ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް ރާއްޖެއަށް ކުރިމަތިވެފައިވާއިރު މިއީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ރާޅު ވެސް މެއެވެ. އެކަން، ނިމިގެންދިޔަ މެއި މަހުގެ އަދަދު ތަކުން ވެސް އެނގިގެންދެއެވެ. މެއި މަހަކީ ރާއްޖެއިން މިހާތަނަށް ފެނިފައިވާ ކޮވިޑް-19ގެ ކޭސްތަކުގެ ދެ ބައި ކުޅަ އެއްބައި ކޭސް ފެނުނު މަހެވެ. އަނެއްކޮޅުން ރާއްޖެއިން މިހާތަނަށް މިބަލީގައި އެންމެ ގިނަ މީހުން ނިޔާވެފައިވަނީ ވެސް މެއި މަހުއެވެ.
ފާއިތުވި މެއި މަހުގެ ތަފާސް ހިސާބަށް ބަލާއިރު މެއި މަސް ތެރޭގައި 34،159 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1101 ކޭހެވެ. މެއި މަސް ނިމުނުއިރު ރާއްޖޭގައި މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 64،396 މީހުންނެވެ. މެއި މަސް ފެށުނުއިރު އެ އަދަދު ހުރީ 30،237 ގައެވެ.
މުޅި މެއި މަހުގެ އެކި ދުވަސްތަކަށް ބަލައިލާއިރު މެއި މަހުގެ ފުރަތަމަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 402 މީހުންނެވެ. އެއަދަދު މަތިވަމުން ގޮސް މެއި މަހުގެ 9 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހާހަކަށްވުރެ މަތިވިއެވެ. އެދުވަހު 1091 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. މިއީ ރާއްޖެއިން ކޮވިޑް-19 ފެނުނުފަހުން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ހާހަކަށްވުރެ މަތިން ރިޕޯޓްކުރި ދުވަސް ވެސް މެއެވެ. އޭގެފަހުން ހާހަކަށްވުރެ މަތިން ކޮންމެ ދުވަހަކު ކޭސްތައް ރިޕޯޓްކުރަމުން އައިސް މެއި މަހުގެ 16 ވަނަ ދުވަހު ހާހަކަށްވުރެ ކޭސްތައް ދަށްވިއެވެ. އެދުވަހު ރިޕޯޓްކޮށްފައިވަނީ 741 ކޭހެވެ.
އެއަށްފަހު އަނެއްކާވެސް ހާހަކަށްވުރެ މަތިން ކޭސްތައް ރިޕޯޓްތައް ކުރަމުން އައިސް މެއި މަހުގެ 20 ވަނަ ދުވަހު ދެހާހުން މަތިން ކޭސްތައް ރިޕޯޓްކުރިއެވެ. މެއި މަހުގެ 20 ވަނަ ދުވަހު 2194 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު މިއީ ދެ ހާހުން މަތިން ކޭސްތައް ރިޕޯޓްކުރި ފުރަތަމަ ދުވަހެވެ. ދެން އަނެއްކާވެސް ދުވާލަކަށް ފެންނަ ކޭސްތައް ހާހަކަށް ތިރިވިއެވެ. އަދި އަދި މެއި މަހުގެ 28 ވަނަ ދުވަހު އެއަދަދު އެއް ހާހުން ތިރިވިއެވެ. އެއީ 901 މީހުންނެވެ. އެއަށްފަހު މެއި 30 އަދި 31 ވަނަ ދުވަހު ވެސް ކޭސްތައް ރިޕޯޓްކޮށްފައިވަނީ ހާހަކުން ދަށުންނެވެ. އެއީ މެއި މަހުގެ 30 ވަނަ ދުވަހު 780 މީހުން އަދި މެއި މަހުގެ 31 ވަނަ ދުވަހު 710 މީހުންނެވެ.
މުޅި މެއި މަހަށް ބަލައިލާކަމަށްވާނަމަ މެއި މަހުގެ 9 ވަނަ ދުވަހާ ހަމައަށް އެއް ހާހުން ދަށުން ކޭސްތައް ރިޕޯޓްކުރަމުން އައިސް ހާހަކުން މައްޗަށް އެރިފަހުން އެއްހާހަށް ވުރެ ދަށުން ކޭސްތައް ރިޕޯޓްކޮށްފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހާއި، 28 ވަނަ ދުވަހާއި 30 އަދި 31 ވަނަ ދުވަހެވެ. ޓެސްޓް ނުކުރެވި ސާމްޕަލްތައް ފުނިޖެހިފައިވުމާއެކު މެއި މަސް ފެށިގެން ވަކި ހިސާބަކަށް އައިއިރުވެސް އެޗްޕީއޭއިން ހާމަކުރަމުންދިޔައީ މާކުރީގެ ސާމްޕަލްތަކުގެ ނަތީޖާ އާއެކުއެވެ. ނަމަވެސް މުޅި މަސްތެރޭގައި ޕޮޒިޓިވްވެފައިވާ އަދަދުން މުޅި މަހަށް ބަލާއިރު ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކުރެވެއެވެ.
މެއި މަސް ތެރޭގައި މުޅި ޖުމްލަ 145،921 ސާމްޕަލެއް ވަނީ ޓެސްޓްކޮށްފައެވެ. އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4707 ސާމްޕަލެވެ. އޭގެތެރެއިން 34،159 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. މެއި މަސް ފެށުނު އިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް ހުރީ 10.43 އިންސައްތައިގައެވެ. މި ރޭޓް މަތިވަމުން ގޮސް އެންމެ މައްޗަށް ދިޔައީ 18 ވަނަ ދުވަހުއެވެ. އެއީ 39.56 އިންސައްތައެވެ. އެ ދުވަހު 3،703 ސާމްޕަލް ޓެސްޓްކުރި އިރު 1،465 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މަސް ނިމުނުއިރު ޕޮޒިޓިވްވާ ރޭޓް ހުރީ 13.37 އިންސައްތައިގައެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔުމުން މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކާފިއު ގަޑި ހަވީރު 4 ން ހެނދުނު 8ށް އަދި އެނޫން ގަޑިތަކުގައި ބޭރަށް ނިކުންނަނަމަ ހުއްދަ ނަގައިގެން ބޭރަށް ނިކުތުމަށް ނިންމާ ފިޔަވަޅުތައް ވަރުގަދަކުރިއެވެ.
ކޭސްތަކުގެ އިތުރުން މެއި މަހަކީ އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި މަސް ވެސް މެއެވެ. މެއި މަސް ފެށުނުއިރު ރާއްޖޭގައި މިބަލީގައި ނިޔާވެފައިވަނީ 73 މީހުންނެވެ. މަސް ނިމުނުއިރު އެއަދަދު ހުރީ 161 ގައެވެ. މުޅި ޖުމްލަ 88 މީހުން މެއި މަސްތެރޭގައި ވަނީ ނިޔާވެފައެވެ. އެއީ ދުވާލެއްގެ މައްޗަށް 2.8 މަރެވެ. މުޅި މެއި މަހަށް ބަލާއިރު މިބަލީގައި އެއްވެސް މީހަކު ނިޔާނުވެ ރިޕޯޓްކޮށްފައިވަނީ 9 ދުވަހެއްގައެވެ. ބައެއް ދުވަސް ދުވަހު ފަހަކުން މަތިން މީހުން ނިޔާވެފައިވެއެވެ. އެންމެ ގިނަ މީހުން މިބަލީގައި ނިޔާވީ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވިއެވެ. އެއީ މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި ދުވަސް ވެސް މެއެވެ.
މެއި މަހަށް ބަލާލާއިރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވި އަދަދާއި ދުވާލެއްގެ މައްޗަށް މިބަލީގައި ނިޔާވި މީހުންގެ އަދަދުގެ މުޅިން އައު ރިކޯޑުތަކެއް ވަނީ ހަދާފައެވެ. ނަމަވެސް މިއީ ހިތާމައާއި ހިތްދަތިކަން އެކުލެވޭ އަދަދުތަކާއި ރިކޯޑް ތަކެވެ.