 17:26
ލިއުޝާގެ މަރުވެފައި އޮއްވާ ފެނުނީ މަރުވިތާ ފަސް ދުވަސްފަހުން
ލިއުޝާގެ މަރުވެފައި އޮއްވާ ފެނުނީ މަރުވިތާ ފަސް ދުވަސްފަހުން
ރާއްޖެއެމްވީ
ލިއުޝާގެ ކުއްލި މަރު
ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
 
މަރުވިއިރު ދިޔައީ މެތަޑޯން ފަރުވާ ނަގަމުން
 
ކުޑައިރު މަންމައާއި ބައްޕަ ނިޔާވި
 
އާއިލާއިން އަބަދުވެސް ލިއުޝާއަށް ހިތްވަރު ދެމުންދިޔަ

ކޮންމެ މީހަކުވެސް ސާދާ ރީތި ދިރިއުޅުމެއް އުޅެން ބޭނުންވާނެއެވެ. ނަމަވެސް އެކި މީހުންނަށް ދިމާވާ އެކިކަންކަމުން ބައެއް ހާލަތުގައި ދިރިއުޅުން ފުންމިން ނޭނގޭ ވަޅުގަނޑަކަށް ވެއްޓޭ ފަހަރު އާދެއެވެ. އެގޮތަށް ވެއްޓޭ ވަޅުގަނޑުން އެރުމަށްޓަކައި ބައެއް މީހުން މިއަދުވެސް މަސައްކަތް ކުރަމުންދާއިރު، އަނެއް ބައި މީހުން އަދިވެސް ތިބީ ވާންވީ ގޮތް ނޭނގިފައެވެ.

އަނދިރި ވަޅުގަނޑުން އެރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރި އެއްޒުވާނަކީ 28 އަހަރުގެ ލިއުޝާ ޝާކިރެވެ. ނަމަވެސް މަންޒިލާ ހަމައަށް ވާސިލް ނުވެވެނީސް ލިއުޝާ ވަނީ އަޅުގަނޑުމެންނާއި ވަކިވެގެން ގޮސްފައެވެ.

ލިއުޝާގެ ގެ ހުންނަ ގޯޅި - ރާއްޖެއެމްވީ

ލިއުޝާގެ ދިރިއުޅުން މަސްތުވާތަކެތީގެ ވަބާއިން ވަށާލި ނަމަވެސް ލިއުޝާގެ އާއިލާއިން އޭނާއަށް ކުރަމުންދިޔަ އުންމީދު ކަނޑައެއްނުލައެވެ. ރަނގަޅު ކުއްޖަކަށްވުމަށް އަބަދުވެސް ދިޔައީ ހިތްވަރު ދެމުންނެވެ. ނަސޭހަތް ދެމުންނެވެ.

އެގޮތުން ލިއުޝާ އަމިއްލައަށް ރަނގަޅުވާން ބޭނުންވެގެން އެކަމަށް އެދުމުން ލިއުޝާ ނޭޝަނަލް ޑްރަގް އެޖެންސީން (އެންޑީއޭ) ގެ މެތަޑޯން ޕްރޮގްރާމްގައި ބައިވެރިވެ ފަރުވާ ހޯދަން ފެށިފައެވެ. މިރަމަޟާން މަހު ފަރުވާ ނަގަން ފެށިފަހުން ލިއުޝާއަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔަކަން އާއިލާއިން ފާހަގަކޮށްފައިވެއެވެ.

ލިއުޝާ ދައްތަގެ ބަސް ''މަންމައާއި ބައްޕަ ކުޑައިރު ނިޔާވި''

ލިއުޝާގެ އުމުރުން 7 އަހަރުގައި އޭނާގެ މަންމަ ނިޔާވިއެވެ. ބައްޕަ އެހެން މީހަކާއި އިނުމުން ދޮންމަންމައާއެކު ލ. ފޮނަދޫއަށް ބަދަލުވިއެވެ. ލިއުޝާއާ އެއްބަނޑުއެއްބަފާ ހަތަރު މެމްބަރުން އާއިލާގައި ތިބި ނަމަވެސް ފޮނަދޫއަށް ބައްޕައާއެކު ބަދަލުވީ ލިއުޝާ އެކަންޏެއެވެ. 2012 ވަނަ އަހަރު ބައްޕަ ނިޔާވުމާއެކު ލިއުޝާ ވަރަށް ބޮޑަށް އެކަނިވެރިވިއެވެ.

އޭގެފަހުން މާގިނަ ދުވަހެއް ނުވެ ލިއުޝާ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުންތުންމަތިން އިވުނު އަޑުތަކާއި ގުޅިގެން އާއިލާގެ އެހެން މެމްބަރުން ލިއުޝާ މާލެ ބަދަލުކުރިއެވެ. އޭގެފަހުން ދިރިއުޅެމުން އައީ އާއިލާ މެމްބަރުންނާއެކުއެވެ.

އާއިލާއިން ކިޔައިދިން ގޮތުގައި ލިއުޝާ މާލެ ގެނެވުނުއިރު ހުރީ މަސްތުވާތަކެއްޗާ މާބޮޑަށް އަޅުދާސްވެފައެވެ.

ރަނގަޅުވާން ބޭނުންވޭ ދެފަހަރެއްގެ މަތިން ރިހެބަށް ވެސް ލިއުޝާ ދިޔައެވެ. ދުވަސްކޮޅަކު ހުއްޓާލައިގެން އުޅުމަށްފަހު އަނެއްކާވެސް މަސްތުވާތަކެއްޗަށް އަޅުދާސްވާ ކަމަށް އައިލާއިން ބުނެއެވެ.

ލިއުޝާއަކީ ވަރަށް މިޒާޖު ތަފާތު މީހެކެވެ. އޭނާގެ ޒާތީ ދިރިއުޅުމުގެ އެއްވެސް ކަމެއް އާއިލާ މީހުންނާއި ހިއްސާކޮށްފައި ނުވެއެވެ. އެއީ ކުޑައިރުއްސުރެ އެހެން ތަނެއްގައި އުޅެބޮޑުވިމަ ކަމަށް ވެދާނެއެވެ.

ދިރިއުޅުމުގައި ދިމާވާ އެއްވެސް ކަމެއް ހިއްސާނުކުރާއިރު ކުއްލި ކުއްލިއަށް ރުޅިގަނޑެއް އާދެއެވެ. އަދި ލިއުޝާ އަމިއްލައަށް ދިރިއުޅެން ބޭނުންވުމުން އެފުރުސަތު ވެސް އާއިލާއިން ފަހިކޮށްދިނެއެވެ. އެގޯޅިގަނޑުގައި އެންމެ އެތެރެއަށްވާ ގޮތަށް ހުންނަ ލިއުޝާގެ ކޮޓަރިއަކީ ކައްކާ ކެވޭ ގޮތަށް ހުންނަ ކޮޓަރިއެކެވެ. އުމުރުން 20 އަހަރުން ފެށިގެން ލިއުޝާ ދިރިއުޅެމުން އައީ ވަކިންނެވެ. ނަމަވެސް ގޯޅިގަނޑަށް ނިކުމެ އާއިލާގެ ކުދިންނާއެކު ސަކަރާތް ޖެހުމާއި އެކި ކުޅިވަރުތައް ކުޅުމުގައި ބައިވެރިވެއެވެ.

ލިއުޝާގެ ދައްތަ ކިޔަދިން ގޮތުގައި ލިއުޝާގެ ޚަބަރެއް ނުވެގެން މީގެ ކުރިންވެސް ދެތިން ފަހަރެއްގެ މަތިން ފުލުހުންނަށް ރިޕޯޓު ކުރިއެވެ. ބައެއް ފަހަރު އަތޮޅުތެރޭގެ ރަށްރަށަށް ވެސް އާއިލާއަށް ނޭނގިދެއެވެ. އަދި ހަމަސްދުވަހަށް ލަންކާއަށް ގޮސްފައިވެއެވެ. ކޮންމެ ފަހަރަކުވެސް ދިޔަކަން އެނގެނީ ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. މިގޮތަށް ދިރިއުޅެމުން އައި ކުއްޖަކު ފަސް ދުވަހަށް ނުފެނުން އެއީ މާބޮޑު ކަމަކަށް އާއިލާއަކުން ވެސް ނުހަދާނެ ނޫންތޯއެވެ.

ލިއުޝާގެ ދައްތަ ބުނީ ލިއުޝާ ނުފެންނާތީ ގޭތެރޭގައިވެސް އެވާހަކަ ދެއްކިއެވެ. އަދި ފޯނަށް ގުޅިއެވެ. ނަމަވެސް އެކަކު ގުޅައިގެންވެސް ލިއުޝާ ފޯނެއް ނުނަގައެވެ. ގޯޅިގަނޑުން ކުނިވަހެއް ދުވާތީ ބުޅަލެއް ނުވަތަ މީދަލެއް މަރުވެ ކުނިވެފައި އޮތް ކަމަށް ހީކޮށް ގޯޅިގަނޑުވެސް އެމީހުން ހޯދިއެވެ. ނަމަވެސް އެކަހަލަ އެއްޗެއް ނުފެނުނެވެ.

ލިއުޝާ ދިރިއުޅުނު ކޮޓަރި - ރާއްޖެއެމްވީ

ލިއުޝާގެ ކޮޓަރިއާ ޖެހިގެން ހުންނަ ބިލްޑިންގައި ދިރިއުޅޭ މީހުންނަށް އުދަނގޫވެ ފުރާޅު މައްޗަށް އަރާ ބަލަން ހުއްދައަށް އެދުމުން ލިއުޝާ ގާތުގައި އެހުމަށް އެދުނެއެވެ. އެއީ ލިއުޝާގެ ކޮޓަރީގެ ފުރާޅަށްވާތީ އޭނާއަށް އުދަނގުލެއް ކުރިމަތިވެ ހިތްހަމަ ނުޖެހިދާނެތީއެވެ. ނަމަވެސް ކޮޓަރީގައި ޓަކި ޖެހުމުން ވެސް ދޮރެއް ނުހުޅުވިއެވެ. އޭރު ވެސް ތަޅުނުލައި ހުރި ކަމެއް ނޭނގެއެވެ.

ކޮޓަރީގެ ތަޅުގައި ލޯ ޖަހާ ބެލުމުން މާގަދައަށް ވަސް އައުމުން އެއީ ކޮޓަރިން އަންނަ ވަހެއްކަން ޔަގީންވެ ކޮޓަރި ދޮރު ހުޅުވީވެސް ލިއުޝާގެ ދައްތައެވެ. މިމަހުގެ 2 ވީ ބުދަ ދުވަހުގެ ރޭ ދަންވަރު ލިއުޝާގެ ފުރާނަނެތް މަސްގަނޑު ފެނުމުން އާއިލާއަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ނޭޝަނަލް ޑްރަގް އެޖެންސީންގެ މެތަޑޯން ޕްރޮގްރާމްގައި ބައިވެރިވެ ފަރުވާ ހޯދަމުންދާއިރު، ފަރުވާއަށް ނުގޮސް ފަސް ދުވަހު ޚަބަރެއް ނުވުމުން އެކަން އެންޑީއޭއިން އަންގާލުމެއް ނެތްތޯ މިއީ ވެސް އާއިލާއިން އުފައްދާފައިވާ ސުވާލެކެވެ.

މެތަޑޯނަކީ ކޮބާ؟

މެތަޑޯނަކީ ބޭހާއެކު ދެވޭ ފަރުވާއެކެވެ. ކައުންސެލިންއާއި އެޑިޔުކޭޝަންގެ އިތުރުން މިހާއަށް ދިރިއުޅުން ކުރިއަށް ގެންދެވޭ ގޮތަށް ގިނަ ސެޝަންތަކެއް މިޕްރޮގްރާމްގައި ކުރިއަށް ގެންދެއެވެ.

މެތަޑޯންގެ ފަރުވާ ފަށާދުވަސްކޮޅު މަސްތުވާތަކެތި ބޭނުންކުރާ ހިތްވާނެއެވެ. އަދި ބައެއް މީހުން ބޭނުންކުރެއެވެ. މެތަޑޯންގެ ޑޯޒް ކުޑަކޮށް ފަށާ މަތިކުރަމުން ގޮސް ކުއްޖާއާ ގުޅޭ މެއިންޓަނެންސް ޑޯޒް ދިނުމުން ބޭނުންކުރުން އެއްކޮށް ހުއްޓިގެންދެއެވެ.

އިންޓަނޭޝަނަލް ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް ޑްރަގް ރިޑަކްޝަން ޓްރެއިނަރ އަލީ އަދީބު ވިދާޅުވާ ގޮތުގައި މެތަޑޯނަކީ އޮޕިއޮޑްސް، ހިރޮއިން، ބްރައުން ޝުގާފަދަ ޑްރަގަށް ދެވޭ އެންމެ ކާމިޔާބު ފަރުވާއެވެ. ރާއްޖޭގައި ބޭނުންކުރާ ބްރައުން ޝުގާއަށް އެތައް ކެމިކަލްއެއް އަޅާ ގަޑުބަޑުކޮށްފައި ހުރުމުގެ ސަބަބުން އެބޭނުން ކުރުން ހުއްޓާލާ މީހުންނަށް ފިޓް ޖެހޭ ގޮތް މެދުވެރިވާ ކަމަށް އަދީބު ވިދާޅުވިއެވެ.

މެތަޑޯން އެއީ ޑްރަގުން ސަލާމަތްވުމަށްޓަކާ ބޭނުން ކުރާ ބޭހެއް، އެ ބޭސް ގަވާއިދުން ބޭނުން ކުރަމުން ދާ މީހާއަށް ޑްރަގާ ދުރުވެވޭ، ބާރު ގަދަ ޑްރަގާ ދުރުވޭ. އެކަމަކު ފުރަތަމަ ދުވަސްކޮޅު ވަރަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިދާނެ
އިންޓަނޭޝަނަލް ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް ޑްރަގް ރިޑަކްޝަން ޓްރެއިނަރ އަލީ އަދީބު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަނީ

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު މަރުވީ ފިޓް ޖެހިގެން ކަމަށް ބެލެވެއެވެ. އަދި މަރުފޯމްގައި ވެސް ޖަހާފައިވަނީ އެހެންނެވެ. މީގެ އިތުރުން ލިއުޝާއަކީ ކުޑަ އިރުއްސުރެ ފިޓް ޖެހޭ ކުއްޖެއް ކަމަށް އާއިލާއިން ބުނެއެވެ.

އެންޑީއޭގެ ބަސް

މި ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާއިން ސާލަމަތްވުމަށް ފަރުވާ ހޯދޭނެ ހަމައެކަނި މުއައްސަސާއަކަށް އޮތީ އެންޑީއޭއެވެ. އެނޫން އެއްވެސް ތަނަކުން ފަރުވާއެއް ނުލިބެއެވެ. ޖީލެއް ހަލާކުވެދާއިރު އެމީހުންނަށް ފަރުވާ ދީ މުޖުތަމައަށް ނެރުމަށް އެންމެ ބޮޑު މަސްއޫލިއްޔަތެއް އަދާކުރާ ބަޔަކަށްވާނީ ހަމަ ޔަގީނުން ވެސް އެންޑީއޭއެވެ.

ލިއުޝާގެ ކޭހާ ގުޅޭގޮތުން އެންޑީއޭއިން ބުނީ މެތަޑޯން ފަރުވާއަށް 5 ނުވަތަ 7 ދުވަހު ނައުމުން އޮޓޯއިން ވަކިވާނެ ކަމަށެވެ. ލިއުޝާ އެންމެ ފަހުން ޕްރޮގްރާމަށް ދިޔައީ މެއި މަހުގެ 21 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން ނާންނަ ކަމަށެވެ. ފަރުވާއަށް ނާންނާތީ ލިއުޝާގެ އިތުރުން އާއިލާއާ ގުޅުމަށް މަސައްކަތް ކުރި ކަމަށާއި އެ މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް ލިބުނީ ނިޔާވި ޚަބަރު ކަމަށް އެންޑީއޭއިން ބުނެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ- ރާއްޖެއެމްވީ

މިކޭހާ ގުޅޭ ގޮތުން އަދީބު ވިދާޅުވި ގޮތުގައި ލިއުޝާ ޕްރޮގްރާމަށް ނައުމުން (އެންޑީއޭ)އިން ވީ ކިހިނެއްތޯ ބަލަން ޖެހޭ ކަމަށާއި މިއަށްވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އެހައި ދުވަސްވެގެންދާއިރު ޚަބަރު ބަލާނުލެވުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އަދީބު ވިދާޅުވިއެވެ.

މިރާއްޖޭގައި އެންޑީއޭ ފިޔަވައި ފަރުވާ ހޯދުމަށް ދާނެ އެހެންތަނެއް ނެތްއިރު މިއަށްވުރެ ބޮޑަށް މިފަދަ ކޭސްތަކަށް ސަމާލުވާން ޖެހޭކަން އަދީބު ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ފަރުވާ ނަގާ ކުދިން ފަރުވާއަށް ނައުމުން އެކުއްޖަކު ހުރި ހިސާބަކަށް ގޮސް ކަންކަން ބަލާކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ އެއްވެސް އުސޫލެއް މިންގަނޑެއްނެތި ކަންކަން ކުރުމުގެ ނަތީޖާއަކީ ފަރުވާއޭ ކިޔައިގެން ކުރެވޭ ކަންކަމުން ލިބެންޖެހޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވުން ކަމަށެވެ.

މީގެ އިތުރުން އަދީބު ވިދާޅުވީ ރާއްޖޭގައި ފަރުވާ ބައްޓަން ވަނީ ވަރަށް އަމުރުވެރިކޮށް ކަމަށެވެ. ދެމުންދާ ފަރުވާތަކަކީ ކޮން އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއްކަން ބުނެދޭން ޖެހޭ ކަމަށެވެ.

މިހެންވީމަ އަބަދުވެސް މިޖެހެނީ ފަރުވާއަށް މީހާ ސެޓްވުމުގެ ބަދަލުގަ މީހާ ފަރުވާއަށް ސެޓްވާން.
އިންޓަނޭޝަނަލް ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް ޑްރަގް ރިޑަކްޝަން ޓްރެއިނަރ އަލީ އަދީބު

ލިއުޝާގެ އިތުރުން ހަނިމާދޫގައި ޑިޓޮކްސް ފަރުވާ ހޯދަމުން އައި ޒުވާނަކުވެސް މަރުވެފައި އޮއްވާ މިއަހަރުގެ ކުރީ ކޮޅު ވަނީ ފެނިފައެވެ. މިކޭހާ ގުޅޭގޮތުން އެންޑީއޭއިން ބުނީ އެޒުވާނާ މަރުވިއިރު ހުރީ ކަރަންޓީނުގައި ކަމަށާއި ވަރަށް ގާތުން ފަރުވާގެ ކަންކަން ބަލަމުން އައި ކަމަށެވެ.

މިޒުވާނާ މަރުވިއިރު ކަމާ ގުޅުންހުރި ޑޮކްޓަރެއް ވެސް ނެތުމަކީ ކަންބޮޑުވުމެއް ނޫންތޯއެވެ. މިކޭހަށް އިޝާރަތް ކުރައްވާ އަދީބު ވަނީ ހަނިމާދޫގައި މަރުވި ޒުވާނާގެ އިންވެސްޓިގޭޝަން ރިޕޯޓު ކޮބައިތޯއާއި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯއާއި އަދި މިކޭހާއި ގުޅިގެން އެއްވެސް މީހަކަށް ފިޔަވަޅުއެޅިތޯ ސުވާލު އުފައްދަވާފައެވެ.

އެންޑީއޭ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގިނަ ބަޔަކަށް މިހާރުވެސް ފަރުވާ ދެމުންދޭ- ރާއްޖެއެމްވީ

ނިސްބަތުން އާބާދީ ކުޑަ ގައުމެއްގައި ޖީލެއް ހަލާކުވެދަނީ އެކަށީގެންވާ ފަރުވާ ނުލިބިގެން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ފަރުވާ ފެށުމުން ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކާއި އެވަމުންދާ އުނދަގޫތަކަކީ އެކަން ތަހައްމަލު ނުކުރާ މީހަކަށް ކުރެވޭނެ އިހުސާސެއް ނޫނެއެވެ.

ރަނގަޅުވާން ބޭނުންވެ އަމިއްލައަށް ފަރުވާ ފަށާ މީހުންނަށް މިހާރު ބޮޑަށް ބަލަން އެބަޖެހެއެވެ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. ރަނގަޅުވާން ބޭނުންވާ އެތައް ޒުވާނުންނެއް ތިބި ނަމަވެސް ޒިންމާމަތި ކޮށްފައިވާ އެންޑީއޭއިން އެންމެ އެކަށީގެންވާ ގޮތުގައި ޒިންމާ އަދާކުރޭތޯ މިއީ އުފެދޭ ސުވާލެއް ނޫންތޯއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ އެންޖީއޯތަކާއި ގުޅިގެންވެސް ފަރުވާ ހޯދަމުންދާ މީހުންގެ ހާލަތު މިހާރަށް ވުރެ ގާތުން މޮނިޓަރ ކުރެވޭނެއެވެ. އާއިލާއަށް ގުޅަން މަސައްކަތްކޮށް ކޮންޓެކްޓުނުވާ ހިސާބުން ދޫކޮށްލުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
25%
1%
51%
12%
3%
7%
ކޮމެންޓް
6 ޖޫން 2021 | އާދީއްތަ 09:38
ރާއްޖެ ރާއްޖެ
ރާއްޖެއެމްވީ އަށް ލިއުޝާ ފެނުނީ އޭނަ މަރުވީމަތަ؟ ކީއްވެ އޭނަ ދުނިޔޭގަ ހުއްޓާ އޭނައަށް އަށް ފަރުވާދޭށޭ ބުނެ ރާއްޖެ އެމްވީން އިންޓަރނޭޝަނަލް ކޮމިއުނިޓީގަ އެދިގެން އެކަން ނުކޮށް އޮތީ؟ ކަލޭމެނަށްވެސް އެކަން ކުރެވޭނެއެއްނު؟ ހީވަނީތަ މަސްތުވާ ކޮންމެ މީހަކީ އެންޑީއޭގެ ކިހިލި ޖަހާލައިގެން ގެންގުޅެން ޖެހޭ މީހެކޭ؟ ބަޔަކު މޮޔަވެދާނެ. ލިއުޝާ މަރުވީމަ އަހަރެމެން އެޑިކްޓުންވެސް ހިތާމަކުރަން. އެކަމަކު އެޑިކްޓެއްގެ ހައިސިއްޔަތުން އަހަރެން ބުނެލަން ބޭނުންވަނީ ރަނގަޅުވާން ބޭނުންވާ މީހާ ރަނގަޅުވާނެ. އެންޑީއޭ އިން މީހުން ރަނގަޅެއް ނުކުރެވޭނެ. އެންޑީއޭއަށް ދެވޭނީ ފަރުވާ. ކަލޭމެންގެ ވާހަކައިން ދޭހަވަނީ ދެމަފިރިއަކު ވަރިވީމަ ފެމިލީ ކޯޓު ޒިންމާވުން، ކޮވިޑް ޖެހުނީމަ އެޗްޕީއޭ ޒިންމާވުން، ތަނެއް ކެނޑުނީމަ ވަޅި ޒިންމާވުން. އެއްޗެއް ހެރުނީމަ ހެރުނު ކަށި ޒިންމާވުން. ފަރުވާގަ ހުރި މީހާއާއި އޭނަގެ ޢާއިލާ ކޮބާ؟ ޢާއިލާއަށް އެންޑީއޭގެ ކައުންސިލަރސް ގުޅާނެ ކުއްޖަކަށް ވީގޮތް ނޭނގިއްޖިއްޔާ. ވާނުވާ ނޭނގިގެން ނޫޅެބަ
6 ޖޫން 2021 | އާދީއްތަ 00:28
ޗިމް
އެކަމް ހުކުރެއް ހޮނިހިރެއް ލޮކްޑައުންއެއް ނެތި އެންޑީއޭ ސްޓާފުން މަސައްކަތް ކުރާ ކަމަށް ވަނީ
5 ޖޫން 2021 | ހޮނިހިރު 22:31
ހިމީ
އަދިވެސް އެންޑީއޭ ތަ ގޯސްވީ. 5 ދުވަސް ވީއިރު ފޯން ނުނަގާތީ އެވާހަކަ ދައްކަން ގޭގަ ތިބީ. އަޅެ އެއްފަހަރުވެސް އެކޮޓަރީގެ ތަޅުގަ ހިފާލާކަށް ހިތަކަށް ނޭރިތަ؟ ކުނިވަހަށް ކެތްނުވެގެން އަވަށްޓެރިން އައިމަ އެކުއްޖާ ކޮބާތޯ ބަލަން ދިޔައީވެސް. ހުވާ މީހަކު ކޮސްވެދާނެ
5 ޖޫން 2021 | ހޮނިހިރު 18:40
ބުރައުން ޟުގާ
ބިޔަކަން ބަރޯސާވާ ކަށެނުޖެހެއެވެ.މީހާ ރަނގަޅުވެ މުޖުތަމަޢު ޤަބޫލުކުރާ މީހަކަ ވާއިރު އަނެކާ ކުރެވިފައި އޮތް ކުށުގެ އަދަބު ގެ ގޮތުގައި 20ނުވަތަ25 އަހަރުގެ ޖަލުހުކުމެއް ތަންފީޒް ކުރަން ޖެހޭ އޭރު އަބިމީހާ ދަރިފުޅާ ހާލުގައި ޖެހުނީއެވެ